ޕްރޮގުރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކޮށްފިނަމަ އެމަނިކުފާނުގެ ވެރިކަމެއްގައި އެމީހެއްގެ ވަޒީފާ އަލުން އަނބުރާ ދެއްވާނެ ކަމުގެ ޔަޤީންކަން ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. ޑރ. މުޙައްމަދު މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ގދ. ތިނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަސްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓުލުމާއި ހަމައަށް ދެން ބާކީއޮތީ އެންމެ 12 ދުވަސް ކަމުގަ އެވެ. އަދި ކެމްޕެއިން ޙަރަކާތަށް ނުކުމެގެން ވަޒީފާއިން ވަކިކޮށްފާނެތީ ބިރުން ނުތިބެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވުމަށާއި، ކެމްޕެއިން ޙަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކޮށްފިނަމަ އެމަނިކުފާނުގެ ވެރިކަމެއްގައި އެމީހެއްގެ ވަޒީފާ އަނބުރާ ދޭނެ ކަމަށްވެސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ ކެމްޕެއިން ޙަރަކާތްތަކަށް މަގުމައްޗަށް ނުކުމެ ކެމްޕެއިން ކުރަންވީ ދުވަސްކަމުގައެވެ. އަދި ވަޒީފާ ގެއްލިދާނެތީ ބިރުން އެއްވެސް ބަޔަކު ނުތިބުމަށާއި، އެމަނިކުފާނަށް ތާޢީދުކުރައްވާ ހުރިހައި ބޭފުޅުން ކެމްޕެއިން ޙަރަކާތްތަކަށް ފާޅުގެ ނުކުމެ ކެމްޕެއިން ކުރަންވީ ކަމުގައިވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މިހާރު އޮތީ މަދު ދުވަސްކޮޅެއްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް ތާއީދުކުރައްވާ، މިސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން އެއްގޮތަކަށްވެސް ވަޒީފާ ގެއްލިދާނެތީ ބިރުން ނުތިބުމަށްވެސް ޑރ. މުޢިއްޒު އިލްތިމާޞް ކުރެއްވިއެވެ.
ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމުގަ އެވެ. އަދި މިކަން ކުރުމަށް ޤާނޫނާއި ޤަވާޢީދަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭންޖެހޭ ހުރިހާ ކަމެއް އެމަނިކުފާނުގެ ސަރުކާރެއްގައި ކުރައްވާނެކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވި އެވެ. ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ގޮތުގައި އާބާދީގައި 8،000 މީހުން ހަމަވާނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބެންޖެހޭކަމަށް ދެކެވަޑައިގަންވާ ކަމުގަ އެވެ.











