އުރީދޫ މޯލްޑިވްސް އިން ހުޅުމާލެ، ރެޑްވޭވް މޯލްގައި އުރީދޫ ގެ ޝޮޕް އިން ޝޮޕް ކައުންޓަރެއް ހުޅުވައިފިއެވެ.
ރެޑްވޭވް މޯލްއާ އެކު ކުރިއަށް ގެންދާ މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ މަގްސަދަކީ ކަސްޓަމަރުންނަށް މޯލްގައި ޝޮޕިން ކުރާއިރު ލުއިފަސޭހަކަމާއި އުރީދޫ ގެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ރެޑްވޭވް މޯލްގައި ހުޅުވުނު ޝޮޕް އިން ޝޮޕް ކައުންޓަރުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ސިމް ކާޑު ގަތުމާއި، އުރީދޫ ބިލްތައް ދެއްކުމާއި، ސުޕަނެޓްގެ ހިދުމަތް ހޯދުމާއި، 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ހޯދުމުގެ އިތުރުން އެންމެ ފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު ލިބިގެންދާނެއެވެ.
ހަމަ އެއާ އެކު ކޭޝްލަސް އަދި އަވަސް ޕޭމަންޓް ސޮލިއުޝަންއެއް ފޯރުކޮށްދިނުމަށް ރެޑްވޭވް މޯލް އަދި ރެޑްވޭވް ގެ އެހެން ފިހާރަތަކުން ވިޔަފާރި ކުރައްވާ ބޭފުޅުންނަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ. މިއީ އުރީދޫގެ އައުޓްލެޓަކަށް އިތުރު ދަތުރެއް ނުކޮށް ރެޑްވޭވް މޯލުން ވިޔަފާރި ކުރަން ދާ ބޭފުޅުންގެ އަގުހުރި ވަގުތު ސަލާމަތްކޮށް، ފަސޭހަކަމާއެކު ހުރިހާ ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދިނުމަށް ހުޅުވިފައިފާ ޝޮޕެކެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ރެޑްވޭވް މޯލްގައި ޝޮޕް އިން ޝޮޕް ކައުންޓަރު ތައާރަފްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ސްޓްރެޓެޖިކް ޕާޓްނަރޝިޕަކީ ކަސްޓަމަރުންގެ ދިރިއުޅުން ގުޅާލައި މުއްސަނދިކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތާ ވަރަށް ފުރިހަމައަށް ގުޅިފައިވާ ޕާޓްނާޝިޕެއް ކަމަށެވެ.
މީގެ ސަބަބުން ރެޑްވޭވް މޯލްއިން ޝޮޕިން ކުރާ ކަސްޓަމަރުންނަށް އެއް ފުރާޅެއްގެ ދަށުން އުރީދޫގެ ހިދުމަތްތައްވެސް ލިބގަނެ ފުރިހަމަ ޝޮޕިންގ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރެޑް ވޭވް މޯލްގެ ޖެނެރަލް މެނޭޖަރ، މުހައްމަދު ޝުޖާއު ވިދާޅުވީ ”އުރީދޫ މޯލްޑިވްސް އަށް އެ މޯލަށް މަރުޙަބާ ކުިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ޝޮޕް އިން ޝޮޕް ކައުންޓަރުން ރެޑްވޭވް މޯލްގައި އެ މޯލް އިން ދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމަށެވެ.
”މިކަމުން ދައްކުވައިދެނީ އަޅުގަނޑުމެންގެ އަގުހުރި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއި ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން.“ އޭނާ ވިދާޅުވިއެވެ.
ރެޑްވޭވް މޯލްގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ޝޮޕް-އިން-ޝޮޕް ކައުންޓަރު ހުޅުވާފައި ހުންނަނީ މޯލްގެ އާންމު ވިޔަފާރި ކުރާ ގަޑިތަކުގައި ކަމަށް އެކުންފުނިން ވިދާޅުވެއެވެ. މި ކައުންޓަރުގެ ސަބަބުން ވިޔަފާރިކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެލެކޮމިއުނިކޭޝަންސް ގެ ހިދުމަތްތައް ލިބިގެންދާނެއެވެ.













