Search Streamline Icon: https://streamlinehq.com

ސައުދީ ޕްރޯލީގު: އަލް ނަޞްރު ބަލިކޮށް އަލް-ހިލާލް އިން ފަރަގު ބޮޑުކޮށްފި

2023 12 01T192914Z 217592294 UP1EJC11I4O2F RTRMADP 3 SOCCER SAUDI ALH ANA REPORT

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަހުގެ ރޭ އަލް ނަޞްރު އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް އަލް-ހިލާލް އިން ލީގުގެ ދެވަނާގައި ފަރަގު ބޮޑުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ހިލާލް މޮޅުވީ 0-3 ގެ ނަތީޖާއިން ނަޞްރުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި މެޗުން ހޯދި މޮޅާއި އެކު އަލް ހިލާލް ވަނީ ލީގުގެ ތާވަލްގެ އެއްވަނާގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ހިލާލް އެއްވަނާގައި އޮތީ ކުޅުނު 15 މެޗުން 41 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް ނަޞްރަށް ލިބެނީ 15 މެޗުން 34 ޕޮއިންޓެވެ. ރޭގެ މެޗުން މޮޅުވެގެން އެއްވަނާގައި އޮތް ހިލާލް އާއި ޕޮއިންޓެއް ގާތަށް ޖެހިލުމުގެ ފުރުސަތު ނަޞްރަށް އޮތެވެ. މިއީ އަލް ނަސްރުން މިފަހަރުގެ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުގެ ތެރެއިން ބަލިވި ތިންވަނަ މެޗެވެ.

މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ލަނޑެއް ޖަހާނޭ މާ ހުސްފުރުސަތެއް އެއްވެސް ޓީމަކަށް ތަނަވަސް ނުކުރެވުނެނެވެ. ފުރަތަމަ ހާފު ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި އަލް ހިލާލް އިން ލީޑު ހޯދީ ފަހުހާފުގެ 64 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ މިޑްފީލްޑަރު ސަވިޗް އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ސައުދު އަބްދުލްހަމީދު އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަލް ހިލާލް އިން ލީޑު ނެގިތާ 10 މިނެޓުފަހުން އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މިމެޗުގައި އަލް ހިލާލް އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް މިޓްރޮވިޗް އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި