ކުރިޔަށް އޮތް ރައްޔިތުގެ މަޖިލީހުގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުހޯދުމަށް ޕްރައިމަރީގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތާޢީދާއި، އެމަނިކުފާނުގެ އިތުބާރު އޮތް ކެންޑިޑޭޓުން ކަމަށް ބުނެ ބައެއް ކެންޑިޑޭޓުން ދޮގު ޚަބަރު ފަތުރަން ފަށައިފިއެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރައިމަރީގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ވާދަ ކުރައްވާ އެއްވެސް ކެންޑިޑޭޓަކު ރައީސް ޑރ. މުއިއްޒު އެންޑޯޒް އެއް ނުކުރައްވައެވެ.
ޕީޕީއެމް/ޕީއެންސީގެ އޮފިޝަލަކު ވިދާޅުވީ ”އެއީ ކަނޑައެޅިގެން ދޮގެއް. ޕްރައިމަރީގެ ކުރިން ރައީސް އެއްވެސް ކެންޑިޑޭޓެއް އެންޑޯޒް އެއް ނުކުރައްވާނެ“
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންގެ މަޖިލީހަށް އިލްމީ ޤާބިލް، މީހުން ޤަދަރުކުރާ ކެންޑިޑޭޓުން ކުރިމަތި ލުމަށެވެ.
”އަޅުގަނޑު ބޭނުމީ މީހުން ޤަދަރުކުރާ ތަޢްލީމީ ބޭފުޅުން މަޖްލީހަށް ހޮވަން“ ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވަނީ އިލްމީ ޤާބިލް އަންހެން ކެންޑިޑޭޓުން މަޖިލީހަށް ވާދަކުރެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.
”ޕީޕީއެމް/ޕީއެންސީން ރަސްމީކޮށް މިކަމަށް ބަސް ބުނަންޖެހޭ. އެހެންނޫނީ، ވަރަށް ގިނަ ދާއިރާތަކުގެ ގޮނޑި ގެއްލޭނެ.“ މިފަހަރުގެ އިންތިޚާބުގައި ތިލަދުންމަތީގެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކު ނަން ނުޖަހަން ޝަރުޠުކޮށް ވިދާޅުވިއެވެ.
ނަމަވެސް ޕްރައިމަރީގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ފަތުރައިގެން އުޅޭ މިފަދަ ވާހަކަތަކުގެ ސަބަބުން ޕާޓީއަށް މިކަމުގެ ގެއްލުން ވަރަށްބޮޑަށް ލިބޭނެއެވެ. ދޮގު ޚަބަރު ފަތުރަމުންދަނީ، ކެމްޕެއިންގައި ރައްޔިތުންނަށް ވިއްކާނެ އެއްޗެއް ނެތް ކެންޑިޑޭޓުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި އެކި ދާއިރާތަކުން ނިކުމެ ތިބި ތަޢްލީމީ ޤާބިލް ކެންޑިޑޭޓުންނާ ދެކޮޅަށް މެމްބަރުން އަނބުރާލެވެން އަންނަނީ މިފަދަ ދޮގުތައް ފަތުރައިގެން އެކަނިކަން އެކެންޑިޑޭޓުންނަށް ޔަޤީންކުރެވޭތީ ކަމަށް ވެސް ތުހުމަތުކުރެއެވެ.
މިފަދަ ދޮގު ޚަބަރު ފަތުރައިގެން ޕްރައިމަރީގެ ޓިކެޓް ކާމިޔާބު ކުރެވުނަސް، އެ ކެންޑިޑޭޓުން ވިއްކަން ޕާޓީއަށްވެސް އުނދަގޫވާނެއެވެ. އަދި މިކަމަކީ ތަޢްލީމީ ޤާބިލު އެތައް ބަޔަކު ޕާޓީއާ ފެއަށް ޖެހޭނެކަމެެއްވެސް މެއެވެ.











