ށ.އަތޮޅު ބިލެއްފަހި ކައުންސިލުން އިންތިޒާމުކުރައްވައިގެން އެރަށުގައި ބާއްވާ ”ބިލެއްފަހި ކައުންސިލް ހޭންޑްބޯލް މުބާރާތް“ މިއަދު ފަށައިފިއެވެ.
ބިލެއްފަހީ ރަސްމީ ހޭންޑްބޯލް ދަނޑުގައި ކުރިއަށްގެންދާ މިމުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލްކުރީ ކުލަބް އެންސީ އާއި ދަ ޗެލެންޖަސް އެވެ.
ޖުމްލަ 3 ބައިވެރިވެފައިވާ މި މުބާރާތުގައި މިއަދު ބައްދަލްކުރި ދެޓީމުންވެސް ވަނީ ވާދަވެރި މޮޅު ކުޅުމެއް ދައްކާފަ އެވެ. މިއަދު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 8-11 ން ނަތީޖާއަކުން މެޗު ކާމިޔާބު ކުުރީ ދަ ޗެލެންޖަސް އެވެ.
މިއަދުގެ މެޗު ކާމިޔާބުކުރި ޗެލެންޖަސްއަށް ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ އާމިނަތު ރިޝްތާ އާއި ޝީޒާ އިބްރާހީމްގެ އިތުރުން އައިމިނަތު މުޙައްމަދު އާއި ސަނާ ސަނީދު އެވެ.
ކްލަބު އެންސީއަށް ގޯލް ޖަހައިދީފައިވަނީ ޝާއިނާއާއި ނީރާގެ އިތުރުން ހަނާއާއި މާޖިދާ އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޗެލެންޖާސްގެ ޖާޒީނަމްބަރ ހަތަރެއް އައިމިނަތު ރިޝްތާ އެވެ. މިއަދުގެ މެޗުގައި ރިސްތާވަނީ އާދަޔާ ޚިލާފް މޮޅު ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް އޮންނާނެއެވެ. މާދަމާގެ މެޗުގައި ބައްދަލްކުރާނީ ދަ ޗެލެންޖާސް އާއި އޯސަން ސްޕޯޓްސް ކުލަބް އެވެ.
މާދަމާގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ.
މި މުބާރާތަކީ ބިލެއްފަހި ކައުންސިލުން އިންތިޒާމުކުރައްވައިގެން ކުލަބްތަކަށް ހުޅުވާލައިގެން އެރަށުގައި ބާއްވާ ފުރަތަމަ ހޭންޑްބޯލް މުބާރާތެވެ.
ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާގެ ފައިސާ އިނާމް އަދި ރަނަރަޕް ޓީމަށް ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ ”ފެންވަރު އޮންލައިން“ އެވެ.










