އަޅުގަނޑުމެންނާއި ބައްދަލުކުރުމަށް ދާދި ގާތްވެފައިވާ ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑާއި ނަފްސު ހޭނުވުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފި އެވެ.
ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މިއަދު އަޑުއިވިގެންދިޔަ ހުކުރު ޚުޠުބާގައި ”ޝަޢުބާން މަހާއި ހެޔޮ ޢަމަލުކުރުން“ މި މަޢުޟޫޢަށް އަލިއަޅުވާލާފައި ހުޠުބާގައި ޝަޢުބާން މަހުގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލާފަ އެވެ.
އެގޮތުން ޝަޢުބާން މަހަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ މައްސަރަށްވުމާއެކު، ޝަޢުބާން މަހުގެ ހަނދު ފެނުމާއެކު ކޮންމެ މުސްލިމެއްގެ ހިތަށް ވެރިވަނީ ރޯދައިގެ މަތިވެރިކަމާއި ރޭ އަޅުކަމާއި، ޤުރްއާން ކިޔެވުމާއި އިޢުތިކާފު ކުރުމާއި ހެޔޮ ޢަމަލުުތަށްކަމަށްވެސް ޚުޠުބާގައި ބުނެފައި ވެއެވެ.
ޞިއްޙީ ގޮތުންނާއި ޢުމުރުގެ ގޮތުން އެކިމީހުންގެ ޙާލަތު ތަފާތުކަމަށާއި، އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ޢަމަލުކުރުމުގައި ދެމިހުރުމަށް ހަނދާންކުރަންޖެހޭކަމަށްވެސް މިއަދުގެ ހުޠުބާގައި ބުނެފައި ވެއެވެ. އަދި ޢުމުރުގެ ދުވަސްވަރަކީ ކިހާ ދުވަހެއްކަން އެއްވެސް މީހަކަށް އެނގިގެން ނުވާކަމަށްވެސް ޚުޠުބާގައި ބުނެފައި ވެއެވެ.
މިއަދުގެ ހުޠުބާގައި ރަމަޟާން މަސް މާތްކުރައްވާ ޤަދަރު އުފުލިގެންވި ފަދައިން އެ މަހުގައި ޚާއްޞަ ރެއެއް ލައްވަވާފައިވާކަމަށާއި އެ ރެއަކީ އެއްހާސް މައްޝަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ކަމަށްވެސް ޚުޠުބާގައި ބުނެފައި ވެއެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތަކުގެ އިތުރުން މިމަހުގައިވެސް ހެޔޮ ޢަމަލު ގިނަކުރުންމަތީ ދެމިތިބުމަށާއި، ވަގުތު ފާއިތުނުވަނީސް ހެޔޮ ޢަމަލުކުރުމުގައި އަވަދި ނެތި އުޅެވޭތޯ މަސައްކަތްކުރުމަށް ނަޞޭޙަތްތެރިވެ އިސްލާމްދީނުގެ މަގުން ކަޝިޔާރުނުވުމަށް ވެސް މިއަދުގެ ހުކުރު ޚުޠުބާގައިވަނީ އިލްތިމާސްކުރައްވާފަ އެވެ.











