އެކުވެރިންނޭވެ.! ވިސްނާ ފިކުރުކޮށްލާ ހަމަ ކޮންމެ މީހަކަށް ވެސް އެނގި ސާފުވާނޭ ފަދައިން މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. ދާއިމަށް މި ތަނުގެ އަރާމާއި އުފަލުގައި މީރު ކެއުންތަކާއި ބުއިންތައް ބޯކަށް ނުތިބެވޭނެއެވެ.
ކިތަންމެ ގިނަ މުދަލަކާއި ފައިސާއެއް ހުރި މީހަކު ކަމުގައި ވިޔަސް ތާ އަބަދު އެ މުއްސަނދިކަމުގައި، އެ ލައްޒަތާއި އަރާމުގައި ނޫޅެވޭނެކަމި ށައްކެއް ހުރިކަމެއްނޫނެވެ. ތިބާއަށް ލިބިފައިވާ ހުރިހާ މުއްސަނދިކަމަކާއި އަރާމާއި ލައްޒަތުތައް ދޫކޮށް މި ދުނިޔެއާއި އަލްވަދާއު ކިޔަން ޖެހޭނެ ދުވަހެއް އަންނާނެކަން ޔަގީނެވެ.
ނަމަވެސް އަޅުގަނޑުމެން އިންސާނުންގެ ތެރެއިން މަދު ބައަކަށް ނޫނީ މިކަން ހަނދާނަށް ގެނެސް މިކަމާއި ވިސްނާ ފިކުރު ކޮށްވެސް ނުލެވެއެވެ. ގިނަ ބައަކު ތިބެނީ މިކަންކަމާއި މެދު ވިސްނާ ފިކުރު ކުރުމަށް ވުރެ، ބޮޑު ޣާފިލް ކަމުގެ ފުން ކަނޑުގެ ތެރެއަށް ގެނބިގެން ގޮސްފައެވެ.
ދަންނަވަންތޯއެވެ. ތިޔަގޮތުގައި ޣާފިލް ކަންމަތީގައި ތިއްބައި ފެންނަނީ ކުއްލިއަކަށް މަރު އައިސް ތިބާއާއި ބައްދަލުކުރާތަނެވެ. އެ ހިނދުން ދެން އިތުރަށް ވިސްނާނެ ޖާގައެއް، ކުރެވޭނެ އެއްވެސް ކަމެއް ނޯވެއެވެ. ކުރި ފާފަތަކާއިގެން، ނުވަތަ ކުރި އަމަލުތަކައިގެން ދެން ޖެހޭނީ މި ފަނާވަނިވި ދުނިޔެއާއި އަލްވާދާއު ކިޔާށެވެ. އަތުގައި ހުރި ހުރިހަ މުދަލަކާއި ފައިސާއެއް، ދޫކޮށްފައެވެ. އެވަގުތު އައުމުން ޖެހޭނީ ދާއިމީ ހަޔާތަށް ދަތުރު ފަށާށެވެ. ﷲ ގެ ހަޟުރަތަށެވެ. އެދުވަހަށް ފަހު އަލުން އަނބުރާ މި ދުނިޔެއަށް ދެނެއް ނާދެވޭނެއެވެ.
އެކުވެރިންނޭވެ.! އެމީހަކަށް ދޫކުރެވިފައިވާ ނުވަތަ ލިބިފައިވާ އިންޓަނެޓް ޕެކޭޖް، ނުވަތަ ޑާޓާ ޕެކޭޖް ހުސްވަމުން ދިޔަ ވަރަކަށް އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ހުރެއެވެ. މަސް ނިމުމުގެ ކުރިން ޕެކޭޖް ހުސްވެއްޖެ ނަމަ އަލުން ރިލޯޑް ކޮށް، ޑޭޓާ ޕެކޭޖް އަޅައިގެން ނެޓުގެ ޚިދުމަތް ހޯދުމަށް އަވަސްވެގަނެއެވެ. މިއީ ވަގުތީ ދުނިޔޭގެ އާދައެވެ. ނަމަވެސް އަހަރެމެންގެ އުމުރަކީ ހުސްވާ ޕެކޭޖެކެވެ. މި ޕެކޭޖު ހުސްވުމުން ނޫނީ ހުސްވާކަމެއް ހަމަ އެކަކަށް ވެސް އިހްސާސްވެސް ނުކުރެވޭނެއެވެ. އުމުރުގެ ޕެކޭޖް ހުސްވުމުން، ދެން އެ ޕެކޭޖް އަލުން ރިލޯޑެއް ނުކުރެވޭނެއެވެ. އެހައި ހިސާބުން ތިބާގެ އުމުރުގެ ޕެކޭޖް މުޅި އަލުން ރިލޯޑް ނުކުރެވޭ ގޮތަސް ހުސްވީއެވެ.
ވީމާ މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރަން ޖޭ ކަމެކެވެ. މި ފަނާވަނިވި ވަގުތީ ދުނިޔެއާއި މެދުގައެވެ. މަރާއި މެދުގައެވެ. ކުއްލިއަކަށް ކޮންމެފަދަ ހާލަތެއްގައި ތިބާ ވަނިކޮށް ވެސް މަރު އައިސް ތިބާއާއި ބައްދަކުކޮށްފާނެތީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިކަމާއި މެދު ވިސްނާ ފިކުރުކޮށްލަބަލާށެވެ. މަރަށް ތައްޔާރަށް ތިބި ބައަކަށް އަޅުގަނޑުމެން ވާން އެބަޖެހެއެވެ. ނުބައި ފާފަތަކަށް އަރައިގަތުން ހުއްޓާލައި އަމަލުތައް ސީދާ ކުރަން އެބަ ޖެހެއެވެ. ﷲ ގެ މަގަށް ރުުޖޫޢަ ވާން ޖެހެއެވެ. ތިމާ ކުއްލިއަކަށް މި ދުނިޔެއާއި ވަކިވުމުގެ ކުރިންނެވެ.











