ނަމާދަކީ އިސްލާމްދީނުގެ އެންމެ މުހިންމު އަޅުކަމެވެ. ދީނުގެ މައި ތަނބެވެ. ޤިޔާމަތް ދުވަހުގައި އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައެވެ. އިސްލާމްކަމާއި ކާފަރުކަމާ ފަރަގުކޮށްދޭ އަޅުކަމަކީ ނަމާދެވެ. މިއީ ޝަރުޢީ ދަލީލުތަކުން ސާބިތުވާ ކަންކަމެވެ.
ހާލަކުން ފަހަރު ނޫނީ މިސްކިތަށް ނާރާ ބައެއްމީހުންވެސް ރަމަޟާން މަހު ރޯދަ ހިފާކަމަށް ވެއެވެ. އަދި އާންމުކޮށް ނަމާދު ކުރާ ބައެއްމީހުންވެސް ރޯދަމަހު އެންމެ ފުރިހަމައަށް ނަމާދުތައް ނުކޮށް އުޅެއެވެ. ސުވާލަކީ މިގޮތަށް، ނަމާދު ނުކޮށް ރޯދަ ހިފާ މީހާގެ ރޯދަ މާތްﷲ ގަބޫލު ކުރައްވާނެހެއްޔެވެ؟
روى البخاري (520) عن بُرَيْدَة قال : قال رسول الله صلى الله عليه وسلم : ( مَنْ تَرَكَ صَلاةَ الْعَصْرِ فَقَدْ حَبِطَ عَمَلُهُ). މާނައަކީ: މާތް ﷲ ރުއްސުންލެއްވި ބުރައިދާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ޢަޞްރު ނަމާދު އަޅައިފމީހާގެ ހުރިހާ ޢަމަލުތަކެއް ފޮހެވިގެން ހިނގައްޖެއެވެ.“
މި ޙަދީޘްގެ ޝަރަޙާގައި އިބްނުލް ގައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ. ”ޙަދީޘުން ދޭހަވާނީ ދޫކޮށްލުން ދެބަޔަކަށް ބެހިގެންވާ ކަމެވެ. އެއްގޮތަކަށްވެސް ނަމާދު ނުކޮށް ދޫކޮށްލުން، މިފަދަ މީހުންގެ ހުރިހާ ޢަމަލުތަކެއް ފޮހެވިގެން ދެއެވެ. އަދި ވަކި ނަމާދެއް ވަކި ދުވަހެއްގައި ނުކޮށް ދޫކޮށްލުން، މިފަދަ މީހުން އެދުވަހެއްގައި ކުރާ އެއްވެސް އަޅުކަމެއް ގަބޫލެއް ނުކުރައްވާނެއެވެ.“
ނަމާދު އަޅާ މީހާގެ ރޯދަ އާއި ބެހޭ ގޮތުން ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީނާއި ސުވާލު ކުރެވުމުން ވިދާޅުވިއެވެ. ”ނަމާދު ދޫކޮށްލާ މީހާގެ ރޯދަ ޞައްޙަ އެއް ނުވާނެއެވެ. އަދި ގަބޫލެއްވެސް ނުކުރައްވާނެއެވެ. ސަބަބަކީ ނަމާދު އަޅާ މީހާކީ މުރްތައްދުވެފައިވާ ކާފަރެކެވެ. ސޫރަތުއް ތައުބާގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ ۗ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ) މާނައަކީ: ”ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީފިނަމަ، ފަހެ، އެއުރެންނަކީ، دين ގައި ތިޔަބައިމީހުންގެ أخ ންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ.“
ސޫރަތުއް ތައުބާގެ ފަސްވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّـهَ غَفُورٌ رَّحِيمٌ) މާނައަކީ: “ ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީ އުޅެފިނަމަ، ދެން އެއުރެން މިނިވަންކަމާއެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.“ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلاةِ) رواه مسلم (82). މާނައަކީ: ”އަޅާ އާއި ކުފްރާއި ޝިރްކާއި ދެމެދުގައިވާ ހުރަހަކީ ނަމާދު ދޫކޮށްލުމެވެ.“ އަދިވެސް ޙަދީޘް ކުރައްވައެވެ. (الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلاةُ فَمَنْ تَرَكَهَا فَقَدْ كَفَرَ) رواه الترمذي (2621) މާނައަކީ: ”ތިމަން މެންނާއި އެބައި މީހުންނާއި ދެމެދުގައިވާ ޢަހްދަކީ ނަމާދެވެ. ނަމާދު ދޫކޮށްލައިފި މީހާ ކާފަރުވެއްޖެކަން ކަށަވަރެވެ.“
އެހެންކަމުން، ނަމާދު ނުކޮށް ކުރާ އެއްވެސް އަޅުކަމަކީ ﷲ ގެ ޙަޟްރަތުގައި ގަބޫލު ވެވިގެންވާ އަޅުކަންތަކެއް ނޫނެވެ. ފުރަތަމަ ކުރަން ޖެހެނީ ނަމާދެވެ. އޭގެ ފަހުގައި އެހެން ކަންތަކެވެ. والله أعلم
މަޢުލޫމާތު: ޢިލްމުވެރިންގެ ފަތުވާތަކުން.











