كَمَثَلِ الشَّيْطَانِ إِذْ قَالَ لِلإِنْسَانِ اكْفُرْ فَلَمَّا كَفَرَ قَالَ إِنِّي بَرِيءٌ مِنْكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ (16)
فَكَانَ عَاقِبَتَهُمَا أَنَّهُمَا فِي النَّارِ خَالِدَيْنِ فِيهَا وَذَلِكَ جَزَاءُ الظَّالِمِينَ (17)
”ޝައިޠާނާގެ މިސާލުގައެވެ. އެކަލޭގެ އިންސާނާއަށް ކާފިރު ވާށޭ ބުނިހިނދެވެ. ފަހެ، އެ އިންސާނާ ކާފިރުވީހިނދު ޝައިޠާނާ ބުންޏެވެ. ހަމަކަށަވަރުން، ތިމަންވަނީ، ތިބާގެ ކިބައިން ބަރީއަވެގެންނެވެ. ހަމަކަށަވަރުން، ޢާލަމްތަކުގެވެރި ﷲ އަށް ތިމަން ބިރުގަނެތެވެ. އެ ދެމީހުންގެ ނިމުމެއް ކަމުގައިވާނީ. އެ ދެމީހުން ނަރަކައަށް ވަނުމެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އަދި އެއީ އަނިޔާވެރިންގެ ޖަޒާއެވެ.“ (الحَشر 16-17)
އިބްނު ޖަރީރް ވިދާޅުވިއެވެ. އިސްވެ ލިޔެވުނު ކީރިތި ޤުރުއާނުގެ الحَشر ސޫރަތުގެ ދެ އާޔަތް އަބްދުﷲ އިބްނު މަސްޢޫދު ތަފްޞީރު ކޮށްދެއްވާފައިވެއެވެ.
އިބްނު މަސްޢޫދު (ރަޙިމުﷲ) ވިދާޅުވިއެވެ:
އެއްދުވަސްވަރެއްގައި ބަކައްޓާއި ކަންބަޅި ބަކަރި ހުއިހައްޕާ އަންހެނަކު ދިރިއުޅުނެވެ. އޭނާގެ ހަތަރު ބޭބެއިން ތިބެއެވެ. އެ އަންހެންމީހާ ދިރިއުޅެމުންދަނީ ވަކިން ހުރި މިސްކިތެއްފަދަ ތަނެއްގައިވާ ކުޑަ ކޮޓަރިއެއްގަ އެވެ. އެތަނުގެ ފާދިރީ ނުވަތަ އަޅުވެރި އިމާމް ޝައިޠާނާގެ އަވާގައިޖެހި ހެއްލިގެން އެ އަންހެންމީހާއާއި އެކު ޒިނޭކޮށްފި އެވެ. އަދި އެހިނދެ ޝައިޠާނާ އަނެއްކާވެސް އޭނާގެ ގާތައް އައިސް އެ އަންހެންމީހާ މަރާލުމަށް ވަސްވާސްދިނެވެ. (ޝައިޠާނާ ބުންޏެވެ. ”އެ ނިކަމެތި އަންހެންމީހާއަށްޓަކައި ކަލޭގެ އަބުރާއި އިއްޒަތް ނަގާނުލާށެވެ. އެކަމަކު އޭނާ މަރާލުމަށްފަހު ވަޅުލާށެެވެ.)
ޝައިޠާނާގެ ވަސްވާހަށް ހެއްލި އޭނާ އެ އަންހެންމީހާ މަރާލުމަށްފަހު ވަޅުލިއެވެ. އެހިނދު ޝައިޠާނާ އެ އަންހެން މީހާގެ ބޭބެއިން ނިދާފާވަނިކޮށް އެބައިމީހުންގެ ގާތައް ހުވަފެނުގައިގޮސް ބުންޏެވެ. ޞާލިޙް އަޅުވެރި ބަރްސީސް ކަލޭމެންގެ ކޮށްކޮއާއި އެކު ޒިނޭކޮށްފި އެވެ. އަދި އޭނާ ބަނޑުބޮޑުވުމުން އޭނާ މަރާލުމަށްފަހު މިވެނި އެވެނިތަނެއްގައި ވަޅުލައިފިއެވެ.
ހެނދުނުވުމުން އޭގެތެރެއިން އެކަކު ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. ރޭގައި އަހަރެންނަށް ހުވަފެނެއް ފެނުނެވެ.
އަހަރެން ކަލޭމެންނަށް އޭގެ ޚަބަރުތައް ކިޔައިދޭންވީކަމެއް ނުވަތަ ނޫންކަމެއް ނޭންގެއެވެ. އެމީހުން ބުންޏެވެ. ތިޔަވާހަކަ ކިޔައިދޭށެވެ. އޭނާ ހުވަފެނުގައި އޭނާއަށް ފެނުނު ފަދައިން އެވާހަކަ ކިޔައިދިނެވެ. އޭގެ ތެރެއިން އެކަކު ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަހަރެންނަށްވެސް ހަމަ އެފަދައިން ހުވަފެނުގައި ފެނުނުވެ. އަނެއް ބޭބެވެސް ހަމަ އެފަދައިން ބުންޏެވެ. އަދި ހަތަރުވަނަ ބޭބެވެސް ހަމަ އެހުވަފެން އޭނާއަށް ފެނުނުކަމުގައި ބުނެފިއެވެ.
މި ސަބަބާހުރެ މިކަމުގައި ހަޤީޤަތެއް ވާނޭކަމަށް ތިންމީހުންނަށްވެސް ޤަބޫލުކުރެވުނެވެ. އަދި މި މައްސަލައާއިގެން ރަސްގެފާނުގެ ގާތައް ދިޔައެވެ. ރަސްގެފާނު އޭނާގެ ސިފައިން ފޮނުވައިގެން އަކަމުގެ ހަޤީޤަތް ހޯދާ ބަރްސީސް ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްގެން ބަރްސީސް ގެންދެވުނު މަގުމަތީގައި އަނެއްކާވެސް ޝައިޠާނާ އޭނާގެ ގާތައް އައިސް ވަސްވާސްދިނެވެ. ޝައިޠާނާ އޭނާގެ ކަންފަތް ބުޑުގައި ބުންޏެވެ.
ކަލެއަށް ވަސްވާސްދީ ތިޔަ ހާލުޖެއްސީ އަހަރެންނެވެ. އަދި އަހަރެން ފިޔަވައި އެހެންމީހަކަށް ކަލޭ ތިޔަކަމުން ސަލާމަތްކޮށެއް ނުދެވޭނެއެވެ.
ނުނިމޭ











