ސައުދީ ކުލަބް އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމަށް ޕޯޗުގަލްގެ ގިނަ ކުލަބުތަކަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ޕޯޗުގަލްގެ މީޑިއާތަކުން ޚަބަރު ފަތުރާ ގޮތުގައި މި ސީޒަނަށް ފަހު ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު އަލް ނަޞްރު ދޫކޮށްލާނަމަ، އޭނާގެ ސޮއި ހޯދުމަށް ޕޯޗުގަލްގެ މަތީ ފަންތީގެ ގިނަ ކުލަބުތަކަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބައެއް ރިޕޯޓުތައް ބުނެފައިވާ ގޮތުގައި މި ސީޒަނަށް ފަހު ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބް ސައުދީގެ އަލް ނަޞްރު ދޫކޮށްލަން އަންނަނީ ވިސްނަމުންނެވެ. އެހެން ނަމަވެސް މިކަމުގެ ސައްޚަކަން އެއްވެސް މީޑިއާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އަލް ނަޞްރުން ބޭނުންވަނީ ރޮނާލްޑޯ އެ ކުލަބުގައި މަޑުކުރުވާށެވެ. އެގޮތުން ސައުދީގެ ބައެއް މީޑިއާތަކުން ބުނެފައިވާގޮތުން ރޮނާލްޑޯ އަންނަ ސީޒަނުގައި ވެސް ފެނިގެން ދާނީ ނަޞްރުގެ ޖާޒީގައެވެ.
އެންމެ ފަހުން ސައުދީ ސުޕަ ކަޕް ސެމީފައިނަލުގައި އަލް ހިލާލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ހިލާލްގެ ޑިފެންޑަރު ބްލައިހީއަށް ހަމަލާދިން ކަމަށް ބުނެ، ރޮނާލްޑޯ އަށް ދެއްކި ރަތްކާޑާއި ގުޅިގެން އޭނާއަށް އަންނަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވަމުންނެވެ. އަދި މި މައްސަލައާއި ގުޅިގެން ރޮނާލްޑޯއަށް ދެ މެޗުގެ ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ވެސް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.









