ފަރުދީ ޒިންމާއަށްވުރެ މޮޅު ފަރުވާއެއް އަދި ކާމިޔާބު ލިބޭނެ ވަކިން މޮޅު ގޮތެއް ވޭހެއްޔެވެ؟ ކިޔަވަން ތަނަކަށް ދިޔަކަމުގައިވިޔަސް އަހަރެމެންނަށް އެއްޗެއް އޮޅުންފިލައި ރަނގަޅު ނަތީޖާއެއް ނެރެވޭނީ އަހަރެމެން ފަރުދީގޮތުން ކުޅަ މަސައްކަތަކުންކަން ޔަޤީނެވެ. ވަޒީފާއަކަށް ތަނަކަށް ދިޔަކަމުގައިވިޔަސް އެ ވަޒީފާ އަދާކުރާ ތަނަށާއި އަހަރެމެންނަށް އިތުރު ކުރިއެރުން ލިބޭނީ އަހަރެމެންނާއި ޙަވާލު ކުރެވިފައިވާ އެންމެހައި މަސައްކަތްތައް ބަރާބަރާށް ކުރުމަށް ފަރުދީގޮތުން އަހަރެމެން ކުރާ މަސައްކަތަކުންނެވެ.
ކުޅިވަރެއް ކުޅުނުކަމުގައިވިޔަސް އަހަރެމެންނަށް އަދި މުޅި ޓީމަށްވެސް ކާމިޔާބާއި ހަމައަށް ވާޞިލްވެވޭނީ ކޮންމެ ކުޅުންތެރިއަކުވެސް އެކުޅުންތެރިއަކު ފަރުދީގޮތުން ނަގަންޖެހޭ އެންމެހައި ޒިންމާތައް ނަގައި އެކުޅުންތެރިއެއްގެ އެންމެ މޮޅު ކުޅުން ދައްކައިދީގެންނެވެ. އެގޮތުން ރަށެއްވިޔަސް ޤައުމެއްވިޔަސް ކުރިއަރައިދާނީ އެ ޤައުމެއްގެ ވަކިވަކި ފަރުދުން އެމީހެއްގެ ފަރުދީ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދައިކޮށްގެންނެވެ.
ކޮވިޑް 19 ގެ ނުރައްކަލުން އަހަރެމެން ސަލާމަތް ވުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީވެސް އަހަރެމެން އަހަރެމެންގެ ފަރުދީ ޒިންމާ އަދާކުރުމެވެ. ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމެވެ. ޖިސްމާނީ ފިޔަވަޅުތަކާއި ރޫޙާނީ ފިޔަވަޅުތަކެވެ. ބަލި ޖެހިއްޖެ ނަމަ އެކަހެރިވެ ކޮންޓެކްޓްވި މީހުންގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ތެދުބަހުން ކިޔަދިނުމެވެ. އަދި އެހެންމީހުންނަށް އަހަރެމެންގެ ފުށުން ބަލި ޖެހިދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވުމެވެ. ބަލިނުޖެހި ތިބިމީހުން ބަލިޖެހިފައިވާ މީހުންނާއި ދުރުހެލިވުމެވެ. އަދި އޭނާއަށްޓަކައި ހެޔޮދުޢާ ކުރުމެވެ.
ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރާނަމަ ގައިންގަޔަށް އަރައި މިފަދަ އެންމެހައި ބަލިތަކާއި އަދި ”އެހެނިހެން ބަލިތަކުންވެސް“ މުޖުތަމަޢު ސަލާމަތް ކުރުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ. ހުރިހާކަމެއް ގުޅިފައި ހުރީ ފަރުދީގޮތުން އަހަރެމެން ކަންކަމުގައި ޝާމިލްވާ މިންވަރެއްގެ މައްޗަށެވެ. ޤިޔާމަތް ދުވަހުން އަހަރެމެންގެ މައްޗަށް ހިސާބުބެއްލެވޭނީވެސް އަހަރެމެންގެ އަމިއްލަ ނަފްސަށް އަހަރެމެން ކުޅަ ކަންތައްތަކެއްގެ މައްޗަށެވެ.
އެހެންކަމުން މާތްވެގެންވާ އިސްލާމްދީނުގައި ބަޔާންވެފައި ހުރި ރިވެތި އުޞޫލުތަކުގައި ހިފައި އަހަރެމެން ކޮންމެ މީހަކީވެސް އެމީހެއްގެ ފަރުދީ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާ ބަޔަކަށް ވަމާތޯއެވެ. އޭރުން ކަމިޔާބީގެ އައްސޭރިއަށް ސަލާމަތްތެރިކަމާއެކު ވާޞިލްވެވޭނެ އެވެ. އިން ޝާ ﷲ!














