ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފަސޭހަކަމާއިއެކު އާއްމު ރައްޔިތުންނަށް ގެދޮރު ޢިމާރާތް ކުރުމަށް ބޭނުންވާ ލޯނު ދޫކުރުމަށް ”ގެދޮރުވެރިޔާ ލޯން“ ގެ ނަމުގައި ސަރުކާރުން ސްކީމެއް ތައާރަފްކޮށްފިއެވެ.
މި ލޯންސްކީމް ރައާރަފްކުރެއްވީ ސޯޝަލް މީޑިއާގައި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ”ގެދޮރުވެރިޔާ ލޯން ސްކީމް“ އިފްތިތާހްކޮށްދެއްވާފައެވެ. އަދި ހަމަ އެއާއެކު އެމަނކުފާނު ވަނީ މާލެ ރަށްވެހިންނަށް ޚާއްޞަކޮށް މި ސަރުކާރުން ފައްޓަވާދެއްވުމަށް ހަމަޖެހިފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫޢާއި ގުޅޭ މުހިންމު މަޢުލޫމާތުވެސް ރައްޔިތުންނާއި ޙިއްޞާކުރައްވާފައެވެ.
މާލެ ރައްޔިތުންނަށް ޚާއްޞަ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ދަނީ
ސަރުކާރުން މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު ސޮއި ކުރެވި މަސައްކަތް ފެށުމަށްޓަކައި 7000 ފެލެޓްގެ މަސައްކަތް ވަނީ ތައްޔާރުވެފައިކަމަށެވެ. އަދި އޭގެ އިތުރުން 4000 ޔުނިޓެއް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހި، އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމުގައިވެސް އެމަނިކުފާނުގެ ވަނީ މިއަދުގެ މެސެޖުގައި ފާހަގަކުރައްވާފައެވެ.
އާއްމު ރައްޔިތުންގެ ގެދޮރު ޢިމާރާތްކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯނަކީ %6 އިންޓަރެސްޓްގެ ލޯން ސްކީމެއް ކަމުގައެވެ. އަދި މިލޯން ސްކީމްގެ ދަށުން އެންމެ ގިނަ ވެގެން ދޫކުރާނީ ހަތް ލައްކަ ރުފިޔާ އެވެ. އަދި ކޮންމެ ރަށެއްގެ ކޮންމެ މީހަކަށް ވެސް މި ލޯން ސްކީމަށް ކުރިމަތިލެވޭނެ ކަމަށާއި، މި ސްކީމް ކުރިއަށް ގެންދާނީ އެޗްޑީއެފްސީ މެދުވެރިކޮށެވެ.
އެޗްޑީއެފްސީއާއި، ހައުސިން މިނިސްޓްރީ ގުޅިގެން އެޕްލިކޭޝަންތައް ދިރާސާކުރުމަށް ހަމަޖެހިފައިވާ މި ސްކީމްގެ ލޯނު ދެއްކުމަށް 15 އަހަރާއި، 20 އަހަރާއި ދެމެދުގެ މުއްދަތެއް ލޯނު ނަންގަވާފަރާތްތަކަށް ލިބިގެންދާނެ އެވެ. އަދި ލޯނު ދެއްކުމަށް ގްރޭސްޕީރިއަޑްގެ ގޮތުގައި 12 މަހާއި، 15 މަހާއި ދެމެދުގެ މުއްދަތެއް ލިބޭނެ އެވެ. މީގެ އިތުރުން މި ލޯނަށް އެދެވޭނީ މަދުވެގެން ދެމީހުން ޖޮއިންވެގެން ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.
މީގެ އިތުރުން ލޯނަށް އެދޭ ފަރާތުގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކުރެވިފައި އޮންނަށް ވާނެއެވެ. އަދި ލޯނަށް އެދޭ ފަރާތަކީ އެ ބިން ރަޖިސްޓްރީ ކޮށްފައިވާ ރަށުގެ ރަށްވެއްސެއް ކަމުގައިވެސް ވާން ޖެހޭނެ އެވެ. މީގެ އިތުރުން ރަށްވެހިވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އާއިލާ ދިރިއުޅުން ބިނާކޮށް އެރަށެއްގައި ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވުމަކީވެސް މި ލޯނަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި ސްކީމްގެ ދަށުން ލިބޭނީ %80 އެވެ. އަދި ލޯނަށް އެދޭ ފަރާތުން ލޯނުގެ %20 ދައްކަން ޖެހޭނެއެވެ. ނަމަވެސް އެއީ ކޮންމެހެން ބޭންކްގައި ހުންނަން ޖެހޭ ފައިސާއަކަށް ވާކަށް ނުޖެހޭނެއެވެ. އެއީ ބިމުގެ އަގު ނުވަތަ އިމާރާތް ކުރަން ހޯދާފައިވާ ތަކެތިން އަގު ކުރެވޭ އަދަދަށް ހެދިދާނެއެވެ.
މި ސްކީމްގެ ދަށުން ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ޢިމާރާތެއް ކުރަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ނުވަތަ ގެއެއް އިމާރާތް ކުރުމަށް ނުވަތަ ނިމިފައިހުރި ޢިމާރާތެއް މަރާމާތު ކުރުމަށްވެސް މި ލޯނު ނެގިދާނެއެވެ.











