ހދ.ކުޅުދުއްފުށްޓައް އުފަން އެރަށު ޝަބުނަމީގެ، ޢުމުރުން އެންމެ 04 އަހަރުގެ އަޙްމަދު އަޒުޔާން (ޔާން)ގެ ލޮލުގެ އެތެރެއިން އުފެދިފައިވާ ޓިއުމަރެއް ވަނީ ބޮޑުވަމުން ގޮސް ސިކުޑިއާއި ވަރަށް ކައިރިވެފައެވެ. މި ޓިއުމަރުގެ ސަބަބުން އަޒުޔާން އަށް ތަފާތު އުނދަނގޫ ތަކާއި ކުރިމަތިވާތާ އެތައް ދުވަހަކަށް ފަހު މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ވަނީ ވަރަށްބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ.
ޓިއުމަރުގެ ބޮޑުކަމާއި ޓިއުމަރު އުފެދިގެން ގޮސް ސިކުނޑިއާއި ވަރަށް ކައިރިވެފައިވާތީ، ފުރަތަމަ އޮޕަރޭޝަނުން ޓިއުމަރު މުޅިން ނުނެގޭނެ ކަމަށް ޑޮކްޓަރުންގެ ޓީމުން ވަނީ އޮޕަރޭޝަނުގެ ކުރިންވެސް ވިދާޅުވެފައެވެ.
ޑޮކްޑަރުން ވިދާޅުވެފައިވަނީ ޓިއުމަރު އެއްފަހަރުން ނަގައިފިނަމަ އަޒުޔާންގެ ލޮލުގެ ފެނުމުން މަޙުރޫމް ވެދާނެ ކަމުގައެވެ. އަދި ޓިއުމަރު މުޅިން ނެގޭނީ އެތިކޮޅުކޮޅުން ކަހާލައިގެން ކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ.
އަޒުޔާންގެ ފުރަތަމަ އޮޕަރޭޝަން މިހާރުވަނީ ކުރެވިފައެވެ. އެ އޮޕަރޭޝަން ކުރި ދުވަހުން ފެށިގެން 06 މަސް ދުވަސް ވަންދެން ކޮންމެ މަހަކު އެއް ފަހަރު ކީމޯ ދޭން ޖެހެއެވެ. ޑޮކްޓަރުންގެ ޓީމުން ލަފާދެއްވާފައި ވަނީ ކީމޯ ދިނުމުގައި އިންޑިއާގައި ތިބުމަށްވުރެ ހުރިހައި ގޮތަކުންވެސް ރާއްޖެ ދިއުން މި ދަނޑިވަޅުގައި މާ ރަނގަޅުވާނެ ކަމުގަ އެވެ.
ޚާއްޞަކޮށް މި ދުވަސްކޮޅު އިންޑިއާގައި ކޮވިޑް-19 ގެ ޙާލަތު އިންތިހާއަށް ގޯސްވެފައިވާ ވުމާއި ގުޅިގެން އަޒުޔާން ބައްލަވާ ޑޮކްޓަރުންގެ ޓީމުން ލަފާދެއްވާފައިވަނީ ކީމޯ ދިނުމަށް ރާއްޖެއަށް ދިއުމަށެވެ. އަމްރިތާ ހޮސްޕިޓަލުން އަޒުޔާން ބައްލަވާ ޑޮކްޓަރުންގެ ޓީމުގެ ލަފަޔާއި އެކު ހުޅުމާލެ ހޮސްޕިޓަލުން ކީމޯ ދިނުމަށް އަޒްޔާންގެ އާއިލާއިން ހުޅުމާލެއަށް ދިޔަ ނަމަވެސް އެތަނުގައި ކުރަން ޖެހޭ ޚަރަދަކީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭ ވަރުގެ ބޮޑު ޚަރަދެކެވެ.
އަނެއްކޮޅުން އަދި 06 މަސް ފަހުން އަޒުޔާން ގޮވައިގެން 02 ވަނަ އޮޕަރޭޝަން ކުރުމަށް އިންޑިއާގެ ކޮޗިންނަށް ދިއުމަކީ އަޒްޔާންގެ ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ.
އަޒުޔާންގެ ފުރަތަމަ އޮޕަރޭޝަނަށް ފަހު އަޒުޔާންގެ މަންމައާއި ބައްޕަ ރާއްޖެއަށް އައީ އަޒްޔާންގެ ދެވަނަ އޮޕަރޭޝަން ކުރުމުގެ ކުރިން ދޭންޖެހޭ ފަރުވާ ދިނުމަށް 06 މަސް ދުވަހު އިންޑިއާގައި ތިބުމަށް ފަހުގައެވެ.
”މާލޭގަ މިތިބެނީ 10500ރ އަށް ތަނެއް ކުއްޔަށް ހިފައިގެން. ކީމޯ ދޭން ދާންޖެހެނީ ހުޅުމާލެ ހޮސްޕިޓަލަށް. އެހެނެވެ އަތުގަ ނޯވެ އެކައްޗެއްވެސް. އަތުގަ ހުރި ރުފިޔާ ކޮޅު ކުއްޔަށަ ދައްކާފަ ނޭންގެ އިންޑިއާއަށް ދެވޭނެ ކަމެއްވެސް. އެންސްޕާ އަށްވެސް ސިޓީ ލައިގެން މި އުޅެނީ. އަދިވެސް ޚަބަރެއް ނުވޭ. ގުޅާލާއިރަށް ބުނާނެ ވަރަށް އަވަސް ކޮށްލަދޭނަމޭ. 10500 ރުފިޔާ އެއީ ހަމައެކަނި މިތަނުގެ ކުލި. އަދި ކޮބާ ކެއުމާ އެހެނިހެން ޚަރަދުތައް. އަޒުޔާން އަށް ކާންދޭންވެސް މި ޖެހެނީ ހަމައެކަނި މޭވާގެ ދިޔަ އާއި ކިރު. ދެން ދިޔާ އެއްޗެހި. އެ ނޫން އެޗެއް އަޒުޔާން އަށް ކާކަށް ނުދެވޭ. އެ އެއްޗެހި ދޭން ޖެހެނީ ނޭފަތަށް ގުޅާފަ އިންނަ ހޮޅިން. އެއްވެސް އޮއްޓަރުއެއްޗެއް ކާކަށް ނުދެވޭ.“ ފެންވަރު އޮންލައިން އަށް މައުލޫމާތު ދެމުން އަޒުޔާންގެ މަންމަ ސުޒާނާ ފެންކަޅިވެފައި އިނދެ ބުންޏެވެ.
އެހެން ކަމުން މިކަމުގައި ތުއްތު އަޒުޔާންގެ މަންމައާއި ބައްޕަގެ އާދޭހަކީ ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ދީލަތި އެއީގައި އަޒުޔާންގެ ދެވަނަ އޮޕަރޭޝަން ކުރުމުގެ ފުރުޞަތު ލިބިގެން ދިއުމެވެ. ތިޔަބޭފުޅުންގެ ދީލަތި އެއީއަށް މިއަދު އެ ތުއްތު އަޒުޔާންގެ މަންމައާއި ބައްޕަ ވަނީ އިންތިހާއަށް ބޭނުންވެފަ އެވެ.
އަދި އަޒުޔާންގެ ދެވަނަ އޮޕަރޭޝަން ކުރުމަށް އިންޑިއާގެ ކޮޗިންނަށް ދިއުމާއި އެތަނުގައި ތިބުމުށް ބޭނުންވާ ޚަރަދު ތައް ކުރުމުގައި މާލީ ޙާލަތު ހުރިގޮތުން ރާއްޖެއިން ބޭރުން މިފަދަ އޮޕަރޭޝަނެއް ކުރުމުގެ ތަނަވަސްކަން އެ ދެމަފިރިންނާއި އެ ކުޑަކުޑަ އާޢީލާއަށް ލިބިފައިނުވެއެވެ. ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންގެ ފަރާތުން ދީލަތި އެހީ ލިބުމަކީ އެ ކުޑަކުޑަ އާޢިލާގެ ވަރަށް ބޮޑު އެދުމާއި އުންމީދެވެ.
އަޒުޔާން މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވުމަކީ އަޒުޔާންގެ މަންމަ އާއިޝަތު ސުޒާނާ އާއި އަޒުޔާންގެ ބައްޕަ ޢަބުދުލް ޙަމީދު ދެކެމުން އަންނަ ފޮނި ހުވަފެނެކެވެ. މި ކުޑަކުޑަ އާއިލާގައި ހުރި އެންމެ ތުއްތު ދަރިފުޅަށް އުފާވެރި ޙަޔާތެއް ހޯއްދަވައިދެއްވުމަށް އެ ދެމަފިރިންނާއި ކުޑަކުޑަ އަޒްޔާންގެ އެދުމަކީ ތިއަ ބޭފުޅުންގެ އެހީތެރިކަމާއި، ހެޔޮ ދުޢާ އެވެ. އަދި ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްލަ ދެވޭފަދަ ތަނަވަސްކަމެއް ނެތްނަމަ މި ޕޯސްޓް ޝެއާރ ކޮށްލަ ދެއްވުމަކީވެސް އަޒްޔާންގެ މަންމައާއި ބައްޕަގެ އިތުރުން އެ ކުޑަކުޑަ އާޢިލާގެ ވަރަށް ބޮޑު އެދުމެކެވެ.
އާއިޝަތު ސުޒާނާ 7706462415101 (ރުފިޔާ)
އާއިޝަތު ސުޒާނާ 7730000000463 (ޑޮލަރ)
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7853916. 9180016
އިސްލާމްދީނުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް ބާރުއަޅުއްވާ މިންވަރު، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ މި ޙަދީޘްބަސްފުޅުން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.
“وَمَنْ نَفَّسَ عَنْ أَخِيهِ كُرْبَةً مِنْ كُرَبِ الدُّنْيَا ، نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَإِنَّ اللَّهَ فِي عَوْنِ الْعَبْدِ مَادَامَ الْعَبْدُ فِي عَوْنِ أَخِيهِ” روا مسلم
މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”
“ފެންވަރު މީޑީއާ ގުރޫޕް”ގެ އެދުމަކީ ވީހާވެސް ގިނަ ފަރާތްތަކަށް މިމެސެޖް ފޯރުކޮށްދީ އަޒުޔާން އަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ އަޒްޔާންގެ މި ބައްޔަށް ﷲ ތައާލާ އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވައި، އަޒުޔާންގެ ބައްޔަށް ފަރުވާކުރުމަށްޓަކައި ގިނަ ބައެއްގެ އެހީތެރިކަން ލިބޭނޭމަގު ތަނަވަސް ކޮށްދެއްވުމެވެ. އާމީން!














