ތެދު މަގަށް ގޮވާލައި ހެޔޮ ރަނގަޅު ކަންކަން ފެތުރުމަށް މިއަށްވުރެ ވަކިން ފަސޭހަ ދުވަސްތަކެއް އައިސްފާވޭ ހެއްޔެވެ؟ ފޭސްބުކު ޓްވިޓަރ އިންސްޓަރގްރާމް ޓިކްޓިކޮ ވައިބަރ ޓެލެގްރާމް ސްނެޕްޗެޓް މިހެންގޮސް މިފަދަ އެތައް ޕްލެޓްފޯމްތަކެއްގައި ތިބާ ބައިވެރިވެ އުޅޭއިރު އެ ހުރިހާ ވަޞީލަތްތަކީވެސް ހެޔޮކަންކަމަށް އަމުރުކޮށް މުންކާރާތްތަކުން ދުރުވުމަށް ގޮވާލެވޭ ވަޞީލަތްތަކަކަށް ހެދިއްޖެނަމަ ހާދަ ގިނަބަޔަކަށް ހެޔޮވިސްނި ތެދުމަގު ލިބުމަށް މަގުފަހިވެގެން ދާނެއެވެ.
ތިބާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ އެކިއެކި ހުނަރުތައް އޭގެ އެންމެ ހެޔޮގޮތުގައި ބޭނުންކޮށް ދީނީ އިޖުތިމާޢީ އަދި ޢިލްމީ ރަނގަޅު މެސެޖްތައް މީސްމީޑިއާގެ އެންމެހާ ވަޞީލަތްތައް މެދުވެރިކޮށް ދުނިޔޭގެ އެތައްބަޔަކަށް ފޯރުކޮށްލުމުގެ ފަހި ފުރުޞަތުތައް ﷲ ތަޢާލާ މިވަނީ އަހަރެންމެންނަށް ދެއްވަވާފައެވެ. އެކަމަކު އަހަރެންމެގެ ތެރެއިން ބައެއް މުސްލިމް އަޚުންނާއި އުޚްތުން އެއްވެސް ޚިޔާލެއް ފިކުރެއްނެތި ﷲ ސުބުޙާނަހޫ ވަތައާލާ ޙަރާމް ކުރައްވާފައި އެކިކަހަލަ ކަންތައްތައް އެ ވަޞީލަތްތަކުގެ ޒަރީއްޔާއިން މުޖުތަމަޢަށް ނެރެ ދައްކާކަމީ ހާދަހާ ހިތާމަހުރި ކަމެކެވެ.
ފިތުނަވެރިވާހަކަތައް ފެތުރުމާއި، އެއްބަޔަކު އަނެއްބަޔަކަށް މަލާމާތާއި ފުރައްސާރަ ކުރުމާއި، މީހުންގެ ޢަބުރު ކަތިލުމާއި، ހަޑިމުޑުދާރު މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ފެތުރުމާއި، އައުރަ ނިވާ ނުކޮށް ތިބެ އެކިޒަތްޒާތުގެ ފޮޓޯތަކާއި ވީޑިއޯތައް ތައްޔާރުކޮށް ހާމަކުރުމާއި، މިހެންގޮސް ﷲ ނަހީކުރެއްވެވި އެތައްއެތައް ކަމެއް ކުރާކަމީ ހާދަ ހިތާމަހުރި ބިރުވެރިކަމެކެވެ.
ތިބާގެ ހަށިގަނޑު ﷲ ނަހީކުރެއްވެވި ކަންކަމުގައި މަޝްޢޫލުކުރުވާއިރު ނެތުމުގެ ތެރެއިން ތިބާ އުފައްދަވާ، ތިބާގެ ގުނަވަންތައް ޙަރަކާތްތެރި ކުރުވާ، ތިބާއަށް ބުއްދިއާއި ވިސްނުން އަދި ތިބާއަށް ރިޒުޤުދެއްވަވާ، ތިބާގެ ތި ފަޚުރުވެރިވެރިވާ ރީތިކަމާއި ތަނަވަސްކަން އަދި މޮޅު ހުނަރުތައް ތިބާގެ ކިބާގައި ލެއްވެވި ފަރާތް މަތިން އެންމެ ފަހަރަކުވެސް ހަނދާން ކޮށްލަބަލާށެވެ. މާދަމާވެސް އެ ހުރިހާކަމެއް ތިބާގެ ފުށުން ނެންގެވުމުގެ ފުރިހަމަ ބާރު އެކަލާނގެއަށް ލިބިގެންވާކަން ހަނދާންކޮށް އެކަލާނގެއަށް ކިޔަމަންތެރިވެ ހެޔޮ ޢަމަލުތައް ކޮށް އެކަލާނގެ މަގަށް ގޮވާލުމުގައި ތިބާގެ ހަށިގަނޑާއި ހުނަރުތައް ބޭނުނުން ކުރާށެވެ.
މަރު ހަނދާންކޮށް ވަގުތު ފާއިތުނުވަނީސް ތައުބާވެ ހެޔޮމަގަށް އެނބުރި ރުޖޫޢަވާށެވެ. އަދި ތިބާގެ މީސްމީޑިއާގެ ހުރިހާ ވަޞީލަތްތަކަކުން ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަދި މީސްތަކުންނަށް ފައިދާކުރުވަނިވި ކަންތައްތަކެއް ކުރުމަށް އަވަސްވެގަންނާށެވެ. އޭރުން ޙަޤީޤީ ހިތްހަމަޖެހުން ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލްވެގެންދާނެއެވެ. އިން ޝާ ﷲ!














