Search Streamline Icon: https://streamlinehq.com

ޑިމޮކްރަސީ: ދިވެހިންގެ އައު ދީންބާ…؟ ފުރަތަމަބައި

23 December Ihthihaadhu

ޑިމޮކްރަސީ: ދިވެހިންގެ އައު ދީންބާ…؟ ފުރަތަމަބައި

ދީނަކީ ދިރިއުޅުމުގެ މަންހަޖެވެ. އަގީދާއާއި ތިމާ ޤަބޫލުކުރާ ކަންތައްތަކާއި ތިމާގެ ފިކުރު ބައްޓަންކުރާ ސަމުގާއެވެ. ކުރުގޮތަކަށް ބުނާނަމަ ދީނަކީ ދިރިއުޅުމުގެ އުޞޫލެވެ. އަސާސެވެ. ދީނަކަށް ތަބާވުމަކީ ކޮންމެ އިންސާނެއްގެ ތަބީޢަތުގައިވެސް ލައްވާފައިވާ ސިފައެކެވެ.

އެގޮތުން ބައެއް މީހުން އެބައިމީހުން ޚަލްޤު ކުރެއްވި ﷲ سبحانه وتعالى‎ ބާއްވާލެއްވި ޙައްޤު ދީނުގެ މަތީގައި ދިރިއުޅުމުގެ އަސާސްތައް ބިނާކުރެވޭތޯ މަސައްކަތްކުރާއިރު އަނެއްބަޔަކު ހިފާފައިވަނީ އިސްވެދިޔަ އުންމަތްތަކުގެ މައްޗަށް ބާއްވާލެއްވުނު އަޤީދާތަކުގެ ތެރެއިން މަންސޫޙްކުރެވި އަދި އެ އަޤީދާތަކުގެ އަސްލު އޮޅިފައިވާ ދީންތަކަކަށް ތަބާވުމުގައެވެ.

އަނެއްބަޔަކު އެބައިމީހުންގެ އަމިއްލަ އަތުން ކޮށާމަށާ ޒީނަތްތެރިކޮށްފައިވާ ތަކެއްޗަށާއި މާތް ﷲ ޚަލްޤުކުރެއްވި މަޚްލޫޤުންނާއި އިންސާނުންގެ ފިކުރުން އުފައްދާފައިވާ ތަފާތު ދެކޮޅުނުޖެހޭ ފިލޯސަފީތަކަށް ތަބާވެ އެއަށް އަޅުކަން ކުރުމުގައި ވަނީ ކުރިއަރާ ގޮސްފައެވެ. އަދި އަނެއްބަޔަކު ދީނެއް ޤަބޫލުނުކުރާކަމުގެ ދަޢުވާ ކުރަމުން ދާހިނދުމެ ވަނީ މާއްދިއްޔަތުގެ އަޅުންނަށްވެ ނިމިފައެވެ.

މިއަދު އަޅުގަނޑުމެންގެ މި ސައްތައިންސައްތަ މުސްލިމުންކަމަށް ދަޢުވާކުރާ އަދި މި ދީބުގެ ދެމި އޮތުމަކީ އަދި އެއްބައިވަންތަކަމުގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ދަޢުވާކުރާ މިދިވެހި މުޖުތަމައުގައިވެސް އިސްވެދެންނެވުނު ދިރިއުޅުމުގެ ހުރިހާ މަންހަޖުތަކެއްގެ ކުލަތައްދަނީ ފާޅުވެ ފެންނަމުންނެވެ. ތަހުޒީބާއި ތަމައްދުންގެ އަސާސަކީ ޔޫރަޕާއި އެމެރިކާ ކަމުގައި މިއަދުގެ ޒުވާންޖީލުވަނީ ލޮލުންބޮލުން ބަލައިގެންފައެވެ. މިކަމުގެ ސަބަބުތައް ބައިވަރެވެ.

ހުޅަނގުގެ ފިކުރީ ހަނގުރާމަ ހައްޤުގެ މަގުގައި ސާބިތުވުމަށް މަސައްކަތްކުރާ ކޮންމެ ފަރުދެއްގެ ސިކުނޑިއަށް ފޮނުވާލާ ހަމަލާތައް އެޤައުމުތަކުގެ ޒުވާނުންނަށް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ ހުޅަނގުގައި ތަމްރީންކުރެވި އެމީހުންގެ ފިލޯސަފީތަކުން ސިކުނޑި ރޯފިލުވާފައިވާ ސިޔާސީ ލީޑަރުންނެވެ.
ދުނިޔޭގެ ނަންކިޔާ ނުވަތަ މަޝްހޫރު ގިނަ ދީންތަކަކީ އެ ދީންތަކެއްގެ ނަން އިވުމުން އަދިވެސް ދިވެހިންގެ ގިނަބަޔަކު އެ ދީންތަކަށް ފާޅުގައި އިންކާރުކުރާނޭ ދީންތަކެއްކަން މިބައިމީހުންދަނެއެވެ.

ޙަޤީޤީ މުސްލިމަކު، ނުވަތަ އެބައިމީހުންގެ ބަހުންނަމަ އުފަން މުސްލިމަކު އެހެން ދީނަކަށް އަނބުރާލުމަކީ ލައްކަ ބުރަމަސައްކަތެވެ. ނަމަވެސް މަކަރާ ހީލަތުން، އެހެންމީހުން އެކަންކުރުމުން މަނާކުރާހާލު އެބައިމީހުން އަމިއްލަޔަށް ފަނާކުރަނިވި ކެމިކަލް ހަތިޔާރު އުފައްދަމުންދާ ޔަހޫދީންނާއި ނަޞާރާއިންވަނީ ސިކުނޑިތަކަށް ވިހަލާ ފިކުރީ ކެމިކަލް ހަތިޔާރުވެސް އުފައްދާފައެވެ. އެމީހުންގެ މިހަތިޔާރަށް ދީފައިވާ ނަމަކީ ޑިމޮކްރަސީއެވެ.

ކުރިން ދެންނެވުނުފަދައިން ދުނިޔޭގެ މަޝްހޫރު ގިނަ ދީންތަކަކީ ދިވެހިންވެސް ދަންނަ އަދި އެ ދީންތަކަށް މުސްލިމެއްގެ ހައިސިއްޔަތުން ދިވެހިން ނަފްރަތުކުރާ ދީންތަކެކެވެ. ނަތީޖާއެއްގެގޮތުން ހުޅަނގުން އުފައްދާފައިވާ މިހަތިޔާރަކީ އާނަމެއްކިޔާ ދިރިއުޅުމުގެ މަންހަޖެކެވެ. ނުވަތަ ދީނެކެވެ. މިއަދު އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ޑިމޮކްރަޓިކް ވެއްޓެއް ޚާއްޞިލްކޮށްފައިވާހިނދު އެ ޑިމޮކްރަސީގެ ހަޤީޤަތަކީ ކޮބައިކަމާމެދު ވިސްނާލީ ކިތައް ފަރުދުންތޯއެވެ؟

ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ އަޤްލަބިއްޔަތައް ތަބާވުމެވެ. ޑިމޮކްރަސީއެއްގައި ތިބާ އާއި މުޅި ކާއިނާތު ޚަލްޤުކުރައްވާ ބަލަހައްޓަވާ ރައްބުގެ ބަސްފުޅުތަކުގެ މައްޗަށް ވެސް އަޤްލަބިއްޔަތު ބަސްކިޔައެވެ. އެ މަތިވެރި އިލާޙްގެ އަމުރުފުޅުތަކަށް އެބައިމީހުންގެ އުޞޫލުތަކުގެ ދަށުން އެންމެ ވޯޓެއްވެސް ލިބުމުގެ ހައްޤެއްނެތްފަދައެވެ. ހަތްވަނަ އުޑުގެ މަތިން އެ އިލާހު ބާއްވާލެއްވި ޤާނޫނުގެ މައްޗަށް ޔަހޫދީންނާއި، ނަޞާރާއިންނާއި އެބައިމީހުންގެ ފިކުރުގެ ދަށުން ތަމްރީންލިބޭ މާއްދިއްޔަތުގެ އަޅުވެރިންގެ ބަސް އެ ދީނުގައި މާ މަތިވެރިވެފައި އެއަށް ތަބާވުން ވާޖިބުވެގެންވެއެވެ. އެބައިމީހުން އެ ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. ރައްބެއް ރަސޫލެއް ބެލުމެއްނެތި ހައްޤެއް ބާޠިލެއް ނޭންގޭ ހާލުގައިވެސް މެއެވެ.

މިއަދު އަޅުގަނޑުމެންގެ މި ދިވެހި ދީބުގައި ހަލުވިކަމާއެކު މިދީން މިދަނީ ފަތުރަމުންނެވެ. އަދި އަޅުގަނޑުމެންގެ ޒުވާނުންގެ ގިނަބަޔަކު މިދަނީ އެދީނުގެ އަޅުވެރިންކަމުގައިވެ ހައްޤުގެ ދީން ދޫކުރަމުންނެވެ. ޑިމޮކްރަސީގެ ވާހަކަ މިބީދައިން ދެއްކުމުން އަޅުގަނޑުމެންގެ ތެރެއިން މިދީނުގެ އަޤީދާގެ މަތީގައިތިބި ގިނަބަޔަކު އަޅުގަނޑަށް މަލާމާތްކޮށް ހުނުމަކީ ނުވެނުދާނޭކަމެކެވެ.

ޝައްކެތްނެތްގޮތުގައި އެއްވެސް ދީނެއް ޤަބޫލުނުކުރާ އެތީސްޓުން ފަދައިން އެބައިމީހުންވެސް ހީކުރަނީ އެބައިމީހުން މިހާރު ތަބާވެގެން މިއުޅޭ މަންހަޖަކީ ދީނެއް ނޫންކަމުގައެވެ. އެކަމަކު އެއިން މީހެއްގެ ގާތު ދީނަކީ ކޮބައިތޯ ސުވާލުކޮށްލުމުން އެސުވާލުގެ ޖަވާބު ދޭހިނދު އޭނާއަށް ތަބާވެވިގެން މިއުޅެނީ ހަޤީޤަތުގައިވެސް އާދީނަކަށްކަމުގެ އިޙްސާސް ކުރެވިގެންދާނޭކަން ޔަޤީނެވެ. ހުޅަގުން އެބައި މީހުންގެ މި ފިކުރު އިސްލާމީ މުޖުތަމަޢުގައި ފެތުރުމުގެ ހަޤީޤީ ބޭނުމަކީ މުސްލިމުން އެބައިމީހުންގެ ވަރުގަދަ އިލާހީ އަޤީދާއާއި ދުރުކޮށް ނިކަމެތިކުރުމެވެ. އަދި އެ ނިކަމެތިކަމުގެ ބޭނުންހިފާ އެބައިމީހުންގެ ބާޠިލް އަޤީދާއަށް މުސްލިމުން ގެންދިއުމެވެ.

ޑިމޮކްރަސީގެ މައިގަނޑު އަސާސްތަކަކީ އާންމު ސިކުނޑިއަކުން ވިސްނާލާއިރު އެގައި މާބޮޑު އުނިކަމެއް ފެންނާނޭ އަސާސްތަކެއް ނޫނެވެ. ނަމަވެސް ހުޅުވިފައިވާ ސިކުނޑިއަކުން ފުންކޮށް ވިސްނާލާއިރު އެ ނިޒާމުގެ މައިގަނޑު އަސާސަކީ އަޅުތަކުންގެ ވެރި ރައްބުގެ މައްޗަށް އިންސާނީ ފިކުރާއި ވިސްނުން އިސްކުރުމުގެ ނިޒާމެއްކަމުގައި ޤަބޫލުކުރެވޭނެއެވެ. ޚުދު އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ މިހާރުގެ ވެރިކަމުގެ ނިޒާމަށް ނަޒަރުހިންގާ ހާވާބަލާލާއިރު އެކަމުގެ އެތަކެެއް މިސާލުތައް އެއޮތީ ދިމާ މެންދުރުގެ އިރުފަދައިން ފެންނާށެވެ.

އިސްލާމުންނާއި އެންމެހާ އިންސާނުން ޚަލްޤުކުރެއްވި ﷲ سبحانه وتعالى‎ އަމުރުކުރައްވަނީ ރަލާއި، ޒިނޭއައި، ރިބާ ފަދަ ފާހިޝް ޢަމަލުތަކުން ދުރުހެލިވުމަށެވެ. ނަމަވެސް މި ޑިމޮކްރަސީ އަޅުގަނޑުމެންނަށް މަގު ދައްކަނީ އަދި މި ޑިމޮކްރަސީ ދީނުގެ ފާދިރީން އެދީނުގެ އަހުލުވެރިންނަށް މަގުދައްކަނީ ކޮންމެވެސް ޤަވައިދެެއް ނުވަތަ އުޞޫލުތަކެއްގެ ދަށުން، ރާ ބުއިމާއި، ވިއްކުމާއި، ޒިނޭ ޚާނާތައް ހިންގުމާއި، ރިބާ ކެއުން އެއީ އެންމެ ރަނގަޅުކަމެއްގެ ގޮތުގައެވެ.

އިންސާނުންނާއި މުޅި ކާއިނާތުގެ ވެރި ރައްބު އަމުރުކުރައްވަނީ ލަވަޔާއި މިއުޒިކާއި، ނާޗަރަންގީ ކުޅުމާއި، ދެޖިންސް މަސްހުނިވެ ނިވަލެއްނެތި އުޅުމަކީ ފާހިޝްކަމުގެ ދޮރުތައް ހުޅުވުމުގެ މަގެއްކަމުގައެވެ. ނަމަވެސް ޑިމޮކްރަސީ ދީނުގެ ފާދިރީން އެދީނުގެ އަޅުވެރިންނަށް މިކަންކަމަކީ ޒީނަތްތެރިކަމެއްކަމުގައްޔާއި ދުނިޔޭގެ ތަހުޒީބުގެ ރަމްޒެއްކަމުގައްޔާއި، ކުރިއެރުމާއި، އަޚްލާގު ރަނގަޅުވެ ދަރިންގެ ސިކުނޑި ހުޅުވިގެންދިޔުމުގެ އަސާސްކަމުގައި ދަނީ ބުނެދީ އެގޮތުގައި ސިޔާސަތުތައް ކަނޑައަޅަމުންނެވެ. އިންސާނުންނާއި ކާއިނާތު ޚަލްޤުކުރެއްވި މަތިވެރި އިލާޙް އަމުރުކުރައްވަނީ ދީނުގެ މަތިވެރި ޝިއާރުތައް ރައްކާތެރިކުރުމަށެވެ.

ނަމަވެސް މިދީނުގެ އަޙުލުވެރިން ބުނަނީ ދީނުގެ މަތިވެރި ޝިއާރުތައް އެބައިމީހުންގެ ކޮށި ސިކުނޑިން ތައްޔާރުކޮށްފައިވާ ކޮންމެވެސް ޤަވައިދެއްގެ ދަށުން ރަމްޒީކަމެއްގެގޮތުގައި ކޮށް ނިންމާލާ ދުނިޔަވީ ފައިދާއެއް ހާޞިލްކުރުމަށެވެ. އެބައިމީހުން ދީނުގެ މަތިވެރި ޝީއާރުތައް ވިޔަފާރު މުދަލެއްގެ ގޮތުގައި ދުނިޔެ ހޯދުމަށްޓަކައި ވިއްކާލަނީއެވެ.

ނުނިމޭ

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި