Search Streamline Icon: https://streamlinehq.com

ކަލާވީ ބޭވަފާ…01

Kalaavee Beywafaa

މަރިޔަމް ޔަސްމާގެ – ކަލާވީ ބޭވަފާ… ފުރަތަމަބައި

ގޭގެ ކޮންމެވެސް ދޮރެއް ހުޅުވުނު އަޑާއެކު ލޯ ހުޅުވައިލެވިއްޖެއެވެ. ނިދި މަޑުކަމުން ކިރިޔާ އަޑެއް އިވިލިއަސް ކައްޝަފްގެ ނިދި ހަލާކުވެއެވެ. ކަންނެތް ގޮތަކަށް މޯޅިއަށް ދެމިލުމަށްފަހު ތެދުވެގެން ޖެހިލެވުނީ ކުޑަދޮރު ކައިރިއަށެވެ. ފޮތިގަނޑު ކަހާލިއިރު އަދި އަލިވިލެން އުޅޭކަމުގެ އެއްވެސް އިޝާރާތެއް ނެތެވެ. ކައްޝަފް ހައިރާންވެގެން އެނބުރި އައިސް ގަޑި ބަލާލިއިރު ހައެއް ޖަހާބޮޑުވީއެވެ. ރަނގަޅަށް ވިއްޔާ އުޑުމަތި ބަނައިއްޔޭ ހިތާއި ހިތުން ބުނެލެވުނެވެ.

ފާޚާނާއަށް ވަދެލާފައި ނިކުތްއިރު ގޯތިތެރޭގައި ހިކިފަތްތައް ވަޔާއި އުދުހެނީއެވެ. ބިޔަކޮށް ހެދިފައި ހުރި އަނބުގަހުގެ ހިޔަލުން ނެއްޓި އުޑުފެންނަ ހިސާބަށް ޖެހިލުމަށްޓަކައި ފެހި ވިނަގަނޑުމަތިން ހިނގައިގަތެވެ. ކައްޝަފް ބަލާލިއިރު އޭނާއަށް ހީވީ ރަނގަޅަށެވެ. ކަޅު ވިލާތަކުން މުޅި އުދަރެސް ވަނީ ބައްދާލައިފައެވެ. މިވައިގައި ކުނިކެހުމަކީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމެއްކަން ވިސްނިފައި ކައްޝަފް އެހިޔާލު ދޫކޮށްލިއެވެ. އެނބުރި ގޮސް ބަދިގެއަށް ވަދެ، އާދައިގެ އެހެން ދުވަސްތަކެކޭ އެއްފަދައިން އޭނާ ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ފެށިއެވެ.

އުމުރުން ސާދަ އަހަރުގައި ”ފެއަރ ވިއު“ އަށް އައީއްސުރެ ކައްޝަފްގެ ދިރިއުޅުން ހަމަޖެހިފައި އޮތީ މިގޭގައެވެ. މަންމައާ ބައްޕަގެ ކައިވެނި ރޫޅުމަށްފަހު މަންމަ އޭނާ ގޮވައިގެން އަތޮޅު ވެރިކަން ކުރާ ރަށަށް އައީ ބޭސް ފަރުވާއަށެވެ. ފެއަރ ވިއުއަކީ މިދަތުރުގައި އެމީހުން މަޑުކޮށްލަން ހަމަޖެހުނު ވަގުތީ މަންޒިލެކެވެ.

ގޭގެ ވެރިމީހާ ޖަމާލުއަކީ ކުރިއްސުރެ ކައްޝަފް މަންމަގެ އެކުވެރިއެކެވެ. ދިވެހިބޭހުގައި ގިނަ ދުވަސްވެ އެއިން ރަނގަޅު ނަތީޖާއެއް ނުފެނުމުން ޖަމާލު އެދިގެން ހޮސްޕިޓަލަށް ދައްކަން އެއްބަސްވިއެވެ. ހުރިހާ ޚަރަދަކާއިވެސް ޖަމާލު ހަވާލުވިއެވެ. އަތްމަތި ހުސްވެ އެހެން ގޮތެއް ނެތުމުންނާއި ބަލިހާލު ހުރިގޮތުން އެދެމައިންނަށް މަޖުބޫރުވީ ޖަމާލުގެ އިހްސާންތެރިކަން ޤަބޫލުކުރާށެވެ.

ޖަމާލުމެންގެ ތިބެނީ ދެފިރިހެން ކުދިންނެވެ. ދޮށްޓަށް އަޒާން އަދި ހަގަށް ޔާޒަންއެވެ. ބައްޕަ އެދެމައިން ދޫކޮށް އެއްލައިލުމުން އުނިވި އާއިލާ ކައްޝަފްއަށް ލިބުނީ ފެއަރވިއު އިންނެވެ. އެއީ ކުޑަ ދުވަސްކޮޅެއްގެ ކަމަކަށްވިއަސް ކައްޝަފް ހުރީ އުފަލުންނެވެ. ޖަމާލު އޭނައާ މުޚާތަބު ކުރަނީ އަބަދުވެސް ދަރިފުޅާއޭ ކިޔައިފައެވެ. ހުނައިދާ ދެކޭގޮތުގައި ކައްޝަފްއަކީ އޭނާއަށް ނުލިބުނު އަންހެން ދަރިފުޅެވެ.

ޖަމާލުގެ މަންމަ ޞޮބީހާ ބޭނުންވަނީ އޭނާގެ ދެފިރިހެން ދަރިން ފަދައިން ކައްޝަފްވެސް މާމަ ކިޔައިގެން މުޚާތަބު ކުރުމަށެވެ. އެކަމަކު އެއުފާވެރި އާއިލާ އެގޮތުގައި ދެމިއޮތީ މަދު ދުވަސްކޮޅަކަށެވެ. ޖަމާލުއާ ހުނައިދާގެ ދެމެދުގައި ޖެހުނު މައްސަލައެއް ހޫނުވެ ހައްލުނުވާ ހިސާބަށް ގޮސް އެންމެފަހުން ދެމަފިރިން ވަކިވާން ނިންމީއެވެ. އަޒާން އޯލެވެލް އަހަރު ކަމަށްވުމުން ހުނައިދާ ދިޔައިރު އެކުގައި ގެންދިޔައީ ޔާޒަން އެކަންޏެވެ. ފަހުން އަންގައިގެންވެސް ގެއާއި ރަށް ދޫކޮށްފައި ދާކަށް އަޒާން ގަސްތެއް ނުކުރިއެވެ.

ދޭތެރެއަކުން މަންމަ ކައިރިއަށް ގޮސް ހުރެލާފައި އަނެއްކާވެސް އެނބުރި އަންނަނީއެވެ. އެކަމަކު ޔާޒަން ބުނެ ކިޔައިގެންވެސް އެނބުރި ރަށަށް ފޮނުވާކަށް ހުނައިދާ އެއްބަހެއް ނުވިއެވެ. އޭނާ ބިރުގަތީ އަޒާން ފަދައިން ޔާޒަންވެސް އޭނާ ދޫކޮށްލައިފައި ބައްޕަ އިޚުތިޔާރު ކޮށްފާނެތީއެވެ. ހުނައިދާ އެގެ ދޫކޮށް ދިޔަތާ އަހަރެއް ފަހުން ކައްޝަފް މަންމަވެސް ކުއްލިގޮތަކަށް މިދުނިޔެ ދޫކޮށް ދިޔައީއެވެ. މަންމަ އާއިލާގައި ހަމައެކަނި ހުރި އަންހެންމީހާ ކައްޝަފް ގެންދާކަށް ބޭނުމެއް ނުވިއެވެ.

އެދަތި ވަގުތުގައި އެކަނިވެރި ކައްޝަފްއަށް އެހީގެ އަތެއް ފޯރުކޮށްދިނީ އަނެއްކާވެސް ޖަމާލުއެވެ. ކައްޝަފް ބޭނުންނަމަ މުޅި އުމުރަށްވެސް އެގޭގައި ހުރެވިދާނެ ކަމުގެ ޔަޤީންކަން ޖަމާލުދިނެވެ. ބަދަލުގައި ކައްޝަފްގެ ހުރިހާ ވަގުތެއް އެގޭގެ މީހުންގެ ޙިދުމަތުގައި އަތުކުރި އޮޅައިލިއެވެ. ފައިސާ ދީގެން ނޯކަރެއް ބެހެއްޓުމުގެ ބަދަލުގައި އޭނާއަށް ގޭގެ މަސައްކަތް ހަވާލުކުރުމަށް އެދި އާދޭސްކުރުމުން ޖަމާލުއަށް ދެކޮޅެއް ނުހެދުނެވެ.

ބޭނުމަކީ ކައްޝަފްގެ ހިތްހަމަޖެހުންކަން އެންމެނަށްވެސް އެނގެއެވެ. ގޯތި ބޮޑެއް ކަމަކު މަސައްކަތް މާ ބުރައެއް ނޫނެވެ. ބިއްލޫރި ސާފުކޮށް ފަންކާ ފޮޅައި،ކުނިއުކާލުމުގެ އިތުރަށްވެސް ބޮޑެތި މަސައްކަތް ކުރަން ފިރިހެނަކު ހުރެއެވެ. ކައްޝަފްއަށް ޖެހެނީ ކައްކާ ކާންހަދައި ބައެއްފަހަރު ކުނި ކަހައިލާށެވެ.

ދޮރުމަތިން މީހެއްގެ ހިލަން ވީހެން ހީވެގެން ކައްޝަފް ބަލައިލިއިރު އަޒާން ވަންނަނީއެވެ. ދަލުން ފެންވެރިފައިވާ މޫނާއި ހަށިގަނޑު އަދި ގައިގައި ތަތްވެފައި އޮތް ޓީޝާޓަށް ބަލައިލުމުން އަޒާން އެއައީ ދުވެފައިކަން އެނގުނެވެ. ފަތިސް ނަމާދަށްފަހު މަސައްކަތަށް ނިކުތުމުގެ ކުރިން ދުވެލުމަކީ އަޒާންގެ އާދައެކެވެ. ބައްޕަ ފަދައިން ދިގު އިސްކޮޅަކާއި ރޫފަ ރަނގަޅު ހަށިގަނޑެއް އަޒާންއަށް ލިބިފައިވެއެވެ.

 ހިނދުކޮޅަކަށް ދެމީހުންގެ ހަތަރުކަޅި ބައްދަލުވެލުމުން ކައްޝަފް ހިނިތުންވެލިއެވެ. އެކަމަކު އަޒާންގެ ރައްދު ހުރީ އޭނާ އަބަދުވެސް ކަންތައްކުރާ ފަދައިން އިސްޖަހައިލުމަކުންނެވެ. ފެށުނީއްސުރެ ބަސްމަދުވެފައި ހިމޭނުން ހުންނަ އަޒާންއާ ކައްޝަފްގެ ގުޅުމަށް މިހާތަނަށްވެސް މާބޮޑު ކުރިއެރުމެއް އައިއްސައެއް ނުވެއެވެ. މަންމަ ވަކިވެގެން ދިޔަފަހުން އަޒާން އަދި ކުރިއަށްވުރެ ބަސްމަދުކަން ކައްޝަފްއަށް ފާހަގަވިއެވެ. އެއްޗެއް ބުނެލިއަސް ބުނެލާނީ ފާޑަކަށް މަޖުބޫރުވެގެންނެވެ. ކޮންމެވެސް ސަބަބަކާ ހުރެ އަޒާން އޭނާދެކެ ހިތްހަމަ ނުޖެހެނީ ކަމުގައި ކައްޝަފްއަށް ބައެއްފަހަރު ހީވެއެވެ.

ފްރިޖުން ފެންފުޅިއެއް ނަގައި ކަރުހިއްކުން ފިލުވާލައިގެން އަޒާން ދިއުމުން ކައްޝަފް އަވަސްވެގަތީ މާމައަށް ބޭސް ކާންދޭން ދިއުމަށެވެ. ކިރުޕެކެޓް ނަގައި ބިއްލޫރި ތަށްޓެއް ފުރާލުމަށްފަހު އެހިފައިގެން މާމަގެ ކޮޓަރިއަށް ވަނެވެ. ތިން މަސް ކުރިން ފާޚާނާތެރެއަށް ވެއްޓި ހިނގި އެކްސިޑެންޓަށްފަހު މާމައަކަށް ނުހިނގެއެވެ. ކައްޝަފް ކިރުތަށި މާމައަތަށް ދީފައި ސައިޑުޓޭބަލް ވަތްގަނޑުން ބޭސް ކޮތަޅު ނަގައިގެން މަގަތުގައި އިށީންދެލައިފިއެވެ. ހެނދުނަށް ހާއްސަވެފައި ހުރި ބޭސްތައް ކާޑުން ވަކިކޮށް އަތަށް އަޅައިލުމަށްފަހު އެތާހުރި ޖަގަކުން އިތުރު ތަށްޓަކަށް ފެންއަޅައި ފުރާލައިގެން ކައިރިއަށް އައެވެ. މާމަ ކިރުތަށި ދަމާލުމަށްފަހު ބޭސްތައް ކައިނިމުމުން އޭނާ ފުރޮޅުލީ ގޮނޑިކައިރިކޮށްދީފައި މާމަ އަތުގައި ހިފައިގެން އިށީންނަން އެހީތެރިވެދިނެވެ.

”ކައްޝަފްކައިރީ ޖަމާލުބެ ބުނިތަ މިއަދަކީ ކޮން ދުވަހެއްކަން؟“ ގޮނޑީގެ ފުރަގަހުގައި ހުއްޓި އޭގެ ދެމުއްގަނޑުގައި ހިފާ ކޮށްޕަމުން ނިކުންނަން ހިނގައިގަތުމާއެކު ޞޮބީހާ ވާހަކަދެއްކިއެވެ. ސިޓިންރޫމަށް ނިކުމެފައި ކައްޝަފް ބަލައިލިގޮތުން ޖަވާބުލިބުނެވެ. މާމަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވުމުން ކައްޝަފް ނުހަނު ބޮޑަށް ޝައުޤުވެރިވިއެވެ. ”ކޮން ދުވަހެއްތޯ މާމާ؟“ އޭނާ އަވަހަށް ސުވާލުކޮށްލިއެވެ.

”މިއަދު ޔާޒަން އަންނަނީ.“ ޞޮބީހާގެ ޖަވާބު އިވުމާއެކު ކައްޝަފްއަށް އަތް އަޅައިލެވުނީ އަނގަމަތީގައެވެ. ލޯ ބޮޑުވެ މުޅި މޭގަނޑު އެކީ ފިނިވެގެން ދިޔައީ މިހެންނަކުން ނޫނެވެ. ”ހަމަތެދެއްތޯ؟“ ކައްޝަފްއަށް ޤަބޫލެއް ނުކުރެވުނެވެ. ކައްޝަފްގެ އެހައިރާންކަން ޞޮބީހާއަށްވެސް ވިސްނުނެވެ. އެހުރިހާ ދުވަސްފަހުން ހުނައިދާ ޔާޒަން އެރަށަށް އަންނަން ހުއްދަ ދީފާނެ ކަމަކަށް ޚުދު އޭނާވެސް ޤަބޫލެއް ނުކުރެވުނެވެ.

”ރޭގައި ޔާޒަން ގުޅައިގެން ވާހަކަދެއްކި އިރެއްގަ ބުނީ މިއަދު އަންނަ ވާހަކަ. ކައްޝަފް ނިދާފަ އޮތީމަ ނުބުނީ ކަމަށް އެވާނީ.“ ޞޮބީހާ އިތުރަށް ތަފްޞީލުކޮށްދިނެވެ. ”މާމާ އަޅުގަނޑު މިދަނީ ޖަމާލުބެ ނިކުންނަވަންވާއިރަށް މޭޒުމަތި ތައްޔާރުކުރަން. މިއަދު ތަންކޮޅެއް ލަހުން ހޭލެވުނީމަ ތައްޔާރުނުކުރެވެނީސް މާމަގެ ބޭސްގަޑި ޖެހިގެން މިއައީ.“ ކައްޝަފް ހިމޭނުން ހުރެލާފައި ބުނެލިއެވެ.

މާމަ ބޯޖަހައިލުމުން އޭނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ބަދިގެތެރެއަށް ދެމިގަތެވެ. ދެވަނަ ސިކުންތުގައި އަތް އަޅައިލެވުނީ ބާރަށް ތެޅެމުންދިޔަ ހިތާއި ދިމާގައެވެ. މާމަ އެދިން ޚަބަރަކުން އޭނާގެ މުޅި ވުޖޫދު ރޫރޫ އަޅުވާލައިފިއެވެ. މޭޒުމައްޗަށް ތަށިތައް ނަގަން އުޅުނުއިރު ދެއަތްވެސް ފިނިވެ މަޑު ތުރުތުރެއް އުފެދިއްޖެއެވެ. ޖަމާލު އަތުވެއްޖެނަމަ އޭނާގެ ބަދަލު އައިސްފައިވާ މިޒާޖު އެނގިދާނެތީ ކައްޝަފް އަވަހަށް ބޭރަށް ނިކުތެވެ.

ކޮޅުކޮޅަށް އުދުހެމުންދިޔަ ފަތްތަކަށް ނަޒަރު ހުއްޓާލައިގެން އޭނާ ގޮސް އިށީންދެލީ އަނބުގަހުގައި އެލުވާފައިވާ އުނދޯއްޔެއްގައެވެ. ހެއްލުމުގެ ބަދަލުގައި ތިރީގައި ދެފައި ހަރުކޮށްލައިގެން ބާރުބާރަށް ވަލުގައި ހިފަހައްޓައިގެން އިންއިރު އަދިވެސް ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. ބަސްބުނާހައި ހިނދުން އޭނާގެ ހިތުގައި ދެން ހަރުލައިގެން ދިޔައީ މާޒީވެފައިވާ ހާއްސަ ހަނދާންތަކެކެވެ.

”ތިހާ ރީތިކުއްޖަކަށް ކޮއްކޮ ކިޔާކަށް ބޭނުމެއް ނޫން.“ ޖަމާލު ކައްޝަފް އެގެއަށް ގެނެސް އޭނާގެ ދެބެންނަށް ކައްޝަފް ކޮއްކޮއޭ ބުނެ ތައާރަފްކޮށްދީފައި ދިއުމުން ޔާޒަން ލާނެތްގޮތަކަށް ހެވިފައި އިރުކޮޅަކު ބަލަން ހުއްޓެވެ. ދެން އައިސް އޭނާ އެކަނިވުމުން ސިއްރުން ބުނެލި އެއްޗަކީ އެއީއެވެ. އެވަގުތު ކައްޝަފްގެ ޅަ ހިތުގެ ވިންދު ފުރަތަމަ ފަހަރަށް އަވަސްވެލިއެވެ.

ޔާޒަން އިތުރަށް ބުނީ އޭނާއަކީ ބައްޕަ ގެނެސްދެއްވި ސޯލްމޭޓްއެއް ކަމުގައެވެ. ނަމުގެ ބަދަލުގައި ”ގާރލްފްރެންޑް“ ކިޔައިގެން މުޚާތަބުކުރުން އާދައަކަށް ހެދިއެވެ. ބައްޕަ ނުހުންނަ ތަންތަނުގައި އެނަމުން  ގޮވާ އުޅުނެވެ. ބޮޑުވުމުން އެދެމީހުން ކައިވެނި ކޮށްދޭން ވާނެ ކަމުގައި މާމަމެން ކައިރީ ބުނެލާއިރު ކައްޝަފް ގަންނަ ލަދު ފޮރުވުމަށްޓަކައި، ރުޅި އިސްކޮށްގެން ޔާޒަން ގައިގައި ޖަހަންވެގެން ފަހާ ދުވެއެވެ. ޔާޒަންގެ ލާނެތްކަން އެނގޭތީ ނަސީބަކުން އެކަކުވެސް އެކަން ސީރިއަސްކޮށެއް ނުނަގައެވެ. ކައްޝަފް ފިޔަވައެވެ.

ވަކިވުމުގެ ވަގުތު އައިސް ޖެހުމުން އޭނާ ސަލާމް ނުކުރަންވެގެން ގޮސް ފިލާހުރީ ގޭގެ ބިތްދޮށުގައި ހުރި ގަސްތަކެއްގެ ތެރޭގައެވެ. އެވަގުތުވެސް ޔާޒަން އައިސް އޭނާގެ އިހްސާސްތަކާއި ކުޅެލިއެވެ. ”އައްދެ! އަހަރެންގެ ގާރލްފްރެންޑް ކޮންއިރަކު ތިހާ ފިނޑިކުއްޖަކަށް ވީ؟“ ޔާޒަން އައިސް ކައްޝަފް ކުރިމަތީ ވާހަކަދެއްކި އަޑަށް ކައްޝަފް ސިހިފައި މޫނުން ދެއަތް ނެގިއެވެ.

އާއިލާގައި ޖެހިގެން އުޅޭ ސީރިއަސް މައްސަލައާއެކުވެސް ޔާޒަން ހުރީ ބޭރު ފުށުން ހަމަޖެހޭ ގޮތް ދައްކާލައިގެންނެވެ. އޭނާގެ އެލާނެތް ކުލަވަރުން ނަމަވެސް އެހެން މީހެއްގެ ހިތަށް ހަމަޖެހުން ގެނެސްދޭން ބޭނުންވާ ކަހަލައެވެ. “ އުމުރަށް ވަކިވެގެން ދާއިރު ދެންވެސް ނުރޯންވީތަ؟ އަހަރެން ކިހާ ފޫހިވާނެ. ތިނޫނީ އަހަރެންގެ އެކުވެރިއެއްވެސް ނެތް.“ ކަރުނައިގެ ތެރެއިން ކައްޝަފް ބުނެލިއެވެ. ހުނައިދާ ރޮއިރޮއިފައި ދެން ދުވަހަކުވެސް ނާންނާނެ ކަމަށް ބުނެ ދެއްކި ވާހަކަ އޭނާގެ ކަންފަތުގައި ވަނީ ހަރުލައިފައެވެ.  ކައްޝަފް އެވަގުތު އޭނާގެ ކަރުނަތައް ފޮރުވާކަށްވެސް ނޫޅެއެވެ.

”އޮހޮހޯ ތިހީކުރާހާ ފަސޭހައިން އަހަރެން ފަރާތުން ސަލާމަތެއް ނުވެވޭނެ. އަހަރެން މިދަނީ އަދި އަންނަ ގޮތަށް. އަދި މެރީކުރަންވެސް ޖެހޭނެއެއްނު. ކައްޝަފް ބޮޑުވާން ވާއިރަށް ކިޔަވައިގެން ވަޒީފާއެއް ހޯދަން މިދަނީ. ގިނައިން ކައިގެން އަހަރެން އަންނަންވާއިރަށް ނިކަން ބޮޑުވެބަލަ. މިހާރުވެސް ކުޑަކަމުން ހިކިކަމުން ހީވަނީ ހިކަންޖެއްހެން.“ ޔާޒަން ލާނެތް ހިނިތުންވުމަކާއެކު ޝަހާދަތް އިނގިލިން ކައްޝަފްގެ ރަތްވެފައިވާ ނޭފަތް ކޮށްޓައިލިއެވެ.

ކައްޝަފް އެވަގުތު އަނެއްކާވެސް ރޯން ފެށުމުން އޭނާ ހީގެންފައި ފުރަތަމަ ފަހަރަށް އެކުއްޖާ ގެނެސް މޭގައި ޖައްސައިލިއެވެ. ”ދެރަނުވޭ ގާރލްފްރެންޑް. އަހަރެން ދުވަހަކުވެސް ތިކުއްޖާމަތިން ހަނދާން ނައްތައެއް ނުލާނަން. އެކޮޅަށް ގޮސް ކޮންމެ ދުވަހަކު ފޯނު ކުރާނަން.“ ނުވިސްނާހުއްޓާ ޔާޒަން މިކުރިކަމަކުން ސިހޭގޮތްވެފައި ސަލާމަތްވާން ތެޅިތެޅި ހުއްޓާ އޭނާގެ ކަންފަތްދޮށުގައި ޔާޒަން ބުނެލިއެވެ. ދެން އޭނާ ދޫކޮށްލައިފައި އެނބުރި ގޮސް ލޯމަތިން ގެއްލުނީއެވެ.

”ކައްޝަފް ކީއްވެފަ މިތާ ތިއިންނަނީ. ވާރޭ އަންނަނީއެއްނު.“ ޖަމާލުގެ އަޑުން ކައްޝަފްގެ ހިޔާލުތައް ވިއްސިވިހާލިކޮށްލުމުން ސިހިފައި ކޮޅަށް ތެދުވެވުނެވެ. ދަބަސް ހިފައިގެން ނިކުމެ ރަސްމީ ހެދުމުގައި ޖަމާލު ހުރީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ. ”މި…އަޅުގަނޑު…..“ ކައްޝަފްއަށް ވާހަކަދައްކަން ދަތިވިއެވެ. ”ދޭ އަވަހަށް އެތެރެއަށް.“ ޖަމާލު އޯގާތެރި އަޑަކުން ބުނެލިއެވެ. ކައްޝަފް ބޯޖަހައިލުމަށްފަހު އަވަހަށް ފުރަގަސްދީފައި ތަންކޮޅަކަށް ދިޔަތަނާ ޖަމާލު އަނެއްކާވެސް ގޮވައިލުމުން ހުއްޓުނެވެ. ”ރޭގަ ކައްޝަފް ނިދާފަ އޮތީމަ ނުބުނީ. މިއަދު ޔާޒަން އަންނާނެ. ވާނެ މަތީބުރީގައި ހުރި ހުސް ކޮޓަރި ތައްޔާރުކޮށްލަދޭން.“ ކައްޝަފް އެނބުރި ބަލައިލުމާއެކު ޖަމާލު އެދުނެވެ.

ޖަމާލު ނުބުންޏަސް ކައްޝަފް ހުރީ ޔާޒަންގެ ކޮޓަރި ތައްޔާރުކޮށްދޭން ނިންމައިގެންނެވެ. ގޭގައި މަސައްކަތް ކުރަން އުޅޭ ހަނީފު މަސް ގަނެގެން އައިސް ކަނޑައިދިނުމުން މެންދުރަށް ކައްކާފައި ފެންވަރާލައިގެން އޭނާ އެނބުރުނީ އެމަސައްކަތަށެވެ. ޔާޒަން އެތާ ނޫޅުނަސް ކައްޝަފްގެ އާދައިގެ މަތިން ކޮންމެ ހަފްތާއަކުހެން ސާފުކުރާ ތަނަކަށް ވުމުން މާބޮޑު މަސައްކަތެއް ނެތެވެ. އޭނާ ކޮޓަރިތެރެ ކުނިކަހާލައިފައި އެނދުގެ ބެޑްޝީޓް އާކޮށްލައި ދޮރުފޮތިގަނޑުވެސް ބަދަލުކޮށްލިއެވެ.

ކުޑަދޮރު ހުޅުވާފައި ހުރިއިރު ޖެހެމުންދިޔަ ގަދަ ވަޔާއެކު ލޭސް ފޮތިތައް ނަށަމުން ދިޔައީ ހިތްގައިމު ގޮތަކަށެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ އަޑު މިއުޒިކެއް ފަދައެވެ. މަސައްކަތް ނިމުމުން ކައްޝަފް އެނދުގައި އަރިއަކަށް އޮށޯވެލިއެވެ. ފާރުގައި ހަރުކޮށްފައިވާ ތަސްވީރުތައް ހީވަނީ ވާހަކަދައްކަފާނެ ހެންނެވެ. އެކި އުމުރުގައި ޔާޒަން ނަގާފައިވާ ކޮންމެ ފޮޓޯއެއްގައި ވަނީ އުފާވެރި ކަމެވެ.

އެއުފާވެރިކަން އޭނާގެ ކައިރީގައި އުޅުނު އެންމެންނަށްވެސް ފޯރުކޮށްދިނެވެ. މަންމަ ވަކިވުމަށްފަހު އޭނާ ދިރިހުރީ ޔަޤީނުންވެސް ޔާޒަން ދިން އުފާވެރި ހަނދާންތަކުގެ އެހީގައެވެ. ކޮންމެވެސް ދުވަހަކުން ޔާޒަން އެނބުރި އައިސް އެއުފާވެރި ހިނިތުންވުމުން އަދިވެސް އެއްފަހަރު އޭނާގެ ދިރިއުޅުން އަލިކޮށްދޭނެ ކަމުގެ ރީތި ހުވަފެން ދެކިދެކިއެވެ. ގުޅާނަމޭ ބުނެފައި ދިޔައެއް ކަމަކު އެދުވަހަށްފަހު ޔާޒަންގެ ޚަބަރެއް ނުވަނީ މަންމަގެ ނުފޫޒުންކަން ކައްޝަފް ޤަބޫލުކުރިއެވެ.

ކުޑަމިނުން ޖަމާލުއާ ވާހަކަދައްކާނެ ފުރުސަތުވެސް ހުނައިދާ ޔާޒަންއަށް ނުދޭކަން ކައްޝަފްއަށް އޮތީ އެނގިފައެވެ. ޒުވާންކަމުގެ ތެރެއަށް ހޭލައިގެން އައިއިރު އޭނާގެ ހިތް މުޅިން ލެނބިފައި ހުރީވެސް އެކުވެރިންނާއި މަޖަލުގެ ތެރެއަށެވެ. އެކަމަކު އެއިން އެއްވެސް ކަމަކާމެދު ކައްޝަފްގެ ޝަކުވާއެއް ނެތެވެ. އޭނާއަށް އެނގެއެވެ. އިންތިޒާރު ދިގުވި ވަރަކަށް އޭގެ ނިމުން ފޮނިވާނެއެވެ.

އަމިއްލަ ހިޔާލުތަކުގައި ވަގުތު ގުނަން އިރުގަނޑަކު އޮތުމަށްފަހު ބޭރަށް ނިކުންނަން ދަމުން އަދި އެއްފަހަރު ކޮޓަރިތެރެއަށް ނަޒަރު ހިންގައިލެވުނެވެ. އެވަގުތު ކައްޝަފްގެ ހިތް ބުނީ އެތަނުގައި ކޮންމެވެސް އެއްޗެއް މަދު ކަމުގައެވެ. ވިސްނަން ހުއްޓާ ކައްޝަފްއަށް އެނގުނެވެ. ލުއި ހީލުމަކާއެކު އޭނާ ޅަކުއްޖެއްހެން ދުވަމުން ސިޑިން ފޭބިއެވެ.

ވާރޭ ތުނިކޮށްފައި އޮތުމުން ކުޑައަކާ ނުލާ ގޮސް ގޯތިތެރޭ ހައްދާފައިވާ ބަގީޗާތެރެއަށް ވަނެވެ. ވާރޭ ތިކިތަކުން ދޮވެވިފައިވާ މާމެލާމެލިން ކައްޝަފްއަށް އެންމެ ކަމުދިޔައީ ރަތްކުލައިގެ ފިނިފެންމާތަކެވެ. އޭނާ އަވަސްއަރުވާލައިފައި މާ ބިންނަމުން ދަނިކޮށް ކަށްޓެއް ހެރުމުން އަތްދަމައިގަނެވުނެވެ. ބަލައިލިއިރު ލޭ އަންނަނީއެވެ. މާބޮޑުކަމަކަށް ނުހަދައި ދިހަވަރަކަށް މާ ބިނދެ ނިންމައިލިތަނާ ވާރޭ ބޯކޮށްލިއެވެ. ކައްޝަފް އަވަހަށް އެތެރެއަށް ދާންވެގެން ގަސްތަކުތެރެއިން ނިކުންނަން ދުއްވައިގަތްތަނާ ދޮރާށިން ވަދެގެން އައި ކޮންމެވެސް މީހެއްގެ ގައިގައި ލައިގެންފިއެވެ.

ނުނިމޭ

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި