Search Streamline Icon: https://streamlinehq.com

ހަލާކުކޮށް ނެތިކުރެވުނު ޤައުމުތަކާއި އުންމަތްތައް- 2 ވަނަބައި

Ponpeii

ހަލާކުކޮށް ނެތިކުރެވުނު ޤައުމުތަކާއި އުންމަތްތައް- ދެވަނަބައި

މާތްﷲ ތިޔަބައިމީހުންނަށް ދޫކުރަށްވާ ދެއްވިއެއްޗެއް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ! (އެބަހީ، ﷲ، ހުއްދަކުރައްވައި ޙަލާލުކުރައްވައިފައިވާ ގޮތުގައި ލިބޭ އެއްޗެއް ހެއުކަންބޮޑެވެ.) ތިޔަބައިމީހުންނީ މުއުމިނުންކަމުގައި ވާނަމައެވެ. އަދި، ތިޔަބައިމީހުންނާއިމެދު، ބަލަހައްޓައި ރައްކައުތެރިކުރާންހުރި މީހަކުކަމުގައި ތިމަން ނުވަމުއެވެ.

އެބައިމީހުން ދެންނެވޫއެވެ. ޝުޢައިބުގެފާނެވެ! ތިމަންމެންގެ ކާބަފައިންވެސް އަޅުކަންކޮށްއުޅޭތަކެތި ދޫކޮށްލުމަށް، ނުވަތަ ތިމަންމެންގެ މުދާތަކާއިމެދު ތިމަންމެން ބޭނުންހާގޮތެއްހެދުމަށް (ތިމަންމެންނަށް އަންގަވާން) ކަލޭގެފާނުންގެ ނަމާދުފުޅުތައް ކަލޭގެފާނާށް އަމުރުކުރަނީތޯއެވެ؟ ހަމަކަށަވަރުން ކެތްތެރި ބުއްދިވެރިއަކީ (ހަމައެކަނި) ކަލޭގެފާނުންކަން ކަށަވަރެވެ.

ވިދާޅުވިއެވެ. އޭ ތިމަންގެ ޤައުމުގެ މީހުންނޭވެ. ތިޔަބައިމީހުން ދުށީމުހޭ؟ (ތިޔަބައިމީހުން ބުނެދީބަލާށެވެ) ތިމަންގެ ސާހިބުވަންތަ ރަސްކަލާންގެ ޙަޟުރަތުން ޙަލާލުވެގެންވާ ރިޒުޤު ތިމަންނާއަށް އެކަލާންގެ ހަޟުރަތުން ދެއްވިހިނދު (އެކަންކަމަށް ފުރަގަސްދެވޭނެހޭ؟) އަދި، ތިޔަބައިމީހުންނަށް އެކަންތައް ނަހީކޮށް ތިމަން މިއުޅޭކަންކަމުގައި ތިއަބައިމީހުންނާއި ތިމަން ޚިލާފުވާކަށް ގަސްތެއް ނުކުރަމެވެ.

ތިމަންނައަށް ކުޅަދާނަވީހާ ވަރަކުން އިޞްލާޙް ކުރުންމެނުވީ ތިމަން ނޭދެމެވެ. ﷲ ގެ ހަޟްރަތުންމެނުވީ ތިމަންނާއަށް ތައުފީޤް ލިބުމެއް ނެތެވެ. ތިމަން ވަކީލުކުޅައީ އެކަލާންގެ ހަޟްރަތަށެވެ. އަދި، ތިމަން، ތައުބާވެ ރުޖޫޢަވާނީވެސް އެކަލާންގެ ހަޟްރަތަށެވެ.

އަދި، ތިމަންގެ ޤައުމުގެ މީހުންނޭވެ. ތިމަންނާއާއި ދެކޮޅުވެރިވެ ޚިލާފުވުންއެއީ، ނޫހުގެފާނުގެ ޤައުމުގެ މީހުންނަށް ނުވަތަ ހޫދުގެފާނުންގެ ޤައުމުގެ މީހުންނަށް، ނުވަތަ ޞާލިޙްގެފާނުންގެ ޤައުމުގެ މީހުންނަށް ޖެހުނުފަދަ ކަންތައް ތިޔަބައިމީހުންނަށްވެސް ޖެހުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ލިބިނުގަންނާށެވެ! ތިޔަބައިމީހުންނާއި ދުރުބަޔަކުކަމުގައި (ތަނުގެ ގޮތުންނާއި ޒަމާނުގެގޮތުން) ލޫޠުގެފާނުގެ ޤައުމުގެ މީހުން ނުވެއެވެ. އަދި، ތިޔަބައިމީހުންގެ ސާހިބުވަންތަ ރަސްކަލާންގެ ކިބައިން ތިޔަބައިމީހުންގެ ފާފަތައް ފުއްސެވުމަށް އެދޭށެވެ. އެއަށްފަހު، އެކަލާނގެ ކިބައަށް ތިޔަބައިމީހުން ތައުބާވާށެވެ! ހަމަކަށަވަރުން ތިމަންގެ ސާހިބުވަންތަ ރަސްކަލާންގެއީ ރަޙުމްތަވަންތަ، އޯގާވަންތަ، ރަސްކަލާންގެއެވެ.

އެބައިމީހުން ދެންނެވޫއެވެ. އޭ ޝުޢައިބުގެފާނެވެ. ކަލޭގެފާނު ތިޔަވިދާޅުވާ އެއްޗެއްގެ ތެރެއިން ގިނަތަކެތި ތިމަންމެންނަކަށް ނުވިސްނެއެވެ. އަދި، ހަމަކަށަވަރުންވެސް، ތިމަންމެންގެ ތެރޭގައި ކަލޭގެފާނު ތިމަންމެންދެކެނީ، ނިކަމެއްޗަކުކަމުގައެވެ. އަދި، ކަލޭގެފާނުންގެ ގާތްތިމާގެ މީސްކޮޅުނެތްނަމަ، ތިމަންމެން ކަލޭގެފާނުން ރަޖަމުކުޅައީސްކަން ކަށަވަރެވެ. ތިމަންމެންނަށް ކީރިތިކަމެއްހުރި މީހަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ.
(شعيب عليه السلام) ވިދާޅުވިއެވެ.

ތިމަންގެ ޤައުމުގެ މީހުންނޭވެ! މާތް ﷲ އަށްވުރެން ތިޔަބައިމީހުންގެ ގާތުގައި، ކީރިތިކަންބޮޑީ ތިމަންގެ މީސްކޮޅުހޭ؟ އަދި، ތިޔަބައިމީހުންގެ ފުރަގަހަށް ދޫކުރެވިގެންވާ ފަރާތެއްކަމުގައި، އެކަލާންގެ ރަސްކަންފުޅު ތިޔަބައިމީހުން ލައިފީމުއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކަންތައްކުރާގޮތުގެ ވަށައިގެން، ތިމަންގެ ސާހިބުވަންތަ ރަސްކަލާންގެ ވޮޑިގެންވެއެވެ. (އެބަހީ، އެގޮތްތައް ރަނގަޅަށް ދެނެވޮޑިގެންވެއެވެ.)

އޭތިމަންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ގޮތުގެ މައްޗަށް ތިޔަބައިމީހުން ޢަމަލުކުރަމުން ގެންގޮސްބަލާށެވެ! ހަމަކަށަވަރުން ތިމަންވެސް ޢަމަލުކުރާހުށީމެވެ. އެމީހަކު ނިކަމެތިކުރަނިވި އަޒާބެއް އެމީހަކާހަމައަށް އަންނަމީހަކީ ކާކުކަމާއި، އަދި ދޮގު ހަދާ މީހަކު، އެއީ ކާކުކަން އަދި ފަހުން ތިޔަބައިމީހުންނަށް އެނގޭނެއެވެ. އަދި، ތިޔަބައިމީހުން ބަލަބަލާ ތިބޭށެވެ! ހަމަކަށަވަރުން ތިމަންވެސް ތިޔަބައިމީހުންނާއިއެކު، ބަލަބަލައި އެބަހުރީމެވެ.

ތިމަންސުވާމީންގެ އަމުރުފުޅު އައިހިނދު ޝުއައިބު (عليه السلام) އާއި އޭނާގެ އަރިހުގައި އީމާންވެގެންތިބި މީހުން، ތިމަންސުވާމީންގެ ހަޟްރަތުން (ލެއްވި) ރަޙުމަތާއިއެކު ތިމަންސުވާމީންގެ ސަލާމަތް ކުރެއްވީމެވެ. އަދި، (ބިރުވެރި) ގޮވައިލެއްވުމެއްގެ އަޑު އައިސް އަނިޔާވެރިވީމީހުން ގެންދިޔައެވެ. ދެން އެބައިމީހުންގެ ގޯތިގެދޮރުގައި، އެދުވަހު ހެނދުނު ވީއިރު އެބައިމީހުންތިބީ ކަކޫމައްޗަށް ތިރިވެ (މަރުވެ) ފައެވެ. އެބައިމީހުން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ! މަދްޔަނުގެ މީހުންނަށް ހަލާކާއި ނެތިދިއުން ހުއްޓެވެ. ޘަމޫދުގެ މީހުންވެސް ހަލާކުވެ ނެތިދިއަ ފަދައިންނެވެ. (سورةهود 95-84)

ނުނިމޭ

Leave a Reply

Your email address will not be published. Required fields are marked *