Search Streamline Icon: https://streamlinehq.com

ހަލާކުކޮށް ނެތިކުރެވުނު ޤައުމުތަކާއި އުންމަތްތައް-3 ވަނަ ބައި

Ponpeii

ހަލާކުކޮށް ނެތިކުރެވުނު ޤައުމުތަކާއި އުންމަތްތައް-3 ވަނަ ބައި

ތިމަންސުވާމީންގެ އަމުރުފުޅު އައިހިނދު ޝުއައިބު (عليه السلام) އާއި އޭނާގެ އަރިހުގައި އީމާންވެގެންތިބި މީހުން، ތިމަންސުވާމީންގެ ހަޟްރަތުން (ލެއްވި) ރަޙުމަތާއިއެކު ތިމަންސުވާމީންގެ ސަލާމަތް ކުރެއްވީމެވެ. އަދި، (ބިރުވެރި) ގޮވައިލެއްވުމެއްގެ އަޑު އައިސް އަނިޔާވެރިވީމީހުން ގެންދިޔައެވެ. ދެން އެބައިމީހުންގެ ގޯތިގެދޮރުގައި، އެދުވަހު ހެނދުނު ވީއިރު އެބައިމީހުންތިބީ ކަކޫމައްޗަށް ތިރިވެ (މަރުވެ) ފައެވެ.
އެބައިމީހުން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ! މަދްޔަނުގެ މީހުންނަށް ހަލާކާއި ނެތިދިއުން ހުއްޓެވެ. ޘަމޫދުގެ މީހުންވެސް ހަލާކުވެ ނެތިދިއަ ފަދައިންނެވެ. (سورةهود 95-84)

އެބައިމީހުންނަށް ހައްޤުގެ މަގަށް ގޮވާލުންފިޔަވައި އެއްވެސް ގެއްލުމެއް އެބައިމީހުންނަށް ނުދޭ ޝުޢައިބު (عليه السلام) ރަޖަމުކުރުމަށް އެބައިމީހުން ރޭވި ހިނދު މާތްﷲ އެބައިމީހުން ހަލާކުކުރައްވާ ނެތިކުރެއްވިގޮތުގެ ވާހަކަ މަތީގައި ބަޔާންކުރެވިދިޔަ އާޔަތްތަކުގައި އެވަނީއެވެ.

ޝުއައިބުގެފާނު މަސައްކަތްޕުޅުކުރެއްވި ފަދައިން އެބޭކަލެއްގެ ޤައުމުގެ މީހުންނަށް އިސްލާމީ ރިސާލަތު ފަތުރައި މާތްﷲގެ ދީނަށް ގޮވާލެއްވި ބޭކަލުންނަށް ކުރިމަތިވެގެންދިޔަ އުންދަގުލާއި ދުއްތުރާތަކާއި އެ ޤައުމުތަކުގެ މީހުންގެ އުރެދުންތެރިކަމުން މަދްޔަނުގެ އަހުލުވެރިންގެ ކުރިންވެސް އެތަކެއް ޤައުމުތަކެއް މާތްﷲ ހަލާކުކުރައްވާ ނެތިކުރައްވާފައިވެއެވެ. އަދި މަދްޔަނަށްފަހުވެސް އެތަކެއް އުންމަތްތަކެއް ހަލާކުކުރައްވާ ނެތިކުރައްވާފައިވެއެވެ.

މި ލިޔުމުގައި އަލިއަޅުވާލެވޭތޯ މަސައްކަތްކުރާނީ އިސްވެދިޔަ އުންމަތްތަކުގެ ތެރެއިން ހަލާކުކޮށް ނެތިކުރެވުނު އުންމަތްތަކާއި އެފަދަ ރަށްތަކުގެ އަސަރުތަކުގެ ތެރެއިން މިހާރަށް ފެންނަންހުރި ހެކިތަކުގެ މައްޗަށެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި މިފަދަ ޤައުމުތަކުގެ ވާހަކަތައް ވަނީ ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާ އެބައިމީހުން ނެތިވެ ހަލާކުވެގެންދިޔަގޮތްތައް އެއީ އެހެން އުންމަތްތަކަށް އިބްރަތެއްގެ ގޮތުގައިލައްވާފައެވެ.

ކީރިތިޤުރުއާނުގައި މާތްﷲ ބަޔާންކުރައްވާފައިވާ ފަދައިން ހަލާކުކޮށް ނެތިކުރެއްވުނު ގިނަ ޤައުމުތަކަކީ ނުވަތަ އުންމަތްތަކަކީ އެޒަމާނުގެ ނިސްބަތުން އާރާއިބާރާއި ތަރައްޤީއާއި މުއްސަނދިކަމުން ކުރިއަރާފައިވާ ރަށްތަކާއި އުންމަތްތަކެވެ. އެކަމަށް އިޝާރާތް ކުރައްވައި ކީރި ޤުރުއާނުގެ އަންނަނިވި އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

”އެމީހުންގެ ކިތައް އުންމަތް ތިމަން ރަސްކަލާންގެ ހަލާކުކުރެއްވިން ހެއްޔެވެ! އެމީހުންނަށްވުރެ އިހުގެ މީހުން މާ ގަދަފަދައެވެ. (އެމީހުން (ފިލާން ދާނެތަނެއް އޮތްތޯ) ރަށްތައް ހޯދައި ބެލޫއެވެ. އެމީހުންނަށް (ފަހެ މަރަށް) ފިލަންދާނެތަނެއް ފެނުނު ހެއްޔެވެ؟“ (سورة ق 36)

މި އާޔަތުގައި މާތްﷲ ދެބާވަތެއްގެ މީހުންނަށް އިޝާރާތް ކުރައްވާފައިވެއެވެ. އެގޮތުން އެއްބަޔަކީ އާރާއި ބާރުގެ ގޮތުން ބާރުގަދަ ބައެކެވެ. އެގޮތުން އެޤައުމުތަކުގެ އަހުލުވެރިންނަކީ އާރާއިބާރު ބޭނުންކޮށްގެން އެބައިމީހުންގެ ޤައުމުތަކަށް ރައްކާތެރިކަން ހޯދައިދީގެން އުޅުނު ގަދަފަދަ ބައެކެވެ. އަދި އަނެއްބައި މީހުންނަކީ އެމީހުންގެ ހުނަރާއި އާކިޓެކްޗަރގެ ފުރިހަމަކަމުގެ ސަބަބަން ބޮޑެތި އިމާރާތްތައް ހަދައި ރައްކާތެރިވުމަށް އެބައިމީހުންގެ ރަށްތައް ވަރުގަދައަށް ފަރުމާކޮށް ބިނާކުރި ބައެކެވެ.

މިތަނުގައި ފާހަގަ ކޮށްލަންޖެހޭ ހަޤީޤަތަކީ މި އާޔަތުގައި ބަޔާންކުރައްވާފައިވާ ސިފަތަކަކީ މިހާރުގެ ބައެއް ޤައުމުތަކާވެސް ގުޅުންހުރި ސިފަތަކެއްކަމެވެ. މިގޮތުން ބައެއް ޤައުމުތަކުންދަނީ މިޒަމާނުގެ ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ތަފާތު ފަރުމާތައްކޮށް ވަރުގަދަ ބިނާތައްހަދައި އެބައިމީހުންގެ ސަހަރުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި އެފަދަ ގިނަ ޤައުމުތަކަކީ މާތްﷲ ގެ އެއްކައުވަންތަކަން ޤަބޫލުކުރާ ބައެއްކަމުގައެއް ނުވެއެވެ.

އެކަމަކު އިސްވެ ބަޔާންކުރެވުނު އާޔަތުގައި ބަޔާންކުރެވުނު ފަދައިން ތަރައްޤީއާއި އިންސާނުންގެ އާރާއި ބާރުން ކުރީގެ އުންމަތްތަކަކަށް ސަލާމަތްކަމެއް ނުލިބުނެވެ. އެހެނީ އެބައިމީހުގެ އުންމަތްތައް ވެގެންގޮސްފައިވަނީ ޙައްޤުގެ މަގުން އެއްކިބާވެފައިވާ ބައެއްކަމުގައެވެ.

ހަލާކުކޮށް ނެތިކުރެވުނު އުންމަތްތައް ހަލާކުކޮށް ނެތިކުރެއްވުނު ގޮތާބެހޭގޮތުން ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައިވާ ވަރަށްގިނަ ހެކިތައް މިޒަމާނުގެ ތާރީޚީ ހޯދުންތަކުންނާއި ސައިންޓިފިކް ތަޙްލީލުތަކުން ދަނީ އެނގި ހާމަވަމުންނެވެ.

އެހެންކަމުން ޤުރުއާނުގައި ބަޔާންކޮށްދެއްވާފައިވާ މި ޙަޤީޤަތުގެ ތެދުކަން މިހޯދުންތަކުންވެސް އިންސާނުންނަށް ދެނެގަނެވޭނެއެވެ. މާތްﷲ ވަނީ ދުނިޔޭގައި ދަތުރުފަތުރުކުރުމަށާއި އަދި އަޅުގަނޑުމެންގެ ކުރީގެ އުންމަތްތަކުގެ މަޢުލޫމާތު ހޯދައި އެކަންތައްތަކާމެދު ވިސްނައި ފިކުރުކުރުމަށް އަންގަވާފައެވެ.

”ކަލޭގެފާނުގެ ކުރީންވެސް ތިމަންސުވާމީންގެ ފޮނުއްވީ ހަމަ އެކިރަށްރަށުގެ އަހުލުވެރީންގެ ތެރެއިން އެބައަކަށް ވަޙީ ބާވައިލައްވައި ފޮނުއްވި ބައެކެވެ. ފަހެ (ކަލޭގެފާނަށް އިދިކޮޅުހަދާ ކާފިރުން) ބިމުގައި ހިނގާ ދަތުރުކޮށް އެމީހުންގެ ކުރިން ތިބި މީހުން ނިމިދިޔަގޮތް ނުބަލާހެއްޔެވެ. ހަމަކަށަވަރުން ތަޤްވާވެރިވީ ބަޔަކަށް އާޚިރަތުގައި ލިބެނިވިތަން (ދުނިޔެއަށްވުރެ) މާހެޔޮކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަށް ނުވިސްނޭބަވައެވެ؟“ (سورةيوسف 111-109)

ޝައްކެއްނެތް ގޮތުގައި ކުރީގެ އުންމަތްތަކުގެ ޚަބަރުތަކުން އަޅުގަނޑުމެންނަށް އިބުރަތްތެރި ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. އެ އުންމަތްތަކުގެ ތެރެއިން ފަނާކޮށް ނެތިކުރެވުނު އުންމަތްތަކުގެ ޖާހިލުކަމާއި މާތްﷲ އަށް އުރެދި އެކަލާންގެ އަމުރުފުޅުތަކަށް ފުރަގަސްދިނުމުގެ ސަބަބުން އެބައިމީހުންކުރިމަތިލާންޖެހު ކަންތައްތަކުގެސަބަބުން މާތްﷲ ގެ ޙަޟްރަތުގައި އެމީހުންނަކީ ކިހާ ނިކަމެތި އާރެއްބާރެއްނެތްބައެއްކަން ދޭހަވެގެންދެއެވެ.

ކުރިއަށްހުރި ބައިތަކުގައި މިފަދަ އުންމަތްތަކުގެ ވާހަކަތަކާއި އެފަދަ އިންމަތަކާއި ބެހޭގޮތުން ލިބިފައިވާ ތާރީޚީ ހެކިތައް ތިޔަބޭފުޅުންނަށް ގެނެސްދޭނަމެވެ.

ނިމުނީ

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި