އަޅުގަނޑުމެންނީ މުސްލިމުންނެވެ. ހައްޤުގެ މަގުގައި އަޅުގަނޑުމެން ތިބިކަމުގު ދަޢުވާ އަޅުގަނޑުމެން އަޑުހަރުކޮށް ކުރަމުންދާއިރު އަޅުގަނޑުމެންގެ އަމަލުތަށް ހަތް އުޑުގެ މަތިން ބައްލަވާފަރާތެއް ވާކަމާއިމެދު އަޅުގަނޑުމެންގެ ހިތުގައި ޔަޤީންކަމެއް ނެތެވެ.
އެކަލާނގެ ކުޅަދުންވަންތަވެރިކަމާއި އެކަލާނގެ އިންސާފުވެރިކަމުގެ ފުރިހަމަކަމާއިމެދު އަޅުގަނޑުމެން ހަމަހިލާ ޔަޤީނެއްނުކުރެއެވެ. ތިމާގެ ފަރާތުން އަނެކާއަށް އަދާކުރަންޖެހޭ ހައްޤުތަކާއިމެދު އަޅުގަނޑުމެންތިބެނީ ޣާފިލްކަމެއްގައެވެ. އަނެކާގެ ގަދަރާއި، އިއްޒަތާއި، ކަރާމާތުގެ މައްޗަށް ތިމާގެ ނަފްސުގެ އެދުން އިސްކޮށް އަނެކާއާއިމެދު އިހާނެތިގޮތްތައްހަދަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްކިތައް މީހުންތޯއެވެ؟
ތިބާގެ އަމަލުތަކުގެ ސަބަބުން އެމީހެއްގެ ދިރިއުޅުމާއި މުސްތަޤްބަލަށް ހިޔަނި އެޅިފައިވަނީ ކިތައްމީހުންތޯއެވެ؟ އިންސާފެއްނެތް ކިތައް ޖަރީމާ ތިބާގެ ކޮނޑުގައި އެޅިފައިވޭތޯއެވެ؟ ކިތައް މީހުންނާއިމެދު ތިބާ އިހާނެތިގޮތުގައި އަމަލުކޮށްފައިވޭތޯއެވެ؟ ކިތައް ކިތައް މީހުންގެ ފުރާނަ ތިބާގެ ޢަމަލުތަކުގެ ސަބަބުން ދުނިޔެއިން ވަކިވެގެން ގޮސްފައިވޭތޯއެވެ؟
”އަނިޔާވެރިން ކުރާކަންތަކާއިމެދު، ﷲ ޣާފިލްވެވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅު ނުކުރައްވާހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ.“ (14:42)
ތިރީގައި މި ބަޔާންކުރެވިދާ ވާހަކައަކީ އައްޝައިޚް މުޙައްމަދު ހަސަން އެބޭފުޅާގެ ދަރުސެއްގައި ގެނެސްދީފައިވާ ހަޤީޤީ ވާހަކައެއްގެ ތަރުޖަމާއެވެ.
މުޖުތަމަޢުގައި މަޤާމާއި ޤަދަރުގެ ގޮތުން މަތީ ދަރަޖަތައް ޙާޞިލްކޮށްފައިވާ މުއްސަނދި ފައިސާވެރިއެކެވެ. އޭނާ އޭނާގެ އަންހެނުންނާއި ދެދަރިންނާއެކު ދުނިޔޭގައި އިންސާނަކަށް ލިބޭނޭ މަތިވެރި އުފާލާއި އަރާމުގައި ދިރިއުޅެމުންދިޔައެވެ. ނަމަވެސް މި ފިރިހެން މީހާއަކީ މީހުންނާއިމެދު ވަރަށް ނުބައިކޮށް ޢަމަލުކުރާ އިންސާފެއް ހަމައެއްނެތް ހަރުހިތެއްގެ ވެރިއެކެވެ. މިވާހަކަތައް އަހަރެންނަށް ކިޔައިދިނީ އާނާގެ އަންހެނުންނެވެ.
އަހަރެމެން ދިރިއުޅެމުންދިޔައީ އާންމުކޮށް މީހުން އުޅޭ ސަރަހައްދާއި ވަކިންހުރި ގެއެއްގައެވެ. އަހަރެންގެ ފިރިމީހާއަކީ ޤަދަރުވެރި މީހެކެވެ. ނަމަވެސް އޭނާއަކީ ވަރަށް ހަރުކަށި އަޚްލާޤުދަށް މީހެކެވެ. އޭނާގެ ހަރުކަށި ނުބައި އަމަލުތަކުގައި އަހަރެންވެސް އައީ ބައިވެރިވަމުންނެވެ. އަހަރެމެންގެ ގޭގައި ގެންގުޅޭ ޚާދިމަކަށް އަހަރެމެންނާއި އެކު ކެތްކޮށްލެވޭނީ ގިނަވެގެން އެއްމަސް ނުވަތަ ދެމަސްދުވަހުގެ މުއްދަތަކަށެވެ. އެހެނީ އެގޮތަށް ގެނެވޭ ކުދިންނަށް އަހަރެމެންގެ ފަރާތުން އެތަކެއް އަނިޔާތަށް ކުރިމަތިކުރަމުން ދިޔައީމެވެ. ހަޅޭއްލެވުމުގެ އިތުރަށް އަނިޔާކޮށް އެކުދިންނާއިއެމެދު އިހާނެތި އެތައް ކަމެއް ކުރަމުން ދިޔައީމެވެ.
މިފަދައިން އަހަރެމެން ދިރިއުޅެމުން ދަނިކޮށް އެއްދުވަހަކު އަހަރެންގެ ފިރިމީހާގެ އަވަށުގެ ފިރިހެނަކު އޭނާގެ ދަރިފުޅު ގޮވައިގެން އަހަރެންގެ ފިރިމީހާގެ ގާތައް އަޔެވެ. އަދި ބުންޏެވެ. ”އަހަރެންގެ އަންހެން ދަރިފުޅަށް މިގޭގައި މަސައްކަތުމީހެއްގެ ވަޒީފާއަދާކުރުމަށް ބަހައްޓައިދެއްވާށެވެ. އެހެނީ އަހަރެމެންނަކީ ކައިގެން ބޮައިގެން އުޅެވޭނޭފަދަ ތަނަވަސްކަމެއްނެތް ބަޔަކީމުއެވެ. ވީމާ އަހަރެމެންނަށް މުސާރައެއް ލިބޭނޭފަދައިން މީނާ މިގޭގައި ޚާދިމާއެއްގެ ގޮތުގައި ބަހައްޓައި ދެއްވަންވީނުންތޯއެވެ؟“
އަހަރެންގެ ފިރިމީހާ މިކަމާއި އެއްބަސްވިއެވެ. އަދި ދެމީހުންމެ އެކަމުގެ އުޖޫރައަކަށްވެސް އެއްބަސްވިއެވެ. އަދި އެފިރިހެންމީހާ ކޮންމެމަހަކު މުސާރަބަލާ އަންނާނެކަމަށާއި ނުވަތަ މީހަކު ފޮނުވާނެކަމުގައި ބުންޏެވެ. ނަމަވެސް އުމުރުން އެންމެ ބާރަ އަހަރުގެ މި ކުއްޖާ އެގޮތަށް ކަންތައްނުކުރުމަށް އޭނާގެ ބައްޕަގެ ގާތުގައި ރޮއި އާދޭސްކުރިއެވެ. އޭނާބުންޏެވެ.“ ލޯބިވާ ބައްޕާއެވެ.
ތިމަންނައަށް މަންމައާއި ބައްޕައާ ނުލާ ދުރިގައި ދިރިއެއް ނޫޅެވޭނެއެވެ. އަހަރެން ދޫކޮށްފައި ނުދާށެވެ.“ ނަމަވެސް އެކުއްޖާގެ ރުއިމާއި އާދޭހުގެ އަޑު އެކުއްޖާގެ ބައްޕައަށް ނުއިވޭކަހަލައެވެ. އޭނާ އެތަން ދޫކޮށް އެނބުރި ހިނގައްޖެއެވެ.
މި ތުއްތު ކުއްޖާ މިހާރު ޖެހިފައިވަނީ ނުދަންނަ ބީރައްޓެހި ބައެއްގެތެރޭގައި ހާސްކަމާއި ބިރުވެރިކަމެއްގެ ތެރޭގައި، މަސައްކަތު މީހެއްގެ ގޮތުގައި ހުންނާށެވެ. މި އަންހެންކުއްޖާގެ ބޭބެއެއް ހުރެއެވެ. އޭރު އޭނާ ދިޔައީ އުރުދުންގައި ވަޒީފާއަދާކުރަމުންނެވެ. އޭނާގެ ބޭބެއަކީ އޭނާގެ ހަމައެކަނި އުންމީދެވެ.
އޭނާގެ ބޭބެ އޭނާގާތު ބުނަމުންދިޔައެވެ. ﷲ އިރާދަކުރެއްވިއްޔާ ތިމަންނާ އެނބުރި ގެއަށް އައުމަށްފަހު ކޮއްކޮ ގޭގޭގައި މަސައްކަތްކުރަންދާކަށް ނުޖެހޭނެއެވެ. އަދި ރީތި ގެއެއްގައި އުފާވެރިކަމާއެކު ދިރިއުޅެވޭނެއެވެ. އަހަރެން ކޮއްކޮއަށް އެވެނި މިވެނި އެއްޗެހި ގަންދޭނަމެވެ. ބޭބެގެ އުންމީދުން ފުރިގެންވާ މިބަސްތައްނޫނީ އެ ކުއްޖާއަށް މިދުނިޔޭގައި އުންމީދުގެ އަލިކަމެއް ނުފެނެއެވެ.
ނުނިމޭ- މި ލިއުމާއިމެދު ހިތްހަމަޖެހޭނަމަ fenvaru.mv ގެ އެފްބީ ޕޭޖަށް ލައިކް ކޮއްލަ ދެއްވާ










