Search Streamline Icon: https://streamlinehq.com

ކަލާވީ ބޭވަފާ…02

Kalaavee Beywafaa

މަރިޔަމް ޔަސްމާގެ – ކަލާވީ ބޭވަފާ…02 ( ދެވަނަބައި)

ކައްޝަފް އަވަސްއަރުވާލައިފައި މާ ބިންނަމުން ދަނިކޮށް ކަށްޓެއް ހެރުމުން އަތްދަމައިގަނެވުނެވެ. ބަލައިލިއިރު ލޭ އަންނަނީއެވެ. މާބޮޑުކަމަކަށް ނުހަދައި ދިހަވަރަކަށް މާ ބިނދެ ނިންމައިލިތަނާ ވާރޭ ބޯކޮށްލިއެވެ. އަވަހަށް އެތެރެއަށް ދާންވެގެން ގަސްތަކުތެރެއިން ނިކުންނަން ދުއްވައިގަތްތަނާ ދޮރާށިން ވަދެގެން އައި ކޮންމެވެސް މީހެއްގެ ގައިގައި ލައިގެންފިއެވެ. ”ޔާޒަން!“ ވަގުތުން ހިތް ބުނެލިއެވެ.

”ކައްޝަފް!“ އެއީ އެކަމަކު ޔާޒަންގެ އަޑެއް ނޫނެވެ. ކައްޝަފް ސިހިފައި ބަލައިލިއިރު ކުރިމަތީގައި ހުރީ އަވަށްޓެރިއެކެވެ. ”ކީއްވެފަ ވާރޭގަ ތިހުންނަނީ؟“ އަފްލާ ހުރީ ވެހެމުން ދިޔަ ވާރެއިން ސަލާމަތްވުމަށްޓަކައި ކުޑަ ނަގައިގެންނެވެ. ކުރެވުނީ ކުށްހީއެއްކަން އިހްސާސްވެފައި ކައްޝަފް ގަތްލަދުން މުޅި މޫނު ރަތްވެގެން އައެވެ. ”އައްދެ. އަހަރެން ގޮވައިލާއިރަށް ހާދަ ލަދެއް ތިގަތީ؟ އަދި ތި ފިނިފެންމާތަކޯ؟ ތިކޮންކަމެއް؟“ އަފްލާ ސުވާލުތައް އަމުނައިލިއެވެ. ”މި..މި…“ ކައްޝަފްއަށް ދޮގު ހަދާކަށް ފަސޭހައެއް ނުވިއެވެ.

”އެތެރެއަށް ގޮސް ވާހަކަދައްކަންވީނު.“ ކައްޝަފް ބޭނުންވީ އަވަހަށް އެތެރެއަށް ދާށެވެ. އަފްލާ ފަހަތުން އަންނާނެހެން އޭނާ ގޮސް އަސްކަނިދޮށަށް ހުއްޓިފައި އިސްތަށިގަނޑުން ފެންފޮޅައިލިއެވެ. ކުޑަ ބޭރުގައި ބަހައްޓާފައި ދެމީހުން ވަދެގެން ގޮސް އަފްލާ އިށީންދެލީ ސިޓިންރޫމް ސޯފާގައެވެ. ކައްޝަފް ފެން ހިއްކުމުގެ ބަހަނާގައި މައްޗަށް އަރައިގެން ގޮސް ޔާޒަން ކޮޓަރީގައި ހުރި ވާސްއަކަށް ފިނިފެންމާތައް ޖެހިއެވެ. ތިރިއަށް ފެއިބުމުގެ ކުރިން އޭނާ ކޮޓަރިއަށްވަދެ ތުވާލިން އިސްތަށިގަނޑު ހިއްކާލައި މޫނުވެސް ފުހެލިއެވެ.

މެންދުރަށް ކާންހަދާ ގަޑި ކައިރިވެފައި ހުރުމުން އަފްލާ ގިނައިރު މަޑެއް ނުކުރެއެވެ. އޭނާ އައީ ކައްޝަފް ފަހަން ހަވާލުކޮށްފައި އޮތް ހެދުމެއް ނިމިފައި އޮތުމުން އެ ހިފައިގެންނެވެ. އެގަޑީގައި މާމަ އެތަނަށް ނިކުތުމުން އަފްލާ ޖަވާބު ހޯދަން ބޭނުންވި ސުވާލުތައް ތަކުރާރު ކުރާނެ ފުރުސަތެއް ނުލިބުނެވެ. އެކުވެރިޔާ ފޮނުވާލައިފައި އެނބުރުނުއިރު އަޒާން އަތުވެއްޖެއެވެ. އަވަހަށް ގޮސް މޭޒުމައްޗަށް ކާތަށިތައް އަތުރަން ހުއްޓާ އަޒާން ވަނީ މާމައިން ގޮނޑީގެ މުއްގަނޑުގައި ހިފާ ކޮށްޕަމުންނެވެ. މީގެކުރިން ކައްޝަފް ކާން ހަދާފައި ނިކުތުމުން ވަންނަ މީހާއަށް މިފަހަރު އެއާ ޚިލާފު ވާން ޖެހުނީ މާމަގެ ސަބަބުންކަން ކައްޝަފްއަށް ވިސްނުނެވެ. އަޒާންއަށް އެގޮތް ކަމުނުދިޔަސް މާމަ ކަމަކަށް ބޭނުންވެދާނެ ކަމަށްޓަކައި އޭނާ ޖެހޭނީ އެތާ މަޑުކުރާށެވެ.

”ދަރިފުޅުތަ ޔާޒަންކޮއްކޮ ބަލައި އެއަރޕޯޓަށް ދަނީ؟“ ކާން ނުފަށައި މާމަ ފުރަތަމަވެސް އަހައިލިއެވެ. އެވަގުތު ކައްޝަފްއަށް ބަލައިލެވުނީ އަޒާންއަށެވެ. އަޒާން ދޭ ޖަވާބެއް ބަލައިލަން އޭނާވެސް ބޭނުންވިއެވެ. ”ލައްބަ.“ ކުރު ޖަވާބެކެވެ. އެހެން ދުވަސްތަކާއި ޚިލާފަށް ބްރޭކް ގަޑިއަށް އަވަހަށް އައި ސަބަބު ކައްޝަފް ދޭހަވީ އެހިސާބުންނެވެ. މީގެކުރިން އަޒާން އަންނަނީ މާމަވެސް ކައިނިމޭ ފަހުންނެވެ. ”ދަރިފުޅު ވާހަކަދެއްކިންތަ މަންމައާ؟ ބުނިތަ ކުއްލިއަކަށް ޔާޒަން މިކޮޅަށް އަންނަން ހުއްދަދިން ސަބަބު؟“ މާމަ އިތުރަށް އެހިއެވެ. އެސުވާލަށް ޖަވާބުދޭން އަޒާންއަށް އުދަނގޫވިކަން ކައްޝަފްއަށް އިހްސާސްވީ އިސްޖަހައިގެން އިންގޮތަށް ބާރުބާރަށް ފެންތަށީގައި ހިފައިލި ގޮތް ފެނިފައެވެ. އަދި އެވެސް އޭނާ ހުއްޓައެވެ.

”ކަމެއް ބޭނުންވަންޏާ ގޮވާލައްވާ. އަޅުގަނޑު ހުންނާނީ އަޑުފޯރާ ހިސާބުގައި.“ ކައްޝަފް އެދެމައިންނަށް ފުރުސަތު ދީފައި އެތަނުން ދާން ނިންމިއެވެ. މާމައަށް އެއްޗެއް ނުބުނެވެނީސް އޭނާ އަވަހަށް ބޭރަށް ދެމިގެންފައި ގޮސް ވެހެމުންދިޔަ ވާރެއަށް ބަލަން މައިދޮރު ކައިރިއަށް ހުއްޓުނެވެ.

ކެއުން ނިންމާފައި ނިކުމެ ހެދުން ބަދަލުކޮށްގެން އަޒާން ނިކުތްފަހުން އެންމެ ހިނދުކޮޅަކަށްވެސް ކައްޝަފްގެ ނަޒަރު ގޭގެ މައިދޮރުން ނެއްޓޭ ވަގުތެއް ނައެވެ. ސިޓިންރޫމްގައި އެދިމާއަށް ބަލަން އިނދެއްޖެނަމަ މާމައަށް ޝައްކެއް ވެދާނެތީ އޭނާ ތަންތަން ފޮޅާކަމަށް ހެދުނެވެ. އޮފްއަރައަރާ އޮތް މާބްލް ތަޅަންމަތީގައި ކުނިކޮޅެއް ނެތިވެސް ފިހިގަނޑު ނަގައިގެން އައިސް ކުނިކެހިއެވެ.

ފޮތިގަނޑަކުން ކުޑަމޭޒާއި ޓީވީ އަދި އެތާހުރި ކެބިނެޓްތެރޭ ފެންނަން ހުރި ތަށިތަކާއި މެޑެލްތައް ފުހެ ސާފުކުރިއެވެ. އެއިން ކޮންމެ މަސައްކަތެއްގައި އުޅޭއިރުވެސް މިނެޓަކު ދެފަހަރު ކަހަލަ ގޮތަކަށް އޭނާގެ ނަޒަރު މައިދޮރާއި ދިމާއަށް ދަތުރުކޮށްފައި ދެއެވެ. ބޭރުން ކާރެއްގެ އަޑު އިވިއްޖެނަމަ ހިތް އަވަސްވެ އަތްފައި ފިނިވެއެވެ. އެތެރެއަށް ބަޔަކު ނައިސް ގިނައިރުވުމުން ފުން ނޭވަޔަކާއެކު އަނެއްކާވެސް އިންތިޒާރުކުރަން ފަށައެވެ.

”ކައްޝަފް. ދަރިފުޅު މިއަދު މާބުރަކޮށެއްނު ތިއުޅެނީ؟ ކޮންމެ ދުވަހަކު ފޮޅާ ސާފުކުރާ ތަންތާ ދެން ކޮން ހަޑިއެއް ހުންނާނީ؟ ލިބުނު ހުސްވަގުތުކޮޅު ދެންވެސް ދޭބަލަ ތަނެއްގަ އިށީންދެލަން!“ މާމައަށް ކައްޝަފް ކުރާ މަސައްކަތް ފެނިގެން ހިމޭނުން އިންނަން އުދަނގޫވިއެވެ. އެވަގުތު ކައްޝަފްގެ ޖަވާބަކަށް ހަމައެކަނި ވީ ލައްބައޭ ބުނެ އެއްބަސްވުމެވެ. މާމަގެ އެއްވެސް އެދުމަކާއި ދެކޮޅު ހެދުމުގެ ހިތްވަރެއް ކައްޝަފްގެ ނުހުރެއެވެ.

ކޮޓަރިއަށް ވަދެ މޫނު ދޮވެ ތާޒާވެލައިގެން ކައްޝަފް ދެން ނިކުތީ ބެލްކަންޏަށެވެ. ވާރޭ ހުއްޓާފައި އޮތެއްކަމަކު ބެލްކަނި އޮތީ ތެމިފައެވެ. ފެންތިކިތައް ހަރުލާފައިވާ ރެއިލިންގައި ހިފަހައްޓާލައިގެން ހުރެ އޭނާ ބޭރު ބަލަން ފެށިއެވެ. މަތީގައި ހުންނައިރު ގޯތިތެރޭ ހުރި ބޮޑު އަނބުގަހުގެ ގޮފިތައް ތެރެއިންވެސް ދޮރާށި އޮންނަނީ ރީތިކޮށް ފެންނާށެވެ. އެތަނުގައި ހުންނައިރު ދޮރާށިން ވަދެ ނިކުމެވާ މީހުންނާއި މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ދާންދެން ފެނެއެވެ.

ގިނައިރެއްނުވެ ކައްޝަފްގެ އިންތިޒާރަށް ނިމުން އަތުވެއްޖެއެވެ. ދޮރާށި ކައިރިއަށް އައިސް މަޑުކޮށްލިތަން ފެނުނީ އަޒާން ދިޔަ ކާރެވެ. ބޭރަށް ލައިލައި ހުރި ނޭވާ ކަރާއި ހިސާބުން ހިފަހައްޓާލައިގެން ކައްޝަފްއަށް ހުރެވުނީ ޔާޒަންގެ މޫނު ދެކެލަން ތައްޔާރުގައެވެ. ރެއިލިންގައި ހިފަހައްޓާލެވިފައި އޮތް ދެއަތުން ކުރިއަށްވުރެ ބާރުކޮށްލެވުނެވެ. ”ޔާޒަން“ ހިތާއި ހިތުން އެނަން ކިޔައިލެވުނީ ކިތައްފަހަރު ކަމެއް ނޭނގެއެވެ. ބަލަބަލާހުއްޓާ ދެން ފެނުނީ ދޮރާށި ހުޅުވައިލި ތަނެވެ. ކައްޝަފް ނޭވާ ނުލައި ހުއްޓާ އެދޮރުން މީހަކު އެތެރެއަށް ވަދެއްޖެއެވެ.

އަޒާންފަދައިން ދިގު އިސްކޮޅަކާއި ފަތިހަށިގަނޑެއްގެ ވެރިއެކެވެ. ކަނދުރާގައި ކޭއްތިލާ ވަރަށް ދިގުކޮށްފައި އޮތް ފަން އިސްތަށިގަނޑެކެވެ. ބޮލުގައި އޮތް ތޮޕްޕާއެކު އަވި އައިނަކުން އެދެލޯ ފޮރުވާލައިފައި ހުރުމުން މާބޮޑަށް ސޫރަ ފެންނަގޮތެއް ނުވިއެވެ. އަމުދުން ކައްޝަފް ހުރީވެސް މާ މަތީގައެވެ. އެކަމަކު އެއްކަމެއް ޔަޤީންވެއްޖެއެވެ. އެއީ ޔާޒަންއެވެ. އެކަން އަންގައިދިނީ އޭނާގެ ހިތެވެ. ނޭވާކޮޅަށް ދިއުމުން ނޭވާލީއިރު އަނެއްކޮޅުން ހިތް މަޑުޖެހިލީ ދުވަސްތަކެއް ވާންދެން ވަކިވެފައިވާ ލޯބިވެރިޔާ ފެނުމުންކަން ކަށަވަރެވެ.

ކައްޝަފްއަށް ދެން ކަންތައް ކުރާނެ ގޮތެއް ނޭނގުނެވެ. ކެތްމަދުވެފައި ތިރިއަށް ދާންވެގެން އަނެއްފަރާތަށް އެނބުރު ތަނުން ދެފައި ހަރަކާތެއް ނުކުރިއެވެ. ލަދުވެތިކަމާއި ނުތަނަވަސްކަން އެކުވެގެން ހިތްވަރު އެލުނީއެވެ. އޭރު ޔާޒަން ހަމަޖެހިލާފައި ގޮސް މައިދޮރުން ވަދެއްޖެއެވެ. ފަހަތުން އަޒާން ވަދެފައި އެއްޗެއް ހީވެގެން މަތި ބަލާލިއިރު ކައްޝަފް ފުރަގަސްދީގެން ހުއްޓެވެ. އުނަގަނޑާއި ހަމައަށް ދެމިފައިވާ ރޭގަނޑެއްފަދަ ކަޅުއިސްތަށިގަނޑުގައި ވައިރޯޅި ބީހެމުން ދެފަރާތަށް އުދުއްސަމުން ދިޔައެވެ.

”ދަރިފުޅާ! ޔާޒަން!“ ސިޓިންރޫމް ސޯފާގައި އިން ޞޮބީހާއަށް ޔާޒަން ފެނުމުން ގޮވައިލީ ޔަޤީންކުރަންވެގެން އަހައިލިފަދަ ގޮތަކަށެވެ. ”މާމާ. މީ އަޅުގަނޑޭ.“ ޔާޒަންގެ ކޮނޑުގައި އޮތް ދަބަސް ތިރީގައި ބަހައްޓާފައި ގޮސް މާމަގެ ކައިރީ ކުޑަކަކޫ ޖަހައިލިއިރު މާމަގެ ދެއަތް އުފުލިއްޖެއެވެ. ފެންކަޅިވެފައި ހުރެގެން ޔާޒަންގެ ކޯތާފަތުގައި މާމަ ދެއަތުން ހިފަހައްޓައިލިއެވެ. އެއަށްފަހު ފުރަތަމަވެސް މައްޗަށް ނަޒަރު ހުއްޓާލައި ތަކުރާރުކޮށް ހެއްދެވިފަރާތަށް ހަމްދު އެޅިއެވެ. އޭނާގެ ދަރިފުޅު ކުރިމަތިން ދެކިލަން މިލިބުނީ ހާދަ ގިނަ ދުވަސްތަކަކަށް ފަހުއެވެ.

”މާމަ ކީއްވެތޯ ތިރޮނީ؟ މާމަ އުފަލެއްނު ވާންވީ އަޅުގަނޑު އައީމަ.“ ޔާޒަން ހިނިތުންވެފައި އިނދެގެން ސަމާސަކޮށްލިއެވެ. އެތައް ދުވަހަކަށްފަހުވެސް ދަރިފުޅުގެ ލާނެތް މިޒާޖަށް ބަދަލެއް އައިސްފައި ނެތުމުން މާމަ ވީ އުފަލެވެ. އެތައް ދުވަހަކަށްފަހުވެސް އެއީ އޭނާގެ މާމަ ދަރިފުޅެވެ. އެހިނިތުންވުމެވެ. އެލާނެތްކަމެވެ. ”ސާބަހޭ މީއުފަލުގެ ކަރުނައެއްނު ދަރިފުޅާ.“ ސޮބީހާ ހީގެންފައި ޔާޒަންގެ ނޭފަތުގައި ހިފައިލިއެވެ. ”މާމަ ރަނގަޅު ދެއްތޯ؟“ ޔާޒަން ސީރިއަސްވެފައ މާމަގެ ދެއަތުގައި ހިފާ ތިރިކޮށްލަމުން ބާރަށް ފިތައިލިއެވެ. ”އިރާދަކުރެއްވީތީ ވަރަށް ރަނގަޅު.“ ޞޮބީހާ ޖަވާބުދިނެވެ. އެވަގުތު އަޒާން ވަންއަޑަށް ދެމައިން އެދިމާއަށް ބަލާލައިފައި ޔާޒަން ތެދުވެ ސޯފާގައި ހަމަޖެހިލިއެވެ. ފަހަތުން ވަން ހަނީފު އަތުގައި ހުރި ފޮށިގަނޑު ބަހައްޓަންވީ ތަނަކާ ބެހޭގޮތުން ސުވާލުކުރިއެވެ.

”ހަނީފުބޭ ފޮށިގަނޑު ގެނޭ މިތަނަށް. މާމައަށް ގެނަ ހަދިޔާތައް ދޭން މިހާރުވެސް ލަސްވެއްޖެ.“ ޔާޒަން ތެދުވެފައި ބުނެލިއެވެ. ”އަދި ނެތެއްނު ތިކަން ނުވެފައެއް. ފުރަތަމަ ދަރިފުޅު ދޭ ފެންވަރާ ތާޒާވެލަން. ނިކަން ބަލައިބަލަ ތިހިރަ އިސްތަށިގަނޑެއް. މާދަން އިރުއަރަންވާއިރަށް ވާނެ ތިއިސްތަށިގަނޑު ކޮށަން.“ ޞޮބީހާ އަމުރުކުރާ ވައްތަރަށް ވާހަކަދެއްކިއިރުވެސް އަޑުގައި ހަރުކަށިކަމެއް ނެތެވެ. މާމަގެ މިވާހަކައިން ޔާޒަން ގާތަށްއައީ ނުލަފާ ހިންޏެކެވެ.

”މީ ފެޝަނޭ މާމާ. މާމަމެން ހުންނާނީ ކުރީގެ މުސްކުޅި ހިޔާލު.“ ޔާޒަން ބޮލުގައި އޮތް ތޮފި ނަގަމުން އަނެއް އަތުގެ އިނގިލިތައް އިސްތަށިގަނޑުތެރެއަށް މަހާލައިފައި ތިރިކޮށްލިއެވެ. ހަދިޔާފޮށިގަނޑު ކަނޑަން އަންނާނަމޭ ބުނެ ދަބަސް ނަގައި ކޮނޑުގައި އަޅުވާލައިގެން ސިޑިއާ ދިމާއަށް ހިނގައިގަތްއިރު އަޒާންވެސް އައިސް ހުއްޓުނުގޮތަށް ކޮއްކޮގެ ހަރަކާތްތަކަށް ބަލަން ހެވިފައި ހުއްޓެވެ.

ޔާޒަން ގޮސް ސިޑީގެ ފުރަތަމަ ހަރުފަތަށް އެރިއިރު އަނެއްކޮޅުން ކައްޝަފް މަތީގައި ހުރެފައި އައިސް ފައިބަން ތައްޔާރުކޮށްލީއެވެ. އެވަގުތު އޭނާއަށް ޔާޒަން ފެނުމުން ދެފައި އެހިސާބުގައި ހަރުލައިފިއެވެ. އައިސް ކައިރިވުމުން ކައްޝަފް ކުރެވުނުހާވެސް ކަމަކީ އިސްއޮބައިލުމެވެ. ނަތީޖާއެއްގެ ގޮތުން، ދޫކޮށްލައިފައި އޮތް ފަން އިސްތަށިގަނޑުގެ ބައެއް މޫނުމައްޗަށް ވެއްޓި އެދެމެދަށް ފަރުދާ އެޅިއެވެ. ކައްޝަފްއަށް އެއިސްތަށިތައް އެއްފަރާތްކޮށްލަންވެސް ނުކެރިފައި ހުރިގޮތަށް ހުރެވުނީއެވެ.

”ކައްޝަފް ކީއްވެފަ ތިތާ ތިހުރީ؟“ އިރުކޮޅަކުން މާމަ ވާހަކަދެއްކި އަޑަށް ކައްޝަފް ސިހުނެވެ. އެވަގުތު އޭނާ އެންމެ ހައިރާންވީ ކުރިމަތީގައި ޔާޒަން ނެތީމައެވެ. ކައްޝަފް އިސްތަށިގަނޑު ރީތިކޮށްލައިފައި ވަށައިގެން ހޯދައިލިއިރު ޔާޒަން މައްޗަށް އަރައިގެން ގޮސް އޮބާލަނީއެވެ. އެވަގުތު މެއަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލެވުނު ހެންނެވެ. ޔާޒަންއަށް އޭނާ ފާހަގަ ކުރަން ނޭނގުނީ ހެއްޔެވެ؟ ނޫނީ ގަސްތުގައި އޭނާ ތަޅުވާލަން ސަމާސަކޮށްލީ ހެއްޔެވެ؟ ގޮތެއް ނިންމާކަށް ކައްޝަފްއަކަށް ނޭނގުނެވެ. އޭނާ މާމައަށް ޖަވާބުދޭންވެގެން ބަލައިލިއިރު އަޒާންގެ ނަޒަރު އެމޫނަށް ހުއްޓާ ފެނުމުން ވަކިން ކަންބޮޑުވެއްޖެއެވެ. ޔާޒަން ފެނިގެން އޭނާ އުޅުނުގޮތާއި ޔާޒަން އޭނާ ފެންނަކަމަށް ނުހަދައި ދިއުމުން މޫނަށް އެރި ކުލަވަރު އަނެއްކާ އަޒާންއަށް ފެނުނުބާވައޭ ހިތަށް އަރައި ނިކަން ލަދުގަތެވެ.

”މާމަ ކަމެއް ބޭނުންވެލެއްވީ ތޯ؟“ ކައްޝަފް މައުޟޫ ބަދަލުކޮށްލަމުން ތިރިއަށް ފައިބަން ފެށިއެވެ. ”ކަމެއް ބޭނުން ވެގެނެއް ނޫން. ތިތާ ހުރީމަ.“ ކައްޝަފް އައިސް ކައިރިއަށް ހުއްޓުމުން ޞޮބީހާ ޖަވާބުދީފައި އަތުން އިޝާރާތްކުރީ ކައިރީގައި އިށީނުމަށެވެ. އަޒާން އެވަގުތު މާމަ ހުއްދަ އަތުލައިގެން އެތަނުން ތެދުވެގެން މައްޗަށް އަރަން މިސްރާބު ޖަހައިފިއެވެ.

ކުޑައިރުކޮޅެއް ފަހުން އަޒާން ގޮސް ކޮއްކޮ ކޮޓަރިއަށް ވަންއިރު ޔާޒަން ހުރީ ފެންވަރައިގެން ނިކުމެ ޖިންސުގައެވެ. އެއް އަތުން ތެތް އިސްތަށިގަނޑު ހިއްކަމުން އަނެއް އަތުން ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ކޮންމެވެސް މީހަކާއި ވާހަކަދައްކަނީއެވެ. އަޒާން ވަދެ އެނދުގައި އިށީންދެފައި ވަށައިގެން ނަޒަރު ހިންގައިލިއިރު ކައްޝަފް ގެނެއްސައި ހުރި ތާޒާ މާތަކުގައި އަޅައިގަތެވެ. ކައްޝަފް ޔާޒަންއަށްޓަކައި އެހުރިހާ ތައްޔާރީއެއް ކުރިއިރު ޔާޒަން އޭނާ ފެންނަ ކަމަށްވެސް ހަދައިނުލީ ގަސްތުގައިތޯ އޮޅުންފިލުވަން އަޒާންވެސް ބޭނުންވިއެވެ.

”ޒެން ކީއްތިކުރީ؟“ ޔާޒަން ފޯނު ބޭއްވިތަނާ އަޒާން އެހިއެވެ. ”ތިބުނީ؟“ ދެއަތުން ބޯހިއްކާލުމަށްފަހު ތުވާލި އެތާހުރި ގޮނޑިއަކަށް އެއްލަމުން ޔާޒަން އެހިއެވެ. ޑްރެސިންޓޭބަލް ކުރިމައްޗަށް ހުއްޓި ހުރެގެން އޭނާ ރީތިވާން ފެށިއެވެ.

”ކައްޝަފް ފެންނަކަމަށް ނުހަދާ އޭނާ ކުރިމަތިން ތިއައީ ހަމަ ގަސްތުގައިތަ؟“ އަޒާންގެ ސުވާލު އަހައިފައި ޔާޒަން އެމޫނަށް ބަލައިލީ ލޯގަނޑުންނެވެ. ”ކާކު؟“ އެއަޑުގައި ހުރީ އާދައިގެ ގޮތެކެވެ. އަޒާންއަށް ޤަބޫލުކުރަން ދަތިވިއެވެ. ޔާޒަން ހަޤީޤަތުގައިވެސް ކައްޝަފް މަތިން ހަނދާން ނައްތައިލީ ހެއްޔެވެ؟

”ސިޑިމަތީ ހުރި ކުއްޖާތަ؟“ ޔާޒަން އިރުކޮޅަކުން އަހައިލިއެވެ. ”އަހަރެން ހީކުރީ އެއީ މިގޭގެ ނޯކަރެއް ކަމަށް. އެހެންވެ އެކުން އަޅާނުލައި އައީ؟ ހޫ އިޒް ޝީ؟“ ޔާޒަން ތަންކޮޅެއް ޝައުޤުވެރިވެފައި އެނބުރި ބަލައިލިއެވެ. އަޒާންގެ މޫނަށް އޭނާ ބަލަން ހުރީ އެސުވާލުގެ ޖަވާބު ހޯދަން ބޭނުންވެފައެވެ. އެއަންހެންކުއްޖާއަކީ އެގެއާ ކިހާވަރެއްގެ ގުޅުމެއް ހުރި ކިހާ ޚާއްޞަ ކުއްޖެއްކަން ބަލަން ބޭނުންވީ އަމިއްލަ ޝައުޤުވެރިކަމަށްވުރެ ބޮޑަށް އަޒާން އެސުވާލު ކުރީމައެވެ.

އަޒާން އެހިސާބުން ވާހަކަ ކުރުކޮށްލައިގެން އިންދާ އިސްވެ ދެން ސުވާލު ކުރީ ޔާޒަންއެވެ. ”ކޮން ނަމެކޭތަ ބުނީ؟“ ޔާޒަން އެހީ އަޒާން ކުޑައިރުކޮޅެއްކުރިން ބުނި ނަމާއި ބެހޭގޮތުންނެވެ. ހަނދާންކުރަން މަސައްކަތް ކުރަމުން އޭނާ ސިކުނޑިއަށް ބާރުލިއެވެ.

”ކައްޝަފް. މީގެ ނުވައަހަރު ކުރިން ޒެން މިކޮޅުގައި އުޅުނުއިރު ކައްޝަފް މިރަށަށް އައިސް މިގޭގައި މަޑުކުރީ އޭނަ މަންމަގެ ބޭސް ފަރުވާއަށް. މަންމައާ ޒެން މިގެއިން ދިޔައިރުވެސް އެމީހުން ތިބީ މިކޮޅުގައި.“ އަޒާން ހަމަޖެހިލައިގެން އިނދެ ކިޔައިދިނެވެ. ”ދެން މިހާރު އޭނަ އައިސް އެއުޅެނީ އަނެއްކާވެސް އެކަހަލަ ކަމަކުތަ؟“

ކައްޝަފްމަތިން އޭނަ ހަނދާންވިކަމުގެ ކުލަވަރު ފެނުނަސް މާ ޚާއްޞަކަމެއް އެއަޑަކު ނެތެވެ. ”އޭނަ އެދުވަހުން ފެށިގެން މިގެއަކުން ނުދޭ. މަންމަ ނިޔާވެ އެކަނިވީމަ ބައްޕަ ބުނީ މިގޭގައި މަޑުކުރަން. އޭގެ ފަހުން މިގޭގަ އުޅެނީ. ޒެންއާ ކައްޝަފް މާ އެކުވެރިކޮށް އުޅެފަ ޒެން ފުރައިގެން ދިޔަފަހުން ގުޅާ ފަހަރަކުވެސް އޭނަގެ ވާހަކަ އަހާނުލީމަ އަހަރެން ކުޑަކޮށް ހައިރާންވި.“ އަޒާން އިތުރަށް އޮޅުންފިލުވައިދީފައި ބުނެލިއެވެ.

”އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަން ކައްޝަފް އުޅެނީ މިގޭގައި ކަމެއް. އަހަރެން އަބަދުވެސް ހީކުރީ މަންމަ ރަނގަޅުވީމަ ދާނީ ރަށަށް ކަމަށް.“ ޔާޒަން އެނބުރި ގޮސް ދަބަހުން ޓީޝާޓެއް ނަގައިގެން ބޮލަށް މަހައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި