Search Streamline Icon: https://streamlinehq.com

ދިވެހިރާއްޖޭގައި ބަބުރުން

Baburun

ދިވެހިރާއްޖޭގައި ބަބުރުން އުފެދުނީ ކިހިނެއް؟

ދިވެހި ތާރީޚްގެ ތެރޭގައި ހިރަފުސް އަރާ ފޮރުވިފައިވާ ޙާދިޘާތަކާއި ހިރަފުސް އަރަމުން ފޮރުވެމުންދާ ޙާދިޘާތައް ވަރަށް ގިނައެވެ. ޚާއްޞަކޮށް އެވޭލާ ޒަމާނުގައި ހިނގާފައި ހުރި ރަށްފުށު ކަންތައްތަކަކީ ދޫދޫ މަތިން ދެކެވެމުންގޮސް މުޅިން ގެއްލި ނެތިދާ ކަންތައްތަކެވެ. ނުވަތަ ހަނދާނުން ކެހިގެންދާ ކަންތައްތަކެވެ.

މިފަދަ ގިނަ ޙާދިޘާތަކަކީ ތާރީޚީގޮތުން އިތުބާރުކުރެވޭ ފަދަގޮތަކަށް ދަފްތަރުތަކުގައި ނަކަލުކުރެވިފައިވާ ކަންކަމެއްނޫނެވެ. އެހެންކަމުން ޒަމާނުގެ ހިރަފުހާއި އެކުވެގެންގޮސް ވަޅުޖަހައިދަނީ ކަނޑުގައި އެޅޭ ރޮނގެއް ފުހެވިގެންދާހާ އަވަހަށެވެ. ދެން ފެންނަން އޮންނަހާވެސް އެއްޗަކީ ނުވަތަ އެނގޭހާ އެއްޗަކީ އެފަދަ ކަމެއް ހިނގާފައިވާކަމުގެ ނިޝާންތައް އެސަރަޙައްދުން ފަނޑުގޮތެއްގައި ނަމަވެސް ފެންނަން ހުރުމެވެ.

މިފަދަ ނިޝާންތަކަށް ބައްލަވައިގެން ތާރީޚު ޢިލްމުވެރިން ކުރައްވާ ދިރާސާތައް ބައެއް ފަހަރަށް ކަމުގެ އަސްލާއި ވަރަށް ބޮޑަށް ތަފާތުވެއެވެ. އަދި ދޫދޫމަތިން ދެކެވެމުން އަންނަ ވާހަކައާއި ޙާދިޘާ އާއިވެސް ބައެއްފަހަރު ފުށު އެރުމެއް ހުރެއެވެ.

ނަމަވެސް މިފަދަ ކަންކަމުގެ އަލީގައި އެފަދަކަމެއް ހިނގާފައިވާކަމުގެ ހެކިތަކަށް އިތުރު ޔަގީންކަމެއް ލިބެއެވެ. ކަންމިހެން ހުރުމާއިއެކު އެފަދަ ދޫދޫމަތިން ދެކެވެމުން އަންނަ ތާރީޚީ ވާހަކަތައް މާ ދުރަށް ނުދަނީސް ލިބުނު އެންމެ ޞައްޚަ މަޢުލޫމާތެއްގެ އަލީގައި ލިޔެ ރައްކާކުރުމަކީ ބޭނުންތެރިކަމެކެވެ. އަދި ކުރިމަގުގެ ދިވެހި ޖީލަށް ކުރެވޭ ވަރަށް ބޮޑު ހަދިޔާއެއްވެސްމެއެވެ.

ދިވެހި ތާރީޚްގައި ފަނޑުކޮށް، ކުޑަކޮށް ނަމަވެސް ލިޔެވިފައިވާ އެއް ޙާދިޘާކަމުގައިވާ ދިވެހިރާއްޖޭގައި ބަބުރުން (އެފްރިކާ ބަބުރުން) އުޅުނު ކަމާއި ބަބުރުންގެ މަތިކޮޅު ނުވަތަ ނަސްލު މިހާރުވެސް އއ.ފެރިދޫގައި (އަޅުގަނޑުގެ ރަށުގައި) އޮތްކަމަށް ދެކެވޭ ވާހަކަވެސް ދޫދޫމަތިން ދެކެވެމުން ޒަމާނުގެ ހިރަފުހާއި އެކުވެގެން ދާއިރު ދުނިޔޭގެ ކަންކޮޅުތަކުގައި މި ޙާދިޘާ ހޯދުމުގެ ޝައުޤުވެރިކަން އުފެދިފައިވާ ޢިލްމުވެރިންވެސް އެބަތިބިކަމުގައިވެއެވެ. ކޮންމެއަކަސް މި ޙާދިޘާވެސް މިފަދަ ސަފްޙާ އެއްގައި ކުރު ގޮތަކަށް ނަކަލު ކޮށްލުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި ދެކޭތީ ނަކަލުކޮށްލަމެވެ. އަދި މި ނަކަލުކުރާ ޙާދިޘާއަކީ މިހާރު ދުނިޔޭގައި ތިބި މި ނަސްލުގެ އެންމެ ގާތްމީހުންގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އަލީގައި ނަކަލުކުރާ ނަކަލެކެވެ.

އައްސުލްޠާން މުޙައްމަދު މުއީނުއްދީނު 1 ގެ ރަސްކަމުގައި އެރަސްގެފާނު ބޭރުން (އެފްރިކާއިން) ބައްލަވައިގަނެގެން ގެންނެވި 3 އަޅުބަބުރުން އެރަސްގެފާނު ދުވަސްކޮޅަކު ގެންގުޅެއްވުމަށްފަހު ފޮނުވާ ލެއްވެވީ އަރިއަތޮޅު އުތުރުބުރީ ފެރިދޫ އަށާއި މާޅޮހަށާއި ހިމަންދޫ އަށްކަމުގައިވެއެވެ. މިގޮތަށް ފޮނުވާލި ގޮތާއި ބެހޭގޮތުން ދެ ގޮތަކަށް ވާހަކަދެކެވެއެވެ.

އެއްގޮތަކީ މިނިވަންކުރައްވާފައި ފޮނުވާލެއްވިކަމުގައެވެ. އަނެއް ގޮތަކީ އެބަބުރުންގެ އުދަނގޫ މާލެތެރޭގައި މާބޮޑުވެގެން ފޮނުއްވާލީ ކަމުގައެވެ. މިގޮތުން ހިމަންދޫ އަށް ފޮނުވާލި ބަބުރުގެ ނަމަކީ ބިލާލެވެ. މާޅޮހަށް ފޮނުވާލި ބަބުރުގެ ނަމަކީ މަރުޖާނެއެވެ. އަދި ފެރިދޫ އަށް ފޮނުވާލި ބަބުރުގެ ނަމަކީ ސަންގޯރެވެ. ހިމަންދޫ އާއި މާޅޮހަށް ފޮނުވާލި ދެ ބަބުރުންގެ ދަރިފަސްކޮޅެއްނެތެވެ. އެމީހުންނަކަށް ދަރިއަކު ނުލިބެއެވެ. ނަސްލު ދެމިގެންދިޔައީ ފެރިދޫ ފޮނުވާލި ސަންގޯރުގެ ފުށުންނެވެ.

ބުނެވޭގޮތުގައި މި ސަންގޯރު ފެރިދޫ އަށް ފޮނުވާލި ދުވަސްވަރަކީ ފެރިދޫ ފަޅުވެފައި އޮތުމަށްފަހު އާބާދުވި ދުވަސްވަރެކެވެ. މި ސަންގޯރު އިނދެގެން އައި މީހަކީ ބޭރުކަރައެއްގެ މީހެކެވެ. އެމީހާ އަށް ފެރިދޫ މީހުން ކިޔާ އުޅުނީ ”ކަޓަކުމާމަ“ އެވެ. ބުނެވޭގޮތުގައި އެ މީހާއަކީ ”ކަޓަކު“ ކިޔާ ރަށެއްގެ އަންހެނަކަށް ވާތީ އޭނާ އަށް ކަޓަކުމާމަ ކިޔަނީއެވެ. އަދި މި ސަންގޯރަށް ކިޔުނީ ”ބަބުރުކާފަ“ އެވެ.

ސަންގޯރު ފެރިދޫގައި އުޅުނު ދުވަސްވަރު ދިވެއްސަކާ ކައިވެނިކުރި ކަމަށްވެއެވެ. އެއީ ދެއަންބަށެވެ. ސަބަބަކީ ކަޓަކުމާމައަށް ދަރިން ނުލިބޭތީ ކަމުގައިވެއެވެ. ސަންގޯރު (ބަބުރުކާފަ) އިން ދިވެހި އަންހެންމީހާ އަށް ހަ ދަރީން ލިބި ދުނިޔޭގައި ތިބެ ބޮޑެތިވެގެން ބަބުރުކާފަގެ ބަބުރު ދަރިފަސްކޮޅު ދެމިގެން ދިޔައީ ކަމުގައިވެއެވެ. ސަންގޯރު އިން ދިވެހި އަންހެންމީހާ، މަރުވީ ކަޓަކުމާމަ ވިހައެއް ކާންދީގެން ކަމުގައިވެއެވެ. އެއީ ދަރިން ލިބުމުން ސަންގޯރު ނުވަތަ ބަބުރުކާފަގެ ސަމާލުކަން ދަރިންގެ މަންމަ (ދިވެހި އަނތްބަށް) މާބޮޑަށް ދެވުނީކަމަށް ވެދާނެއެވެ.

ސަންގޯރަށް ލިބުނު ހަ ދަރީންނަކީވެސް އިސްކޮޅުން ބޮޑެތި ޖާނުން ވަރުގަދަ ގައިގެ މަސްފަލަ ކަޅު، ބޮޑެތި ބޯ އެނބުރިފައިތިބި މީހުންނެވެ. އެއިގެ ތެރޭގައި އައިސަ އާއި އުބުށޭމު އާއި އަހުމަދާއި މިފަދަ ނަންނަން ކިޔާ ދެޖިންސްގެ ކުދިން ހިމެނެއެވެ. އެއަށްފަހު ސަންގޯރުގެ (ބަބުރުކާފަގެ) ބަބުރުދަރިކޮޅު އުފެދި އިތުރުވެ މިހާރު މުޅި ފެރިދޫގައިވެސް އޮތީ ބަބުރު ނަސްލުގެ ބަބުރުންނެވެ. ޒަމާން ފަސްވެގެންގޮސް ބައެއް ބަބުރުންގެ ކުލަ ދޮންވެ ބޮލުގެ އިސްތަށިގަނޑު ފަންވި ކަމުގައި ވިޔަސް މިހާރުވެސް ފެރިދޫގައި ގިނައީ ބަބުރުންގެ ސިފައިގައި ތިބޭ މީހުންނެވެ.

މި އާއިލާގެ (ބަބުރު އާއިލާގެ) ދޮންކޮށް ތިބި މީހުންނަށް ނުވަތަ ހަމުގެ ކުލައަލި މީހުންނަށް ކިޔަނީ ދޮންބަބުރުންނެވެ. މި ލިޔާމީހާ އަކީވެސް ސަންގޯރާ (ބަބުރުކާފައާ) މާދުރުނޫން ކާފައޭ ކިޔަންޖެހޭ ދޮންބަބުރެކެވެ. ސަބަބަކީ މިލިޔާމީހާ (އަޅުގަނޑު) އަކީ ސަންގޯރުގެ ނުވަތަ ބަބުރުކާފަގެ، އަހުމަދުގެ ދަރި އައިސަގެ ދަރި، ޒައިނަލް އާބިދާ(ދޮންކަމަނަ)ގެ ދަރިއެކެވެ. މިހާރުވެސް މި ބަބުރުކާފައަށް (ސަންގޯރަށް) ހެޔޮކާފަ ކިޔާ މީހަކު ދުނިޔޭގައި އެބަހުއްޓެވެ. އެމީހަކީ ސަންގޯރުގެ (ބަބުރުކާފަގެ) އައިސަގެ ދަރި މޫސައެވެ.

އިތުރު ދިރާސާއެއް ކުރުމަކާ ނުލާވެސް ހަމަ މިހާރުވެސް ލިބެން ހުރި މަޢުލޫމާތާއި ފެންނަންހުރި ގިނަ ހެކިތަކުގެ އަލީގައި ދިވެހިރާއްޖޭގައި ބަބުރުން އުފެދުނީ މިމަގުން އައިސް އއ.ފެރިދޫގައިކަން ޔަގީންވާ ވަރަށް އެނގެން އެބަހުއްޓެވެ. ބަބުރުކާފަ (ސަންގޯރު) ގެންގުޅުނު ބައެއް ތަކެއްޗާއި، ކިޔާފައިވާ ބަބުރު ލަވަތަކާއި ޖަހާފައިވާ ބެރުގެ ހަމަތައް އިތުރު އެހެން ރަށަކުން ފެންނަން ނުހުންނާތީ އާއި މިނަސްލު ދެމިގެން އައިގޮތް ތަފްސީލްކޮށް ކިޔައިދޭން އެނގޭ މީހުން އަދިވެސް އއ.ފެރިދޫގައި އެބަތިއްބެވެ.

ކުރީ ޒަމާނުގައި ”ބަބުރުންގެ ރަށް“ މިނަމުންވެސް ގިނަބަޔަކު އއ.ފެރިދޫއަށް ނިސްބަތްކުރެއެވެ. އަދި ފެރިދޫ މީހުންނަށް މުޚާތަބުކުރަމުން  ފެރިދޫ ބަބުރެކޭ ބުނެއުޅެއެވެ. އެއީ ލިބިފައިވާ ފަޚުރެއް ކަމަށް ބައެއް މީހުން ޤަބޫލުކުރާއިރު ބަބުރެކޭ ބުނުމުން ހިތްހަމަނުޖެހޭ ބައެއްވެސް ތިބެއެވެ. އަދި މިހާރު އެހެން ރަށްރަށު މީހުން ފެރިދޫ މީހުން ދެރަކުރުމުގެ ގޮތުން ބުނެ އުޅެނީ ”އެއް ކަމެއްވެސް ނުކުރެވޭނެ، މިހާރު ތިއޮތީ ބަބުރުމަރުވެ ފަންތޮށްޓަށް ޖެހިފައި“ މިގޮތަށެވެ.

މިހާ ތަފްސީލްކޮށް އަދި މިއަށްވުރެވެސް ތަފްސީލްކޮށް ދިވެހިރާއްޖެއަށް އެ ބަބުރުން އައިގޮތުގެ މަޢުލޫމާތު ދެވިދާނެ މީހުން ދުނިޔޭގައި ތިބިއިރު މި މަޢުލޫމާތުތައް ތާރީޚަށްޓަކައި ލިޔެ އެ އެއްކޮށް ރައްކާކުރުމަކީ ކުރިމަގަށްޓަކައި ދިވެހި ތާރީޚަށްޓަކައި ކޮންމެހެން ބޭނުންތެރިކަމަކަށް ނުވެނުދާނެބާވައެވެ؟

ނިމުނީ

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި