Search Streamline Icon: https://streamlinehq.com

ޤަޟާޤަދަރަށް އީމާންވާން ޖެހެނީ ކީއްވެ؟: ހުކުރު ޚުތުބާ

އިސްލާމީ މަރުކަޒު

ޤަޟާޤަދަރަށް އީމާން ވުމަކީ ކޮބައިތޯއެވެ؟ ޤަޟާޤަދަރަށް އީމާންވާން ޖެހެނީ ކީއްވެތޯއެވެ؟ އާދެ މިއަދުގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައި ވަނީ ޤަޟާޤަދަރަށް އީމާން ވުމާއި ބެހޭގޮތުންނެވެ.

ޤަޟާޤަދަރަށް އީމާންވާ މީހަކު އޭނާގެ ޙަޔާތް ހޭދަ ކުރަމުންދާނީ ހިތްހަމަ ޖެހުމާއި އެކުގައެވެ. އަދި ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑު އަޅައިގެން ނުދާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ. އަދި މާތް ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާ ގޮތަށް އީމާންވެ، އަޤީދާ ވަރުގަދަ ކޮށްފި މީހާގެ ހަށިގަނޑާއި ގުނަވަންތަކުންވެސް އެކަން ސާބިތު ވެގެންދާނެއެވެ.

ފެންނަ ތަކެއްޗާއި ނުފެންނަ ތަކެތީގައި، އަދި ވަންހަނާ ވެފައިވާ ކަންތައްތަކާއި އަޅާގެ ހިތުގައި ހިނގާ ވަސްވާސްތައް ވެސް ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތް ﷲ ގެ ޢިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިޢުތިޤާދު ކުރާ ބަޔަކު ބިރުގަނެ، ހިތް ނުތަނަވަސްވެ މާޔޫސް ވާކަށް ނުޖެހޭނެއެވެ. ފަހެ އީމާންކަން ހަރުދަނާވެ ތާޒާ ވުމަކީ، ހިތުގެ ސާބިތުކަން ވަރުގަދަވެ، ޙަޔާތަށް އާރޯކަން ލިބި، އަމާންކަމާއި އުފާވެރިކަން ވެރިވެގެންދާނެ ކަމެއްކަމަށް ޚުތުބާގައި ބަޔާންކޮށްފައި ވެއެވެ.

ޚުތުބާގައި އިތުރަން ބުނެފައި ވަނީ، އަޅުތަކުން ކިތަންމެ މޮޅަށް ކިތަންމެ ރަނގަޅަށް ކަމެއް ރޭވިކަމުގައި ވިޔަސް، ﷲ ގެ އިރާދަފުޅުން މެނުވީ އެކަމެއް ނުހިނގާނެ ކަމަށެވެ. އަދި ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ މާތް ﷲ ގެ ކުޅަދުންވަންތަ ކަމާއި، އެކަލާނގެއިރާދަފުޅުން ކަމަށް އަޅުގަނޑުމެން އީމާންވާއިރު، އެކަލާނގެ ޝަރުޢު ކުރައްވާފައިވާ ކަންތައްތަކަށް އަޅުގަނޑުމެން ކިޔަމަންގަންނަން ޖެހޭނެއެވެ. އަދި އެކަންތައްތައް ދޫކޮށްލައިގެން ނުވާނެކަމަށް ޚުތުބާގައި ވެއެވެ.

އަދި ތިމާގެ ހިތުގައި މާތް ﷲ ގެ ޢަދުލުވެރިކަމާ މެދު އެއްވެސް ޝައްކެއް އުފެދިގެން ނުވާނެ ކަމަށާއި، ހަމަ އެފަދައިން އެކަލާނގެ ވަނީ އެކަލާނގެ ޛާތުފުޅަށް އަނިޔާވެރިވުން ޙަރާމް ކުރައްވާފައި ކަމަށް ވެސް ޚުތުބާގައި ވެއެވެ. ހަމައެފަދައިން އެކަލާނގެ އަޅުތަކުންގެ މެދުގައި އެކަމަކީ ޙަރާމް ކަމެއް ކަމުގައި ވަނީ ލައްވާފައެވެ.

އަޅުގަނޑުމެން ޔަޤީން ކުރަންވީ ކަމަކީ މާތް ﷲ ގެ ދީނަށް ނަޞްރު ލިބިގެން ދާނެކަމެވެ. އާޚިރަތުގައި ބާއްޖަވެރިކަން ލިބިގެންދާނީ މުއުމިނުންނަށް ކަމެވެ. އަދި އަބަދުވެސް އުންމަތުގެ ބަޔަކު ޙައްޤު ގޮތުގައި ދެމިތިބޭނެ ކަމެވެ. ޤިޔާމަތް ޖެހެންދެންވެސް އެމީހުން ދެރަކޮށްލައި ނިކަމެތި ކޮށްލާނެ ބަޔަކު ނާންނާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި