އަހަރެން އިސްލާމްދީނާ ކައިރިއަށް ގެނެސްދިނީ ހިޖާބު— ފުރަތަމަބައި
އަހަރެންނަކީ ނަޞާރާއިންގެތެރެއިން ދީންވެރި އަންހެނަކީމެވެ. ކޮންމެ އާދީއްތަދުވަހަކު ނަޞާރާދީން ކިޔަވައިދޭ މަދަރުސާއަށާއި ފައްޅިއަށް އަހަރެންގެ މަންމައާއިއެކު ގޮސްއުޅެމެވެ.
އަހަރެންނަށް އެމީހުން ތަކުރާރުކޮށް ކިޔައިދިންގޮތުގައި އީސާގެފާނަކީ ކަލާންގެ ދަރިކަލެކެވެ. އަދި އެކަލޭގެފާނު އަވަހާރަވެފައިވަނީ އަހަރުމެންގެ ކުއްތަކަށް ދެވޭ ކައްފާރާއެއްގެގޮތުގައި ސޮލީބައް އެރުވިގެންނެވެ. އެދުވަސްވަރު އަހަރެންނަކީ ކުޑަކުއްޖެއްކަމުން އެކަމާމެދު އެއްވެސްވަރަކަށް ނުވިސްނަމެވެ. އެމީހުން ދެއްކި ކޮންމެ ވާހަކައެއް ޤަބޫލުކޮށްގެން ހުރީއެވެ.
ޅަފަތުގެ މިދުވަސްތައްނިމި ހައިސްކޫލްގެ ދުވަސްތައް ފެށުމާއެކު ބައިބްލްގައިވާ ކަންތައްތަކާއިމެދު އަހަރެން ސުވާލުކުރަންފެށީމެވެ. މިގޮތުން އީސާ އަލައިހިއްސަލާމަކީ އެމީހުން އެބުނާގޮތަށް ކަލާނގެ ދަރިކަލެއްނަމަ އަދި އެހާބާރުގަދަ ބޭނުންކޮންމެކަމެއްކުރެވޭނޭ ފަރާތެއްނަމަ ޚުދު އެކަލޭގެފާނު އަމިއްލަފުޅަށް އިންސާނެއްގެ ސިފައިގައި ބިމަށް ވަޑައިގެން އިންސާނުންނަށް ތެދުމަގުދެއްކެވުމަށް މަސައްކަތްކުރެއްވީ ކީއްވެބާވައެވެ.
އަދި ހަމަ އެހެންމެ އީސާގެފާނަށް ކަލެއްކަމާއި ކަލެއްގެ ދަރިކަލެއްގެ ލަޤަބު އެއްފަހަރާދިނުމާއި ތިންކައުވަންތަކަމަކީ އަހަރެންގެބުއްދި ޤަބޫލުކުރާކަމެއްކަމުގައި ނުވިއެވެ. އަދި އެކަމާއިމެދު ތަކުރާރުކޮށް ހިތުގައި ވަހުމު ހިނގަމުންދިޔައެވެ.
އެހެންނަމަވެސް ކަލާނގެއާއި ބެހޭގޮތުން ސުވާލުނުކުރުމަށް ބުނެފައިވާތީ މިކަންތައްތަކާއިމެދު ތަކުރާރުކޮށް ސުވާލުކުރާކަށް އަހަރެންނަކަށް ނުކެރެއެވެ. އެހެންކަމުން އަހަރެންގެ ހިތުގައި އުފެދެމުންދިޔަ މި ޝައްކުތަކުގެ ސަބަބުން އީސާއީ ދީނާމެދު އަހަރެންގެ ހިތުގައި އީމާންތެރިކަން ނެތްކަމަށް ހީކުރެވެންފެށިއެވެ. އަދި މިކަމާއިމެދު އިތުރަށް ވިސްނުން ހުއްޓާލާ ޤަބޫލުނުކުރެވޭހާލުގައި އެދީނުގެ އުޞޫލުތަކަށް ތަބާވަމުން ދިޔައީމެވެ.
އެގޮތުން ކަލާންގެއާއި ކުއްތަންވުމަށް އަހަރެންނަށް ކުރެވުނު ހުރިހާ މަސައްކަތެއް އަހަރެން ކުރީމެވެ. ކޮންމެ ދުވަހަކު ދެފަހަރު ބައިބްލް ކިޔާ ކޮންމެ ރެޔަކުވެސް ދުވާކޮށްހެދީމެވެ. އެހެންނަމަވެސް އަހަރެން މިދުޢާކުރަމުން ދިޔައިރު އެދުވާގެ އަޑު އެއްވެސް ފަރާތަކަށް ނީވޭކަމުގެ އިޙްޞާސް އަހަރެންނަށް ކުރެވިގެންދެއެވެ. އަހަރެންގެ ދުޢާގެ އަޑު ރައްދުވަނީ ހަމަ އަހަރެންގެ އަމިއްލަ ނަފްސަށެވެ. އެހެންނަމަވެސް އެގޮތުގައި ދެމިހުރީމެވެ.
އަހަރެންގެ ހައިސްކޫލް ހަޔާތުގެ ފަހު އަހަރު އޮޕްރާގެ ޝޯއެއް އަހަރެންނަށް ފެނުނެވެ. އެޝޯގައި ބައިވެރިވެފައިވަނީ މުސްލިމް އަންހެނެކެވެ. އެޝޯބަލަމުންދިޔައިރު އަހަރެންނަށް ބަލަމުންދެވުނީ އޭނާގެ ބޯ ނިވާކޮށްފައިވާ ސްކާފަށެވެ. އަދި އޭނާ ނުވަތަ އެހެނިހެން މުސްލިމް އަންހެނުން އެފަދަ ސްކާފަކުން ބޯނިވާކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލުއުފެދެންފެށިއެވެ.
ޚަބަރުފަތުރާ ވަޞީލަތްތަކުން މުސްލިމު އަންހެނުންނާއިމެދު ތަފާތު ގޮތްތަކަށް މުޚާތަބުކޮށްފައިވެއެވެ. އެބައިމީހުންނަކީ އަޅުވެތިވެފައިވާބައެއްކަމުގައި ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް އަހަރެން އެމީހުންނާމެދު އެފަދައިން ނުދެކެވެ. މަތިންދާ ބޯޓަކުން މުސްލިމް އަންހެނެއް ފެނިއްޖެނަމަ ހިތައްއަރަނީ ”ޓެރަރިސްޓް“ މިހެންނެވެ.
ކޮންމެއަކަސް މިދެންނެދި އޮޕްރާ ޝޯއިން މިފެނުނު ސްކާފް އެޅި އަންހެންމީހާފެނުމުން އެކަމަށް އަޅުގަނޑުގެ ޝައުޤުވެރިކަން އުފެދިގެން ދިޔައެވެ. އަދި އިންޓަނެޓް މެދުވެރިކޮށް މުސްލިމް އަންހެނުންނާއިބެހޭ މަޢުލޫމާތު ހޯދަން ފެށީމެވެ. އެގޮތުން އެ ސްކާފަށް އެމީހުންކިޔަނީ ހިޖާބްކަން އެނގުނެވެ. މިއީ އަހަރެން ޝައުޤުވެރިކުރުވި ކަމެކެވެ. އަދި ކޮންމެގޮތަކުންވެސް އަހަރެންގެބޮލުގައި އެއެޅުމަށް އަހަރެންބޭނުންވިއެވެ.
އެކަމަކު އެކަމަކީ ނަސާރާދީނުގެ މީހެއްގެ ހައިސިއްޔަތުން މީހުންގެ މަލާމާތްލިބުމުގެ އިތުރުން މޮޔަ ޚިޔާލެއްކަމަށް އަހަންނަށް ވިސްނުނެވެ. މިކަމުގައި އަލިމަގެއް ފެނޭތޯ އަހަރެން ބައިބްލް ހޯދަންފެށީމެވެ. ބައިބްލްގައި އަންހެނުން ބޯނިވާކުރުމަށް އިރުޝާދުދީފައިވޭތޯ ބެލީމެވެ. މިފަދައިން ހޯދުނު ހޯދުންތަކުން ބައިބްލްގައިވެސް މިކަމަށް ގޮވާލާފައިވާކަން ފެނުނެވެ.
އަހަރެން މިހުރިހާކަމެއް ކުރުމުގެ މަޤްޞަދަކަށްވީ މުސްލިމް އަންހެނުންނެކޭ އެއްފަދައިން ނިވާވުމެވެ. އެއިރު މުސްލިމުންނާބެހޭ އެއްވެސް މަޢުލޫމާތެއް އަހަރެންނަށް ލިބިފައި ނުވިނަމަވެސް ހިޖާބާއިބެހޭ ގިނަ މަޢުލޫމާތުތަކެއް އަހަރެން ހޯދީމެވެ.
އަހަރެން މަޑުމަޑުން އިސްލާމްދީނާއިބެހޭ ވާހަކަތަށް ހޯދަންފެށީމެވެ. އަހަރެންނަށް އިސްލާމްދީން އުނގަންނައިދޭ ކަންތައްތަކުގައި ބުއްދިޤަބޫލުކުރާ ކަންތައްތަކެއް ވާކަން ފާހަގަކުރެވުނެވެ. އަދި މަޑުމަޑުން އެކަންތައްތައް ޤަބޫލުކުރެވި، އެކަމާ އަހަރެން ބިރުގަންނަންފެށިއެވެ.
އެބިރުވެރިކަން ބޮޑުވެގެން ދިޔައީ އަހަރެން ކުރިން ޤަބޫލުކުރަމަށް ދަސްކޮށްދީފައިވާ ގޮތްތަކާއި ޚިލާފައް އިސްލާމްދީނުގައިވާ ކަންތައްތައް އަހަރެންނަށް ޤަބޫލުކުރެވެންފެށުމުންނެވެ. އެހެންނަމަވެސް އަހަރެންގެ ހިތުން އަހަރެންގެ ނަފުސަށް ބުނަމުން ގެންދިޔައީ އަހަރެންގެ ކަލާނގެ އަހަރެން އިމްތިޙާން ކުރައްވަނީ ކަމުގައެވެ އަދި އިސްލާމްދީނަކީ ހަޤީޤަތެއް ނޫންކަމުގައެވެ. އެހެނީ އޭރު އަހަރެން އިސްލާމްދީން ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ.
ނުނިމޭ
މި ލިއުން ކަމުދިޔަ ނަމަ fenvaru.mv ގެ އެފްބީ ޕޭޖް އަށް ލައިކް ކޮއްލަދެއްވާ











