އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 އަކީ މިބަލީގައި ގިނަބަޔަކު މި ދުނިޔެއާއި އަލްވަދާޢު ކިޔާފައިވާ ނުރައްކައުތެރި ބައްޔެކެވެ. މިބަލި ދުނިޔެއިން ފެނިފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. ނަމަވެސް މި ބަލި ދިވެހިރާއްޖެއިން ފެނިފައި ވަނީ 2020 ވަނަ އަހަރުގެ މާރިޗު ހިސާބުގަ އެވެ. މިބަލި ރާއްޖެއަށް ޒިޔާރަތްކުރިފަހުން މިއަދާއި ހަމައަށް އައިއިރު މިބަލީގެ އަސަރު މުޅި ރާއްޖެއަށްވެސް ވަނީ ފެތުރިފަ އެވެ.
ދުނިޔޭގެ ތަފާތު ޤައުމުތަކުގައި މިބަލި ހަލުވިކަމާއި އެކު ފެތުރެމުން ދިޔަ އެންމެ ނާޒުކު ދަނޑިވަޅުގައި ބައެއް ދިވެހިން މި ބައްޔަކީ އެހައި ނުރައްކައުތެރި ބައްޔެއް ކަމަށް ޤަބޫލުފުޅެއް ނުކުރައްވައެވެ. ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެމްބަރުން އޭރު ދެކިލައްވާފައިވަނީ މިއީ ވަރަށް އާދައިގެ ރޯގާއެއް ފަދަ ބައްޔެއްގެ ގޮތުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެމްބަރުން އޭރު ވިދާޅުވެފައިވަނީ މިއީ އާދައިގެ ބައްޔެއްކަމުގަ އެވެ. އަތްދޮވެލައި ކަރުތެރެ ތެންމައިލުމުން މިބަލިން ރަނގަޅުވެދާނެ ކަމަށާއި މިބަލީގެ ސަބަބުން އެއްރަށުން އަނެއްރަށަށް ދަތުރުފަތުރު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ޢިއްޒަތްތެރި ބައެއް މެމްބަރުން އެދުވަސްވަރު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ދިވެހިރާއްޖޭގައި މިބަލި ފުރަތަމަ ފެތުރިގެން އައި ދުވަސްވަރު ދިވެހި ސަރުކާރުން ދިޔައީ މިކަމުން އަރައިގަނެވޭނެ މަގެއް ފެނޭތޯ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ހެލްތް ފެސިލިޓީސް ޤާއިމް ކުރުމާއި، ޓެސްޓް ކުރާނެ މެޝިނަރީސް ގެނައުމާއި، ގިނަ ޢަދަދެއްްގެ ވެންޓިލޭޓަރު ވެސް ގެނައުމަށް ދިޔައީ މަސައްކަތް ކުރައްވަމުންނެވެ.
ނަމަވެސް، މިއަދު ހިތާމަކުރަން ޖެހޭ އެއްކަމަކީ ކޮވިޑް-19ގެ ނުރައްކައު ރާއްޖޭގައި ފެތުރެމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު އަތޮޅުތަކުގެ ތެރޭގެ ޞިއްޙީ ނިޒާމް މިކަމަށް ތައްޔާރު ކުރެވިފައި ނުވާތީއެވެ. ބައެއް އަތޮޅުތަކުގެ ރައްޔިތުންގެ މެދުގައި ކުރެވޭ ޝަކުވާއަކީ އަދި އެބައިމީހުންގެ ސުވާލަކީ އަތޮޅުތެރޭގެ ޞިއްޙީ ނިޒާމު މިބައްޔަށް ތައްޔާރު ކުރެވުނީ ކިހާ މިންވަރަަކަށް ހެއްޔެވެ؟ އަދި އަތޮޅުތެރޭގައި މިބައްޔަށް ފަރުވާ ދިނުމަށްޓަކައި ޤާއިމް ކުރެވުނު ވަސީލަތްތަކަކީ ކޮބައިހެއްޔެވެ؟
ކޮވިޑް-19 ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކުރާތާ އަހަރަކަށްވުރެ ގިނަދުވަސްވެފައިވާއިރު ނ. އަތޮޅާއި، ރ.އަތޮޅާއި. ބ.އަތޮޅުގެ އިތުރުން ޅ.އަތޮޅާއި އެކު ހަތަރު އަތޮޅަށް ނިސްބަތްވާ ރީޖަނަލް ހޮސްޕިޓަލްގައި ޕީސީއާރު ޓެސްޓް ކޮށްލެވެން ނެތްކަމީ މި ހަތަރު އަތޮޅުގެ ރައްޔިތުން އެކަމާ ހިތާމަކުރައްވާ ކަމެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރިލީޒް ސާމްޕަލްއާއި ރެންޑަމް ސާމްޕަލްތައް އަދިވެސް ފޮނުވަނީ މާލެ ނުވަތަ މާފަރުގައި ހުންނަ ލެބޯޓަރީއަށެވެ. ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކުގެ ސާމްޕަލްތަކުގެ ނަތީޖާ ނުލިބި އެ ފަރާތްތަކުން ތިން ހަތަރު ދުވަހުވެސް އިތުރަށް ގޭ ބަންދުވެފައި ތިބެން ޖެހުމުން ކުރެވޭ ހިތްދަތި އިހްސާސް އެނގިވަޑައިގަންނަވާނީ އެކަން ތަޖުރިބާ ކުރައްްވާފައި ތިއްބެވި ބޭފުޅުންނަށެވެ.
ޕީސީއާރު މެޝިނާއި ގުޅޭގޮތުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހީމް ޒަޔާން ވިދާޅުވެފައިވަނީ ޕީސީއާރ ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށް ހެލްތް މިނިސްޓްރީން އިޢުލާން ކުރައްވާފައިވާ ކަމުގައެވެ. އަދި މިހާރުވެސް ޖީން އެކްސްޕާޓްގެ އެހީގައި ބައެއް މުހިންމު ޓެސްޓްތައް ކުރެވޭ ކަމަށްވެސް ޒަޔާން ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޖީން އެކްސްޕާޓް ސިސްޓަމް ބޭނުންކޮށްގެން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންވާ ކާޓްރިޖް ޑަބްލިއުއެޗްއޯ އިން ވަނީ ހަދިޔާ ކުރައްވާފައެވެ. އަދި ނިމިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެ ހޮސްޕިޓަލްގައި ކޮވިޑަށް ޓެސްޓް ކުރުމުގެ ޚިދުމަތްވެސް ވަނީ ފައްޓަވާފައެވެ. ނަމަވެސް އެ ހޮސްޕިޓަލްގައި އެ މެޝިނުން ޓެސްޓް ކުރަނީ ހަމައެކަނި މުހިންމު އަދި އިމަޖެންސީ ސާމްޕަލްތައްކަން ފާހަކަކޮށްލެވެއެވެ.
ލ.އަތޮޅާއި ގދ.އަތޮޅާއި ރ.އަތޮޅާއި ޅ.އަތޮޅުގައި ކޮވިޑަށް ޓެސްޓުކުރާ މިންވަރު އިތުރުކުރުމަށް އިތުރު ފެސިލިޓީތައް ހަދަން ނިންމާފައި ވާކަމަށް މެއި މަހު 23 ގައި ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެ ފެސިލީޓީތަކުގެ ތެރެއިން ކޮންމެ ތަނަކުންވެސް މަދުވެގެން ކޮންމެ ދުވަހަކު 300 ޓެސްޓް ހެދޭނެކަމަށް އޭރު ސަރުކާރުންވަނީ ވިދާޅުވެފައެވެ. ސަރުކާރުން ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ އެއް މަސް ދުވަހުގެ ތެރޭގައި މިދެންނެވި ރަށްތަކުގައި ފެސިލިޓީތައް ޤާއިމްކޮށް ނިންމުންކަމުގައެވެ.
ސަރުކާރުން އިޢުލާން ކޮށްފައިވާ ގޮތުން، މި ނިމުނު ޖޫން މަހުގެ 23 ވަނަ ދުވަހުގެ ކުރިން ރ. އަތޮޅުގައިވެސް ޕީސީއާރު ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ.
ނަމަވެސް، ޖޫން މަސް ނިމިގެން ދިޔައިރު، ލެބޯޓަރީއެއް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދަން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އިޢުލާން ކުރެއްވި ނަމަވެސް، އަދިވެސް އެކަމުގެ ޢަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
ނުރައްކައުތެރި ކޮވިޑް-19ގެ މި ބަލިމަޑުކަމުގައި މިހައި ގިނަދުވަސް ހޭދަވެގެން ދިޔައިރު، ޚާއްޞަކޮށް ރ.އަތޮޅުގެ ގިނަ ރަށްތަކެއް މިހާރުވެސް މޮނިޓަރިންގެ ޙާލަތުގައި އޮތްއިރު، ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހެދެން ނެތުމަކީ ގިނަބައެއްގެ ކަންބޮޑުވުމާއި އެކު އެކަމާއި ހިތާމަކޮށް ސަރުކާރަށް ފާޑުކިޔަމުންދާ ކަމެކެވެ.
މަަސްދަރު:ފައިނު.ކޮމް














