މާއުނގޫދޫ އޮޑިވެރިންނާއި އެރަށު ކައުންސިލް ގުޅިގެން ބަނދަރުގައި ތޮށިގަނޑެއްލުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތަކީ މާއުނގޫދޫ އޮޑިވެރީންގެ އެދުމުގެ މަތިން ފުރާދުއްވާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި މާއުނގޫދޫ ކައުންސިލާއި އެރަށު އޮޑިވެރިން ގުޅިގެން ފައްޓަވާފައި މަސައްކަތެކެވެ.
މާއުނގޫދޫ ފަޅު ކޮނުނީއްސުރެން މިއަދާއި ހިސާބަށް އައިއިރު ވެސް، ރައްޔިތުން އަންނަނީ ފަޅުގެ ދަތިކަން ތަޙައްމަލް ކުރަމުންނެވެ. ފަޅުގެ ޖާގައިގެ ދަތިކަން ހުރިއިރު، އެކީއެކަށް ތޮށިގަނޑު ވަނީ ހަލާކުވެފަ އެެވެ. ކިރިޔާ ކަނޑު ގަދަވިޔަސް އޮޑިވެރީން ނުނިދާ ދަމަށް ތިބެންޖެހުން ވަނީ ސަޤާފަތަކަށްވެފަ އެވެ.
ޢާންމުގޮތެއްގައި މާއުނގޫދޫ ފަޅުގެ އިރުމަތީ ކޮޅު ހިކިފައި އޮންނައިރު، އެކަމުގެ ސަބަބުން އޮޑިދޯނިފަހަރަށް ލަފައި ފުރުމަށް ވަނީ ބޮޑު ތުރާއަކަށްވެފަ އެވެ. ފަޅުގެ ދަތިކަމުގެ ސަބަބުން، ނުރައްކާތެރި އެތައް ހާދިސާއެއް ވަނީ ފަޅުތެރޭގައި ހިނގައިފައެވެ.
މިފަހަރު އަލަށް އިންތިޚާބުވި ކައުންސިލް ހުވައި ކުރި ދުވަހުންފެށިގެން ކޮންމެ ދުވަހަކުވެސް އޮޑިވެރީން މި ޝަކުވާ ހިފައިގެން ކައުންސިލަށްވަނީ ގޮސްފައެވެ. އޮޑިވެރީންގެ ޝަކުުވާތައް، އުއްމީދުތައްވަނީ ކައުންސިލާ ހިއްސާކޮށްފައެވެ.
އެގޮތުން ދެފަރާތުގެ މަޝްވަރާއަށްފަހު ވަގުތީ ހައްލެއް ގެނައުމުގެ ފޮނި އުންމީދުގައި، އޮޑިވެރިންނާއި ކައުންސިލު ގުޅިގެން ފަޅުގެ ހުޅަނގު ފަރާތުުގައި ސިމެންތި ގޯނި ޖެއްސުމުގެ މަސައްކަތް ފެށީ މީގެ ތިން ދުވަސް ކުރިންނެވެ. އެކަން މިހާރު ދަނީ ވަރަށް ފޯރީގައި ކުރެވެމުންނެވެ.
މާއުނގޫދޫ ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކީ، އެންމެ ބޮޑު އުންމީދަކީ، އެންމެ ބޮޑު އެދުމަކީ މިނޫން ދުވަހެއް ކައިރި މުސްތަގުބަލެއްގައި ފެނިގެން ދިއުމެވެ.
ނަލަނަލަ މާއުނގޫދޫގެ އައު ބަނދަރުގެ މަޝްރޫޢު ވަނީ މިއަހަރު ބަޖެޓުގައި ހިމެނިފައެވެ.











