Search Streamline Icon: https://streamlinehq.com

ބަރަކާތާއި ދަރުމައިން ފުރިގެންވާ 10 ދުވަސް: ޚުޠުބާ

އިސްލާމީ މަރުކަޒު

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި ފާއިތުވެގެން ދިއުމަށްފަހު އަނެއްކާވެސް ބަރަކާތުން ފުރިގެންވާ މައްސަރެއް އަޅުގަނޑުމެންނާއި ބައްދަލު ކުރަނީއެވެ. އާދެ، ޙައްޖު މަހެވެ. ހާއްސަކޮށް އެމަހެއްގެ ފުރަތަމަ 10 ދުވަސް ބަރަކާތާއި ދަރުމައިން ފުރިގެންވާ މައްސަރެވެ.

މިމައްސަރުގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކަތަކަކީ ކޮންމެ މުސްލިމަކަށްވެސް ކޮންމެހެންވެސް އެނގެން ޖެހޭ ވާހަކަތަކެކެވެ. މިއަދުގެ ހުކުރު ޚިތުބާވެސް ޙާއްސަ ކޮއްލާފައިވީ މިމަތިވެރި މައްސަރުގެ މާތްކަމުގެ މައްޗަށެވެ. މިއަދުގެ ޚުތުބާގެ ކުރު ޚުލާސާއެއް ގެނެސްދެވޭތޯ ބަލާލާނަމެވެ.

ﷲ ތަޢާލާގެ ހަޟްރަތުގައި ޙުރުމަތްތެރިވެގެންވާ 4 މައްސަރު ވެއެވެ. އޭގެތެރެއިންވެސް އެންމެ ލޮބުވެތިކަން ބޮޑީ ޙައްޖު މަހެވެ. އަދި ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެމަހުގެ ފުރަތަމަ 10 ދުވަހެވެ. އަދި މި 10 ދުވަހަކީ ﷲ ތަޢާލާ މިދުނިޔޭގައި ލައްވާފައިވާ އެންމެ މާތް 10 ދުވަހެވެ.

މިކަން ބަޔާން ކޮށްދެއްވާ މާތް ނަބިއްޔާﷺ ހަދީޘް ކުރައްވާފައިވެއެވެ. ”މި 10 ދުވަހަށްވުރެ މާތް ﷲ ގެ ހަޟްރަތުގައި ހެޔޮ އަމަލު ކުރުން ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ. އެބޭކަލުން ދެންނެވޫއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ﷲ ގެ މަގުގައި ޖިހާދު ކުރުމަށް ވުރެވެސް ތޯއެވެ؟ ހަދީޘް ކުރެއްވިއެވެ. ﷲ ގެ މަގުގައި ޖިހާދު ކުރުމަށް ވުރެވެސްމެއެވެ. އޭނާގެ ނަފްސާއި މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާއެކު އެނބުރި ނައި މީހާ ފިޔަވައެވެ.“

މިމައްސަރުގައި ކުރުން ހެޔޮކަންބޮޑު އަމަލުތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނެފައިވަނީ، މިމައްސަރުގައި ކުރުން ހެޔޮކަންބޮޑު އަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭ ކަމުގައެވެ. އަދި ޢަރަފާތްދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވާދެއްވާނެ ކަމެއް ކަމަށްވެސް މިއަދުގެ ޚުތުބާގައި ބަޔާން ކޮށްދެއްވިއެވެ.

ހަޤީޤީ މުސްލިމުންނަކީ އަބަދާއި އަބަދު މާތް ﷲ ގެ ބަރަކާތާއި ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށް އެދި ހެޔޮއަމަލު ކުރުންމަތީ ދެމިތިބޭ ބައެކެވެ. އަދި ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން މިއަހަރު ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ނިޔަތްގަނެފައިވާ އެތައް ބަޔަކަށް ޙައްޖަށް ދެވޭގޮތް ނުވިކަމުގައި ވިޔަސް، މާތް ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލުމަށް ޚުތުބާގައި ނަސޭޙަތްތެރި ވެފައިވެއެވެ.

ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމުގެ ތެރޭގައި، އެ 10 ދުވަހުގެ ތެރޭގައި މާތް ﷲ މި މަތިވެރި އިސްލާމް ދީން ފުރިހަމަ ކޮށްދެއްވުން ހިމެނެއެވެ. މިދީން ފުރިހަމަ ވުމުގެ ސަބަބުން މިދީނުގެ އަހުލުވެރިން ކުރާ އަމަލުތަކަށް ފުރިހަމައަށް ޘަވާބު ލިބެއެވެ. އަދި އެމީހުންގެ ޙަޔާތް، އަމާންކަމާއި ރައްކާތެރިކަން ލިބިފައިވާ ފުރިހަމަ ހަޔާތަކަށް ވެއެވެ. އިސްލާމްދީން ފުރިހަމަ ވުމުގެ ސަބަބުން، މުސްލިމުންނަށް އެންމެ ސީދާ މަގު އެނގި، އެމަގަށް ތަބާވެގެން ތިބުމުގެ ނަސީބު ލިބެއެވެ.

އަދި މިދުވަސްވަރުގެ މާތްކަމުގެ ތެރޭގައި ﷲ ގެ ނިޢުމަތް މުސްލިިމުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވުން ހިމެނެއެވެ. އެކަމުގެ ސަބަބުން މީސްތަކުން މިދީނަށް ބައިބަޔަށް ވަންނަން ފެށިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި