Search Streamline Icon: https://streamlinehq.com

ޒުވާން ކެޔޮޅުންނަށް މަސްދޯނި ދޫކުރާނަން: 2023 އޯކޭ ޒާހިރު

Ok Zahiru

ދިވެހިންގެ ދިރިއުޅުން ހަމަ އެކަނި އެއްކަމަކަށް ބަރޯސާވަގެން މިއަދު ތިބެވެން ނެތްކަމަށާއި ޒުވާން މަސްވެރިން އުފައްދައި، އެ ޒުވާނުންނަށް އެއްވެސް ދަތިކަމެއްނެތި މަހަށް ފުރޭގޮތަށް މަސްދޯނި ފަހަރު ދެއްވާނެ ކަމުގައި އަންނަ ރިޔާސީ އިންތިޚާބް 2023ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އޯކޭ ޒާހިރު ވިދާޅުވެއްޖެ އެވެ.

”ފެންވަރު އޮންލައިން“ އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އޯކޭ ޒާހިރު ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި ޒުވާން މަސްވެރިން އުފައްދަވައި، އެ ޒުވާނުންނަށް އެއްވެސް ދަތިކަމެއްނެތި މަހަށް ފުރޭ ގޮތަށް ފަރުމާކޮށްފައިވާ މަސްދޯނި ފަހަރު ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެެއްވާނެ ކަމުގައެވެ.

”އެންމެ ކަމަކަށް ބަރޯސާ ވަގެން މިއަދު އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް. ދެވަނަ ވިސްނުމަކަށް މިނޫން އެހެން ގޮތަކަށް ވިސްނުން ބަދަލުކުރަން އެބަ ޖެހޭ. އެގޮތުން ސްކޫލް ނިމިގެން ނުކުންނަ ކުދިންގެ ތެރެއިން، ހަމަޖެހިފައި އޮންނަ އުސޫލުން ކޮންމެ 10 ކުއްޖަކަށް މަސްދޯންޏެއް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނަން. އެއީ މަހުން މަހަށް ފައިސާ ދައްކާ އަގު ހަމަކުރާ ގޮތަށް. ދޯނި އެކުދިންނާ ޙަވާލު ކުރާއިރު އެއްވެސް ދަތިކަމެއްނެތި މަހަށް ފުރޭ ގޮތަށް ހުރިހައި ވަސީލަތެއް ދޯނީގައި ފުރިހަމައަށް ހުންނާނެ.“ އަންނަ ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އޯކޭ ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ގްރޭޑް އަށަކުން މަތީގެ ދަރިވަރުންނަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން ފަންނުވެރިކަން ކިޔަވައިދިނުމަށް ޚާއްޞަ ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް ޤާއިމް ކުރައްވާނެ ކަމުގައެވެ. އަދި ދިވެހިންގެ ދިރިއުޅުން ޓުވަރިޒަމް ނޫން އެހެން ކަމަކަށް ވިސްނަން ވެއްޖެ ކަމަށާއި، އެގޮތުން އެމަނިކުފާނުގެ ވެރިކަމެއްގައި ”ދިވެހިންގެ ލޭނާރު“ ކަމުގައިވާ ދިވެހި މަސްވެރިކަމުގެ ސިނާއަތު މިހާރަށްވުރެ އިތުރަށް ފުޅާކޮށް ޒުވާން މަސްވެރިންނާއި ދަނޑުވެރިންނާއި އެހެނިހެން މަސައްކަތް ތެރިން ތަމްރީނުކޮށް، ބޭރު މަސައްކަތްތެރިން ރާއްޖެއަށް ގެންނަ އަދަދު ދުވަހުން ދުވަހަށް މަދުކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށްވެސް އޯކޭ ޒާހިރު ވިދާޅުވި އެވެ.

”ދިވެހި ލޮބުވެތި ރައްޔިތުން 2023 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަޅުގަނޑާއި ޙަވާލު ކުރައްވައިފިނަމަ ދިވެހިން ދެކެފައި ނުވާފަދަ އުފާ ފާގަތި ދިރިއުޅުމެއް ﷲގެ ވާގިފުޅައިއެކު ދިވެހިންނަށް ހޯދައިދޭނަން. އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހައި ސްކޫލެއްގައިވެސް ގުރޭޑް އަށަކުން މައްޗަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން މަސައްކަތްތަކުގެ އިތުރުން ޚާއްޞަކޮށް ކަނބަލުން ގޭގައި ތިއްބަވައިގެން އާމްދަނީ ލިބޭނެ މަސައްކަތްތައް ކިޔަވައިދޭނަން. ގްރޭޑް އަށަކުން މައްޗަށް ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެއް ކޮންމެ ސްކޫލެއްގައިވެސް ޤާއިމް ކުރާނަން.“ 2023 ގައި ރާއްޖޭގެ ރައީސް ކަމަށް ވާދައްކުރައްވަން ނިންމަވާފައިވާ އޯކޭ ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ މިފަދަ ކިތަންމެ ކަމެއް އެމަނިކުފާނުގެ ވިސްނުންފުޅުގައި އެބަހުރި ކަމަށާއި، ރައްޔިތުންނަށް ކޮށް ދެއްވާނެ ކަންކަމުގެ މަޢުލޫމާތު ކޮންމެ ހަފްތާއަކު އެއްފަހަރު ”ފެންވަރު އޮންލައިން“ މެދުވެރިކޮށް ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދެއްވަނެ ކަމުގައެވެ.

އޯކޭ ޒާހިރު ވިދާޅުވީ ދިވެހިުންނަކީ ނިކަމެތި ޙާލުގައި އުޅެން ޖެހޭ ބައެއް ނޫންކަމަށާއި، ހަމައެކަނި ކަނޑުފަޅުގެ ޚަޒާނާއަށް ވިސްނައިލިޔަސް މިކަން ސާފުވެގެން ދާނެ ކަމުގައެވެ.

”ދިވެހިރާއްޖޭގަ ވަސީލަތް އެބަހުރި. ޙަޤީޤަތުގައި ރާއްޖެއަށް ވުރެ ތަނަވަސް ދިރިއުޅުމެއް އުޅެންވީ އެއްވެސް ބަޔަކު މި ދުނިޔޭގައި އުޅޭނެ ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. މިއަށްވުރެ ވަޞީލަތް ގިނަ ޤައުމެއް ކޮބައިތޯ؟ އަޅުގަނޑުމެންނަށް ލިބިފައިމިވާ ކަނޑުގެ ތަނަވަސް ޚަޒާނާއަށް ހަމައެކަނި ކަނޑުފަޅުގެ ޚަޒާނާއަށް އެކަނި ވިސްނައިލިޔަސް ފުދޭނެ.“ ޒާހިރު ވިދާލުވި އެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އެމަނިކުފާނާއި ޙަވާލުކޮށްފި ނަމަ ދިވެހިން ދުވަހަކުވެސް ފެނިފައި ނުވާފަދަ ”އުފާ ފާގަތި ދިވެހިރާއްޖެ“ އެއް ދިވެހިންނަށް ހޯދައިދެއްވުމަށް މަސއްކަތް ކުރައްވާނެ ކަމަށްވެސް އޯކޭ ޒާހިރު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި