Search Streamline Icon: https://streamlinehq.com

މިފަހަރު ޢީދު ޗުއްޓީ ލާމަށް

Laamu Gan
Advertisement

މިއަހަރުގެ އަޟްހާ ޢީދު ދުވަހަކީ ޖުލައި 20ވަނަ ދުވަހެވެ. ޢީދު ދުވަހަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވަރަށް ފޯރިއާއި އެކު ފާހަގަކުރާ ދުވަހެކެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން ބައެއް ރަށްރަށުގައި ޢީދުގެ ހަތަކާތްތައް މަޑުޖައްސާލާފައިވީ ނަމަވެސް މިފަހަރު ވަރަށް ކުލަގަދަކޮށް ޢީދު ފާހަގަކުރަން ތައްޔާރުވަމުންދާ ރަށްރަށްވެސް މަދެއްނޫނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްރަށަކީ ލ.ގަމެވެ.

ލ. ގަމުގައި އޮންނަ ދުވަސްވީ ޕަރީފެންގަނޑު- ފޮޓޯނެގުމާއި ހިތްފަސޭހަކޮށްލަން ވަރަށް ހިތްގައިމު ތަނެއް

ލ.ގަމަކީ ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ގިނައިން މީހުން އަންނަން ބޭނުންވާ އަދި އަންނަމުންދާ އެއްރަށެވެ. ގަމުގެ ރީތި ވާހަކައަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ދައްކާ ވާހަކައެކެވެ. އެގޮތުން ލާމު ލިންކް ރޯޑާއި ޕަރީފެންގަނޑުގެ އިތުރުން ހިތްގައިމު ގޮނޑުދޮށްތަކަކީ އެތަނެއް ބަލާލުމަށް އެތައްބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާ ތަންތަނެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް މި ޢީދަކީ ލާމަށް އައުމަށް އެންމެ ރަނގަޅު ދުވަސްވަރަށް ވެގެންދާނެއެވެ.

މޫދު ކުޅިވަރާއި މޫދައްއެރިލައި މަޖާކޮށްލުމުގެ އިތުރުން ކުޑަކުދިންނާއި ޒުވާނުންނަށް ޚައްޞަ- މުސްޠޮބީޗް

މިފަހަރުގެ އަޟްހާ ޢީދު ފާހަގަކުރުން ލ.ގަމުގައި ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ އަވަށްތަކަށް ބާހާލައިގެންނެވެ. އެގޮތުން ތުނޑީ އަވަށާއި، މަތިމަރަދު، މުކުރިމަގު އަދި އާބާދު ސަރަހައްދުގައިވެސް ތަފާތު ކުޅިވަރުތައް ކުރިޔަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. މިއީ ގަމު ކައުންސިލްގެވެސް އެއްބާރުލުމާއި، ގަމުގެ އެންމެހާ ރައްޔިތުންގެ އިސްނެންގެވުމާއެކު ކުރިޔަށް ގެންދާ ހަރަކާތްތަކެކެވެ.    ޢީދުގެ ބައެއް ކުޅިވަރުތަކުގެ ތެރޭގައި ދަނޑިޖެހުމާއި މާލިނެށުމާއި ބޮޑުމަސް ބޭނުމުގެ އިތުރުން ސްޓޭޖް ހަރަކާތްތައްވެސް ހިމެނެއެވެ. އަދި މީގެ އިތުރުންވެސް އަހަރެމެންގެ ކާބަފައިންގެ ފަރާތުން އައިސްފައިވާ އަދި މިހާރު ނެތެމުންދާ އެތަށް ކުޅިވަރުތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

ލ.ގަން ގަނގިރި ގުރޫޕް- މި ގުރޫޕަކީ ވަރަށް ބޮޑު ތަރުޙީބު ލިބިފައިވާ ގުރޫޕެއްކަން ފާހަގަ ކުރެވޭ.

ޢީދަކީ އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވެ އިޖްތިމާއީ ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމުގެ ރީތި އަދަބުތައް ދަމަހައްޓައި އުފާ ފާޅުކުރަންވީ ދުވަހެވެ. ރާއްޖެއަށް ދިމާވެފައިވާ މިބަލިމަޑުކަމާއި އެކުވެސް މިފަދަ ދުވަހެއް ފާހަގަ ކުރަމުންގެންދާއިރު އެޗް.ޕީ.އޭ އިން ކަނޑަ އަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާ އަދާކުރަން ހުރިހާ ރައްޔިތުންވެސް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އެއްވެ އުޅޭއިރު ގައިދުރުކަމަށް އިސްކަންދީ ހުރިހާ ވަގުތަކުވެސް މާސްކު އެޅުމަކީ ޚާއްސަ ސަމާލުކަމެއްދީގެން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ތިމާއާއި އެހެންމީހުންގެ ރައްކާތެރިކަމަށް ގިނަގިނައިން އަތްދޮވެ ސެނެޓައިޒާ ބޭނުންކުރަންވާނެއެވެ.

ލ.ގަން އަންހެނުންގެ ދަނޑި ޖެހުމާއި، މާފަތިނެށުމާއި، ބިލެތް ދަފިނެގުމަކީ ވަރަށް ފޯރިގަދަ ކުޅިވަރެއް

މިއަހަރުގެ އަޟްހާ ޢީދުގައި ލ.ގަމުގެ އިތުރުން މުޅި ލާމު އަތޮޅުގެ ހުރިހާ ރަށެއްގައި ހިންގަމުންދާ ހަރަކާތްތަކުގެ ފޮޓާއާއި އެކަމާ ގުޅޭ ޚަބަރުތައް ފެންވަރު އޮންލައިންގެ ފަރާތުން ގެނެސްދެވޭނެއެވެ. އެގޮތުން ބޮޑު ޢީދަށް ފެންވަރު އޮންލައިންގެ ފަރާތުން ޚާއްސްކޮށްފައިވާ ވައިބާރ ނަންބަރު 9765554 އަށް ފޮޓޯ ހިއްސާ ކުރެވޭނެއެވެ.

Advertisement
ލ.ގަމުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގެ ތެރެއިން ކޯޑި ކުޅުމާއި ބޭ ހެއްދުން- ވަރަށް ފޯރިގަދަ
ސްޓޭޖް ޙަރަކާތް ތަކުގެ ތެރޭގައި ލަވައާއި މިޔުޒިކް- ބޮޑުބެރާއި ލަނގިރި އަންހެނުންގެ ޚާއްޞަ ހަރަކާތްތައް

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި