ތަޔައްމަމުގެ އާޔަތްތައް ބާވައިލެއްވުން
އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. ތިމަންމެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އެއްފަހަރަކު ދަތުރަކު ނުކުތީމެވެ. ދަތުރު ކުރަމުން ގޮސް ބައިދާ ނުވަތަ ޒާތުލްޖައިޝް އާ ހަމަވިތަނާ ތިމަންކަމަނާގެ ކަރުގައި އޮތް ހާރު ކަނޑައިގެން ގޮއްސިއެވެ. ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ އަޞްޙާބުން އެ ހާރު ފެނޭތޯ އެތަނުގައި މަޑުކުރެއްވިއެވެ.
އެތަނަކީ ފެންނެތްތަނެކެވެ. އެހެންވެ، ބައެއް ބޭކަލުން އަބޫބަކުރުގެފާނުގެ އަރިހަށް ވަޑައިގެން ޝަކުވާ ދެންނެވިއެވެ.
[ޢާއިޝާ ކުރައްވައިގެން އެ އުޅުއްވާ ކަމެއް ކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވާތޯއެވެ؟ އެކަމަނާގެ ސަބަބުން މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި ލަޝްކަރުގެ މީސްތަކުންނަށް އެއްވެސް ފެންފޮދެއް ނެތްތަނެއްގައި މަޑުކުރަން ޖެހިއްޖެއެވެ.]
އެބައިމީހުން އެހެން ދެންނެވުމުން އަބޫބަކުރުގެފާނު ތިމަންކަމަނާގެ އަރިހަށް ވަޑައިގެންފިއެވެ. އޭރު މާތް ރަސޫލާ صلّى اللّـه عليه وسلّم އޮންނެނެވީ ތިމަންކަމަނާގެ އުނގުފުޅުގައި އިސްތަށިފުޅު އަޅުއްވައިގެ އަވަހާރަފުޅު ލައްޕަވައިފައެވެ. އެކަލޭގެފާނު ވަޑައިގެން ވިދާޅުވިއެވެ. [މާތް ރަސޫލާ އާއި މީސްތަކުން އެއްވެސް ފެންފޮދެއް ނެތްތަނެއްގައި ކަމަނާގެ ސަބަބުން މަޑުކުރަންޖެހިއްޖެއެވެ.] އެކަލޭގެފާނު މާތްﷲ އިރާދަކުރެއްވި މިންވަރަކަށް ތިމަންކަމަނާއާ ދިމާއަށް އެއްޗެހި ވިދާޅުވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ އަތްޕުޅުން ތިމަންކަމަނާގެ ގައިކޮޅުގައި ޖެއްސެވިއެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ތިމަންކަމަނާގެ އުނގުފުޅުގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅަށް އޮންނެވުމުން ކިތަންމެ ތަދުވިތަސް ގުޑިލަންވެސް ނުކެރިފައި އިނީމެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ތެދުވެވަޑައިގެންނެވީ ފަތިސްވިފަހުންނެވެ. އެތަނުގައި ފެނެއްނެތެވެ. އެ ވަގުތު މާތްﷲ ތަޔައްމުމުގެ އާޔަތްތައް ބާވައިލެއްވިއެވެ. ދެން އެހުރިހާ ބޭކަލުން ތަޔައްމުމު ކުރެއްވިއެވެ. އުސައިދު ބުން ޚުޟައިރު ވިދާޅުވިއެވެ. [އޭ އަބޫބަކުރުގެފާނުގެ އާލުވެރިންނޭވެ. މިއީ ތިޔަބައިމީހުންގެ ފަރާތުން ލިބުނު ފުރަތަމަ ބަރަކާތެއް ނޫނެވެ.] ދެން ތިމަންކަމަނާ ސަވާރުވެވަޑައިގެން އިންނެވި ޖަމަލު ބަނޑުޖެހިތަނުން ހާރު ފެނިއްޖެއެވެ. {ޞަޙީޙު ބުޚާރީ،ކިތާބުއް ތަޔައްމުމު، ޙަދީޘް ނަންބަރު 334}
ޖިހާދުގެ މައިދާނުގައި
ޖިހާދުގެ މައިދާނުގައި ހަތިޔާރު ހިފައިގެން ހަނގުރާމަ ކުރުމަކީ މުސްލިމު ފިރިހެނުންނަށް ފަރުޟު ކުރައްވައިފައިވާ ކަމެކެވެ. އެހެންކަމުން މުސްލިމުން އަންހެނުން މުސްލިމު މުޖާހިދުންނަށް ޚިދުމަތް ކުރެއްވުމަށްޓަކައި ޖިހާދުގެ މައިދާނަށް ވަޑައިގެން އުޅުއްވައެވެ. އެ ގޮތުން ފާހަގަކޮށްލެވޭ ބައެއް ބޭކަނބަލުންގެ ތެރޭގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާ ހިމެނިވަޑައިގަންނަވައެވެ.
އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [އުޙުދު ހަނގުރާމައިގެ ދުވަހުގައި ބައެއް މީހުން މާތް ރަސޫލާ صلّى اللّـه عليه وسلّم ދޫކޮށް ޖިހާދުގެ މައިދާނުން ފިލަން ދުވުނެވެ. އެދުވަހު ޢާއިޝަތުގެފާނާއި، އުއްމު ސުލައިމު މުސްލިމު މުޖާހިދުންނަށް ފެންހަންތައް އުފުއްލަވައި ދެއްވަނިކޮށް އަހަރެން ދުށީމެވެ. އެބޭކަނބަލުން ފެންހަންތައް ހިއްޕަވައިގެން ވަޑައިގެން މުޖާހިދުންނަށް ބޯންދެއްވައެވެ.] {ބުޚާރީ، كتاب الجهاد والسير، باب غَزْوِ النِّسَاءِ وَقِتَالِهِنَّ مَعَ الرِّجَالِ، ޙަދީޘް 2880}
މާތް ރަސޫލާގެ އެހެން އަނބިއަނބިކަނބަލުންނާ އޮތް ގުޅުން
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެނިހެން އަނބިއަނބިކަނބަލުންނާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވަރަށް ޚާއްޞަ ގުޅުމެއް ބޭއްވެވިއެވެ. އެބޭކަނބަލުންނަށް އެކަމަނާ އިޙްތިރާމު ކުރައްވައެވެ. އެބޭކަނބަލުންވެސް ޢާއިޝަތުގެފާނަށް އިހްތިރާމު ކުރައްވައި ހެޔޮފުޅުކޮށް ހިއްތަވައި ހައްދަވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެ ވަޑައިގަތުމަށްފަހުވެސް އެބޭކަނބަލުންގެ މެދުގައި އޮތީ ވަރަށް ބަދަހި ގުޅުމެކެވެ. އެބޭކަނބަލުންނަކީވެސް އިންސާނުންކަމުގައިވުމުން ބައެއް ފަހަރު ކުދިކުދި ޚިޔާލު ތަފާތުވުންތައް އުފެދެއެވެ. ނަމަވެސް އެއްބޭކަނބަލަކު އަނެއް ބޭކަނބަލެއްގެ ޙިމާޔަތުގައި ތިއްބަވަނީ ނުހަނު އެކުވެރިވެވަޑައިގެންނެވެ. ހިތްޕުޅު ސާފު ކުރައްވައިގެންނެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާއަކީ ވަރަށް ދޮށީ ޢުމުރުފުޅެއްގެ ބޭކަނބަލެކެވެ. އެކަމަނާ މުސްކުޅިފުޅުވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާ ވަރިކުރައްވަފާނެ ކަމަށް ހީފުޅު ކުރެއްވިއެވެ. އެކަމަނާ އެންމެ ބޮޑު އެދުމަކީ ޤިޔާމަތްދުވަހު މާތް ރަސޫލާގެ އަނބިކަނބަލެއްގެ ގޮތުގައި މަހުޝަރު ކުރެއްވުމެވެ. އެހެންކަމުން އެކަމަނާގެ އަރިހުގައި މާތް ރަސޫލާ ހުންނަވާ ދުވަސް ޢާއިޝަތުގެފާނަށް ހަދިޔާ ކުރެއްވިއެވެ. އެކަމާ ގުޅިގެން ނިސާ ސޫރަތުގެ 128 ވަނަ އާޔަތް ބާވައިލެއްވިއެވެ.
وَإِنِ امْرَأَةٌ خَافَتْ مِن بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَالصُّلْحُ خَيْرٌ ۗ وَأُحْضِرَتِ الْأَنفُسُ الشُّحَّ ۚ وَإِن تُحْسِنُوا وَتَتَّقُوا فَإِنَّ اللَّـهَ كَانَ بِمَا تَعْمَلُونَ خَبِيرًا ﴿١٢٨﴾
މާނައީ: [ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ صلح ވުމަކުން صلح ވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. صلح ވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާގެގާތުން ކުރަންޖެހޭ ހޭދަޔަކާމެދު، އަދި ތިމާޔަށް ލިބެންވީ ލިބުމަކާމެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި، ތިޔަބައިމީހުން إحسان ތެރިވެ އަދި تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.]
ސައުދަތުގެފާނު އެކަމަނާގެ ޚާއްޞަ ދުވަސް ޢާއިޝަތުގެފާނަށް ދެއްވުމުން، ޢާއިޝަތުގެފާނު ވަރަށް އުފާފުޅު ކުރެއްވިއެވެ. އިހުނަށްވުރެވެސް ބޮޑަށް ޢާއިޝަތުގެފާނު އެކަމަނާއާ ގުޅުން ބާއްވަން ފެއްޓެވިއެވެ. ސައުދަތުގެފާނު ހިތްޕުޅަކީ އެންމެހައި ނިސްވާނީ ޣީރަތަކުން ސަލާމަތްވެގެންވާ ސާފު ޠާހިރު ހިތްޕުޅެކެވެ.
ސައުދަތުގެފާނަކީ، އިސްކޮޅުފުޅުން ދިގު ހަށިކޮޅުފަލަ ބޭކަނބަލެކެވެ. ޙައްޖަތުލް ވަދާޢުގައި މާތް ރަސޫލާ އެކަމަނާ މުޒްދަލިފާއިން އަވަހަށް ވަޑައިގެންނެވުމުގެ ޚާއްޞަ ހުއްދައެއް ދެއްވިއެވެ. އެއީ މީސްތަކުން ބައިބޯވުމުން އެކަމަނާއަށް ވަޑައިގެންނެވުމަށް އުނދަގޫފުޅު ވެދާނެތީއެވެ. އޭރު އެތަނުގައި ޢާއިޝަތުގެފާނުވެސް ހުންނެވިއެވެ. ސައުދަތުގެފާނު ވަޑައިގެންނެވުމުން އެކަމަނާއާ އެކު ކުރިން ދެވުނު ނަމައޭ ޢާއިޝަތުގެފާނު ހިތްޕުޅަށް އަރައިވަޑައިގަތެވެ. އެއީ އެކަމަނާ ވަޑައިގެންނެވުން ލިބިވަޑައިގެންނެވި ހުސްކަމުގެ ސަބަބުންނެވެ. އެހެނީ ސައުދަތުގެފާނަކީ ވަރަށް ސަމާސާ މިޒާޖުފުޅެއްގެ ބޭކަނބަލެކެވެ. {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 36}
މާތް ރަސޫލާގެ ދޫފުޅުން ދައްޖާލުގެ ފިތުގައިގެ ވާހަކަ އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާވަނީ އަޑު އައްސަވައިފައެވެ. އޭގެ ފަހުން އެކަމަނާ ދައްޖާލުގެ ފިތުނައާމެދު ވަރަށް ބޮޑަށް ބިރުފުޅުގެން ވަޑައިގަންނަވައެވެ. ސައުދަތުގެފާނަކީ ވަރަށް ސާދާ މިޒާޖެއްގެ ބޭކަނބަލެކެވެ. އެހެންކަމުން މާތް ރަސޫލާގެ އެހެންބައެއް އަނބިއަނބިކަނބަލުން އެކަމަނާއާ ސަމާސާކުރައްވައި، ބިރުގެންނެވުމުގެ ގޮތުން ދައްޖާލުގެ ވާހަކަ ދައްކަވައި ހައްދަވައެވެ. އެއްފަހަރަކު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ ދައްޖާލުގެ ވާހަކަ އެކަމަނާ އިންނެވި ތަނެއްގައި ދެއްކެވިއެވެ. ސައުދާ ރަޟިޔަﷲ ޢަންހާ މިއަޑު އައްސަވައި ވަރަށް ބިރުފުޅުގެންނެވިއެވެ. ދުވެވަޑައިގެންފައި ވަޑައިގެން ވަރަށް އަނދިރި ކޮޓަރިއަކަށް ވަދެއްވަޑައިގެންނެވިއެވެ. އެތަނަކީ ވަރަށް ގިނަ ވާމަކުނު ވާފުރައިފައިވާ ހުރި ތަނެއްވެސްމެއެވެ. ކަންދިމާކުރި ގޮތުން އެތަނަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ވަޑައިގެންނެވިއްޖެއެވެ. ޙަފްޞަތުގެފާނާއި ޢާއިޝަތުގެފާނު ހިނިފުޅުވަޑުވާތަން ފެނިވަޑައިގެން ވީ ކީއްތޯ އެއްސެވުމުން އެދެބޭކަނބަލުން ކަންހިނގައި ދިޔަ ގޮތް މާތް ރަސޫލާއަށް ވިދާޅުވެދެއްވިއެވެ. ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم ސައުދަތުގެފާނަށް ގޮވައިލައްވައި ދައްޖާލު އަދި ފާޅުނުވާކަމަށް ވިދާޅުވިއެވެ. އެއަށްފަހު އިރުކޮޅަކުން އުއްމުލް މުއުމިނީން ސައުދާވެސް ހިނިފުޅުވަޑުވަމުން ނުކުމެވަޑައިގެންފިއެވެ. {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 37}
އެހެން ޙާދިޘާއެކެވެ. މާތް ރަސޫލާ އާއި ސައުދަތުގެފާނާއި ޢާއިޝަތުގެފާނު އެއްތަނެއްގައި ވާހަކަފުޅު ދައްކަވަން ތިއްބެވިއެވެ. އެތަށް ޢާއިޝަތުގެފާނު ވަރަށް ޚާއްޞަ ފަރީއްކޮޅެއް ތައްޔާރު ކުރައްވައިގެން ގެންނެވިއެވެ. ގެންނަވައި ސައުދަތުގެފާނު އެއިން ރަހަ ބެއްލެވުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާ އެކަމަށް އިންކާރު ކުރެއްވިއެވެ. ޢާއިޝަތުގެފާނަކީ ވަރަށް ޅަޢުމުރުފުޅެއްގެ ބޭކަނބަލެކެވެ. އެހެންކަމުން، ސައުދަތުގެފާނު ތަކުރާރުކޮށް ފަރީއްކުޅުއްވަން އިންކާރު ކުރައްވަން ފެއްޓެވުމުން އެއިން ކާއެތިކޮޅެއް އެކަމަނާގެ މޫނުފުޅުގައި އުގުޅުއްވައިލެއްވިއެވެ. ކޮންމެއަކަސް މާތް ރަސޫލާގެ ގަނޑުވަރުގައި މިދެންނެވިފަދަ ސަމާސާކުރުންތައްވެސް އޮވެއެވެ. އެއިންވެސް އެބޭކައުކަނބަލުންގެ ތެރޭގައި އޮންނަ ހަމަޖެހުމާއި ޞުލްޙަ މަސްލަހަތު ދޭހަކޮށްދެއެވެ. {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 37}
އުއްމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާއަކީ، ބަނުލް މުޞްޠަލިޤު ވަހަންހައިގެ ރައީސްގެ ދަރިކަނބަލެކެވެ. މުސްލިމުންނާ މުޞްޠަލަޤުވަންހައާ ދެމެދުގައި ކުރެވުނު މުރައިސީޢު ހަނގުރާމައިގައި އެކަމަނާ މުސްލިމުގެ އަތްދަށުގައި ހައްޔަރުވެވަޑައިގެންނެވިއެވެ.
އުއްމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާ ގެ ވާހަކަ އެންމެ ތަފްސީލީ ގޮތެއްގައި ބަޔާންކޮށްދެއްވައިފައިވަނީ އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ.
މާތް ރަސޫލާ މުސްޠަލިޤުވަންހައިގެ ހަނގުރާމައިން ލިބިވަޑައިގެންނެވި ޣަނީމާ މުދާ މުސްލިމުންގެ މެދުގައި ބެއްސެވިއެވެ. މި ބެއްސެވުމުގައި ޖުވައިރިއްޔާ ލިބިވަޑައިގަތީ ޘާބިތު ބިން ޤައިސަށެވެ، ނުވަތަ އޭނާގެ ބޮޑުބޭބެގެ ދަރިއަކަށެވެ. އެކަމަނާ އޭނާގެ ގާތުން މުކާތަބު އަޅަކަށް ވެވަޑައިގެންނެވިއެވެ. ޖުވައިރިއްޔާއަކީ މީސްތަކުންގެ ނަޒަރު ހުއްޓެވޭފަދަ ރިވެތި ބުރުސޫރަފުޅެއް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އެކަމަނާ މާތް ރަސޫލާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.
[އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑަކީ ޖުވައިރިއްޔާ ބިންތު އަލްޙާރިޘެވެ. އަޅުގަނޑަށް ޖެހިފައިމިވާ މުޞީބާތް ކަލޭގެފާނަށް ވަންހަނާވެވަޑައިގެން ނުވާނެއެވެ. އަޅުގަނޑު މިހާރު އިންނަން ޖެހިފައިމިވަނީ ޘާބިތު ބިން ޤައިސްގެ އަޅުވެތިކަމުގައެވެ. އޭނާއާ ވާހަކަ ދައްކައިގެން އަޅުގަނޑު މުކާތަބު އަޅަކަށްވެއްޖައީމެވެ. އަޅުވެތިކަމުން މިންޖުވާން އަޅުގަނޑަށް ފައިސާ ބޭނުންވެއެވެ. މިކަމުގައި ކަލޭގެފާނުގެ އެހީތެރިކަމަށް އެދިގެން އައީމެވެ.]
މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ތިޔަށްވުރެ މާ ރަނގަޅު ގޮތެއް އެބަ އޮތެވެ.] ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. [އެއީ ކޮންގޮތެއްތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [ކަމަނާގެ އަޅުވެތިކަމުގެ އަގު ތިމަންކަލޭގެފާނު އަދާކުރައްވާނަމެވެ. އެއަށްފަހު ކަމަނާއާ ކާވެނިބައްލަވައިގަންނަވާން ކަމަށެވެ.] ޖުވައިރިއްޔަތުގެފާނު ވިދާޅުވިއެވެ. [އަޅުގަނޑު ތިޔަކަމާ އެއްބަހެވެ.] ދެން މާތް ރަސޫލާ އެކަމަނާއާ ކާވެނި ބައްލަވައިގެންނެވުމުން، ޞަޙާބީބޭކަލުންގެ އަތްދަށުގައި ތިއްބެވި މުޞްތަލަޤުވަންހައިގެ އެންމެހައި މީސްތަކުން މިނިވަންކުރެއްވިއެވެ. އެއީ މާތް ރަސޫލާއާ އެބައިމީހުންނާ އޮތް ޅިޔަންފަރިކަމުގެ ގުޅުމަށް ރިޢާޔަތްކުރައްވައެވެ. ޢާއިޝަތުގެފާނު ވިދާޅުވެއެވެ. [ޖުވައިރިޔަތަށްވުރެ އެކަމަނާގެ ޤައުމަށް ބަރަކާތްތެރި ބޭކަނބަލަކު އަހަރެން ނުދެކެމެވެ.] {އިބްނު ސަޢުދު، ޠަބަޤާތު، އަށްވަނަ ޖިލްދު، ޞަފްޙާ 92}
ނުނިމޭ
މިވާހަކައިގެ ކުރިޔަށް ހުރި ބައިތައް ކޮންމެ ހަފްތާއަކު 3 ދުވަހު ގެނެސްދޭނަމެވެ. ތިޔަ ކަލުންނާއި ކަނބަލުންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. ވާހަކަ ކިޔާލުމަށް ފަހު ޝެއާ ކޮށްލަ ދެއްވާށެވެ. އެހެން ބޭފުޅުންނަށްވެސް މިވާހަކަ ކިޔާލުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވާށެވެ. ތިޔަ އެއްމެ ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލައްވާށި: އާމީން











