”ހަރުކަށި ފިކުރު“ އައްޑަނަ އަކަށް ބޭނުން ކޮށްގެން ޖީލެއްގެ އިސްލާމްކަން ފުހެލަނީ އެވެ.
ހަރުކަށި ފިކުރު ގިނަވާ ވާހަކަ އާއި ހަރުކަށި ފިކުރު މަދަރުސާ ތަކުގައި އޮތް ވާހަކަ މިއީ މިއަދު ޚަބަރު ތަކުގައި އެންމެ ގަދައަށް ދެކެވޭ ވާހަކައެވެ. ހަރުކަށި ފިކުރުގެ އަޑު މިހައި ގަދަވެ މީހުން އެކަމަށް ސަމާލު ކުރުވާ، ދެބޯގެރި ދުއްވާފައި، ފަރުދާގެ ނިވަލުގައި ވަނީ ކީއްކަން ބަލައިލަމާ ހިނގާށެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ”ޓުރާންޕޭރެންސީ މޯލްޑިވްސް“ ގެ ނަމުގައި އޮތް ”އެމްޑީއެން ފިކުރު“ގެ ޖަމިއްޔާއަކާއި އެއްބަސްވެ އެމްޑީއެން ރިޕޯޓް ތަންފީޛު ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދަން ފަށައިފިއެވެ. އެގޮތުން އިސްލާމް ފޮތުގައި ނަފުރަތު އުފެދޭ ގޮތަށް ހުރި ފިލާވަޅުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމާއި އިސްލާމީ މުޤައްރަރު ބަދަލުކޮށް ބޭރުން ޓީޗަރުން ގެންނަން މަސައްކަތް ކުރާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީއާއި ޙަވާލާ ދެއްވައި މެއި ހައެއް ކޮމިޓީއިން ވަނީ ބުނެފަ އެވެ.
މިނިސްޓްރީއިން މިކަން ދޮގު ކުރި ނަމަވެސް ކުރަމުންދާ މަސައްކަތް ހުޝިޔާރުވެ ބަލާ ލޯތަކަކަށް ނުފޮރުވޭނެއެވެ. އެގޮތުން ގުރޭޑް އެކެއްގެ ފޮތްތަކުގައި ޝިރުކުގެ ފިލާވަޅުތައް ވަނީ ފާހަގަ ވެފައެވެ. އަދި ހިންދީ ޤައުމީ ސަލާމްއާއި ހިންދޫންގެ ޘަޤާފަތަށް ލޯބި ޖައްސާ ފަދަ ފިލާވަޅުތައް ވަނީ ގުރޭޑް ހައެއްގެ ފޮތުން ފެނިފައެވެ.
ހިންދޫންގެ އަޅުކަމުގެ ކަންކަން މިއަދު ޅަދަރިންނަށް ކަސްރަތުގެ ނަމުގައި ދަނީ ދަސްކޮށްދެމުންނެވެ. އެއާއި އެކު ބޭރުގެ ޖަމާއަތްތަކާއި ގުޅިގެން ހިންގާ ދީނީ އަޤީދާ އާއި މެދު ޝައްކު އުފައްދާ ވޯކްޝޮޕްތައް ވަނީ ފަޅާ އަރާފައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. މިއީ ދުރާލާ ރާވައިގެން ހިންގާ ބޮޑު ޖަރީމާއެކެވެ. ކާފަރުންނާއި އެމީހުންގެ ވާޤިވެރިން ދީން މުގުރާލާއި ލާދީނީ އަލްމާނީ ފިކުރުން މި ޤައުމުގެ ޅަ ޖީލު ތަޣައްޔަރު ކޮށްލަން ކުރާ މަސައްކަތްތަކެވެ.
ހުޝިޔާރު ވާށެވެ. ކާބަފައިން ގެނެސްދެއްވި އިސްލާމްކަމުގެ އަމާނާތް ޖީލުތަކަށް ހެޔޮ ގޮތުގައި ފޯރުކޮށްދެވޭނީ މިއަދު މިކަމާއި ދެކޮޅަށް ތެދުވެގެންނެވެ.
ތެދުވާށެވެ. މިކަމުގައި އަޑު އުފުލާށެވެ. މާތްވެގެންވާ އިސްލާމްދީނާއި ދިވެހިންގެ ސަޤާފަތް ދެމެހެއްޓުމަށް އެމީހަކަށް ކުރެވުނު މަސައްކަތެއް މިއަދު މިއޮތީ ކުރާން ޖެހިފައެވެ.














