Search Streamline Icon: https://streamlinehq.com

ޢާއިޝަތުގެފާނުގެ ޙަޔާތްޕުޅުގެ ރަން ޞަފްޙާތައް 07

Aishath ge faanu Vaahaka

މާތް ރަސޫލާގެ އަރިހުގައި ޢާއިޝަތުގެފާނުގެ މަޤާމު

ޢާއިޝަތުގެފާނަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم  އެންމެ ލޯބިފުޅުވެވަޑައިގަންނަވާ އަނބިކަނބަލުންނެވެ. އެކަމަނާގެ މާތްކަމާއި، މާތް ރަސޫލާގެ އަރިހުގައި އެކަމަނާގެ މަޤާމުގެ މަތިވެރިކަން ހާމަވެގެންދާ ވަރަށް ގިނަ ޙަދީޘްތައް ރިވާވެގެންވެއެވެ.

ޢާއިޝަތުގެފާނުގެ މާތްކަމުގެ ތެރޭގައި އެކަމަނާއަށް ވަޙީގެ މަލާއިކަތާ ޖިބުރީލުގެފާނު ސަލާމް ވިދާޅުވުން ހިމެނެއެވެ. ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވެއެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم  ޢާއިޝަތުގެފާނާ މުޚާތަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ. [ يَا عَائِشَ، هَذَا جِبْرِيلُ يُقْرِئُكِ السَّلاَمَ ‏] އޭ ޢާއިޝް އެވެ. މިހުންނެވީ ޖިބުރީލުގެފާނެވެއެވެ. އެކަލޭގެފާނު ކަމަނާއަށް ސަލާމް ވިދާޅުވިއެވެ. އެހިނދު ޢާއިޝަތުގެފާނު وَعَلَيْهِ السَّلاَمُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ އޭ ވިދާޅުވެ ޖިބްރީލުގެފާނަށް ސަލާމުގެ ރައްދު ދެއްވިއެވެ. {صحيح البخاري،كتاب فضائل أصحاب النبى صلى الله عليه وسلم،باب فَضْلِ عَائِشَةَ رضى الله عنها، ޙަދީޘް ނަނަބަރު3768،}

ޢާއިޝްއަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم  ޢާއިޝަތުގެފާނަށް ލޯބިން ވިދާޅުވާ ނަންފުޅެކެވެ.

އަދިވެސް އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އަބޫ މޫސަލް އަޝްއަރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަރަކު މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. [وَإِنَّ فَضْلَ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثَّرِيدِ عَلَى سَائِرِ الطَّعَامِ] އެހެން އަންހެންތަކުންގެ މައްޗަށް ޢާއިޝަތުގެފާނުގެ މާތްވެގެންވަނީ އެހެން ކާތަކެތީގެ މައްޗަށް ޘަރީދު މާތްވެގެންވާ ފަދައިންނެވެ.]{صحيح البخاري كتاب أحاديث الأنبياء،بَابُ قَوْلِ اللَّهِ تَعَالَى: {وَضَرَبَ اللَّهُ مَثَلاً لِلَّذِينَ آمَنُوا امْرَأَةَ فِرْعَوْنَ} إِلَى قَوْلِهِ: {وَكَانَتْ مِنَ الْقَانِتِينَ}، ޙަދީޘް3411}

  ޞަޙީހުލް ބުޚާރީގެ ކިތާބުލް މަޣާޒީގައި ރިވާވެގެންވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އެއްފަހަރަކު ޢަމްރު ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު ޒާތުއްސަލާސިލު އޭ ކިޔުނު ހަނގުރާމައިގެ ކޮމާންޑަރަކަށް ޢައްޔަން ކުރައްވައިފައި ފޮނުއްވިއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު އެ ހަނގުރާމަ ނިންމައިފައި އައިސް މާތް ރަސޫލާއަށް ދެންނެވީމެވެ. [ކަލޭގެފާނު އެންމެ ލޯބިފުޅުވެވަޑައިގަންނަވަނީ ކާކު ދެކެތޯއެވެ] މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ޢާއިޝާދެކެއެވެ.] ދެން ތިމަން ދެންނެވީމެވެ. [ފިރިހެނުންގެ ތެރެއިން ކަލޭގެފާނު އެންމެ ލޯބިފުޅުވަނީ ކާކުދެކެތޯއެވެ؟] މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ޢާއިޝާގެ ބައްޕަ އަބޫބަކުރުގެފާނު ދެކެއެވެ.] ދެން ތިމަން ދެންނެވީމެވެ. [ދެން ކާކުދެކެ ތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [ޢުމަރުގެފާނު ދެކެއެވެ.]  {صحيح البخاري، كتاب المغازى، باب غَزْوَةُ ذَاتِ السَّلاَسِلِ وَهْيَ غَزْوَةُ لَخْمٍ وَجُذَامَ، ޙަދީޘް 4358}

ޙައްޖަތުލް ވަދާޢުގައި ބައިވެރިވެވަޑައިގަތުން

މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ކުރެއްވި އެންމެ ފުރަތަމަ އަދި އެންމެ ފަހު ޙައްޖު ކަމުގައިވާ ޙައްޖަތުލް ވަދާޢުގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ބައިވެރިވެވަޑައިގަތެވެ. އެ ދަތުރުފުޅުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ބަރަކާތްތެރި ހަށިކޮޅުގައި ހުވަނދު ތުރުކޮށްދެއްވި ޚުދު އުއްމުލް މުއުމިނީންގެ އަތްޕުޅުންނެވެ. އެކަމަނާ އެކަލޭގެފާނުގައި ހުވަނދު ތުރުކޮށްދެއްވީ އެކަމަނާއަށް ލިބިވަޑައިގެންނެވި އެންމެ ރަނގަޅު ހުވަނދަކުންނެވެ. {ޞަޙީޙު މުސްލިމު، ކިތާބުލް ޙައްޖު، ޙަދީޘް 1189}

މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ މި މުހިއްމު ޙައްޖުގެ އަޅުކަމުގެ މުހިއްމު ރަސްމުތައް އިސްލާމީ އުއްމަތަށް ޙިއްޞާކޮށްދެއްވި އެއްބޭކަނބަލަކީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. [ހައްޖަތުލް ވަދާޢުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ފަރާތްޕުޅުން ޤުރްބާން ކުރެއްވީ އެންމެ ގެރިއެކެވެ. {ސުނަނު އަބީދާވުދު،ކިޔާބުލް މަނާސިކު، ހަދްޔުގެ ގޮތުގައި ގެރި ޤުރްބާން ކުރުމާބެހޭ ބާބު، ޙަދީޘް ނަންބަރު 1750}

ޙައްޖުގެ އަޅުކަމުގެ ތެރޭގައި ޢާއިޝަތުގެފާނަށް މައްސަރު ކަންތައް ޖެހިވަޑައިގެންނެވިއެވެ. އެކަމާ ޢާއިޝަތުގެފާނު ވަރަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. އެއީ އެކަމަނާއަށް ޙައްޖުގެ އަޅުކަން އަދާނުކުރެވިދާނެ ކަމަށްޓަކައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަމަނާގެ އަރިހަށް ވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ ކީރިތި ކުރައްވާށެވެ. އެހިނދު މާތް ރަސޫލާ ވެގެންއުޅޭ ގޮތް އޮޅުން ފިލުއްވެވުމަށްފަހު ޙަދީޘު ކުރެއްވިއެވެ. [އެހެންމީހުން ޙައްޖުގެ މަނާސިކުތައް އަދާކުރާފަދައިން ކަމަނާވެސް އެކަންތައް ފުރިހަމަ ކުރައްވާށެވެ. ނަމަވެސް ކަޢުބާގެ އަރިހަށް ވަޑައިގެން ޠަވާފު ނުކުރައްވާށެވެ.] {ޞަޙީޙު ބުޚާރީ، كتاب الأضاحي،باب مَنْ ذَبَحَ ضَحِيَّةَ غَيْرِهِ، ޙަދީޘް ނަންބަރު 5559}

މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙައްޖަތުލް ވަދާޢުން ނިމިވަޑައިގެން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ނަޞޭހަތްޕުޅު ދެއްވައި ވަޞިއްޔަކުރެއްވިއެވެ. އެކަލޭގެފާނަށްފަހު އެބޭކަނބަލުން އެއްގޮތަކަށްވެސް ގެކޮޅުން ނިކުމެވަޑައިގެން ނޫޅުއްވުމަށް އެންގެވިއެވެ. އެއީ އަރަހުށި މާތްﷲ ޤުރްއާނުގައި އަންގަވައިފައިވާ ފަދައިންނެވެ. އަޙްޒާބު ސޫރަތުގެ 33 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّـهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّـهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ﴿٣٣

މާނައީ: [އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ.]

މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތު ޖަޙުޝް ރަޟިޔަﷲ ޢަންހާ އޭގެ ފަހުން ޙައްޖަކަށްވެސް ވަޑައެއްނުގަންނަވައެވެ. އެބޭކަނބަލުން ވިދާޅުވަމުން ގެންދެވީ މާތް ރަސޫލާއާއެކު ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރައްވައިފައިވާ ކަމަށެވެ. ދެން މާތް ރަސޫލާ އެންގެވި ގޮތަށް ތިއްބަވާނީ ގެކޮޅުގައި ކަމަށެވެ.] {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 38}

ނަމަވެސް މާތް ރަސޫލާގެ ދެންތިއްބެވި އަނބިއަނބިކަނބަލުން ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ވަޑައިގެންނެވިއެވެ. އެއީ ޢުމަރުގެފާނުގެ ޚިލާފަތުގައި އެބޭކަނބަލުން ޙައްޖަށް ވަޑައިގެންނެވުމުގެ ހުއްދައަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދަވާތީއެވެ.

މާތް ރަސޫލާގެ އަރިހުގައި ޢާއިޝަތުގެފާނު ޒާހިދު ދިރިއުޅުއްވުން

މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޙަޔާތްޕުޅުގައި ޢާއިޝަތުގެފާނު އުޅުއްވީ ވަރަށް ތަޤުވާވެރި ޒާހިދު ދިރިއުޅުއްވުމެކެވެ. ގެކޮޅުގެ އިންތިޒާމުތައް ހަމެޖެހިފައިވާ ސާދާކަމުންނާއި، ދީލަތިފުޅުކަމުގެ ބޮޑުކަމުން އުނދުނަށް އަލިފާންނުލައި ދެމަސްތިންމަސްދަނީ މަދެއްކޮށެއްނޫނެވެ. ލިބިވަޑައިގަންނަވާހާ އެއްޗެއް މުހުތާދުވެރިންނަށް ޞަދަޤާތްކުރައްވައި ހައްދަވައެވެ.

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ގެ ޢާއިލާގެ ބޭފުޅުން ޖެހިޖެހިގެން ތިންދުވަސްވަންދެން ބަނޑުފުރައި ފަރީއްކުޅުއްވައެއް ނޫޅެއެވެ.] {ޞަޙީޙު މުސްލިމު، كتاب الزهد والرقائق، 2970}

އަދިވެސް އެކަމަނާ ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެންނެވިއިރު ރައްފެއްގެ މަތީގައި ހުރި ހިމަގޮދަންކޮޅެއްނޫނީ، ތިމަންކަމަނާގެ ގޭގައި އިންސާނަކު މޭހޫނު ފިލުވައިލާނެ ހަމައެކައްޗެއްވެސްތެވެ. އެއިން ތިމަންކަމަނާ ވަރަށް ގިނަދުވަސްތަކެއް ވަންދެން ކައިއުޅުނީނެވެ. އެއްދުވަހަކު އެނަގައި މިނެލައިފީމެވެ. އެއަށްފަހު ކުޑަ ދުވަސްކޮޅެއް ނުވަނީސް އެ ހުސްވެއްޖެއެވެ. {ޞަޙީޙު ބުޚާރީ، كتاب فرض الخمس، باب نَفَقَةِ نِسَاءِ النَّبِيِّ صلى الله عليه وسلم بَعْدَ وَفَاتِهِ، ޙަދީޘް 3097}

މަސްރޫޤު ވިދާޅުވެފައިވެއެވެ. އެއްދުވަހަކު އަހަރެން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށް ދިޔާމެވެ. ދިޔުމުން އެކަމަނާ އަހަރެންނަށް ކެއުކަމަށް ދަޢުވަތު ދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. [ތިމަންކަމަނާ ބަނޑުފުރައި ކައިފިނަމަ ރޮވެން ފަށައެވެ.] މަސްރޫޤޫ ވިދާޅުވިއެވެ. [އަހަރެން ދަންނަވައިފީމެވެ. އެއީ ކީއްވެގެންތޯއެވެ؟] އެކަމަނާ ވިދާޅުވިއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم  ދުނިޔޭގައި އުޅުއްވައި ސުވަރުގެވަޑައިގެންނެވި ޙާލުކޮޅު ތިމަންކަމަނާ ރަނގަޅަށް ހަނދާން ހުރެއެވެ. މާތްﷲ ގަންދެމެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވުމާ ހަމައަށް ދުވާލު ދެ އިރު ބަނޑުފުޅު ބޮޑުވަންދެން ފަރީއެއް ނުކުޅުއްވައެވެ.] {ތިރުމިޒީ، كتاب الزهد عن رسول الله صلى الله عليه وسلم، باب مَا جَاءَ فِي مَعِيشَةِ النَّبِيِّ صلى الله عليه وسلم وَأَهْلِهِ، ޙަދީޘް 2356}

ނުނިމޭ

މިވާހަކައިގެ ކުރިޔަށް ހުރި ބައިތައް ކޮންމެ ހަފްތާއަކު 3 ދުވަހު ގެނެސްދޭނަމެވެ. ތިޔަ ކަލުންނާއި ކަނބަލުންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. ވާހަކަ ކިޔާލުމަށް ފަހު ޝެއާ ކޮށްލަ ދެއްވާށެވެ. އެހެން ބޭފުޅުންނަށްވެސް މިވާހަކަ ކިޔާލުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވާށެވެ. ތިޔަ އެއްމެ ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލައްވާށި: އާމީން

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި