Search Streamline Icon: https://streamlinehq.com

ޢާއިޝަތުގެފާނުގެ ޙަޔާތްޕުޅުގެ ރަން ޞަފްޙާތައް 08

Aishath ge faanu Vaahaka

މާތް ރަސޫލާ ސުވަރުގެވަޑައިގަތުން

ހިޖުރައިން 11 ވަނަ އަހަރުގެ ޞަފަރުމަހުގެ 29 ވީ ހޯމަވިލޭރޭ މާތް ރަސޫލާ صلّى اللّـه عليه وسلّم  ޖަނާޒާއެއްގެ ކަންތައްތަކަށް ޖަންނަތުލް ބަޤީޢުއަށް ވަޑައިގެންނެވިއެވެ. މިކަންތަކުން އެނބުރި ވަޑައިގެން މަގުމަތީގައި އެކަލޭގެފާނުގެ އިސްތަށިފުޅުގައި ރިއްސަން ފަށައިފިއެވެ. އެއާއެކު ވަރަށް ވަރުގަދަ ހުންފުޅެއް އަތުވެއްޖެއެވެ. އެކަލޭގެފާނުގެ އާލާސްކަންކަންފުޅުގެ އަސަރުތައް އެކަލޭގެފާނުގެ އިސްތަށިފުޅުގައި އައްސަވައިލައްވައިފައިވާ ފޮތިކޮޅުން ޞަޙާބީންނަށް އެނގިވަޑައިގެންނެވިއެވެ.

އެފަދަ އާލާސްކަންފުޅާ އުޅުއްވަމުންވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ އަޞްޙާބުންނާގެން އިމާމުވެވަޑައިގެން ނަމާދުފުޅު ކުރައްވައި އުޅުއްވިއެވެ. އެގޮތުގައި 11 ދުވަސްވަންދެން އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވިކަމަށްވެއެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވުމުގެ އާލާސްކަންފުޅާ އުޅުއްވީ 13 ނުވަތަ 14 ދުވަސްވަންދެނެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ ސުވަރުގެވަޑައިގެންނެވުމުގެ އާލާސްކަންފުޅު ބޮޑުވުމުން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އެއްކުރައްވައި ޙަދީޘު ކުރެއްވިއެވެ. [ތިމަންކަލޭގެފާނު މާދަން އޮންނަވާނީ ކޮންގެއެއްގައިތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ މި ސުވާލުން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް އެކަލޭގެފާނު ބޭނުންފުޅުވަނީ ޢާއިޝަތުގެފާނުގެ ގެކޮޅުގައޮ އޮންނެވުމަށްކަމުގައި އެނގިވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނުގެ އެންމެހައި އަނބިއަނބިކަނބަލުން އެކަމަށް ހުއްދަ ދެއްވިއެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم  ޢާއިޝަތުގެފާނުގެ ގެކޮޅަށް ވަޑައިގެންނެވީ އަލްފަޟުލު ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުގެ އެހީފުޅުގައެވެ. އިސްތަށިފުޅުގައި ރިއްސާވަޑައިގަންނަވާތީ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ފޮތިގަނޑެއް އައްސަވައިލައްވައިފައިވެއެވެ. އެދެބޭކަލުންގެ އެހީގައި ފައިންޕުޅުދަންމަވަމުން މާތް ރަސޫލާ ޢާއިޝަތުގެފާނުގެ ގެކޮޅަށް ވަޑައިގެންނެވިއެވެ.

މި ދުވަސްތަކުގެ ތެރޭގައި، އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަމަނާ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހުން ދަސްފުޅު ކުރެއްވި މުޢައްވިޒަތު ކިޔަވައި ވިދާޅުވެ ދެއްވައި އެކަލޭގެފާނަށް ފަރުވާ ކުރައްވައެވެ. އެއީ ސުރަތުލް ފަލަޤު އާއި ސޫރަތުލް ނާސިއެވެ. އެކަމަނާ މި ދުޢާތަށް ވިދާޅުވެ އެކަމަނާގެ އަތްޕުޅަށް ފުމެލައްވައި އެކަލޭގެފާނުގެ ގައިކޮޅުގައި އުނގުޅުއްވައެވެ. މިއީ އެކަމަނާ މާތް ރަސޫލާގެ އަރިހުން ދަސްފުޅު ކުރައްވައިފައިވާ ފަރުވާކެވެ. {މުސްލިމު 2192}

މާތް ރަސޫލާގެ އާލާސްކަންފުޅު ބޮޑުވެފައިވުމާއެކުވެސް އެކަލޭގެފާނު މީސްތަކުންނާގެ އިމާމުވެވަޑައިގެން ނަމާދުފުޅު ކުރައްވައި ހައްދަވައެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވުމުގެ ހަތަރު ދުވަސްކުރީން އައި ބުރާސްފަތި ދުވަހުގެ މަޣްރިބު ނަމާދާ ހަމައަށް އެކަލޭގެފާނު ޖަމާޢަތުގައި ނަމާދުފުޅު ކުރެއްވިއެވެ. އެ ނަމާދުގައި އެކަލޭގެފާނު ވިދާޅުވީ وَالْمُرْسَلَاتِ عُرْفًا ސޫރަތެވެ.

އެރޭ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޙާލުކޮޅު ވަކީ ބޮޑުވިއެވެ. ޙާލުކޮޅު ބޮޑުކަމުން މިސްކިތަށް ވަޑައިގަންނަވާކަށެއްވެސް ކެރިވަޑައެއް ނުގެންނެވިއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [މީސްތަކުން ނަމާދުކޮށްފި ހެއްޔެވެ؟] ތިމަންކަމަނާ ދެންނެވީމެވެ. [ނޫނެކެވެ. އެބައިމީހުން ކަލޭގެފާނުގެ އިންތިޒާރުގައި އެބަ ތިއްބެވިއެވެ. ޙަދީޘު ކުރެއްވިއެވެ. [ތިމަންކަލޭގެފާނަށްޓަކައި ބިލިގާއަށް ފެންއަޅުއްވައިދޭށެވެ.] ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ވިދާޅުވި ފަދައިން ތިމަންމެން ކަންތައް ކުރީމެވެ. ދެން އެކަލޭގެފާނު ގައިކޮޅު ދޮންނަވައިގެން ތެދުވެވަޑައިގަންނަވާއިރަށް ހޭފުޅު ނެތިއްޖެއެވެ.

އެއަށްފަހު އެކަލޭގެފާނު ހޭފުޅު އެރުމުން ޙަދީޘު ކުރެއްވިއެވެ. [މީސްތަކުން ނަމާދުކޮށްފި ހެއްޔެވެ؟] ދެން އަލުން ހަށިކޮޅު ދޮންނަވައިގެން މިސްކިތަށް ވަޑައިގަންނަވަން ތެދުވެވަޑައިގެންނަވާ އިރަށް ހޭފުޅު ނެތިއްޖެއެވެ. މިފަދައިން ތިންފަހަރު ވުމުން މީސްތަކުންނާގެ އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވުމަށް އަބޫބަކުރުގެފާނަށް އެންގެވުމަށް އަމުރު ކުރައްވައިފިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޙަޔާތްޕުޅުގައި އަބޫބަކުރުގެފާނު އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވީ 17 ފަހަރުއެވެ.

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ތިންފަހަރު ނުވަތަ ހަތަރު ފަހަރު މީސްތަކުންނާގެން އިމާމުވެވަޑައިގެން ނަމާދުކުރެއްވުން އެހެން ބޭކަލަކާ ޙަވާލުކުރެއްވުމަށް މާތް ރަސޫލާގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ. އެއީ އަބޫބަކުރުގެފާނަކީ ހިތްޕުޅުމަޑު ޤުރްއާން ކިޔަވާ ވިދާޅުވާއިރު ކީރިތި ކުރައްވާ ބޭކަލަކަށްވާތީއެވެ. އެކަމުގެ ސަބަބުން މީސްތަކުންނަށް އުނދަގުލެއް ފޯރަފާނެތީއެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم  އެގޮތް ޤަބޫލުފުޅެއް ނުކުރެއްވިއެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެންނެވުމުގެ އެއްދުވަސްކުރީން އައި އާދިއްތަ ދުވަހު އެކަލޭގެފާނު އެކަލޭގެފާނުގެ ހުރިހާ އަޅުންނެއް މިނިވަން ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ހަތްދީނާރު ޞަދަޤާތް ކުރެއްވިއެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ހުރި ހަނގުރާމައިގެ ހަތިޔާރު މުސްލިމުންނަށް ހިބަކޮށްދެއްވިއެވެ. އެރޭ އަނދިރި ވުމުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކޮޓަރިކޮޅުގައި ބައްތި ދިއްލަން ތެޔޮ އަވައްޓެރިއެއްގެ ގެއިން ހޯއްދަވަން ޖެހިވަޑައިގަތެވެ. އޭރު މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ދަހަނާކޮޅު އޮތީ ޔަހޫދީއެއްގެ އަތުގައި ރަހުނު ކުރެވިފައެވެ. އެއީ އެކަލޭގެފާނުގެ އަހުލުވެރިން މޭހޫނު ފިލުވުމަށްޓަކައި  ނެންގެވި ތިން ސާއުގެ ގޮދަނުގެ މައްޗަށެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސްކަމުގައިވާ ހޯމަދުވަހުގެ އަލިވިލުމުން އެކަލޭގެފާނު އެކަލޭގެފާނުގެ އިންނެވި އެންމެ ދަރިކަނބަލުން އައްސައްޔިދާ ފާޠިމަތުއް ޒަހުރާއު ބަލައިފޮނުއްވައިގެން ގެންނެވިއެވެ. އަދި އެކަމަނާގެ ކަންފަތްޕުޅުދޮށުގައި ސިއްރުން ވާހަކަފުޅެއް ވިދާޅުވިއެވެ. އެއާއެކު އެކަމަނާ ކީރިތި ކުރެއްވިއެވެ. އެއަށްފަހު އަނެއްކާވެސް އެކަމަނާގެ ކަންފަތްޕުޅު ދޮށުގައި ސިއްރުން ވާހަކަފުޅެއް ވިދާޅުވުމުން އެކަމަނާ ހިނިފުޅު ވެޑުވިއެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެންނެވުމަށްފަހު އެއްފަހަރަކު އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަމަނާއާ ސުވާލު ކުރެއްވިއެވެ. [އެ ދުވަހު ކަމަނާ ކީރިތި ކުރެއްވުމާ ހިނިފުޅުވެޑުއްވެމުގެ ސިއްރަކީ ކޮބައިތޯއެވެ؟]

ފާޠިމަތުގެފާނު އެކަމަނާގެ ޙުރްމަތްތެރި ދޮންމަންމާފުޅަށް ޖަވާބު ދެއްވިއެވެ.

[ފުރަތަމަ ބައްޕާފުޅު ޙަދީޘު ކުރެއްވީ އެ އާލާސްކަންފުޅުން ބައްޕާފުޅު ފަސޭހަފުޅު ނުވާނެ ކަމަށެވެ. އެހެން ޙަދީޘު ކުރެއްވުމުން އަހަރެންނަށް ރޮވުނީއެވެ. ދެވަނައަށް ޙަދީޘު ކުރެއްވީ އެކަލޭގެފާނުގެ އަހުލުބައިތުންގެ ތެރެއިން އެންމެ ފުރަތަމަ އެކަލޭގެފާނާ ބައްދަލު ކުރައްވާނީ އަހަރެން ކަމުގައެވެ. އެހެން ޙަދީޘު ކުރެއްވުމުން ހެވުނީއެވެ.]

ފާޠިމަތުގެފާނަކީ ސުވަރުގޭގެ އަންހެންތަކުންގެ ސާހިބާކަމުގައި ވެވަޑައިގަންނަވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރުވެސް މާތް ރަސޫލާ އެކަމަނާއަށް ދެއްވިއެވެ.

ފާޠިމަތުގެފާނަށް އެކަމަނާގެ ބައްޕާފުޅަށް ލިބިވަޑައިގަންނަވާ ވޭތަން ފެނިވަޑައިގެންނެވުމުން އެކަމަނާ ވަރަށް ދެރަފުޅުވިއެވެ. ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. [ބައްޕާފުޅަށް ލިބިވަޑައިގަންނަވާ ވޭނެއްގެ ބޮޑުކަމާއެވެ] މިއަޑު އައްސަވައި މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘު ކުރެއްވިއެވެ. [މިއަދަށްފަހުން ދަރިފުޅުގެ ބައްޕައަކަށް އެއްވެސް ވޭނެއް ތަހައްމަލު ކުރާކަށް ނުޖެހޭނެއެވެ.]

އެއަށްފަހު އެކަލޭގެފާނު ޙަސަންގެފާނާއި ޙުސައިންގެފާނު ގެންނެވުމަށް އެންގެވިއެވެ. އެދެބޭފުޅުން ގެންނެވުމުން އެދެބޭފުޅުންގެ ގައިކޮޅުގައި ބޮސްދެއްވައި އެދެބޭފުޅުން ރަނގަޅަށް ބެލެހެއްޓެވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ އެންމެހައި އަނބިއަނބިކަނބަލުން ހާޒިރުކުރައްވައި އެބޭކަނބަލުންނަށް ނަޞޭހަތްފުޅު ދެއްވައި، މާތްﷲ ހަނދުމަކުރުންމަތީ ދެމިތިއްބެވުމަށް އެންގެވިއެވެ.

އޭގެފަހުން މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އާލާސްކަންފުޅު ވަކީން ބޮޑުވެއްޖެއެވެ. ޚައިބަރުން އެކަލޭގެފާނަށް ފަރީއްކުޅުއްވުނު ވިހައިގެ އަސަރުތައް ގައިކޮޅުގެ ތެރޭގައި ހިލިގެންފިއެވެ. އެކަލޭގެފާނު ޢާއިޝަތުގެފާނަށް ޙަދީޘު ކުރެއްވިއެވެ. [ޚައިބަރުން ތިމަންކަލޭގެފާނަށް އެރުވުނު ވިހަލައިފައިވާ ކާނާގެ ވިހައިގެ އަސަރު ތިމަންކަލޭގެފާނުގެ ހަށިކޮޅަށް އެބަކުރެއެވެ. ތިމަންކަލޭގެފާނަށް ހީފުޅުވަނީ ތިމަންކަލޭގެފާނު އަޖަލު ގާތްވެއްޖެކަމަށެވެ.]

އެއަށްފަހު އެކަލޭގެފާނު މީސްތަކުންނަށް ނަމާދު ބަރާބަރަށް އޭގެ ވަގުތުގައި އަދާކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ތިމާމެންގެ ބާރުގެ ދަށުގައި ގެންގުޅޭ އަޅުންނާމެދު ހެޔޮކޮށް ކަންތައް ކުރުމަށްވެސް އެންގެވިއެވެ.

އެއަށްފަހު، މާތް ރަސޫލާ صلّى اللّـه عليه وسلّم  އަށް މަރަށް ހާޒިރުވެވައިގެންފިއެވެ. އެވަގުތު ޢާއިޝަތުގެފާނު އެކަލޭގެފާނުގެ ގައިކޮޅުގައި ހިއްޕަވައި އެކަމަނާގެ ގައިކޮޅުގައި ލައްކޮށްލިއެވެ. ޢާއިޝަތުގެފާނު ވިދާޅުވެއެވެ. މާތް ރަސޫލާ ތިމަންކަމަނާގެ ގެކޮޅުގައި ސުވަރުގެވަޑައިގެންނެވުނުން އެއީ ތިމަންކަމަނާއަށް މާތްﷲ ދެއްވި ރަޙްމަތެކެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތީ ތިމަންކަމަނާގެ މެޔާއި ކަރާ ދެމެދުގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވަނިކޮށެވެ. އެކަލޭގެފާނުގެ ކުޅުފޮދާއި ތިމަންކަމަނާގެ ކުޅުއެއްވެފައިވަނިކޮށެވެ.

މާތް ރަސޫލާ، ތިމަންކަމަނާގެ ގައިކޮޅުގައި ލައްކޮށްލައްވައިގެން އިންނަވަނިކޮށް ޢަބްދުއްރަޙްމާނު ބިން އަބީބަކުރު ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަތުގައި މިސްވާކު ދަނޑިކޮޅެއް އޮތެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އެ ދަނޑިކޮޅާ ދިމާއަށް ބައްލަވާކަން އެނގިވަޑައިގެންނެވުމުން ތިމަންކަމަނާ ދެންނެވީމެވެ. [އެކަލޭގެފާނަށްޓަކައި އެ ސިވާކު ދަނޑިކޮޅު އަޅުގަނޑު ގެނެސްދެންތޯއެވެ؟] އެކަލޭގެފާނު އިޝާރާތުން އާދޭހޭ ވިދާޅުވިއެވެ. ދެން ތިމަންކަމަނާ ސިވާކު ގެނެސް އެކަލޭގެފާނަށް ދެއްވީމެވެ. އޭގެ ހަރުކަން އެނގުމުން އޭތި މަޑުކޮށްލަދެންތޯ ދެންނެވުމުން އެކަލޭގެފާނު އިޝާރާތުން އާދޭހޭ ދެންނެވިއެވެ. ދެން ތިމަންކަމަނާ އަނގައަށް ލައްވައި އޭތިމަޑުކޮށްލައްވައި އެކަލޭގެފާނަށް ދެއްވީމެވެ.

ޢާއިޝަތުގެފާނު ވިދާޅުވެއެވެ. ދެން އެކަލޭގެފާނު އެކަލޭގެފާނަށް އުނގުޅެއްވުނު އެންމެ ރަނގަޅަކަށް ދަތްޕިލާފުޅު އުނގުޅުއްވައި ސާފު ކުރެއްވިއެވެ. އެއަށްފަހު ކައިރީގައި ފެންވަތްކޮށްފައިވާ އެއްޗަކަށް އަތްޕުޅު ލައްވައި މޫނުފުޅުގައި ފެންފޮދެއް އުނގުޅުއްވައިލެއްވިއެވެ. އަދި ޙަދީޘު ކުރެއްވިއެވެ.

[މާތްﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އެއްވެސް އިލާހަކު ނެތެވެ. ހަމަކަށަވަރުން މަރުގެ ސަކަރާތަކީ ވޭންހުރި ކަމަކެވެ.]

ދެން އެއަށްފަހު އެކަލޭގެފާނު އަތްޕުޅު މައްޗަށް ނަންގަވައި، އެއްޗެއް ވިދާޅުވާން ފެއްޓެވިއެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ދެން ތިމަންކަމަނާ އެކަލޭގެފާނު އެ ވިދާޅުވާ އެއްޗެއް އަޑުއިވޭތޯ ކުޑަކޮށް ކައިރިވެލީމެވެ. އޭރު އެކަލޭގެފާނު ޙަދީޘް ކުރައްވައެވެ.

[އިބަރަސްކަލާނގެ އެބޭކަލުންނަށް ނިޢުމަތްދެއްވި ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި ޞާލިހުންނާއެކުގައެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ. މިއަޅާގެ މައްޗަށް ރަޙްމަތްލައްވާންދޭވެ. މިއަޅާގެ ފާފަތައް ފުއްސަވާންދޭވެ. އައްރަފީޤުލް އަޢުލާގެ މަޤާމަށް މިއަޅާ ވާޞިލުކޮށްދެއްވާންދޭވެ.]

އެއަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެންފިއެވެ. މި ޙާދިޘާ ހިނގައިފައިވަނީ ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 12 ވީ ހޯމަދުވަހުގައެވެ. އޭރު މާތް ރަސޫލާގެ ޢުމުރުފުޅަކީ 63 އަހަރާއި ހަތަރު ދުވަހެވެ. {ޞަފިއްޔުއް ރަޙްމާން މުބާރަކުޕޫރީ، އައްރަޙީޤުލްމަޚްތޫމު، ޞަފްޙާ 472-478}

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. އެއްފަހަރަކު ހުވަފެނެއްގައި ތިމަންކަމަނާގެ ކޮޓަރިކޮޅަށް ތިން ހަނދު ވެއްޓުނީތީ ފެނުނެވެ. ދެން ތިމަންކަމަނާ އެވާހަކަ އަބޫބަކުރުގެފާނަށް ދެންނެވީމެވެ. އެއަށްފަހުން މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެން ތިމަންކަމަނާގެ ކޮޓަރިކޮޅުގައި ފަސްދާނުވެޑުވުނެވެ. މިކަން މިހެން ހިނގައި ދިޔުމުން އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [މިއީ ދަރިފުޅަށް ފެނިވަޑައިގެންނެވި ތިން ހަނދުގެ ތެރެއިން އެއް ހަނދެވެ. އެ ހަނދުތަކުގެ ތެރެއިން އެންމެ ރަނގަޅު ހަނދަކީވެސް މިއީއެވެ.] {މާލިކު، މުވައްޠާ، ކިތާބުއް ޖަނާއިޒު، ޙަދީޘް ނަންބަރު 552}

ނުނިމޭ

މިވާހަކައިގެ ކުރިޔަށް ހުރި ބައިތައް ކޮންމެ ހަފްތާއަކު 3 ދުވަހު ގެނެސްދޭނަމެވެ. ތިޔަ ކަލުންނާއި ކަނބަލުންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. ވާހަކަ ކިޔާލުމަށް ފަހު ޝެއާ ކޮށްލަ ދެއްވާށެވެ. އެހެން ބޭފުޅުންނަށްވެސް މިވާހަކަ ކިޔާލުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވާށެވެ. ތިޔަ އެއްމެ ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލައްވާށި: އާމީން

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި