އަދިވެސް ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ ލިޔުއްވައިފައިވެއެވެ. ޚުލަފާއު ރާޝިދޫންގެ ދައުރުގައި އަންހެނުންގެ ކުރިއެރުމަށްޓަކައި މަގު ފަހިކޮށްދެއްވައިފައިވެއެވެ. ޚަލީފާއިންގެ ދައުރުގައި މުސްލިމުން ކަނބަލުން ތަފާތު ދާއިރާތަކުގައި ހަރަކާތްތެރިވަމުން ކުރިއަށް ވަޑައިގެންފައިވެއެވެ. އެގޮތުން ޙަދީޘާއި ފިޤުހާއި އަދަބިއްޔާތުގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ އާއި ޙަބީބާ ބިންތު އުއްމު ޙަބީބާ އާއި އަރްވާ ބިންތު ކުރައިޒު އާއި އަސްމާ ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެވިފައިވެއެވެ.
އަންހެން ބޭފުޅުންގެ ތެރެއިން ޅެންވެރިކަމުގައި ފާހަގަކޮށްލެވޭ ބޭކަނބަލުންގެ ތެރޭގައި ޚަންސާއު ރަޟިޔަﷲ ޢަންހާ އާއި ހިންދު ބިންތު ޢުތުބާ ރަޟިޔަﷲ ޢަންހާ ފާހަގަކުރެވިފައިވެއެވެ. ފިރިހެން ބޭފުޅުންނާ މަޝްވަރާކުރައްވައި ޚިޔާލުފުޅު ހޯއްދަވާހެން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އަންހެން ބޭފުޅުންނާ މަޝްވަރާ ކުރައްވައި އެބޭކަނބަލުންގެ ޚިޔާލުފުޅު ހޯއްދަވައެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 271}
ޢުމަރުގެފާނުގެ ޚިލާފަތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލުން އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާވެސް އަވަހާރަވިއެވެ. އެކަމަނާއަކީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާއާ ވަރަށް ޚާއްޞަ ގުޅުމެއް އޮތް ބޭކަނބަލެކެވެ. އެކަމަނާ މުސްކުޅިފުޅުވުމުން އެކަމަނާ ގާތުގައި މާތް ރަސޫލާ ރޭ ކުރައްވަން ހަމަޖައްސަވައިފައިވާ ރޭތައް ޢާއިޝަތުގެފާނަށް ދެއްވިއެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާއާ ބެހޭ ގޮތުން އްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [ސައުދާއަށްވުރެ ތިމަންކަމަނާ ލޯބިފުޅުވާ އެހެން އަންހެނަކުނުވެއެވެ. އެކަމަނާގެ ހަށިކޮޅުގައި ތިމަންކަމަނާގެ ފުރާނަ ވާނެނަމައޭ ހިތަށް އަރާ ބޭކަނބަލަކީ ސައުދާއެވެ.] {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް}
ހިޖުރައިން 23 ވަނަ އަހަރުގެ ތެރޭގައި އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ފަތިސް ނަމާދުފުޅަށް ހުންނަވަނިކޮށް އެކަލޭގެފާނުގެ ހަށިކޮޅަށް އަބޫ ލުއުލުއު އޭ ކިޔުނު މީހަކު ޚަންޖަރެއް ހަރައި ވަރަށް ބޮޑަށް ޒަޚަމްކޮށްލިއެވެ. އެކަލޭގެފާނު ގެކޮޅަށް ގެންދަވައި، ކިރުފޮދެއް ހިއްޕެވުމަށް އެރުވުމުން އެތަކެތިވެސް އެ ޒަޚަމުގެ ތެރެއިން ލައިފައި ބޭރަށް ފޭބިއެވެ. އެކަލޭގެފާނު ގަދަވެވަޑައި ނުގަންނަވާނެކަން އެނގިވަޑައިގެންނެވުމުން ދަރިކަލުން ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހަށް ވިދާޅުވިއެވެ.
[ދަރިފުޅު އުއްމުލް މުއުމިނީން ޢާއިޝާގެ އަރިހަށް ގޮސް ދަންނަވާށެވެ. ޢުމަރު ކަމަނާއަށް ސަލާމް ދެންނެވިއެވެ. އަމީރުލް މުއުމިނީން އޭ ނުދަންނަވާށެވެ. އެހެނީ މިއަދަށްފަހު އަހަރެންނަކީ މުއުމިނުންތަކުންގެ އަމީރެއް ނޫނެވެ. އެއަށްފަހު ދަންނަވާށެވެ. ޢުމަރު ބުނުލް ޚައްޠާބު އެދިވަޑައިގަންނަވަނީ އެކަލޭގެފާނުގެ ދެ އެކުވެރިންނާއެކު ކަމަނާގެ ކޮޓަރިކޮޅުގައި ފަސްދާނުވެޑުވުމަށެވެ.]
ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު، އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށް ވަޑައިގެން އެކަމަނާއަށް ސަލާމް ވިދާޅުވެ އެތެރެއަށް ވަދެވަޑައިގެންނެވުމުގެ ހުއްދައަކަށް އެދިލެއްވިއެވެ. އޭރު އެކަމަނާ އިންނެވީ ކީރިތި ކުރައްވާށެވެ. އެކަލޭގެފާނު ވަޑައިގެން ވިދާޅުވިއެވެ.
[ޢުމަރު ބުނުލް ޚައްޠާބު ކަމަނާއަށް ސަލާމް ދެންނެވިއެވެ. އެކަލޭގެފާނު އެދިވަޑައިގަންނަވަނީ އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ދެ އެކުވެރިންނާއެކު ފަސްދާނުލުމަށެވެ. އެކަމުގެ އިޒުނަ ދެއްވާތޯ އައީމެވެ.]
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. [އެތަންކޮޅަކީ ތިމަންކަމަނާ ތިމަންކަމަނާގެ އަމިއްލަށް ނަފުސަށްޓަކައި އިންތިޚާބު ކޮށްފައިވާ ތަންކޮޅެކެވެ. ނަމަވެސް މިއަދު އެތަންކޮޅު އެކަލޭގެފާނަށް ދެއްވައިފީމެވެ.]
ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު އެނބުރި ވަޑައިގެންނެވުމުން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. [ޚަބަރަކީ ކޮބައި ހެއްޔެވެ؟] އިބްނު ޢުމަރު ޖަވާބު އެރުވިއެވެ. [ކަންވީ ކަލޭގެފާނު ބޭނުންފުޅުވެވަޑައިގެންނެވި ގޮތަށެވެ. އެކަމަނާ، ކަލޭގެފާނު އެ ކޮޓަރިކޮޅުގައި ފަސްދާނު ވެޑުވުމަށް ހުއްދަ ދެއްވައިފިއެވެ.] ޢުމަރުގެފާނު ވިދާޅުވިއެވެ. [ޙަމްދު ހުރީ މާތްﷲ ޞުބްޙާނަހޫ ވަތަޢާލާއަށެވެ. އެކަންތަކަށް ވުރެ ބޮޑަށް ތިމަންކަލޭގެފާނު ކަންބޮޑުވި އެއްވެސް ކަމެއްނެތެވެ. ތިމަންކަލޭގެފާނު ނިޔާވުމުން އެ ކޮޓަރިކޮޅުގައި ކައިރިއަށް ގެންދިޔުމަށްފަހު އަދި އެއްފަހަރު އެކަމަނާގެ އަރިހުން އިޒުނަ އެދިވަޑައިގަންނަވާށެވެ. އެކަމަނާ އިޒުނަ ދެއްވައިފިނަމަ އެތަނުގައި ވަޅުލާށެވެ. އިޒުނަ ނުދެއްވައިފިނަމަ، މުސްލިމުން ވަޅުލާ ޤަބުރުސްތާނަށް ގެންގޮސް ވަޅުލާށެވެ.]
ދެން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ޝަހީދުވުމުން އެކަލޭގެފާނު ހަށިކޮޅު ފަސްދާނު ލެއްވުމަށްޓަކައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކޮޓަރިކޮޅުގެ ކައިރިއަށް ގެންދެވުނެވެ. އެއަށްފަހު ދެވަނަ ފަހަރަށް އެކަމަނާގެ އަރިހުން ހުއްދަ އެދެވުނެވެ. އެކަމަނާ ވިދާޅުވިއެވެ. [އެކަލޭގެފާނުގެ ހަށިކޮޅު ވައްދައި ފަސްދާނު ވަޑުވާށެވެ.] އެއަށްފަހު އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ދެ އެކުވެރިންނާއެކު ފަސްދާނުވެޑުވުނެވެ.{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 382-383}
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [މާތް ރަސޫލާ އާއި އަބޫބަކުރުގެފާނު ފަސްދާނުވެޑުވިފައިވާ ތަނަށް އަހަރެން އެއްވެސް ފަރުދާއަކާ ނުލައި ވަދެ އުޅެމެވެ. ނަމަވެސް ޢުމަރުގެފާނު އެތަނުގައި ފަސްދާނުވެޑުވުމުން އަހަރެން އެތަނަށް ވަންނަނީ ރަނގަޅަށް ނިވާކޮށްގެންނެވެ. އެއީ ޢުމަރުގެފާނު ދެކެ ގަންނަ ލަދެއްގެ ބޮޑުކަމުންނެވެ.]
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވަރަށް ގިނައިން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހަށް ތާރީފު ކުރައްވައި ހައްދަވައެވެ. އެއްފަހަރު އެކަމަނާ ވިދާޅުވެފައިވެއެވެ.
[ޢުމަރުގެފާނު ދެކެފި ކޮންމެ މީހަކަށްވެސް އެކަލޭގެފާނު ހައްދަވައިފައިވަނީ އިސްލާމްދީނަށް ނަޞްރުދިނުމަށްޓަކައިކަން އެނގޭނެއެވެ. މާތްﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނަކީ ބުއްދިވެރި، ޙިކުމަތްތެރި، ތަފާތު ޝަޚްޞިއްޔަތެކެވެ.]
އެހެން ފަހަރަކު އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [މަޖިލިސެއްގައި ޢުމަރުގެފާނުގެ ނަންފުޅު ގަނެވިއްޖެނަމަ، އެ މަޖިލިސަކަށް އުފާވެރިކަން ގެނެސްދެއެވެ.] {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 412-413}
ނުނިމޭ
މިވާހަކައިގެ ކުރިޔަށް ހުރި ބައިތައް ކޮންމެ ހަފްތާއަކު 3 ދުވަހު ގެނެސްދޭނަމެވެ. ތިޔަ ކަލުންނާއި ކަނބަލުންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. ވާހަކަ ކިޔާލުމަށް ފަހު ޝެއާ ކޮށްލަ ދެއްވާށެވެ. އެހެން ބޭފުޅުންނަށްވެސް މިވާހަކަ ކިޔާލުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވާށެވެ. ތިޔަ އެއްމެ ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލައްވާށި: އާމީން











