ސާފް ޗެމްޕިއަން މުބާރާތައް ފަހު ދެން ބާއްވާ މުބާރާތް ތަކުގައި އޮންލައިންކޮށް ޓީކެޓް ވިއްކޭގޮތް ހަދާނެކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަޙްލޫފް މިހެން ވިދާޅުވީ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޓިކެޓް ގެ ޑިމާންޑު ބޮޑުވެ، ތަފާތު މައްސަލަތައް ކުރިމަތިވެފައިވަނިކޮށެވެ.
ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ސާފްޗެމްޕިއަންޝިޕް ރާއްޖޭގައި ކުޅެމުން އަންނަ އިރު ދަނޑަށް ވަންނަން ބޭނުންވާ އަދަދަށް ދަނޑުން ޖާގަ ނުލިބުމުން ޑިކެޓްގެ ޑިމާންޑު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
މާދަމާ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗް ގެ ޑިކެޓް މިއަދު ހެނދުނު 10:00 ގައި ވިއްކުމަށް 9:30 ގައި ކިއު އަށް އެރުމަށް އެފްއޭއެމް އިން އެންގި ނަމަވެސް އިއްޔެ އިރު އޮއްސުނީސުރެވަނީ ކިއު ހަދާފައެވެ. އަދިކިއުގައި ތިބި ސަޕޮތަރުންގެ ތެރޭގައި މާރާމާރީ ހިނގާފައިވާކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. މިއަދު އެންމެ ފުރަތަމަ ޓިކެޓް ގަނެފައިވަނީ 18 ގަޑިއިރު ކުރިން ކިއުއަށް އަރާހުރި މީހެއްކަމަށް މިނިސްޓަރު ވެސް ވަނީ ވިދާޅުވެފައެވެ.
ޓިކެޓް ގަތުމަށް ސޯސަލްސެންޓަރ ކައިރީގައި ހަދާފައިވާ ދިގުކިއުގެ ވީޑިއޯ އެއް ޓްވީޓް ކުރައްވަމުން މިނިސްޓަރ މަޙްލުފް ވިދާޅުވީ 3 ގަޑި އިރާއި 30 މިނެޓުން 3000 ޓިކެޓް ވިކި ހުސްވެފައިވާކަމަށެވެ. އަދި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ދަނޑުވަނީ ބައުވެ ހަލާކުވެފައިކަމަށެވެ. ކުރިން ބާރަ ހާސް މީހުންގެ ޖާގަ އޮތް ނަމަވެސް މިހާރު އޮތީ ފަސްހާސް މީހުންގެ ޖާގަކަމަށެވެ. އަދި އައު ދަނޑެއް އެޅުމަށް ފައިސާ ހަމަޖެހިފައި ހުރިކަމަށާ، ސާފް ޗެމްޕިއަންޝިްޕ ނިމުމުން އޮންލައިންކޮށް ޓިކެޓް ވިއްކުންފަދަ ބައެއް ބަދަލު ގެންނަން މަސައްކަތް ކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޓިކެޓް މައްސަލައިގައި ދެ ފަހަރެއްގެ މަތިން ވަނީ ސަޕޯޓަރުން މުޒާހަރާވެސް ކޮށްފައެވެ. އެގޮތުން ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލު ކުރިމެޗުން ޓިކެޓް ނުލިބުމުން ބަންގްލަދޭޝް ސަޕޯޓަރުން ވަނީ މުޒާހަރާކޮށްފައެވެ. އަދި ލަންކާ އާއި ރާއްޖެ ބައްދަލުކުރި މެޗަށް ޓިކެޓް ނިލިބުމުން ދިވެހި އެތަށް ސަޕޯޓަރުން ވަނީ މުޒާހަރާކޮށްފައެވެ. އެެހެންކަމުން 1000 ޓިކެޓް ފަހުން ވަނީ އިތުރަށްވެސް ވިއްކާފައެވެ.










