ޖަމަލު ހަނގުރާމަ
އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުގެ ލަޝްކަރުގެ ތެރޭގައި ޢުޘްމާނުގެފާނު ޝަހީދުކޮށްލުމުގައި ސީދާގޮތުން ބައިވެރިވި މީހުންވެސް ތިއްބެވެ. އެއީ އިބްނު ސަބާއާ އޭނާގެ އެކުވެރިންނެވެ. އެބައިމީހުންނަށް އެ ރޭ ވީ ޙަޔާތުގައިވެސް އައި އެންމެ ނުބައި ރެޔަށެވެ. އެހެނީ އެ ދެ ލަޝްކަރުގެ ދެމެދުގައި ޞުލްޙަ ޤާއިމުވެއްޖެނަމަ، ހުރިހާ ގެއްލުމަކާ ހަލާކެއް އުފުލަން ޖެހޭނެ ބަޔަކީ އެބައިމީހުން ކަމުގައިވާތީއެވެ.
އެބައިމީހުން އެރޭ ހޭދަކުރީ މަޝްވަރާކޮށް ސައްލާ ކުރުމުގައެވެ. އަލުން ދެލަޝްކަރުގެ ދެމެދުގައި ހަނގުރާމަ ހިނގާނެ ގޮތެއް ތަދުބީރު ކުރުމުގައެވެ. އެބައިމީހުން މަޝްވަރާ ކުރުމަށްފަހު އަނެއްދުވަހު ފަތިހު މޫނު އަނދިރިކޮށް ހުއްޓައި ޢާއިޝަތުގެފާނާއި ޠަލްޙަތުގެފާނާއި ޒުބައިރުގެފާނުގެ ލަޝްކަރުގެ މީސްތަކުންނަށް ޙަމަލަދޭން ފަށައިފިއެވެ. ބަޞަރާގެ މީސްތަކުންވެސް އޭގެ ރައްދުގައި ޙަމަލަދޭން ފަށައިފިއެވެ. ސަބައީންގެ މީސްތަކުން ގެންދިޔައީ ދެލަޝްކަރުގެ ދެމެދުގައި ހަނގުރާމަ ހިނގާނެހެން ފިތުނަ އުފައްދަމުންނެވެ. ސަބައީންގެ ރޭވުން ވަރަށް ކާމިޔާބެވެ. އެބައިމީހުންގެ ރޭވުމާ އެއްގޮތަށް މުސްލިމުންގެ ބޮޑު ދެލަޝްކަރުގެ ދެމެދުގައި ހަނގުރާމަ ހިނގަން ފަށައިފިއެވެ. އިސްލާމީ ތާރީޚުގައި މި ހަނގުރާމަ މަޝްހޫރުވެފައިވަނީ ޖަމަލު ހަނގުރާމައިގެ ނަމުންނެވެ.
މި ހަނގުރާމައަށް ޖަމަލު ހަނގުރާމައޭ ކިޔުނީ މި ހަނގުރާމަ ހިނގި މައިދާނަށް އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ޖަމަލެއްގެ މައްޗަށް ސަވާރުވެވަޑައިގެން ވަޑައިގެންނެވުމުގެ ސަބަބުންނެވެ. އެދުވަހު އެކަމަނާ ސަވާރުވެވަޑައިގެން އިންނެވީ ޔަޢުލާ ބިން އުމައްޔަތު އެކަމަނާ މައްކާގައި އިންނަވަނިކޮށް ދެއްވި ޖަމަލަކަށެވެ. އޭނާ އެޖަމަލު ގެނައީ ޔަމަނުންނެވެ. އެކަމަނާ މައްކާއިން ބަޞަރާއަށް ވަޑައިގެންނެވީ އެޖަމަލަށް ސަވާރުވެވަޑައިގެންނެވެ. ޖަމަލު ހަނގުރާމާ ހިނގީ ހިޖުރައިން 36 ވަނަ އަހަރުގެ ޖުމާދުލްއޫލާ މަހުގެ ތެރޭގައެވެ.
ހަނގުރާމަ ފެށުމާއެކު ޢަލީގެފާނު އެކަލޭގެފާނުގެ ލަޝްކަރުގެ މީސްތަކުންނަށް ނަޞޭޙަތްދެއްވައި ހަނގުރާމަ ހުއްޓުމަށް އަމުރު ކުރެއްވިއެވެ. ނަމަވެސް އެބައިމީހުން އެކަލޭގެފާނުގެ އަޑުފުޅެއް ނޭހިއެވެ. ހަމަ އެފަދައިން ޠަލްޙަތުގެފާނާއި ޒުބައިރުގެފާނުގެވެސް އެބޭކަލުންގެ ލަޝްކަރުގެ މީސްތަކުންނަށް ހަނގުރާމަ ހުޓައިލުމަށް އެންގެވިއެވެ. ޢަލީގެފާނާއި ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު އެބޭކަލުންގެ ލަޝްކަރުގެ މީސްތަކުންނާ މުޚާޠަބު ކުރަވައި ވިދާޅުވަމުން ގެންދެވިއެވެ.
[ހަނގުރާމައިގެ މައިދާނުން ފިލައިގެންދާ މީސްތަކުން ޤަތުލު ނުކުރާށެވެ. ޒަޚަމުވެފައިވާ މީސްތަކުންވެސް ޤަތުލުކޮށްގެން ނުވާނެއެވެ. ހަނގުރާމައިގެ މައިދާން ދޫކޮށްދާ އެއްވެސް މީހެއް ފަހައި ދުވެގެން ނުވާނެއެވެ. އަދި ހަނގުރާމަ ނުކުރާ މީހަކާ ހަނގުރާމަ ކޮށްގެންވެސް ނުވާނެއެވެ.]
މި ހަނގުރާމައިގެ ތެރޭގައި ޢާއިޝަތުގެފާނުގެ ގެ ލަޝްކަރުގެ އެންމެ އިސްކޮމާންޑަރުން ކަމުގައި ހިމެނިވަޑައިގަންނެވި ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނާ ދެބޭކަލުން ޝަހީދުވެވަޑައިގަތެވެ. ޠަލްޙަތުގެފާނު ޝަހީދުވެވަޑައިގަތީ މީހަކު އެކަލޭގެފާނުގެ ހަށިކޮޅަށް އަމާޒުކޮށް ޖެހި ދުންޏެއްގެ ސަބަބުން އުފެދުނު ޒަޚަމެއްގައެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ ހަށިކޮޅުން ވަރަށް ގިނައިން ލޭފޮދު އޮހެރިގެން ދިޔައެވެ. އެކަލޭގެފާނުގެ ހަށިކޮޅަށް ލިބިވަޑައިގެން ޒަޚަމަށް ފަރުވާދެއްވުމަށްޓަކައި ބަޞަރާގެ ގެއަކަށް ގެންދެވުނެވެ. ޝަހީދުވީ އެގެކޮޅުގައި އޮންނަވައެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ޢާއިޝަތުގެފާނާއި، ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނު ވަނީ ޢަލީގެފާނާ ޞުލްޙަވެވަޑައިގެންނެވުމަށް އެއްބަސްވެވަޑައިގެންފައެވެ. ޙަޤީޤަތުގައި އެ ހަތަރުބޭފުޅުންވެސް ހިތްޕުޅުގެ އަޑީން އެދިވަޑައިގަންނަވަމުން ގެންދެވީ ޞުލްޙަވެރިކަމަށެވެ. ނަމަވެސް ދެލަޝްކަރުގެ ދެމެދުގައިވާ އަޑި ނުބައިމީހުންގެ ސަބަބުން ބޮޑު ހަނގުރާމައެއް ފެށުނީއެވެ.
ހަނގުރާމަ ފެށުމުން ޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހުވެސް ހަނގުރާމައިގެ މައިދާން ދޫކުރައްވައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެދިވަޑައިގެންނެވި ގޮތަށް މީސްތަކުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމު ނުކުރެވުމުގެ ސަބަބުންނެވެ.
ކުރިންވެސް ދެންނެވިފައިވާނެ ފަދައިން ހަނގުރާމަ ފެށުމުން ޢާއިޝަތުގެފާނު ހަނގުރާމައިގެ މައިދާނަށް ވަޑައިގެންނެވިއެވެ. އެކަމަނާ އިންނެވީ ޖަމަލު މަތީގައިވާ ދަގަނޑު ހައުދަޖެއްގެ ތެރޭގައެވެ. އެކަމަނާގެ ޖަމަލު ވަށައިގެން އަޒުދުވަންހައިގެ މީސްތަކުންވެސް ދިޔައެވެ. އެކަމަނާއާ އެކު ބަޞަރާގެ ޤާޟީ ކަޢުބު ބުނު ސޫރު (كعب بن سور بن بكر بن الأزدي) ވަޑައިގެންނެވިއެވެ. އެކަމަނާ ކަޢުބުގެ އަތްޕުޅަށް މުޞްޙަފެއް ދެއްވައިފައި ހަނގުރާމަ ކުރުން ހުއްޓާލުމަށް މީސްތަކުންނަށް ގޮވައިލެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެދިވަޑައިގެންނެވުމުން މަތީން ކަޢުބު މުޞްޙަފު ހިއްޕަވައިގެން ވަޑައިގެން މީސްތަކުންނަށް ނަޞޭޙަތް ދެއްވައި ވިދާޅުވަމުން ގެންދެވިއެވެ.
[އޭ މީސްތަކުންނޭވެ. އަހަރެންނަކީ ބަޞަރާގެ ޤާޞީ كعب بن سور އެވެ. އަހަރެން ގޮވައިލަނީ ތިޔަބައިމީހުން މާތްﷲ ގެ ފޮތުގައިވާ ގޮތުގެ މަތީން އަމަލު ކުރުމަށެވެ. އެ ފޮތުގައިވާ ގޮތުގެ މަތީން ޞުލްޙަވެ އެއްބައިވުމަށެވެ.]
އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުގެ ލަޝްކަރުގައިވާ ސަބައީންގެ މީސްތަކުންނަށް كعب بن سور ގެ ވާހަކަތައް އަޑު އިވުމުން ވަރަށް ކަންބޮޑުވެއްޖެއެވެ. މީސްތަކުން އޭނާގެ ވާހަކަތައް އަޑުއަހައި ހަނގުރާމަ ހުއްޓައި ޞުލްޙަވެދާނެ ކަމުގެ ބިރު އެބައިމީހުންގެ ހިތްތަކުގައި ހިނގައިގަތެވެ. އެހެންވެ އެބައިމީހުން كعب بن سور އާ ޙަމަލަދީ އެކަލޭގެފާނުވެސް ޝަހީދުކޮށްލިއެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އިންނެވި ހައުދަޖަށްވެސް ވަރަށް ގިނަ ތީރުތައް އަމާޒުވަމުން ދިޔައެވެ. އޭރު އެކަމަނާ އިންނެވީ ހަނގުރާމަ ހިނގަމުން ދިޔަ މައިދާނުގެ މެދު ތެރޭގައެވެ. އެކަމަނާ ހައުދަޖުގެ ތެރޭގައި އިންނަވައިގެން މީސްތަކުންނަށް ބާރު އަޑުފުޅުން ނަޞޭޙަތްޕުޅު ދެއްވަމުން ގެންދެވިއެވެ. އެކަމަނާ ވިދާޅުވަމުން ގެންދެވިއެވެ.
[އޭ އަހަރެންގެ ފިރިހެން ދަރީންނޭވެ. މާތްﷲ ގެ ރަސްކަންފުޅު މަތީން ހަނދާން ކުރާށެވެ. ޤިޔާމަތްދުވަހުގެ މަތީން ހަނދާން ކުރާށެވެ. ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ކުރުމުން ދުރުހެލިވާށެވެ.]
ނަމަވެސް ޢަލީގެފާނުގެ ލަޝްކަރުގެ ތެރޭގައިވާ ހިމެނޭ ސާބިއީން އެކަމަނާގެ ވާހަކަފުޅެއް އަޑެއް ނޭހިއެވެ. އޭރު ޢަލީގެފާނުވެސް އެކަލޭގެފާނުގެ ލަޝްކަރުގެ ފަހަތްޕުޅުގައި ހުންނަވައިގެ އެކަލޭގެފާނުގެ ލަޝްކަރުގެ މީސްތަކުންނަށް ހަނގުރާމަ ނުކުރުމަށް ނަޞޭޙަތެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. ނަމަވެސް އެބައިމީހުން ހަނގުރާމަ ހުއްޓާކަށް ޤަޞްދެއް ނުކުރިއެވެ. ޢާއިޝަތުގެފާނަށް ކަޢުބު ޝަހީދުވެވަޑައިގެންތަން ފެނިވަޑައިގެންނެވުމުންނާއި، މީސްތަކުން އެކަމަނާގެ ވާހަކަފުޅު އަޑު ނާހާ ހަނގުރާމަ ކުރަމުން ގެންދާތަން ފެނިވަޑައިގެން ވިދާޅުވިއެވެ.
[އޭ މީސްތަކުންނޭވެ. ޢުޘްމާނުގެފާނުގެ ޤާތިލުންނަށް މާތްﷲ ލަޢުނަތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ޤާތިލުންނަށް ވާގިވެރިވާ މީސްތަކުންނަށްވެސް ލަޢުނަތް ލައްވާށިއެވެ.]
އެއަށްފަހު ޢާއިޝަތުގެފާނު، ޢުޘްމާނުގެފާނުގެ ޤާތިލުންނާ ބަދު ދުޢާފުޅު ކުރައްވަމުން ގެންދެވިއެވެ. އެއަޑު އަހައި ބަޞަރާގެ މީސްތަކުންވެސް އެކަމަނާގެ އަޑުދަށުން ޢުޘްމާނުގެފާނުގެ ޤާތިލުންނަށް ލަޢުނަތްލެއްވުން އެދި ދުޢާ ކުރަމުން ގެންދިޔައެވެ. މީސްތަކުންގެ ދުޢާގެ އަޑު އިވިވަޑައިގެން ޢަލީގެފާނު ވިދާޅުވިއެވެ. [މިއީ ކޮން އަޑެއް ހެއްޔެވެ؟] މީސްތަކުން ދެންނެވިއެވެ. [އެއީ ޢާއިޝަތުގެފާނާއި އެކަމަނާގެ އަރިހުގައިވާ މީސްތަކުން ޢުޘާމާނުގެފާނުގެ ޤާތިލުންނަށް ލަޢުނަތްލެއްވުން އެދިވަޑައިގެން ދުޢާ ކުރައްވާ އަޑެވެ.] ޢަލީގެފާނުވެސް އެ ދުޢާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އިރެއް އިރަކަށް ހަނގުރާމައިގެ މައިދާން ހޫނުވެ، ހަނގުރާމައިގެ ފޯރި ގަދަވަމުންނެވެ. ސަބައީން ޢާއިޝަތުގެފާނުގެ ޖަމަލަށް ވަރުގަދައަށް ޙަމަލާ ދޭންފެށިއެވެ. އެބައިމީހުންގެ ޤަޞްދަކަށް ވެފައި އޮތީ އެކަމަނާވެސް ޝަހީދުކޮށްލުމެވެ. ނަމަވެސް ބަޞަރާގެ މީސްތަކުން އެކަމަނާގެ ހިމާޔަތުގައި ޤުރްބާންވަމުން ގެންދިޔައެވެ. އެބައިމީހުން އެކަމަނާގެ ޖަމަލުގެ ވައުފަށުގައި ހިފާ ކޮންމެ މީހެއް ޤަތުލުކޮށްލައެވެ. ޖަމަލު ވަށައިގެ ކުރެވުމުން ދިޔަ ވަރުގަދަ ހަނގުރާމައިގެ ސަބަބުން އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު މިންނެތްފަށުން ހިތާމަފުޅު ކުރެއްވިއެވެ. މިފަދަ ހަނގުރާމައެއް ހިނގުމަކީ އެކަމަނާ އެއްގޮތަކަށްވެސް އުއްމީދު ކުރައްވައިގެން އިންނެވި ގޮތެއް ނޫނެވެ. ހަނގުރާމަ މަތަކުރެއްވުމަށް އެކަމަނާ ކުރައްވަމުން ގެންދެވި އެއްވެސް މިންނަތެއްގެ ނަތީޖާ ފެނިވަޑައި ނުގެންނެވުމުން އެކަމަނާ ވަކީން ނާއުއްމީދުވެވަޑައިގެންނެވިއެވެ.
އެ ވަގުތު މުޙައްމަދު ބިން ޠަލްޙަތު ވަޑައިގެން ޢާއިޝަތުގެފާނުގެ ޖަމަލުގެ ލަގަނުގައި ހިއްޕަވައި ވިދާޅުވިއެވެ. [އޭ މަންމާފުޅާއެވެ. މަންމާފުޅު އަޅުގަނޑަށް އަމުރު ކުރައްވާނީ ކޮންކަމަކަށް ތޯއެވެ؟] އުއްމުލް މުއުމިނީން ވިދާޅުވިއެވެ. [އާދަމުގެފާނުގެ ދެދަރިކަލުންގެ ތެރެއިން އެންމެ ރަނގަޅު ކުއްޖާ ފަދައިން ވާށެވެ.] މުރާދަކީ ހަނގުރާމަ ކުރުމުން ދުރުވެގެންނާށެވެ.
އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހަކީ، ވިސްނުންފުޅު ތޫނު ބުއްދިފުޅު ފުރިހަމަ ބޭކަލެކެވެ. ހަނގުރާމައިގެ ޢިލްމު ވަރަށް ރަނގަޅަށް ލިބިވަޑައިގެން ހުންނެވި ކޮމާންޑަރެކެވެ. އެކަލޭގެފާނަށް ވިސްނިވަޑައިގަތީ ހަނގުރާމައިގެ މައިދާނުގައި ޢާއިޝަތުގެފާނުގެ ޖަމަލު އޮތްހާ ހިނދަކު ހަނގުރާމަ ނުހުއްޓޭނެ ކަމަށެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ހަނގުރާމައިގެ މައިދާނުގައި ހުންނެވިހާ ހިނދަކު ހަނގުރާމައަށް ނިމުމެއް ނާންނާނެ ކަމަށެވެ. އެހެންކަމުން ޢަލީގެފާނު އެކަލޭގެފާނުގެ ލަޝްކަރުގެ މީސްތަކުންގެ ތެރެއިން ބަޔަކަށް ޢާއިޝަތުގެފާނުގެ ޖަމަލުގެ ފައިތައް ބުރިކޮށްލުމަށް އަމުރު ކުރެއްވިއެވެ. އެބައިމީހުންގެ ތެރޭގައި ޢާއިޝަތުގެފާނުގެ އަޚު މުޙައްމަދު ބިން އަބީބަކުރާއި، ޢަބްދުﷲ ބިން ބުދައިލު (عَبْدُ اللّه بنُ بُدَيْل) ހިމެނިވަޑައިގަންނަވައެވެ.
އޭބަކަލުން ވަޑައިގެން ޢާއިޝަތުގެފާނު ޖަމަލު ގެ ފައިތައް ބުރިކޮށްލައި، އެކަމަނާއާ އެކު ހައުދަޖު ނަގައިގަނެގެން ގެންނަވައި ޢަލީގެފާނުގެ ފޭލިގޭގެ ކުރިމަތީގައި ބެހެއްޓިއެވެ. އެއަށްފަހު އަލީގެފާނުގެ އަމުރުފުޅާ އެއްގޮތަށް އެކަމަނާ ޢަބްދުﷲ ބިން ބުދައިލުގެ ގެކޮޅަށް ގެންދެވިއެވެ. ޢަލީގެފާނުގެ ނިންމެވުން ވަރަށް ކާމިޔާބެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ހަނގުރާމައިގެ މައިދާން ދޫކުރައްވާ ވަޑައިގަންނަވާ އިރަށް ހަނގުރާމަ ހުއްޓިއްޖެއެވެ. ޢަލީގެފާނު އެކަލޭގެފާނުގެ ލަޝްކަރުގެ މީސްތަކުންނަށް އަންގަވައި އަމުރު ކުރައްވަމުން ގެންދެވީ ޢާއިޝަތުގެފާނު ހުންނެވި ބަޞަރާގެ ލަޝްކަރުގެ އެއްވެސް އެއްޗެއް ޣަނީމާގެ ގޮތުގައި ބޭނުން ނުކުރުމަށެވެ. ޖަމަލު ހަނގުރާމަ ނިމުމާއެކު ބަޞަރާގެ މީސްތަކުން ޢަލީގެފާނުގެ އަތްޕުޅު މައްޗަށް ބައިޢަތު ހިފައިފިއެވެ.
ނުނިމޭ











