ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ތެރެއިން، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަސްހަދު އަލީ (އަޑުބަރޭ) ކުޅިވަރުގެ ރޫހާ ހިލާފަށް ހިންގި އަމަލަށް ފިޔަވަޅެއް ނާޅުއްވާނެކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދެއްކަވަމުންނެވެ.
މަޙްލޫފް ވިދާޅުވީ ފުުޓްބޯޅަ މެޗެއްގައި ހިނގާކަމަކާއި ގުޅިގެން ޔޫތް މިނިސްޓަރުގެ ހައިސިއްޔަތުން ކުޅުންތެރިއަކަށް ފިޔަވަޅު އަަޅަން ޖެހުނީމާ ވާނީ ޖޯކަކަށްކަމަށެވެ. ކުޅުންތެރިއަކަށް ފިޔަވަޅު އަޅާނީ އޭއެފްސީން ނޫނީ ފީފާއިން ކަމަށެވެ. އެހެން ނަމަވެސް އަޑުބަރޭގެ ފަރާތުން ފެނުނު ކަންކަމާ މެދު ހިތާމަކޮށް ކަންބޮޑުވާ ކަމަށާއި، އެއީ އެއްވެސް ގޮތަކަށް ހިނގައިގެންވާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަަމަށް މަހްލޫފް ވިދާޅުވިއެވެ.
އިއްޔެ މެޗުގެ ފަހު ވަގުތުގައި ރާއްޖެޓީމް ގޯލެއް ކުރިއޭޓް ކުރަމުން އަންނަނިކޮށް ކުޅުމުންބޭރުން ސީޝެލްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ވަނީ ރަތްކާޑެއް ދައްކާފައެެވެ. އެއާއިއެކު ދިވެހި ސަޕޯޓަރުންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރު ބޭފުޅުންގެ ފާޑު ކިއުންތައްވަނީ އަޑުބަރޭއަށް އަމާޒުވެފައެވެ.
އަޑުބަރޭ އެވަގުތު ފައުލެއް ނުކުރިނަމަ ރާއްޖެ އަށް ގޯލެއް ޖެހުމުގެ ފުރުސަތު އޮތްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެފައުލަކީ މިފަދަ ޕްރެޝަރ މެޗެއްގެ އެންމެ ޕްރެޝަރ ވަގުތުކޮޅު އައްސަދު ފަދަ ތަޖުރިބާ ހުރި ކުޅުންތެރިއެއްގެ ފަރާތުން ފެނުގެން ނުވާނެ ފައުލެއްކަމަށް ފުޓުބޯޅައިގެ ތަޖުރިބާ ކާރުން ބުނަމުންދާއިރު އޭނާ އަކީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމަށް ވާއިރު އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި މިއީ ފިޔަވަޅު އަޅަންޖެހޭނެ ކަމެއްކަމަށްވެސް ގިނަބަޔަކު ވަނީ ބުނެފައެވެ.
2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްފަހު އަޑުބަރޭގެ ފަރާތުން އަޙްލާގީ މައްސަލަތަކެއް ފެންމަތިވެ އޭރު އޭނާ ސަސްޕެންޑުވެސް ކުރިއެވެ.
އޭގެ ފަހުން މުޅީން ފުޓްބޯޅައާއި ދުރުގައި 3 އަހަރު ހޭދަކުރުމަށްފަހު މިއަހަރު އަލުން ފުޓްބޯޅަ ކުޅެންފެށިފަހުން މާ ގިނަ ދުވަހެއް ނުވެއެވެ. އެެހެންނަމަވެސް މި ފަހަރު މުބާރާތައް ސްކޮޑު ނެގިއިރު އަޑުބަރޭ ހިމެނިފައިވާތީ ގިނަބައެއްގެ ފާދުކިއުންތައް ވެސް ވަނީ އެފްއޭއެމްއަށާއި ޔޫތު މިނިސްޓްރީއަށްވެސް އަމާޒުވެފައެވެ.










