މޫސުމީ ބަދަލުތަކުގެ ސަބަބުން ކާރިސާތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިއަހަރުގެ އިންޑޯ ޕެސިފިކް އެންވަޔަރަންމަންޓަލް ސެކިއުރިޓީ ފޯރަމް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ވިދާޅުވީ މިގޮތުން އިނގިރޭސިވިލާތައް ކުރިމަތިވެފައިވާ ހޫނުގަދަވުމުގެ މައްސަލަ އާއި އެމެރިކާއަށް ދިމާވަމުން އަންނަ ހޫނުގަދަވުމުގެ މައްސަލައިގެ ސަބަބުން ޖަންގަލިތަކުގައި ރޯވުމުގެ މައްސަލަ ފާހަގަކުރެވޭކަމުގައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ރާއްޖޭގައިވެސް އިތުރަށް އަންނަނީ ގޯސްވަމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ، ތަރައްޤީވަމުން އަންނަ ކުދިޤައުމުތަކަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމުގައެވެ.
މިކޮންފަރެންސްގެ މުހިއްމުކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަލާމަތީ ޚިދުމަތްތަކުން ކާރިސާތަކާއި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބެންޖެހޭ ކަމަށާއި، އެކަމަށް އިތުރަށް ސަމާލުކަންދޭން ޖެހޭ ކަމަށެވެ. އަދި މި ފޯރަމްގައި ތަޖުރިބާތައް ހިއްސާކުރެވި އުފެއްދުންތެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދޭނެކަަމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި މިފޯރަމް ބާއްވަނީ، އެމެރިކާ ސަރުކާރާއި އިންޑޯ ޕެސިފިކް ކޮމާންޑުން ގުޅިގެނެވެ. މިއީ ކޯވިޑް 19އަށް ފަހުގައި، އިންޑޯ ޕެސިފިކް އެންވަޔަރަންމަންޓަލް ސެކިއުރިޓީ ފޯރަމް މިގޮތަށް ބާއްވާ ފުރަތަމަ ފަހަރެވެ.









