Search Streamline Icon: https://streamlinehq.com

ތުއްތު އަޒުޔާނަށް އެހީގެ އަތެއް ފޯރުކޮށްލަ ދެއްވާ! ޔާން ޙާލުގައި އުޅޭތާ 4 އަހަރު

Azyaan 2022 fenvaruonline
Advertisement

ލޮލުގެ އެތެރެއިން އުފެދިފައިވާ ޓިއުމަރެއް ބޮޑުވަމުން ގޮސް ސިކުޑިއަށް ޙަމަލާދިނުމާއި ދާދި ގާތްވެފައި ވުމުން ހދ.ކުޅުދުއްފުށި ޝަބުނަމީގެ، ޢުމުރުން އެންމެ 05އަހަރުގެ ތުއްތު އަޙްމަދު އަޒުޔާން (ޔާން)ގެ ބޮލުތެރޭގައިވާ ޓިއުމަރ ނެގުމަށް ޑޮކްޓަރުން ވަނީ އުޒުރުވެރިވެފަ އެވެ.

ޔާންގެ ސިނކުނޑިއާއި ދާދި ކައިރީގައި އުފެދިފައިވާ މި ޓިއުމަރުގެ ސަބަބުން ޔާން އަށް ތަފާތު އުނދަނގޫ ތަކާއި ކުރިމަތިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. ޔާންގެ މަންމައާއި ބައްޕަގެ މެދުކެނޑުމެއްނެތި އެ ގެންދަނީ ތުއްތު ޔާން އަށް ފުރިހަމަ ޞިއްްހަތެއް ހޯދައިދިނުމަށް ލޮލުފިޔައެއްވެސް ޖަހައިނުލައި މަސައްކަތްކުރަމުންނެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން 2019. 2020، 2021 އަދި މި ހިނގާ 2022 ވަނަ އަހަރުވެސް އެތައް ދުވަހަކު އެ ދެމަފިރިން އެގެންދަނީ ޔާން އަން ފުރިހަމަ ފަރުވާއެއް ދެވޭތޯ މަސައްކަތް ކުރަމުންނެވެ.

ޑޮކްޑަރުން ކުރިން ވިދާޅުވެފައިވަނީ ޓިއުމަރު އެއްފަހަރުން ނަގައިފިނަމަ ލޮލުގެ ފެނުމުން އަޒުޔާން މަޙުރޫމް ވެދާނެ ކަމުގައެވެ. އަދި ޓިއުމަރު މުޅިން ނެގޭނީ އެތިކޮޅުކޮޅުން ކަހާލައިގެން ކަމަށްވެސް ޑޮކްޓަރުން އޭރު ވިދާޅުވި އެވެ. ނަމަވެސް ޑޮކްޓަރުންގެ ޓީމުން މިހާރު ވިދާޅުވަމުންދަނީ އޮޕަރޭޝަން ކޮށްގެން ޓިއުމަރު މުޅިން ނުނެގޭނަ ކަމުގައެވެ. އަދި އެ ޓިއުމަރު ނައްތާލަން ޖެހޭނީ ރޭޑިއޭޝާނާއި ކީމޯ ދީގެން ކަމަށްވެސް އެ ޓީމުން އިއްތިފާޤު ވެއެވެ.

”ކީމޯ ދީގެންވެސް ޓިއުމަރު ކުޑައެއް ނުވޭ. ރޭޑިއޭޝަނާއި ކީމޯ ދިނީމަ ޔާންއަށް އުޅެލެވޭވަރުވޭ ދުވަސްކޮޅަކު. އެންމެ ފަހުންވެސް އިންޑިއާއަށް މިދިޔައީ ދާން އޮތް ތާރީޚަށް ވުރެވެސް މާ ކުރިން“ ޔާންގެ މަންމަ ސުޒާނާ ފެންވަރަށް ކިޔައިދިނެވެ.

Advertisement

ސުޒާނާ ބުނީ ތިންމަހުން ތިންމަހުން އިންޑިއާއަށް ދާން ޖެހޭކަމަށާއި އިންޑިއާއިން އައިސް ރަށަށް ދިޔަތާ ތިންމަސް ހަމަނުވަނިސް ކުއްލިއަކަށް ފިޓްޖެހިގެން ޔާންގެ ހާލު މާބޮޑަށް ދެރަވުމުން ކުޅުދުއްފުށި ރީޖަނަށް ހޮސްޕިޓަލަށް ދެއްކިކަމުގައެވެ. ނަމަވެސް އެތަނުން އެއްވެސް ފަރުވާއެއް ދެވެން ނެތްކަމަށާއި އެތަނުގައި ތިބި މީހުންނަށް ހަދާނެގޮތްވެސް ނޭންގުނުކަމުގައެވެ. އެހެންކަމުން އެމަޖެންސީގައި ޔާން މާލެ ގެންދިޔަކަމުގައިވެސް ޔާންގެ މަންމަ ކިޔައިދިނެވެ.

މާލެގޮސް އައިޖީއެމްއެޗަށް ގެންދިޔައިރު ޔާންގެ ހާލު ދެރަކަމުން ވެންޓިލޭޓަރުގައި ބޭއްވިކަމަށާއި، އެތަނުންވެސް ޔާންއަށް ދެވޭނެ އެއްވެސް ފަރުވާއެއް ނެތުމުން އައިޖީއެމްއެޗްގެ ޑޮކްޓަރަކާއި ނަރުހަކާއި އެކު އެމަޖެންސީގައި ޔާން އިންޑިއާއަށް ގެންދިޔަކަމަށް ސުޒާނާ ކިޔައިދިނެވެ.

ހިއްވަރުގަދަ ނަމޫނާ މަންމައެއްގެ ގޮތުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސުޒާނާ އާއި ބައްދަލްވާ ކޮންމެ އިންސާނަކުވެސް ދެކެމުން އަންނަ ސުޒާނާ ބުނިގޮތުގައި އަމްރިތާއަށް ގެންދިޔަފަހުން އަނެއްކާއިވެސް ޔާން ފިޓްޖެހިގެން ވެންޓިލޭޓަރުގައި ބާއްވަން ޖެހުނެވެ. ނަމަވެސް ރޭޑިއޭޝަން ނުދެވި ލަސްވުމުން ޔާންގެ ހާލު ދައްވަމުންދާތީ ޑޮކްޓަރުންގެ ޓީމުން ނިންމީ ޔާން އަށް ޜޭޑިއޭޝަން ދިނުމަށެވެ.

ރޭޑިއޭޝަންގެ އެއްޑޯޒް ދެވުނުފަހުން މަޑުމަޑުން ޔާންގެ ހާލު ރަނގަޅުވަނުން ދިޔަކަމަށްވެސް ޔާންގެ މަންމަ ކިޔައިދިނެވެ.

“ ރޭޑިއޭޝަން ދޭ ކޮންމެ ފަހަރަކު ހޭނައްތަން ޖެހޭ. އެންމެ ފަހުންވެސް މި އައީ 15 ރޭޑިއޭޝަން ދީގެން. ރޭޑިއޭޝާން ދޭ ކޮންމެ ދުވަހަކުވެސް ހޭނައްތާފަ ދެނީ. ރޭޑިއޭޝަން ދޭން ކޮންމެ ތިންމަހުން ތިންމަހުން އިންޑިއާއަށް ދާންޖެހޭ އެތަނުގައި ތިބުމާއި ކެއުމުގެ ޚަރަދުވެސް އެހާ ބޮޑު، ދަތުރު ޚަރަދާއި އެހެނިހެން ޚަރަދުތަކަށް ވަރަށް ގިނަ ފައިސާ ޚަރަދުކުރަން ޖެހޭ، މިކަމުގައި ވަރަށް ގިނަ ފަރާތްތަކުން ދަނީ ޔާން އަށް އެހީތެރިވަމުން، އެކި ގޮތްގޮތުން ޔާން އަށް އެހީތެރިވެދިން ހުރިހައި ފަރާތަކަށާއި އެހީތެރިވަމުންދާ ހުރިހާފަރާތަކަށްވެސް މި ފުރުޞަތުގައި ޔާންގެ ނަމުގަޔާއި އަޅުގަނޑާއި އަޅުގަނޑުގެ އާޢިލާގެ ނަމުގައި ހިތުގެ އެއްމެ ފުންމިނުން ވަރަށް އިޚްލާޞްތެރިކަމާއި އެކު ޝުކުރު ދަންނަވަން“ އިސް އޮބާލައިގެން އިނދެ ވާހަކަދައްކަމުންދިޔަ ސުޒާނާ އިނީ ފެންކަޅިވެފައެވެ.

މިކަމުގައި ތުއްތު އަޒުޔާންގެ މަންމައާއި ބައްޕަގެ އާދޭހަކީ ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ދީލަތި އެއީގައި އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަދުވަހު އިންޑިއާ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް އަނެއްކާވެސް އިތުރު 15 ރޭޑީއޭޝަން ދިނުމަށް އަޒުޔާން ފުރުޞަތު ލިބިގެން ދިއުމެވެ. ތިޔަބޭފުޅުންގެ ދީލަތި އެއީއަށް މިއަދު އެ ތުއްތު އަޒުޔާން އާއި ޔާންގެ މަންމައާއި ބައްޕަ ވަނީ އިންތިހާއަށް ބޭނުންވެފަ އެވެ.

އަދި އަޒުޔާން އަށް ފަރުވާ ކުރުމަށް އިންޑިއާގެ ކޮޗިންނަށް ދިއުމާއި އެތަނުގައި ތިބުމުށް ބޭނުންވާ ޚަރަދު ތައް ކުރުމުގައި މާލީ ތަނަވަސްކަމެއް ނެތުމުން ރާއްޖެއިން ބޭރުން މިފަދަ ބޮޑު ޚަރަދެއް ކުރުމުގެ ތަނަވަސްކަން އެ ދެމަފިރިންނާއި އެ ކުޑަކުޑަ އާޢީލާއަށް ލިބިފައެއް ނުވެއެވެ. ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންގެ ފަރާތުން ދީލަތި އެހީ ލިބުމަކީ އެ ކުޑަކުޑަ އާޢިލާގެ އާދެހެވެ.

އަޒުޔާން މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވުމަކީ އަޒުޔާންގެ މަންމަ އާއިޝަތު ސުޒާނާ އާއި އަޒުޔާންގެ ބައްޕަ ޢަބުދުލް ޙަމީދު ދެކެމުން އަންނަ ފޮނި ހުވަފެނެކެވެ. މި ކުޑަކުޑަ އާއިލާގައި ހުރި އެންމެ ތުއްތު ދަރިފުޅަށް އުފާވެރި ޙަޔާތެއް ހޯއްދަވައިދެއްވުމަށް އެ ދެމަފިރިންނާއި ކުޑަކުޑަ އަޒްޔާންގެ އެދުމަކީ ތިއަ ބޭފުޅުންގެ އެހީތެރިކަމާއި، ހެޔޮ ދުޢާ އެވެ. އަދި ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްލަ ދެވޭފަދަ ތަނަވަސްކަމެއް ނެތްނަމަ މި ޕޯސްޓް ޝެއާރ ކޮށްލަ ދެއްވުމަކީވެސް އަޒްޔާންގެ މަންމައާއި ބައްޕަގެ އިތުރުން އެ ކުޑަކުޑަ އާޢިލާގެ ވަރަށް ބޮޑު އެދުމެކެވެ.

އާއިޝަތު ސުޒާނާ 7706462415101 (ރުފިޔާ)

އާއިޝަތު ސުޒާނާ 7730000000463 (ޑޮލަރ)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7853916. 9180016

އިސްލާމްދީނުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް ބާރުއަޅުއްވާ މިންވަރު، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ މި ޙަދީޘްބަސްފުޅުން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.

“وَمَنْ نَفَّسَ عَنْ أَخِيهِ كُرْبَةً مِنْ كُرَبِ الدُّنْيَا ، نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَإِنَّ اللَّهَ فِي عَوْنِ الْعَبْدِ مَادَامَ الْعَبْدُ فِي عَوْنِ أَخِيهِ” روا مسلم

މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

“ފެންވަރު މީޑީއާ ގުރޫޕް”ގެ އެދުމަކީ ވީހާވެސް ގިނަ ފަރާތްތަކަށް މިމެސެޖް ފޯރުކޮށްދީ އަޒުޔާން އަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ އަޒްޔާންގެ މި ބައްޔަށް ﷲ ތައާލާ އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވައި، އަޒުޔާންގެ ބައްޔަށް ފަރުވާކުރުމަށްޓަކައި ގިނަ ބައެއްގެ އެހީތެރިކަން ލިބޭނޭމަގު ތަނަވަސް ކޮށްދެއްވުމެވެ. އާމީން!

 

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި