ޞާލިޙު ހެޔޮލަފާ މީހެއްގާތުގައި އޭނާގެ ޙަޔާތުގެ އެންމެ މުހިންމު ވަގުތުކޮޅާއި ބެހޭގޮތުން ސުވާލުކުރެވުނެވެ. އެއީ އެދުވަހަށްފަހު އޭނާ އިސްލާމްދީން އުނގެނި އެއަށް ޢަމަލުކުރަން ފެށި ވަގުތުކޮޅާއި ބެހޭގޮތުންވެ. ތިރީގައި މިވަނީ އޭނާގެ ޖަވާބެވެ.
“އަހަރެންގެ ޒުވާން ދުވަސްވަރު އަހަންނަކީ އެއްވެސް ފާފައެއް ކުރުމަށް ފަސްނުޖެހޭ މީހެކެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު އަހުރެންނަށް ވަރަށް ރީތި ޒުވާން އަންހެން ކުއްޖަކު ފެނުނެވެ. އެއީ އަހުރެންގެ ހަޔާތުގައިވެސް ފެނުނު އެންމެ ރީތި އެންމެ ފުރިހަމަ އަންހެން ކުއްޖާއެވެ. ދެން އަހުރެންގެ ހިތް އޭނާގެ މައްޗަށް ލެނބި އެދުންވެރިވިލެއް ބޮޑުކަމުން، އަހަރެންގެ ގާތަށް އައުމަށް އޭނާއަށް ދައުވަތު ދިނީމެވެ. ނަމަވެސް އޭނާ ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. އެހެންކަމުން ފައިސާގެ ދަޅަ ދައްކައިގެން އޭނާގެ ފަރާތުން އަހުރެންގެ ޖިންސީ އެދުން ފުއްދައިދޭތޯ އަހުރެން ބެލީމެވެ. އޭނާ އެކަމަށް އެއްބަސްވިއެވެ. ނަމަވެސް އޭނާ އަހުރެންގެ ކުރިމަތީ ހުއްޓި ހުރި ހިނދު ހީވީ ވައިބާރު ދުވަހެއްގައި ރުކެއްގެ ފަންތައް ވަޔާއި ވިހުރޭހެނެވެ. އޭހާވަރަށް އޭނާ ބިރުން ތުރުތުރު އަޅައެެވެ.
ފަހެ އޭނާ ބިރުގަނެ ހާސްވެފައި ހުރިވަރުން އަހުރެން ބުނީމެވެ. “ބިރު ނުގަންނާށެވެ. އަހުރެން ތިބާއަށް އެއްވެސް ގެއްލުމެއް ނުދޭނަމެވެ.”
އެކަމަކު އަހަރެންގެ މިބަސްތަކުން އޭނާއަށް ތަޞައްލީއެއް ލިބޭ ގޮތްނުވިއެވެ. ހީވީ އިހުނަށްވުރެވެސް އޭނާގެ ނުތަނަވަސްކަން އިތުރުވިހެނެވެ.
އެހެންކަމުން އަހަރެން ބުނީމެވެ، “ތިބާ ތިޔަހާ ބިރުގަންނަވީ ސަބަބު ކިޔައިދީބަލާށެވެ.”
އޭނާ ބުންޏެވެ. “އޭ އަހުރެންގެ އަޚާއެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެންގެ ހަޔާތުގައި ދުވަހަކުވެސް މިގޮތަށް އަހުރެންގެ ހަށިގަނޑު މީހަކަށް ވެދުން ނުކުރަމެވެ. ނަމަވެސް އަހުރެން މިހާ ހިސާބަށް އައުމަށް މަޖުބޫރުވި ސަބަބަކީ، 3 ދުވަސް ވަންދެން ނުކައި ތިބި ކުޑަ 3 އަންހެން ކުދިން އަހުރެންގެ ތިބީމައެވެ. ތިން ދުވަސްވީ އިރު އެންމެ ސުވާއެއްގެ މިންވަރުވެސް އެކުދިން ނުކައެވެ. މިހާ ދަށު ދަރަޖަޔަކަށް އަހުރެން މިވެއްޓުނީ އެމީހުންގެ މައްޗަށް ހިތުގައި އޮތް ރަހުމެވެ.“
ދެންފަހެ އޭނާގެ ވާހަކައިން އަހަންނަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އަދި ހަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި (މީހެއްގެ މައްޗަށް) ރަޙުމް އުފެދުނެވެ. އެހެންކަމުން އޭނާގެ ނާޖާއިޒް ފައިދާ ނެގުމުގެ ނިޔަތް އަހުރެން މުޅީން ދޫކޮށްލީމެވެ. އަދި އޭނާ ދިރިއުޅޭ ތަން އަހުރެންނަށް ކިޔައިދިނުމުން ގިނަ އަދަދެއްގެ ފައިސާއާއި ހެދުމާއި ކާބޯތަކެތި އަހުރެން އެގެޔަށް ގެންގޮސްދިނީމެވެ. އަދި އެނބުރި ގެއަށް އައިސް ވެގެން އުޅޭގޮތް އަހުރެންގެ މަންމައަށް ކިޔައިދިނީމެވެ.
ކޮންމެއަކަސް އަހަރެން ކުރާ ހުރިހާ ނުބައިއަމަލެއް ލިޔާ ފޮތެއް އަހަރެންގެ އަތުގައި އޮންނަ ކަން މަންމައަށް އެނގެއެވެ. އެހެންކަމުން މަންމަ ބުންޏެވެ. “ދަރިފުޅާއެވެ. ތިބާއަކީ މިއަދު ކުރި ހެޔޮ ޢަމަލު ފިޔަވައި ދުވަހަކުވެސް ހެޔޮ ޢަމަލެއް ކުރި މީހެއް ނޫނެވެ. ތިބާ ކުރާ ހުރިހައި ނުބައި ޢަމަލުތައް ލިޔާ ފޮތެއް ތިބާގެ އަތުގައި އޮންނަކަން މަންމަ އަށް އެނގެއެވެ. އެހެންކަމުން މިހާރު ގޮސް ތިބާ ތިކުރި ހެޔޮ ޢަމަލު އެ ފޮތުގައި ލިޔެލާށެވެ.”
ފަހެ އަހަރެން ތެދުވެ، އަހަރެން ކުރި ހެޔޮ ޢަމަލު އެފޮތުގައި ލިޔުމަށްޓަކައި ގޮސް، ފޮތް ހުޅުވާލީމެވެ. ނަމަވެސް އޭގައި ހުރި ހުރިހާ ޞަފްޙާއެއް ވަނީ ފޮހެވިފައެވެ. ފުރަތަމަ ޞަފްޙާގައި ލިޔެފައިވާ
إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ
“ހަމަކަށަވަރުން ހެޔޮ ޢަމަލުތަކުން ނުބައި ޢަމަލުތައް ނެތިކޮށްލަތެވެ.” [ހޫދު 114]
މި އާޔަތް ފިޔަވައެވެ.
ހަމަ އެވަގުތު އަހަރެން އުޑާއި ދިމާލަށް ދެއަތް އުފުލާލަމުން ބުނީމެވެ. “އަޅުގެ ވެރި ރައްބެވެ. މިއަދަށް ފަހު އަހުރެން އިބަ ﷲ އަށް ނުއުރެދޭނަމެވެ.”
މަސްދަރު:- [ސްޓޯރީސް އޮފް ރިޕެންޓެންސް / މުޙައްމަދު އަބްދުލް މުޣާވިރީ] ދާރުއްސަލާމް












