މަލްދާއަށް ހޭލެވެނީ ހަށިގަނޑުގައި ދިލަ ހޫނެއް ވާތީއެވެ. މޯޅިއަކަށް ދެމިލާފައި މަޑުމަޑުން ލޯހުޅުވުމާއެކު މަލްދާ ދިޔައީ ސިއްސައިގެންނެވެ. އެހެންނަމަވެސް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. ދެލޯ ބޮޑުކޮށްފައި މައްޗަށް ބަލަހައްޓައިގެން އޮވެވުނީއެވެ. މަލްދާގެ ލޮލުން ފެނިގެންދިޔައީ ބިރުވެރި ކަމާއި ހާސްކަމެވެ. ބިރުން ލޯމަރާލުމަށްފަހު ހަޅޭއް ލަވައިގަތެވެ.
ހަޅޭކުގެ އަޑަށް އާރިފާ އާއި ކަރީމް ދުވެފަ އައިސް މަލްދާގެ ކޮޓަރިއަށް ވަނެވެ. މަލްދާ އޮތީ ނިދާފައެވެ. އެހެންވިއްޔާ ހަޅޭއްލެވީ ކާކު ހެއްޔެވެ؟ މަލްދާގެ ކޮޓަރީގައި އިތުރު އެހެން މީހަކު ނެތެވެ. ކަރީމް ސުވާލުގެ ނަޒަރަކުން އާރިފާއަށް ބަލާލިއެވެ. އާރިފާ މަޑުމަޑުން އައިސް މަލްދާގެ މޫނަށް ބަލާލިއެވެ. މަލްދާ އޮތީ އަރާމު ނިންޖަމުން ނިދާފައެވެ. އެހެންކަމުން ކަރީމްގެ އިޝާރާތަށް އާރިފާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ލޮލުގައި އަޅައިގަތީ އެނދު ކައިރީ ސައިޑް ޓޭބަލް މަތީގައި އޮތް މަލްދާގެ ފޯނެވެ. އާރިފާ ފޯނަށް ބަލާލިއެވެ. ގަޑިން ތިންގަޑި ބައި ވަނީއެވެ.
މަންމަ އާއި ބައްޕަ ކޮޓަރިން ނުކުމެގެން ދިޔައިރުވެސް މަލްދާއަށް އޮވެވުނީ ހަރަކާތް ހުއްޓި ރޮވިފައެވެ. މަންމައަށް ގޮވަން ބޭނުންވިޔަސް އަޑެއް ނުނުކުމެއެވެ. ބައްޕަގެ އެހީތެރިކަން އެންމެ ބޭނުންވި ވަގުތު ބައްޕައަށް މަލްދާގެ ހާލަތު ނޭގެއެވެ. މަލްދާ ނިދާފައި އޮތް ކަމަށް މަންމަޔާއި ބައްޕައަށް ހީވި ކަމުގައި ވިޔަސް އެއީ ދައްކާލި ދަޅައެކެވެ.
ކޮޓަރީގެ ދޮރު ލައްޕާފައި މަންމަޔާއި ބައްޕަ ދިޔުމުން މަލްދާ ބަލާލީ ފަންކާ އާ ދިމާލަށް މައްޗަށެވެ. ކޮޓަރީގެ ސީލިންގަނޑުގައި އިން ރަތް ދެލޯ މަޑުމަޑުން މަލްދާގެ މޫނާ ދިމާލަށް އަންނަން ފެށިއެވެ. ކައިރިވާ ވަރަކަށް އެއީ ހަމައެކަނި ދެލޯ ނޫންކަން އެގުނެވެ. ހުތުރު ސިފައެއްގައި ހުރި މީހެއްގެ އަގުރު އަލިފާން ކަހަލަ ދެލޮލެވެ. މަލްދާގެ ހަށިގަނޑުގެ ވަސް ފޯރާ ހިސާބުގައި އެމީހާ އޮތީ މަލްދާއަށް ބަލަހައްޓައިގެން ހިނިތުންވެފައެވެ. އެހެން އޮވެފައި އޭނަގެ ކުރަކި އަތުގެ އިނގިލިތަކުން މަލްދާގެ ކޯތާފަތުގައި މަޑުމަޑުން ފިރުމާލިއެވެ. އެވަގުތު މަލްދާގެ ގައިން ހީބިހި ނަގައިގަތެވެ. މަލްދާ ރޮމުން ލޯ ލަމަރާލީއެވެ. އިންސާނުންނަކީ ހާދަ ނިކަމެތި ބައެކޭ އެވަގުތު ހިތަށް އެރިއެވެ.
އާދައިގެ މަތިން އާރިފާ ހުރީ ބަދިގޭގައި ސައި ހަދާށެވެ. މަލްދާ ރީތިވެލައިގެން ނަށަމުން ކަހަލަ ގޮތަކަށް އައިސް ބަދިގެޔަށް ވަނެވެ.
”މިއަދު ހާދަ ގުޑް މޫޑެއްގައި. ކިހިނެއްވީ އަނެއްކާ!“ އާރިފާ އަހާލިއެވެ.
”މިއަދަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްގެ އުފަންދުވަސް. އައި ހޭވް ލޮޓް އޮފް ޕްލޭންސް ފޯ ހާ!“ މަލްދާ ސައިބޮމުން މަންމަޔާ ވާހަކަ ދެއްކިއެވެ.
”ރޭގަ ދަރިފުޅު ހަޅޭއްލަވާ އަޑަށް މަންމަމެން ދަރިފުޅުގެ ކޮޓަރިއަށް ވަދެ ބަލާލިއިއިރު ދަރިފުޅު އޮތީ ނިދާފަ. އަދިވެސް ސުވާލު އުފެދޭ ކިހިނެއްބާއޭ އެވީ. ޑޫޔޫ ހޭވް އެނީ އައިޑިޔާ ވައި؟“ އާރިފާ އައިސް މަލްދާގެ ކައިރީގައި އިށީންނަމުން އަހާލިއެވެ.
”ނޫން. ރޭގަ އަޅުގަނޑު ނުހޭލަން ނިދި ފަހުން. ފަތިހު ހޭލެވުނީ.“
މަލްދާ ސައިބޮއެގެން ކޮލެޖަށް ދާން ނުކުތެވެ.
އާރިފާ އިނީ ޓީވީ ބަލާށެވެ. ކަރީމް ގެޔަށް އައިސް ވަންނަމުން އެމަންޖެ ކޮބައިތޯ ސުވާލުކޮށްލިއެވެ. މިރެޔަކީ މަލްދާގެ އެކުވެރި ކުއްޖެއްގެ އުފަންދުވަސް ކަމަށްވާތީ މަލްދާ އަދި ގެޔަށް ނާންނަ ވާހަކަ އާރިފާ ބުނެލިއެވެ.
ކަރީމް މަލްދާގެ ކޮޓަރިއަށް ވަންނަން ދިޔުމުން ކުއްލިއަކަށް ސިއްސައިގެން ދިޔައެވެ. ފެންވަރައިގެން ބޮލުގައި ތުވާލި އަޅުވަމުން އެނުކުތީ މަލްދާއެވެ.
”އަހަ! އާރިފާ ބުނި މިމަންޖެ ގޭގަ ނޫޅޭ ވާހަކަ. ދަރިފުޅާ! ކިތަން ދުވަހު ބުނަން މިގަޑީގައި ފެންނުވަރާށޭ. މިހާރު އެއޮތް އެކެއް ޖަހަނީ. ދެން ދޭ އަވަހަށް ނިދާލަން.“ އާރިފާ އިނީ މަލްދާއަށް ބަލަހައްޓައިގެން ހައިރާންވެފައެވެ. މަލްދާ ގެޔަށް އައީ ކޮންއިރަކު ކަމެއް އޭނައަކަށް ނޭގެއެވެ. 8 ޖެހީއްސުރެ އާރިފާ އެއިނީ ޓީވީ ސީރިޔަލް ބަލާން ސިޓިންގރޫމްގައެވެ.
މަލްދާ މަންމައަށް ބަލާލާފަ ހިނިތުންވަމުން އިސްތަށިގަނޑު ތުވާލިން ފޮހެމުން ބޭރަށް ނުކުތެވެ. ގޯތިތެރޭ ހުރި ޖޯއްޔެއްގައި އިށީނދެ އިސްތަށިގަނޑު ވިހުރާލިއެވެ. އަދި ފޯނު ނަގައިގެން ކޮންމެވެސް މީހަކަށް ގުޅާލިއެވެ. މަންމަ ބަލަހައްޓައިގެން އިންކަން އެނގިގެން މަލްދާ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.
އެއީ ހިތްޤައިމު ރެއެކެވެ. ޖެހިލާ ފިނި ރޯޅިން އިސްތަށިގަނޑު ހިކެން މާގިނަ އިރެއް ނުނެގިއެވެ. އިނގިލިތަކުން މަޑުމަޑުން އިސްތަށިގަނޑާއި ކުޅެމުން މަލްދާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. އެއީ މާލޭ ކުއްޖެކެވެ. މަންމަމެން ކިތަންމެ ނުގަބޫލަސް މަލްދާ ހުޝާމް ދެކެ ވަރަށް ލޯބިވެއެވެ. އެހެންކަމުން މަންމަމެންނަށް ވަގަށް ހުޝާމް އާ ވާހަކަ ދައްކަން މަލްދާ ކޮންމެ ރެޔަކު އެޖޯލީގައި އޮވެއެވެ. އެގަޑީގައި ފެންވަރައިގެން އިސްތަށިގަނޑު ހިކެންދެން ބޭރު ޖޯލީގައި ކޮންމެ ރެޔަކު މަލްދާ އޮވެއެވެ.
”މަލްދާ! ދެން އެތެރެޔަށް ވަންނަން އުޅޭ. ދޭއް ޖަހަނީ!“ ބައްޕަ ގޮވާލި އަޑަށް ފޯނު ބާއްވާފައި މަލްދާ އެތެރެޔަށް ވަނެވެ. މަލްދާ އާދަވެގެން މިގޮތަށް ކަންތައް ކުރާތީ ކަރީމް ހުންނަނީ އެކަމާ ހިތްހަމަނުޖެހި ކަންބޮޑުވެފައެެވެ.
”އާރިފާ! އެމަންޖެ ކައިރީ ބުނެބަލަ ކޮންމެ ރެޔަކު މިގަޑީގައި ފެންވަރައިގެން ނުކުމެ ބޭރު ޖޯލީގައި ނުއިންނަން. އެގެއެއްނު އެމަންޖެ ކުޑައިރު ކަންތައް ދިމާވެފަ ހުރި ގޮތް. އަހަރެން ވަރަށް ބިރު ގަނޭ.“ ކަރީމް ބުނެލިއެވެ.
”އަހަރެން ކިތައް ފަހަރު އެހެން ބުނެފިން. އެކަމަކު އެމަންޖެ އެކަން ހުއްޓާލާކަށް ނޫޅޭ. މިރޭވެސް ގެޔަށް އައީ ކޮން އިރަކު ކަމެއް އަހަންނަކަށް ނޭގުނު. ކުރިން ރޭ ވެސް އެކޮޓަރި ތެރެއިން ހަޅޭކުގެ އަޑު އިވުނު. އެމަންޖެ އޮތީ ނިދާފަ. އަހަރެންވެސް މިހާރު ބިރުގަންނަން ފަށައިފި. އަޅެ ގުޅާލަބަ ކާފައަށް.“ އާރިފާ ބުނެލިއެވެ.
”ނޫން. އަދި ހިޔެއް ނުވޭ އެއްވެސް ގޯހެއް އުޅޭހެން. އެގޭ ހިސާބުން ކާފައަށް ގުޅާނަން. ދެން ހިނގާ ނިދަން.“ ކަރީމް އާރިފާ ގޮވައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
މިއަދަކީ ހާދަޔާ ޚިލާފަށް މޫސުން ގޯސް ދުވަހެކެވެ. ބޯކޮށް ވާރޭ ވެހޭތީ މަލްދާ ހުރީ ގެއިންވެސް ނުނުކުންނާށެވެ. އެހެން ހުއްޓާ އެކުވެރި ކުއްޖަކު މަލްދާއަށް ގުޅާފަ އަންނަން ބުނެގެން ބައްޕަޔާއެކީގައި ކާރުގައި މަލްދާ ދިޔައީ އެކުއްޖާގެ ގެޔަށެވެ.
”ނަތާ. ކިހިނެއްވީ ބަލީތަ!“ އެގެޔަށް ވަންނަމުން މަލްދާ އަހާލިއެވެ.
އެދުވަހު ނަތާ އާއި އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާ (ޔާލް)އާ މައްސަލަ ޖެހިގެން ނަތާ އެދުނީ މަލްދާ ޔާލް އާއި ވާހަކަ ދައްކައިގެން އެދެމީހުން އަލުން ގުޅުވުމެވެ. އެހެންކަމުން މަލްދާ އެކުއްޖާއަށް ގުޅިއެވެ. އަދި ބައްދަލުކުރަން އެގެޔަށް އައުމަށް އެދުނެވެ. ބައިގަޑިއިރު ފަހުން ޔާލް އެގެޔަށް އައެވެ. ނަތާ އޮތީ ކޮޓަރީގައެވެ. މަލްދާ އާއި ޔާލް ތިބީ ވާހަކަ ދައްކަން ސިޓިންރޫމްގައެވެ.
މަލްދާ ހުރިހާ ވާހަކައެއް ދައްކަމުންދިޔައިރުވެސް ޔާލްއިނީ މަލްދާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެހެން އިނދެފައި ދެއަތުން މަލްދާގެ މޫނުގައި ފިރުމާލިއެވެ. ވާހަކަ ދައްކަމުން ދިޔަ މަލްދާއަށް ލިބުނީ ސިހުމެކެވެ. ޔާލް މަލްދާގެ ދިގު އިސްތަށިގަނޑާއި ކުޅެމުން މަލްދާގެ މޫނުގައި ފިރުމަމުން ދިޔައެވެ. މަލްދާ އިނީ ހައިރާންވެފައެވެ. އޭނަގެ ގައިގައި ޔާލް އަތްލާން ފެށުމުން އެކަމާ ނުރުހިފައެވެ. އެހެންނަމަވެސް އިންގޮތަށް އިނދެވުނީއެވެ. އެރުޅިވެރިކަމާއި ނުރުހުން ދައްކަން މަލްދާ ކިތަންމެ ބޭނުންވިޔަސް އަމަލުން އެކަން ނުދެއްކުނެވެ. ނަތާއަށް ގޮވަން އަގަ ހުޅުވާލުމުން ޔާލް މަލްދާގެ އަނގަމަތީ އަތްއަޅާލިއެވެ. މަލްދާގެ ހަށިގަނޑު ގެނެސް ޔާލްގެ ހަށިގަނޑުގައި ޖައްސާ ފިއްތާލިއެވެ. މަލްދާއަށް ތަދު އިހުސާސްކުރެވުމުން ލޮލުން ކަރުނަ އައެވެ. ދެން ސަލާމަތެއް ނެތީބާއޭ ހިތަށް އެރިއެވެ.
އެވަގުތު އަތުގައި އޮތް ފޯނު ރިންގުވާންފެށިއެވެ. މަލްދާ ބަލާލިއިރު އެގުޅަނީ ނަތާއެވެ. މަލްދާ ފޯނަށް ޖަވާބު ދޭން އުޅުނުތަނުން ގޭގެ ދޮރު ހުޅުވާލާފައި ވަދެގެން އެއައީ ނަތާއެވެ. ނަތާ ފެނުމުން މަލްދާ ދުވެފަ ގޮސް ނަތާގެ ގައިގައި ބައްދައިގަތެވެ. އަދި ރޯން ފެށިއެވެ.
”ތޭންކް ގޯޑް ޔޫ ކޭމް އޮން ޓައިމް.“ މަލްދާ ބުނެލިއެވެ.
ކަންތައް ހިނގާދިޔަ ގޮތް މަލްދާ ކިޔައިދިނެވެ. އެހެންނަމަވެސް އެވާހަކަތައް ނަތާއަށް ޤަބޫލުކުރަން ދަތިވިއެވެ. ނަތާ ބުނަމުންދިޔައީ އޭނަ ގެޔަށް އެއައީ ދެންމެ ކަމަށާއި އޭނަ ނަތާއަށް ގުޅާފަ ގެޔަށް އަންނަން ނުބުނާ ކަމަށެވެ. އަދި މިވަގުތު ޔާލް ރަށުގައި ނެތް ކަން ނަތާ މަލްދާއަށް ކިޔައިދިނެވެ. މަލްދާ އެގޭގައި އުޅޭނެ ކަމަަކަށް ނަތާ ހިޔެއް ނުކުރެއެވެ.
މިވާހަކަތައް އަޑުއަހާފައި މަލްދާ ފެންކަޅިވިއެވެ. އަދި އެނބުރި ބަލާލީ ސޯފާގައި އިން ޔާލް އާ ދިމާލަށެވެ. ޔާލްގެ ތުންފަތްމަތީ ވިހަ ހިނިތުންވުމެއް ކުޅެލިއެވެ. ނަތާ މަލްދާ ގެނެސް ސޯފާގައި ބޭންދިއެވެ. އޭރުވެސް ޔާލް އިނީ ހިނިތުންވެލާފައި އަރާމުގައި ސޯފާގައި އިށީނދެގެންނެވެ. މަލްދާއަށް ޔާލް ފެނުނު ނަމަވެސް ނަތާއަށް ފެންނަހެނެއް ހިޔެއް ނުވެއެވެ.
ނަތާ ފެންތަށި ހިފައިގެން އައިސް އިށީނީ ޔާލް އިން ސޯފާގައެވެ. މަލްދާ ސިއްސައިގެން ގޮސް ކޮޅަށް ތެދުވިއެވެ. ދުވެފައި ނުކުމެގެން ދިޔައީ ބޯކޮށް ވާރޭވެހިވެހި ހުއްޓާއެވެ. ނަތާ ދޮރުމަތީ ހުރެ މަލްދާއަށް ގޮވަމުންދިޔައެވެ.
ވާރެޔާ ތެމި ފޯވެގެން ރޮމުން މަލްދާ މިސްރާބް ޖަހާލީ ގެޔާ ދިމާލަށެވެ. ފަހަތުން ބަރުގޮނު އަޅުވާލި އަޑަށް މަލްދާ އެނބުރި ބަލާލިއެވެ. އެއީ ކަރީމްގެ ކާރެވެ. ކަރީމް ކާރު މަޑުކޮށްލުމަށްފަހު ކުޑައެއް ހިފައިގެން ނުކުމެ މަލްދާ ކާރަށް އެރުވިއެވެ. ކާރުގައި އޮތް ކުޑަ ތުވާއްޔަކުން މަލްދާގެ މޫނާއި އިސްތަށިގަނޑު ފޮހެމުން ކަރީމް ސުވާލުކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް އެއިން އެއްވެސް ސުވާލަކަށް މަލްދާ ޖަވާބެއް ނުދިނެވެ.
(ނުނިމޭ)











