ފީފާވޯލްޑް ކަޕް ރައުންޑް އޮފް 16 ގައި ޕެނެލްޓީ ޝޫޓް އައުޓް އިން ސްޕެއިން ބަލިކޮށް މޮރޮކޯ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގަތަރުގެ އެޑިއުކޭޝަން ސްޓޭޑިއަމްގައި މިރޭ ކުޅުނު ސްޕެއިން މޮރޮކޯ މެޗް ގައި ދެޓީމްގެ ފަރާތުންވެސް ވާދަވެރި ހަމަހަމަ ކުޅުމެއްފެނިގެންދިއައެވެ. އެގޮތުން ފުރަތަމަ ހާފްގައި ދެޓީމުންވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭގޮތެއް ދެޓީމުންކުރެ އެއްޓީމަކަށްވެސް ނުވި އެވެ.
މެޗްގެ 90 މިނިނެޓްގެ ކުޅުން ނިމުނުއިރު 0-0 ން ދެޓީމު އެއްވަރުފައިވުމުން ނަތީޖާނެރުމަށް އިތުރުވަގުތުގެ ކުޅުން ކުޅުނެވެ. އެވަރަުންވެސް ނަތީޖާ ނުނެރުވުމުން ޕެނެލްޓީއަށް ދިޔައީއެވެ.

ޕެނެލްޓީ ޝޫޓް އައުޓްގައި ފުރަތަމަ ޕެނަލްޓީ ޖެހީ މޮރޮކޯއިންނެވެ. މޮރޮކޯއިން އަބްދުލްހަމީދް ސަބީރީ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރިއިރު ސްޕެއިންގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލި ޕަބްލޯ ސަރާބިއާއަށް އެ ޕެލަންޓީ ކާމިޔާބެއް ނުކުރެވުނެވެ. މޮރޮކޯގެ ދެވަނަ ޕެނަލްޓީ ހަކީމް ޒިޔާޗް ކާމިޔާބު ކުރިއިރު ސްޕެއިންގެ ދެވަނަ ޕެނަލްޓީ، ކާލޯސް ސޮލާ ފޮނުވާލިއިރު މި ޕެނަލްޓީއަށް ހުރަސް އެޅީ މޮރޮކޯގެ ކީޕަރެވެ.
މެޗްގެ ކުރިން ސްޕެއިން ބުނެފައިވަނީ އެޓީމް އޮތީ ޕެނެލްޓީ އަށްވެސް ފުރިހަމައަށް ތައްޔާރުވެފައިކަމުގަ އެވެ. އެހެންކަމުން ޕެނެލްޓީ ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ސްޕެއިންޓީމުން ވަނީ ބުނެފައެވެ. ނަމަވެސް ޕެނެލްޓީ އިން މޮރޮކޯ ކުރިހޯދައި ސްޕެން މިވަނީ މުބާރާތުން ކަޓުވާލާފައެވެ. މިއީ ސްޕެއިން އަށް ހިތި ނަތީޖާއެކެވެ.
މި މެޗަށް ދެޓީމް ނިކުތުމުގެ ކުރިން، ރާއްޖޭގެ ގިނަ ސްޕޯޓަރުން މޮރޮކޯއަސް ސަޕޯޓް ކުރާކަން ސޯޝަލް މީޑިއާގައި ވަނީ ހާމަކޮށްފައެވެ. މޮރޮކޯ އާއި ރާއްޖެއާއި އޮތީ ކާބަފައިންގެ ގުޅުމެއްކަމަށާއި، މޮރޮކޯއަކީ ރާއްޖެއަށް ޚާއްސަ ގައުމެއްކަމަށްވެސް ދިވެހިން ދިޔައީ ބުނަމުންނެއެވެ.
އުތުރު އެފްރިކާއަށް ނިސްބަތްވާ އަރަބި ޤައުމެއް ކަމުގައިވާ މޮރޮކޯގެ އާބާދީގެ ތެރެއިން 32 މިލިއަން މީހުންނަކީ މުސްލިމުންނެވެ. އެގައުމަކީ 99.9 މުސްލިމް އިންސައްތަ އޮތް ގައުމެކެވެ. އެފްރިކާ އަށް ނިސްބަތްވާ މޮރޮކޯގެ މި ކާމިޔާބީއާ އެކު މުސްލިމުންނަށް ލިބުނީ ބޮޑު އުފަލެކެވެ.
ތާރީޚަށް ބަލައިލާއިރު ރާއްޖެއަށް މޮރޮކޯ ނުވަތަ މަޣްރިބް ކަރަ ޚާއްސަވަނީ ކީއްވެހެއްޔެވެ؟
ޝައްކެއްނެތެވެ. މޮރޮކޯ ނުވަތަ މަޣްރިބުކަރައަކީ އަބަދުވެސް ދިވެހިރާއްޖެ އަށް ވަރަށް ޚައްޞަ ޤައުމަކަށްވާނެއެވެ.
ދިވެހިރާއްޖެ އަށް އިސްލާމް ދީނުގެ އަލިގަދަ ނޫރު އައުމުގެ މެދުވެރިއެއް ކަމަށް ބުނެވޭ އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ އަކީ އެގައުމުގެ ރައްޔިތަކަށްވުމަކީ މިކަމުގެ ދަލީލެކެވެ.
މާލޭ ހުކުރު މިސްކިތުގެ މިހްރާބު ގޭގައި ލިޔެފައި ހުރި ތާރީޚީ ލިއުންތަކުންވެސް މިކަމަށް ހެކި ދެއެވެ. އެ ލިއުމުގައި ވަނީ ރާއްޖޭގައި އޭރު ވެރިކަމުގައި ހުންނެވި ދަރުމަވަންތަ ރަސްގެފާން އިސްލާމްވެ ވަޑައިގަތީ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީގެ އަތްމަށްޗަށް ކަމުގަ އެވެ.










