މިހާރު ޤަތަރުގައި ކުރިޔަށްދާ ދުނިޔޭގެ އެންމެ ބޮޑު މުބާރާތްކަމަށްވާ ފީފާ ވޯލްޑްކަޕް2022ގައި މިރެއަކީ ބޮޑު ރެއެކެވެ. ވޯލްޑްކަޕް 2022 ގެ ފައިނަލްގެ ފަހު ޖާގަ މިރޭ ކަށަވަރުވެގެންދާނެ އެވެ. މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ އާޖެންޓީނާ ވަނީ ކަށަވަރުކޮށްފަ އެވެ. އާޖެންޓީނާ، ކޮރޮއޭޝިއާގެ މައްޗަށް ކުރި ހޯދީ ފަސޭހަކަމާއި އެކު 3-0 ން މެޗު ކާމިޔާބުކޮށްގެން ނެވެ.

ފައިނަލްގެ ފަހު ޖާގަ ކަށަވަރުކުރުމަށް މިރޭ ނިކުންނާނީ މޮރޮކޯ(މަޣްރިބް ކަރަ) އާއި ފުރާންސް( ފަރަންސޭސި ވިލާތް) އެވެ.
މިރޭ ގެ މެޗަކީ ދެޓީމަށްވެސް ތާރީޚީ މެޗެކެވެ. އެންމެ ފަހުގެ ޗެމްޕިއަން ފުރާންސް މިރޭ މޮޅުވެއްޖެނަމަ ޖެހިޖެހިގެން ދެވަނަ ފަހަރަށް ފައިނަލްގައި ކުޅުމުގެ ޝަރަފް ލިބޭނެއެވެ. ފުރާންސް އަކީ ފުޓްބޯޅައިގެ ގަދަ ބާރެއްކަމުގައި ވީނަމަވެސް އަދި މިހާތަނަށް ދުނިޔޭގެ ތަށި އުފުލައިލެވުނީ އަދި ހަމަ އެންމެ ދެފަހަރު އެވެ. އެއީ 1998 ވަނަ އަހަރުގެ ތައްޓާއި، ވޯލްޑްކަޕް 2018 ވަނަ އަހަރުގެ ތައްޓެވެ. އެހެން ކަމުން ފަރަންސޭސީންނަށް ތިން ތަރި ހޯދުގެ ދަތުރު ފެށިގެންދާނީ މިރޭގެ މެޗުން މޮޅުވެއްޖެ ނަމައެވެ.
މިފަހަރުގެ ވޯލްޑްކަޕްގައި އެންމެންގެ ސަމާލުކަން ލިބުނު ސަޕްރައިޒިން ޓީމަކީ މަޣްރިބް ކަރަ ނަވަތަ މޮރޮކޯ އެވެ. އެޓީމުން ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ތަފާތު މޮޅު ކުޅުމެއްދައްކައި، ގަދަބާރުތަކުގެ މައްޗަށް ގަދަވެގަނެ އެޓީމުތަކަށް ސިހުމެއް ގެނުވާފަ އެވެ. ހަމަ އެއާއިއެކު އެޓީމަށް ސަޕޯޓް ކުރާމީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރުވެގެން ދިޔައި އަންތަރީސް ކުރުވާފަދަ ގޮތަކަށެވެ.
މޮރޮކޯ އޮތީ މިހާރުވެސް ވޯލްޑް ކަޕްގެ ތާރީޚުން ރަން އަކުރުން ފަވާލާފައެވެ. އެޓީމަކީ އެންމެ ފުރަތަމަ ވޯލްޑްކަޕްގެ ސެމީ ފައިނަލުން ޖާހަގަ ހޯދި އެފްރިކާ ބައްރުގެ ޓީމެވެ. އަދި އެންމެ ފުރަތަމަ ސެމީހާއި ހަމައަށް ދަތުރުކުރި އިސްލާމީ ޤައުމުގެ ޝަރަފުވެސް އޮތީ ހަމައެކަނި މޮރޮކޯ ޓީމަށެވެ.
މިހާތަނަށް މޮރޮކޯއިން ހަ ވޯލްޑް ކަޕެއްކައި ކުޅެފައި ވެއެވެ. އެންމެ ފުރަތަމަ ކުޅުނީ 1970 ގައެވެ. އޭގެ ފަހުން 1994، 1998 ގައި ކުޅުމަށް ފަހު ދެން ވޯލްޑް ކަޕުން ފުރުސަތެއް ލިބުނީ އޭގެ ފަސް އަހަރު ފަހުން 2018 ގައެވެ. މިއިން ކޮންމެ އަހަރަކުވެސް އެޓީމަށް ޖެހެނީ ގުރޫޕް ސްޓޭޖުން މުބާރާތަށް އަލްވަދާއު ކިޔާށެވެ. އެހެން ކަން އޮތުމާއިއެކު މިރޭގެ މެޗުން މޮޅުވުމަކީ ލިބޭނެ އެންމެ ބޮޑު ކާމިޔާބަށް ވާނެެއެވެ.

ދެން އުފެދޭ ސުވާލަކީ މޮރޮކޯއަށް ފުރާންސް ބަލިކުރެވިދާނެ ހެއްޔެވެ؟ ސަޕޯޓަރުންގެ ރަޔުއު އަށް ބަލާއިރު ފުރާންސްގެ މިފަހަރުގެ ނަތީޖާތަކަށް ބަލައި، އެޓީމު މޮޅުވާނެކަމަށް އެއްބަޔަކަށް ބުރަވެވޭއިރު، ހަމަ އެއާއިއެކު މޮރޮކޯ އަށް މޮޅުވެވޭނޭކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. ކުރިންވެސް ބުނެވިދިޔަ ފަދައިން މޮރޮކޯ ވަނީ ތަފާތު ދައްކައިދީފަ އެވެ. ފުޓްބޯޅައިގެ ގަދަ ބާރުތަށް އަތްދަށުލައި އެޓީމުން މިވަނީ ސެމީއާއި ހަމައަށް ދަތުރުކޮށްފައެވެ.
ކޮންމެއަކަސް މި ފަހަރުގެ ވޯލްޑްކަޕްގެ ފަހު ޖާގަ ކަށްވަރުކުރާނެ ޓީމެއްކަށަވަރުވާނީ މިރޭ ރާއްޖެގެ ގަޑިން 12 ޖަހާއިރު ކުޅޭ މެޗް ނިމުމުންނެވެ. ޔަގީނުންވެސް އެއްކަމެއް ގައިމެވެ. އެއީ މިރޭގެ މެޗަކީ ފުރާންސަށްވެސް ފަސޭހަ މެޗަކަށް ނުވާނެކަމެވެ.














