Search Streamline Icon: https://streamlinehq.com

އަނެއްކާވެސް އަޒްޔާން ބޭސް ފަރުވާއަށް އިންޑިއާއަށް- އެހީތެރިވެ ދެއްވާ!

Yaan Help pic
Advertisement

ޔާންގެ ބައްޔަށް ބޭސް ފަރުވާކުރުމަށް އަނެއްކާއިވެސް އަންނަ ޖެނުއަރީ މަހު ވަނީ އިންޑިއާ އަށް ދާން ޖެހިފަ އެވެ. ނަމަވެސް ޔާންގެ އާޢިލާގެ މާލީޙާލަތު ހުރިގޮތުން މިކަމަށް އެ އާޢިލާވަނީ ނުކުޅެދި ފައެވެ. މިކަމުގައި ތިޔަ ލޮބުވެތި އަޚުންނާއި އުޚްޠުންގެ ފަރާތުން ކިތަންމެ ކުޑަނަމަވެސް އެހީއެއް ފޯރުކޮށްލަ ދިނުވަމީ ތުއްތު އަޒްޔާން އާއި އޭނާގެ މައިން ބަފައިންގެ އިތުރުން އެ އާޢީލާގެވެސް ވަރަށް ބޮޑު އެދުމެކެވެ.

ކުޅުދުއްފުށި ސިޓީއަށް އުފަން ޢުމުރުން އެއްމެ ފަސް އަހަރުގެ ޙަސަން އަޒްޔާން (ޔާން)ގެ ލޮލުގެ އެތެރެއިން ނިރުލައިގެން އުފެދިފައިވާ ޓިއުމަރެއް ބޮޑުވަމުން ގޮސް މިހާރުވަނީ ޔާންގެ ސިކުނޑީގެ ނާރުތަކުގެ ތެރެއަށް ސަވާރު ވެފައެވެ.

މި ދެންނެވި ޓިއުމަރު ސިނކުޑީގެ ނާރުތަކަށް ޙަމަލާ ދެމުން ދިއުމާއި ގުޅިގެން އޮޕަރޭޝަން ކޮށްގެން އެއްފަހަރާ އެ ޓިއުމަރ ނައްތައި ނުލެވޭނެކަމަށް އަމްރިތާ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ފަންނީ މާހިރުންނާއި ތަޖުރިބާކާރު ޑޮކްޓަރުން އިއްތިފާޤުވެއެވެ.

ޑޮކްޑަރުން ވިދާޅުވަނީ މި ދެންނެވި ޓިއުމަރު ސިކުނޑީގެ ނާރުތަކާއި ގުޅިލާމެހިފައިވާތީ އޮޕަރޭޝަންކޮށްގެން ނަގައިފިނަމަ އެކުޑަކުޑަ ޔާން ލޮލުގެ ފެނުމުން މަޙުރޫމް ވެދާނެ ކަމުގައެވެ. އަދި އެޓިއުމަރު މުޅިން ނައްތާލަން އަހަރުތަކެއް ނަގާނެކަމަށާއި، ޓިއުމަރު މުޅިން ނައްތައިލެވޭނީ ރޭޑިއޭޝަން އާއި ކީމޯތެރެފީ ދީގެން ކަމުގައިވެސް ޑޮކްޓަރުން ވިދާޅުވިއެވެ.

ޔާންގެ ފުރަތަމަ އޮޕަރޭޝަނަށް ފަހު އޭނާއަށް ކާންދިނުމަށް ނޭފަތަށް ވަނީ ހޮޅިއެއް ގުޅާފައެވެ. ނަމަވެސް އެ ހޮޅި ނެގެން އަންނަނީ ޔާންގެ އަނގައިން ކާތަކެތި ސީދާ ގޮހޮރަށް ދަތުރުކުރަން ފެށި ދުވަހަކުންނެވެ.

Advertisement

ހޮޅި ގުޅައިގެން ޔާން އަށް ކާންދޭތާ ގިނަދުވަސްތަކެއް ވެފައިވާއިރު ޔާންގެ މަންމައާއި ބައްޕަ ޔާން ގޮވައިގެން އެއްމެފަހުން އިންޑިއާއަށް ދިޔައީ ކާންދިނުމަށް ޔާންގެ ތޭފަތަށް ގުޅާފައިވާ ހޮޅި ނައްޓައިލެވޭނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ. ނަމަވެސް ޔާން އަށް އަނގައިން ކެވޭގޮތެއްނުވި އެވެ. އަނގައިން ކާންދިނުމުން ކާތަކެތި ފުއްޕާމެޔަށް ދަތުރުކުރާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

”އެންމެ ފަހުން އިންޑިއާއށް ދިޔަ ފަހަރުވެސް ޔާން އެކްސްރޭ މެޝިންގ ތެރޭގަ ބައިންދައިގެން ބަލަމުން އެމީހުން ޔާންއަށް ކާންދިނީ. ޔާން އަނގައިން ކާތަކެތި ދަނީ ސީދާ އޭނާގެ ފުއްޕާމެޔަށް. ޑޮކްޓަރުން ވިދާޅުވީ އަނގައިން ކާތަކެތި ފުއްޕާމެޔަށް ދަންޏާ ކާންދޭ ހޮޅި ނައްޓާނުލެވޭނެ ކަމަށް. އެހެންވެ އަންނަ ޖަނަވަރީ މަހު ޔާން ގޮވައިގެން ދާން ޖެހޭ އިންޑިއާއަށް. މިހާރު މިހެން ޔާން ގޮވައިގެން ކޮންމެ ތިން މަހުން އެއްމަހު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދައްކާތާ މިހާރު ދެއަހަރަށްވުރެ ގިނަވެދާނެ.“ތުއްތު އަޒްޔާގެ މަންމަ ޢާއިޝަތު ސުޒާނާ ވަރަށް އަސަރާއިއެކު ޔާންގެ ވާހަކަ ފެންވަރަށް ހިއްޞާކުރިއެވެ.

އިތުރު ފަރުވާއަށް ޔާން ގޮވައިގެން އިންޑިއާއަށް ދިއުމަށް ޔާންގެ މަންމަ އާއި ބައްޕަ މިހާރު އަންނަނީ އަންނަ ޖެނެނުއަރީ މަހުގެ 16 ވަނަ ދުވަހު ފުރޭތޯ ތައްޔާރުވަމުންނެވެ. ޔާންގެ ފަރުވާއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ހުރިހައި ފަރާތްތަކަށް ޔާންގެ މަންމައާއި ބައްޕަ ނިހާޔަތަށް ޝުކުރު ދަންނަވައެވެ.

”އަނެއްކާވެސް އިންޑިއާއަށް ފުރޭތޯ މިދަނީ މަސައްކަތް ކުރަމުން. ކޮންމެ ފަހަރަކުވެސް ޔާން ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދެވެނީ އެކި އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަން ލިބިގެން. ވަރަށް ގިނަ ފަރާތްތަކުން ޔާންއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ. އެ ހުރިހައި ފަރާތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. އެކިއެކި ފަރާތްތަކުގެ އެހީތެރިކަން ނުލިބޭ ނަމަ ކޮންމެ ތިންމަހުން އެއްމަހު ޔާން ގޮވައިގެން އަހަރެމެން އިންޑިއާއަށް ދާނީ ކިހިނެއް. އަހަރެމެންނަކީ އެއަށް ވުރެ މާ ނިކަމެތި ބައެއް. އަންނަ ޖެހުއަރީމަހު 23 ވަނަ ދުވަހު އިންޑިއާއަށް ފުރޭތޯ މި މަސައްކަތް ކުރަނީ. މިފަހަރުވެސް ޔާން ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދިއުމަށް ތިޔަބޭފުޅުންގެ ދީލަތި އެހީތެރިން ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. ޔާންއަށް ހެޔޮ އެދޭ ހުރިހައި ފަރާތްތަކުންވެސް ދީލަތި އެހީތެރިކަން ފޯރުކޮށް ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް:އަޒްޔާންގެ މަންމަ ސުޒާނާ ބުންޏެވެ.

އަޒްޔާންގެ މަންމަ ކުޅުދުއްފުށި ސިޓީ ޝަބުނަމީގޭ ސުޒާނާ ބުނީ ޔާންގެ ހަށިގަނޑު ރަނގަޅުވާންފެށީ ފުރަތަމަ ކީމޯތެރަފީ ދިން ހިސާބުން ކަމުގައެވެ. އެދުވަސްކޮޅު އޭނާގެ ހަށިގަނޑު ރަނގަޅުވަމުން އަންނާތީ އެމީހުން ހީކުރީ ޔާންގެ ބަލި ރަނގަޅުވަނީ ކަމުގައެވެ. ނަމަވެސް ޑޮކްޓަރަށް ދެއްކުން އެނގުނީ ޔާންގެ ހަށިގަނޑު ދުޅަވަނީ ކަމުގައެވެ.

”ދުޅަވުމުގެ ސަބަބުން ޔާން އަށް ހިނގާ ބިނގާވެ އުޅުމަށްވެސް ވަރަށް އުނދަނގޫވޭ. އަދި ކިތަންމެ ކުޑަކޮށް ހިނގާލިޔަސް ޔާން ވަރުބަލިވަނީ، ގޮނޑިއެއްގަ އިށީއިނަސް ވަރުބަލިވާތީ ގިނަ ވަގުތު ޔާން އޮންނަނީ އޮށޯވެގެން. ޑޮކްޓަރުންވެސް ވިދާޅުވީ ޔާން ދުޅަވަނީ ރޭޑިއޭޝަންގެ ސަބަބުން ކަމަށް.  

ޑޮކްޓަރުން ވިދާޅުވަނީ ކީމޯތެރަފީ އާއި ރޭޑިއޭޝަން ދީގެން ޓިއުމަރ ކުޑަކުރެވޭތޯ މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ. ނަމަވެސް ކީމޯއާއި ރޭޑިއޭޝަން ދޭން ފެށިފަހުން ޔާންގެ ހަށިގަނޑު ފަލަވަނީ ހަށިގަނޑު ދުޅަވާތީ ކަމުގައި ޑޮކްޓަރުން ވިދާޅުވިއެވެ.

މިކަމުގައި ތުއްތު އަޒުޔާންގެ މަންމައާއި ބައްޕަގެ އާދޭހަކީ ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ދީލަތި އެއީގައި ޔާންގެ މިބައްޔަށް ފަރުވާ ކުރުމުގެ ފުރުޞަތު ލިބިގެން ދިއުމެވެ. ތިޔަބޭފުޅުންގެ ދީލަތި އެއީއަށް މިއަދު އެ ތުއްތު އަޒުޔާންގެ މަންމައާއި ބައްޕަ ވަނީ އިންތިހާއަށް ބޭނުންވެފަ އެވެ.

އަޒުޔާންއަށް ފަރުވާ ކުރުމަށް އިންޑިއާގެ ކޮޗިންނަށް ދިއުމާއި އެތަނުގައި ތިބުމަށް ބޭނުންވާ ޚަރަދުތައް ކުރުމުގައި މާލީޙާލަތު ހުރިގޮތުން ރާއްޖެއިން ބޭރުން ޔާން އަށް ފަރުވާ ކުރުމުގެ ތަނަވަސްކަން އެ ދެމަފިރިންނާއި އެކުޑަކުޑަ އާޢީލާއަށް ލިބިފައިނުވެއެވެ. ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންގެ ފަރާތުން ދީލަތި އެހީ ލިބުމަކީ އެ ކުޑަކުޑަ އާޢިލާގެ ވަރަށް ބޮޑު އެދުމާއި އުންމީދެވެ.

އަޒުޔާން މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވުމަކީ ޔާންގެ މަންމަ އާއިޝަތު ސުޒާނާ އާއި ބައްޕަ ޢަބުދުލް ޙަމީދު ދެކެމުން އަންނަ ފޮނި ހުވަފެނެކެވެ. މި ކުޑަކުޑަ އާއިލާގައި ހުރި އެންމެ ތުއްތު ދަރިފުޅަށް އުފާވެރި ޙަޔާތެއް ހޯދައިދިނުމަށް އެ ދެމަފިރިންނާއި ކުޑަކުޑަ އަޒްޔާންގެ އެދުމަކީ ތިއަ ބޭފުޅުންގެ އެހީތެރިކަމާއި، ހެޔޮ ދުޢާ އެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްލަ ދެވޭފަދަ ތަނަވަސްކަމެއް ނެތް ފަރާތްތަކުން މި ޕޯސްޓް ޝެއާރ ކޮށްލަ ދެއްވުމަކީ އަޒްޔާންގެ މަންމައާއި ބައްޕަގެ އިތުރުން އެ ކުޑަކުޑަ އާޢިލާގެ ވަރަށް ބޮޑު އެދުމެކެވެ.

އާއިޝަތު ސުޒާނާ 7706462415101 (ރުފިޔާ)

އާއިޝަތު ސުޒާނާ 7730000000463 (ޑޮލަރ)

އިތުރު މަޢުލޫމާތު: 7853916 – 9180016

އިސްލާމްދީނުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް ބާރުއަޅުއްވާ މިންވަރު، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ މި ޙަދީޘްބަސްފުޅުން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.

“وَمَنْ نَفَّسَ عَنْ أَخِيهِ كُرْبَةً مِنْ كُرَبِ الدُّنْيَا ، نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَإِنَّ اللَّهَ فِي عَوْنِ الْعَبْدِ مَادَامَ الْعَبْدُ فِي عَوْنِ أَخِيهِ” روا مسلم

މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

“ފެންވަރު މީޑީއާ ގުރޫޕް”ގެ އެދުމަކީ ވީހާވެސް ގިނަ ފަރާތްތަކަށް މިމެސެޖް ފޯރުކޮށްދީ އަޒުޔާން އަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ އަޒްޔާންގެ މި ބައްޔަށް ﷲ ތައާލާ އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވައި، އަޒުޔާންގެ ބައްޔަށް ފަރުވާކުރުމަށްޓަކައި ގިނަ ބައެއްގެ އެހީތެރިކަން ލިބޭނޭމަގު ތަނަވަސް ކޮށްދެއްވުމެވެ. އާމީން!

1 ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި