މި ލިޔުމުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެފަދަމީހުންނަށް ރުޅިއަކީ ހަޤީޤަތުގައި އެމީހުންނަށް ކުރިމަތިވި ދެރައެއްކަމުގައި ފަހުން ޤަބޫލުކުރެވި މަޢާފުކުރުމަށް ބޭނުންވެއެވެ. އަދި އެލިޔުމުގައިވާގޮތުން އިންސާނުންގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންގެ ދިރިއުޅުމުގެ އަގުހުރި ވަގުތު ރުޅިއާ ބަދަލުހިފުމުގެ ރޫޙުގައި ދުއްވާލުމަށް ބޭނުންވާ ބައެއްނޫނެވެ. އެގޮތުން އޭނާގެ އަމިއްލަ ނަފްސަށާއި އަނެކާއަށް މަޢާފުކުރަން ބޭނުންވެއެވެ.
………………………………..
1500 މީހުން ބޭނުންކޮށްގެން ކުރެވުނު އެހެން ދިރާސާއަކުން ދައްކާގޮތުގައި ކަންބޮޑުވެ ހާސްވުމާއި ރުޅިގަދަވުން ދީންވެރިންގެ ފުށުން ފެނުން ކުޑައެވެ. މިދިރާސާ ކުރެއްވި ޑރ. ހަރބަރޓް ބެންސަން ހާމަކުރާގޮތުގައި އެކަމުގެ ސަބަބަކީ ތަފާތު ދީންތަކުގައި މަޢާފުކުރުމަށް ބާރުއަޅާފައިވާ މިންވަރެވެ. އެގޮތުން އޭނާ ހާމަކޮށްފައިވާ ގޮތުގައި:
މަޢާފުކުރުމަކީ އެކަމުގައި ނަފްސާނީގޮތުން ހާއްޞަ ސިފަތަކެއް ހިމެނިފައިވާ ކަމެކެވެ. ތިބާ އަނެކާއަށް ނުވަތަ އަމިއްލަ ނަފްސައް މަޢާފުނުކުރާނަމަ އެ ރުޅި ތިމާ ކައި ހުސްކޮށްލާނެއެވެ.
ހާވަރޑް ޔުނިވަރސިޓީން ނެރޭ ގެޒެޓެއްގައި ”ރުޅި ތިމާގެ ހިތުގެ ދުޝްމަނެއް“ މިނަމުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައިވާގޮތުން ރުޅިއަކީ ތިމާގެ ހިތައް ވަރަށް ނުރައްކާތެރި އެއްޗެކެވެ.
މެޑިސިންގެ ޢިލްމާބެހޭ އެސިސްޓަންޓް ޕްރޮފެސަރެއްކަމަށްވާ އިޗިރޯ ކަވަޗީއާއި އޭނާގެ ޓީމުން ވަނީ ގިނަ ޓެސްޓްތަކަކާއި ދިރާސާތަކެއް ކުރުމަށްފަހު މިކަމުގެ ސައިންސް ވަރަށްތަފްޞީލުކޮށް ހާމަކޮށްދީފައެވެ.
މިގޮތުން އަބަދުވެސް ރުޅިއައިސްފައިތިބޭ ދުވަސްވީމީހުންނަށް މަދުން ރުޅިއަންނަމީހުންނަށްވުރެ ހިތުގެ ބަލިތައްޖެހުމުގެ ފުރުޞަތު ތިންގުނަ އިތުރުކަމުގައި ހާމަކޮށްފައިވެއެވެ. ”ހިތުގެ ބަލި ޖެހުމުގެ ތިންގުނަ އިތުރުވުން ގުޅިފައިވަނީ ގަދަ ރުޅިއައުމާއި، ރުޅިގަނޑު މައިތިރިނުވެ އެރުޅީގެ އުދާސްތައް ފަޅައިގެންގޮސް އެއްޗިއްސައް ގެއްލުންދިނުމާ އަނެކާއަށް އަނިޔާކޮށް ގެންލުންދޭ ހިސާބައް ރުޅިގަދަވެ އެރުޅި ކޮންޓްރޯލްނުކުރެވި ހުރުމުން“ ކަވަޗީ ހާމަކޮށްފައިވެއެވެ.
ތަޙްލީލިކުރާ ފަރާތްތަކުން ޤަބޫލުކުރާގޮތުގައި ކަންބޮޑުވެ ހާސްވެ ރުޅިގަދަވުމުން ބޭރުވެގެންދާ ހޯމޯންތަކުގެ ސަބަބުން ހިތުގެ ހިނގުމަށްބޭނުންވާ އޮކްސިޖަންގެ މިންވަރު ވަރަށްބޮޑަށް އިތުރުވެގެންދެއެވެ. އަދި އޭގެސަބަބުން ލޭހިނގުމުގައި އުނދަގޫތައްކުރިމަތިވެ ލޭދައުރުކުރުން މަޑުޖެހޭގޮތްދިމާވެއެވެ.
ނަތީޖާއެއްގެގޮތުން ހިތް ހުއްޓުމަށް މަގުފަހިވެގެންދެއެވެ. އަދި އެފަރާތްތަކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރުޅި ގަދަވާވަގުތުތަކުގައި ހިތުގެ ހިނގުމާއި ވިންދު އާންމުކޮށް ހުންނަ މިންވަރަށްވުރެ މައްޗައްދެއެވެ.
އޭގެސަބަބުން ލޭހިނގާ މައިނާރުގައި ލޭގެ ޕްރެޝަރު މަތިވެ ހިތް ހުއްޓުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.
”ރުޅި ހިތް ހުއްޓުމުގެ ފުރުޞަތު ބޮޑުކޮށްދޭ“ މިނަމުގައި ޓައިމްސް މެގެޒިންގައި ޝާއިޢުކޮށްފައިވާ ލިއުމެއްގައިވާގޮތުން ރުޅި ކޮންޓްރޯލް ނުކުރެވުމަކީ ހިތް ހުއްޓުމަށް އަޮތް ކުރުމަގެކެވެ.
އެ ލިޔުމުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ހާސްވެ ކަންބޮޑުވާވަގުތު ރުޅިއިސްކުރާ ޒުވާނުންނަށް ޅައުމުރުގައި ހިތުގެ ބަލިތައްޖެހުމުގެ ފުރުޞަތު ބޮޑެވެ. އަދި ޅައުމުރުގައި ހިތްހުއްޓުމުގެ ފުރުޞަތު ފަސްގުނަ އިތުރުވެގެން ދެއެވެ. މެރީލޭންޑްގެ ބަލްޓިމޯރގައި ހުންނަ ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ސައިންސްވެރިން ހާމަކޮށްފައިވާ ގޮތުގައި ޢާއިލާގެ ތެރޭގައި ހިތުގެ ބަލީގެ ތާރީޚެއް ނެތްނަމަވެސް އާންމުކޮށް ކަންކަމުގައި ރުޅި އިސްކުރާމީހުންގެ ހިތްހުއްޓުމުގެ ފުރުޞަތު ބޮޑެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު ސައިންސްގެ ދާއިރާއިން ހޯދިފައިވާ ހުރިހާ ހޯދުންތަކެއްވެސް މަގުދައްކާފައިވަނީ ރުޅިއަކީ ތިމާގެ ސިއްޙަތައް އޭގެ ނޭދެވޭއަސަރުކުރުމަށް ތިމާގެ ސިކުނޑި ވައްޓާލެވޭ ފުން ވަޅުގަނޑެއްކަމަށެވެ. އެއާ ޚިލާފަށް އުންދަގޫ ކަމެއްނަމަވެސް މަޢާފްކޮށް އަފޫކުރުމަކީ ރިވެތި އަޚްލާޤީ ސިފައެއްގެ އިތުރުން އޭގެ ސަބަބުން ރުޅި އިސްކުރުމުގެ ސަބަބުން ތިމާއަށް ކުރާ ނޭދެވޭ ސިއްހީއެތައް މައްސަލަތަކަކުން ދުރުކޮށްދީ ފުރިހަމަ ސިއްޙަތުގައި ދެމިހުރުމަށް އެހީތެރިވެދޭ ކަމެކެވެ.
އެހެންކަމުން އަނެކާއަށް ކުރެވޭ ކުއްތަކަށް މަޢާފްދީ އެކުވެރި އުފާވެރި މުޖުތަމައެއް ބިނާކުރުމަށް އެކަމުން ވަރަށްބޮޑަށް މަގުފަހިވެގެން ދާނެއެވެ. ނަމަވެސް އަޅުގަނޑުމެން ދެނެގަންނަންޖެހޭ ހަޤީޤަތަކީ ކޮންމެ ކަމެއްކުރުމުގައިވެސް އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންވާނީ މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމެވެ.
އެހެނީ މިފަދަަ މަތިވެރި އަޚްލާގީ ސިފަތަކުން ބޮޑެތި ސިއްހީ ފައިދާތަކެއް ތިމާގެ ދިރިއުޅުމަށް ކުރާނޭކަން މިއަދުގެ ސައިންސްގެ ހޯދުންތަކުން ސާބިތުވެފައިވާއިރު މީގެ އެތައްހާސް އަހަރެއްކުރިން މާތް ﷲ ބާއްވާލެއްވި ކީރިތި ޤުރުޢާނުގައި އެކަމަށް ވަނީ އިޝާރާތްކުރައްވާ މުޢުމިނުންނަށް އެގޮތަށް ޢަމަލުކުރުމަށް އިރުޝާދުދެއްވާފައެވެ.
– ނިމުނީ-
އަސްލު ލިޔުއްވީ: ހާރޫން ޔަޙްޔާ











