Search Streamline Icon: https://streamlinehq.com

ގޯލްޑަން ފުޓްސަލް ޗެލެންޖް 2023: ތަށި ލާމު ގަމަށް

Futsal Laamu Gan

މުޅި ރާއްގެއަށް ހުޅުވާލައިގެން ބޭއްވި އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމުގައިވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ފައިނަލްގައި ބޮޑު ތަފާތަކުން ވާދޫ ބަލިކޮށް މުބާރާތުގެ ފަޚުވެރި ޗެމްޕިއަންކަން ލ. ގަން ހޯދައިފި އެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ޗެމްޕިއަންކަން ގަމުން ހޯދާފައިވަނީ 8-4 ން ވާދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ގަން ހޯދި މިއީ ފުރަތަމަ ފަހަރު ނަމަވެސް ރާއްޖޭގެ ނިސްބަތުން އެންމެ މޮޅު އަދި އެންމެ ގިނަ ކުޅުންތެރިން ތިބި އެއް ރަށަކީ ލާމު ގަން ކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ  ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ މުބާރާތުގެ ކިންގުގެ މަޤާމު ގަމުގެ ކެޕްޓަން އޮންލީ ޚާޞިލް ކޮށްފައިވާއިރު މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއާގެ މަޤާމު ހޯދާފައިވަނީ ވާދޫގެ އިޔާދު އެވެ.

ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގަމުން ވަނީ އާދަޔާ ޚިލާފް ތަފާތު މޮޅު ކުޅުމެއް ދައްފަ އެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ  ގދ. ވާދޫ އަޔާޒް އަހުމަދު (އަޔާ)އާއި، މުހައްމަދު އިޔާދު އަލީގެ އިތުރުން، ލާމު ގަން ހުސައިން ޝަރީފް (އޮންލީ)އާއި ޢަލީ ޝާމިން ( ތޮޕެ) އެވެ. އަދި ދ. ކުޑަހުވަދޫ ޖުމައިލް ޖަމީލް (ޖުމްބެ)ވެސް ވަނީ އެންމެ މޮޅު ފަސްކުޅުންތެރިންގެ މަޤާމަށް ހޮވިފައެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގެ ފައިނަލަށް ގަން ދަތުރުކޮށްފައިވަނީ ލ. އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. މިއީ މި މުބާރާތުގެ ފައިނަލުގައި ގަމުން ވާދަކުރާ ދެވަނަ އަހަރެވެ. ރާއްޖޭގައިބާއްވާ އެއްމެބޮޑު ފުޓްސަލް މުބާރާތް’ “ގޯލްޑަން ފުޓްސަލް ޗެލެންޖް 2018″ގެ ފައިނަލްގައިވެސް ގަމުން ވަނީ ވާދަކޮަށްފަ އެވެ. 2018ގެ ފައިނަލުގައި މާފަންނާއި ބައްދަލުކުރިމެޗުން ގަން ބަލިވިނަމަވެސް އެ މެޗުގައިވެސް ގަމުންވަނީ ތަފާތު މޮޅުކުޅުމެއް ދައްކާފަ އެވެ.

ޖުމްލަ 102 ޓީމު ވާދަކޮށް 242 މެޗު ކުޅެވުނު “ގޯލްޑަން ފުޓްސަލް މުބާރާތަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއްޓީމަށް ވާދަކުވޭމުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކު ސިޓީގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުޞަތު ވެސްވަނީ ހުޅުވާލާފަ އެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ކުޅެވޭނީ އެ ޓީމެއް ނިސްބަތްވާ ރަށެއްގެ ކުޅުންތެރިންނަށެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި