މުސްލިމުންގެ ފުރަތަމަ ޖީލުކަމުގައިވާ މާތް ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމްގެ ސަހާބީންނަކީ އޭގެ ކުރީގެ އެހެން އެއްވެސް އުންމަތަކަށްވެސް އަދި އޭގެފަހުން އަންނާނޭޖީލުތަކަށްވެސް ލިބިފައިނުވާނޭފަދަ މަތިވެރިކަމާއި ޝަރަފެއް ލިބިވަޑައިގެންނެވި ޖީލެކެވެ.
މިއީ އެއްވެސް އިންސާނަކު ދެބަސްނުވާނޭ ހަޤީޤަތެކެވެ. އަޅުގަނޑުމެން މުސްލިމުންގެ ތެރެއިން ޞާލިޙް އަޅުތަކުންގެ ހުވަފެނެއްކަމުގައިވެފައިވަނީ އިސްވެދެންނެވުނު ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަގެ ސަހާބީންގެ ކިބައިގައިވީފަދަ މަތިވެރި އީމާންތެރިކަމެއް އެބައިމީހުންގެ ހިތުގައި ބިންވަޅުނެގި އެގޮތުގައި ސާބިތުވެ ޢަމަލުކުރެވޭތޯބެލުމެވެ. އެހެންނަމަވެސް ހުވަފެނާއި ހަޤީޤަތަކީ ތަފާތުދެކަމެކެވެ.
އިސްލާމްދީނަކީ މިއަދު ދުނިޔޭގައި އެންމެ ހަލުވި ބާރުމިނެއްގައި ފެތުރެމުންދާ ދީންނަމަވެސް އެންމެބޮޑަށް ބައިބައިވެފައިވާ ދީން ކަމުގައި ދެންނެވުމީ ކުށަކަށް ނުވާނެއެވެ. އެހެނީ ކީރިތި މާތް ރަސޫލާ ސައްލަﷲއަލައިހިވަސައްލަމަ އެކަން އެގޮތަށް ހިނގާނޭކަން ބަޔާންކޮށްދެއްވަމުން ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ޔަހޫދީން 71 ބަޔަކަށް ބެހިގެން ދިޔައެވެ. ނަޞާރާއިން 72 ބަޔަކަށް ބެހިގެން ދިޔައެވެ. އަދި ތިމަންކަލޭގެފާނުގެ އުންމަތް 73 ބަޔަކަށް ބައިވެގެންދާނެއެވެ. އޭގެތެރެއިން އެންމެބަޔަކުފިޔަވާ ހުރިހާ ބައެއްގެމީހުން ވާހުށީ ނަރަކައިގެ އަހުލުވެރިން ކަމުގައެވެ.“
ކަންމިހެން އޮތްނަމަވެސް އިސްލާމްދީނުގެ ހަޤީޤީ އުޞޫލުތަކުގައި މިކަމަށް މަގު ހުޅުވާދެއްވާފައެއްނުވެއެވެ. މާތް ﷲ ވަނީ މުސްލިމުންނަށް އެއްބައިވެ އެކަތިގަނޑަކަށްވުމަށް އަމުރުކުރައްވާފައެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
”އަދި ތިޔަބައިމީހުން އެންމެން ﷲ ގެ ވާފަށުގައި (އެބަހީ: ﷲ ގެ ދީނުގައި) ހިފަހައްޓާށެވެ! އަދި ވަކިވަކިވެ ނުގަންނާށެވެ! އަދި، ތިޔަބައިމީހުން (އެއްބަޔަކު އަނެއްބަޔަކަށް) ޢަދާވާތްތެރިންކަމުގައި ވަނިކޮށް، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރިކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއްކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން ސަލާމަތްކުރެއްވިއެވެ. ﷲ، އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ. (3:103)
ރަސޫލުއްﷲ ސައްލަﷲއަލައިހިވަސައްލަމަ ސުވަރުގެ ވަޑައިގެންނެވުމަށްފަހު ކުޑަދުވަސްކޮޅެއްގެތެރޭގައި އިސްލާމުންގެ މެދުގައި ބައިބައިވުން އުފެދެން ފެށިއެވެ. އެހެނީ އިސްލާމީ އުންމަތުގެ ބާރުގަދަވެ ހަނގުރާމައިގެ ގޮތުން އެ އުންމަތް ބަލިނުކުރެވޭނޭކަން ދުޝްމަނުންނަށް އެނގުނުހިނދު އެބައިމީހުން މަސައްކަތްފެށީ ފިކުރީގޮތުން މުސްލިމުން ބައިބައިކުރުމަށެވެ. އެގޮތުން މީގެކުރިން އިސްލާމް ދީނުގައި ނުހިމެނޭ ތަފާތު ބީރައްޓެހި ކަންތައްތައް އިސްލާމްދީނުގެ އުޞޫލުތަކުގެ ތެރެއަށް ވައްދަންފެއްޓިއެވެ.
ހާއްޞަގޮތެއްގައި އިސްލާމްދީނަށް އަލަށް ވަންނަމުންދިޔަ މުސްލިމުންގެ ހިތްތަކުގައި މިފަދަ ކަންތައްތަކާއިމެދު ޝައްކުއުފައްދަމުން ގެންދިޔައެވެ. އަދި ރަސޫލުއްﷲ ސައްލަﷲއަލައިހިވަސައްލަމަ ގެނެސްދެއްވި ކަންތައްތަކުގެ އިތުރަށް އެތަކެއް ބިދުޢަތަކެއް މުސްލިމުންގެ ސިކުނޑިތަކަށް ވައްދާ އެކަންކަން ފެތުރުމަށް މަސައްކަތްކުރަމުން ގެންދިޔައެވެ. ދުޝްމަނުންގެ މި ނުބައި ރޭވުންތަކުގެ ސަބަބުން އިސްލާމްދީނުގެ ހަޤީޤީ އުޞޫލުތައް މީސްތަކުގެ މެދުގައި ފެތުރުމަށް ދަތިތަކާއި ކުރިމަތިކުރުވާ ތަފާތު ފިކުރާއި ޚިޔާލުތަކާއި ބިދުޢަތަށް މުސްލިމުންގެ މެދުގައި ފެތުރުމަށް މަގުފަހިވެގެން ދިޔައެވެ.
ނަތީޖާއެއްގެގޮތުން މިއަދު ދުނިޔޭގައި ދިރިއުޅެމުންދާ މުސްލިމުންގެ ބޮޑުބައެއް ދިރިއުޅެމުންދަނީ އިސްލާމްދީނުގެ ހަޤީޤީ އުޞޫލަތަކާއި ބީރައްޓެހި ބަޔަކު އިސްލާމްދީނުގެ ތެރެއަށް އިތުރުކޮށްފައިވާ ބިދުޢަތަކެއްގެ ތެރޭގައެވެ. އަދި އެކަމުގެ ސަބަބުން މުސްލިމުންގެ ތެރެއިން މިފަދަ އިތުރުކުރުންތަކަށް ތަބާވާމީހުންނަށް މަގުއޮޅުވާލާ ހަމަމަގުން އެއްކިބާކުރުމަކީ ދުޝްމަނުންނަށް ފަސޭހަކަމެއްކަމުގައިވަނީ ވެގެން ގޮސްފައެވެ. މީސްތަކުންނަށް ދީނުގެ ކަންކަމުގައި ޢަމަލުކުރަންވީ ރަނގަޅުގޮތް މިހާރުވަނީ އޮޅިފައެވެ.
އެހެންކަމުން ދީނުގެ ހަޤީޤީ އުޞޫލުތަކަށް ޢަމަލުކުރުމާއިމެދު އެމީހުންގެ ހިތުގައިވަނީ ވަޙުމް އުފެދެންފަށާފައެވެ. ނަތީޖާއެއްގެގޮތުން ހައްޤުގެ މަގު ހޯދާ އަޤީދާގެ ފިލާވަޅުތައް ލިބިގަތުމަށްޓަކައި ކީރިތި ޤުރުއާނާއި ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަގެ ސުންނަތުން ފިލާވަޅު ލިބިގަތުމުގެ ބަދަލުގައި ގިނަބަޔަކު އެނބުރިގެންފައިވަނީ އިންސާނުންގެ ވިސްނުމާއި ފިކުރުން ލިޔެ ތައްޔާރުކޮށްފައިވާ ފަލްސަފާތައް ހިމެނޭ ފޮތްތަކާއި ލިޔުންތަކާއި ދިމާއަށެވެ. މިފަދަ ފޮތްތަކާއި ލިޔުންތަކަކީ މުސްލިމުންގެ ފަރާތުން އައިސްފައިވި ލިޔުންތަކެއްނަމަވެސް އެފަދަ ލިޔުންތަކާއި ފޮތްތައް ލިޔެފައިވާފަރާތްތަކުގެ ވިސްނުމާއި ފިކުރަށް ގްރީކާއި، ފާރިސީންގެ ފަލްސަފާތަކުން ބޮޑެތި އަސަރުތަކެއްކޮށްފައިވާކަމުގައި ދަންނަވަންޖެހެއެވެ.
އިސްލާމް ދީނުގެ ފިޤްހީ މައްސަލަތަކަކީ ހަމައެކަނި ހަތަރުއިމާމުންގެ ފަރާތުން ބަޔާންވެފައިވާއެއްޗެއްކަމުގައި ވެގެންގޮސްފައިވެއެވެ. އެކަމުގެ ސަބަބުން މުސްލިމުން އެމީހަކު ތަބާވާ އިމާމެއްގެ މަޒްހަބްގައި ބާރުލާ ހިފަހައްޓަމުންގެންދިޔައެވެ. ނަތީޖާއެއްގެގޮތުން މުސްލިމުންގެ މަތިވެރި ހަތަރު އިމާމުންނަކީ ރަސޫލުބޭކަލުންފަދަ ބައެއްކަމުގައި އެބައިމީހުންނަށް ހީކުރެވެންފެށިއެވެ. އަދި ހަތަރު އިމާމުންގެ ފަރާތުން ލިބިދޭ ފިލާވަޅުތަކަކީ އޭގައި އެއްވެސް ނުބައެއް ނުވާނޭ ފިލާވަޅުތަކެއްކަމުގައި އެމީހުން ޤަބޫލުކުރަންފެށިއެވެ. ނުވަތަ އެއީ ވަޙީއާއި އެއްފަދަ ބުނުންތަކެއްކަމުގައި ހީކުރެވެންފެށިއެވެ.
މަޒްހަބީ ފިކުރު މިހާހިސާބުން ނިމުމަކަށް އައީއެއްނޫނެވެ. އިމާމުންގެ ފަތުވާއަކާއި ދެކޮޅަށް ކީރިތި ޤުރުއާނުންނާއި ރަސޫލާގެ ސުންނަތުން ހުތްޖަތްގެނައިނަމަވެސް އެ މަޒްހަބުގައި ހަރުކަށިކަމާއެކު ހިފަހައްޓައިގެންތިބި މީހުން އެމީހުންގެ އިމާމުގެ ބަހުގައި ހިފަހައްޓާ ޤުރުއާނާއި ސުންނަތް އެއްފަރާތްކޮށްފައިވެއެވެ.
މާތްﷲ ގެ ވަޙީ ބަސްފުޅާއި އެކަލާނގެ ރަސޫލާ މުޙައްމަދު ސައްލަﷲއަލައިހިވަސައްލަމަގެ ސުންނަތްދޫކޮށް އެހެނިހެން މަސްދަރުތަކަށް ބޯހަރުކަމާއި ކަނުކަމާއެކު މީސްތަކުން ޢަމަލުކުރަންފެށުން ވެގެންދިޔައީ އިސްލާމީ އުންމަތް ބައިބައިވެގެން ދިއުމުގެ އަސްލުކަމުގައެވެ. މިދެންނެވުނު ބައިބައިވުމުގެ ސަބަބުން އިސްލާމްދީނުގެ އުޞޫލުތައް ދެނެގަތުމުގެ މައިގަނޑު މަސްދަރެއްކަމުގައިވާ އިޖްތިހާދުކުރުމުގެ ދޮރުމިދަނީ ބަންދުކުރެވެމުންނެވެ.
ނުނިމޭ











