އިސްލާމްދީނުގެ އުޞޫލުތައް މިގޮތުގައި ބައިބައިވަމުން ދިއުމުގެ ސަބަބުން މުސްލިމުންގެ ތެރެއިން ކޮންމެ މީހަކީ ފަތުވާދޭމީހެއްކަމުގައިމިވަނީ ވެގެންގޮސްފައެވެ. އިސްލާމް ދީނާއިމެދު ނުވަތަ ދީނުގެ ހުކުމްތަކާއިމެދު އޭނާގެ ހިތުހުރިގޮތަކަށް ވާހަކަދެއްކުމުގެ ފުރުޞަތުމިވަނީ ތަނަވަސްވެގެންގޮސްފައެވެ. އެހެނީ އިސްލާމްދީނުގެ ހުކުމްތައް މީސްތަކުންނަށް ބަޔާންކޮށްދޭއިރު އެހުކުމްތަކަށް ޤުރުއާނާއި ސުންނަތުން ހެކިހޯދުމަށް ގިނަބަޔަކު މަސައްކަތެއް ނުކުރެއެވެ. އަދި ހަމަ އެއާއެކު އެފަދަ ވާހަކަތަށް އަޑުއަހަން ތިބޭމީހުންނަށް އޭނާއެބުނާ ބަހެއްގެ ތެދުދޮގު ބަލާނޭއަސްލެއް އެނގިފައެއްނުވެއެވެ.
އިންސާނުންގެ މެދުގައި ފެތުރިގެންދާނޭ ޖާހިލުކަމުގެ މި މުސީބާތުގެ ވާހަކަތައްވެސް އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ސައްލަﷲއަލައިހިވަސައްލަމަ ބަޔާންކޮށްދެއްވާފައިވެއެވެ. އެކަލޭގެފާނުގެ ހަދީސްފުޅެއްގެ މާނައިގައިވެއެވެ.
އަބްދުﷲބިން އަމްރުބިން އަލް އާސްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަ ހަދީސްފުޅުކުރެއްވިއެވެ. ”މާތްﷲ މީސްތަކުންގެ ތެރެއިން ޢިލްމުގަދަކަމުން އަތުލައްވާކަމުގައި ނުވެއެވެ. އެހެނެއްކަމަކު ޞާލިޙް ޢިލްމުވެރިން އެބައިމީހުންގެ ތެރެއިން (ﷲގެ ހަޟްރަތައް) ގެންދަވަތެވެ. އަދި މީސްތަކުން އެބައިމީހުންގެ ބޮޑުންކަމުގައި ޖާހިލުން އިޚްތިޔާރުކުރެއެވެ. އަދި މީސްތަކުން އެމީހުންގެ ކިބައިން ދީނުގެ ކަންކަމުގައި މަޝްވަރާކުރާ ހިނދު އެބައިމީހުންނަށް ނުއެނގިތިބެ ދީނުގެ ފަތުވާ ދީއުޅޭނެއެވެ.
އޭގެސަބަބުން އެބައިމީހުން މަގުފުރެދި އެހެންމީހުން މަގުފުރައްދާނެއެވެ.“ (މުސްލިމް)
އިސްވެ ބަޔާންކުރެވުނު ފަދައިން އިސްލާމީ އުންމަތް ބައިބައިވެފައިވާއިރު އެކަމުން ސަލާމަތްވާނީ ކިހިނަކުން ބާވައެވެ؟ ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲއަލައިހިވަސައްލަމަ ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
”އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން އެއެއްޗެއްގައި ހިފަހައްޓައިފިނަމަ ދުވަހަކުވެސް މަގުއޮޅިގެން ނުދާނޭ ދެ އެއްޗެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށްޓަކައި ދޫކުރެއްވީމެވެ. އެއީ މާތް ﷲ ބާއްވާލެއްވި ކީރިތި ޤުރުއާނާއި ތިމަންކަލޭގެ ފާނުގެ ސިޔަރަތެވެ. ނުވަތަ ސުންނަތެވެ.“
މިހަދީސުން އިންސާނުންގެ ތެރެއިން މަގުއޮޅި މަގުފުރެދިގެން ދާންބޭނުންނުވާމީހުންނަށް މިވަނީ ބިންގަލެއް އަޅުއްވާދެއްވާފައެވެ. އެހެންކަމުން ތިމާއަށް މަގުއޮޅިގެން ދާކަމަށް ހީވާކޮންމެފަހަރަކު ތިމާއަށް މިދެ ކަންތަކަށް ނުވަތަ މިދެކަމުންކުރެ ކޮންމެވެސް އެއްކަމަކަށް އިޙްމާލުކުރެވުނީއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބުނަމުންގެންދަނީ ތިމާ ސާބިތުވެ ހުރީ ކީރިތި ޤުރުއާނާއި ރަސޫލާ ސައްލަﷲއަލައިހިވަސައްލަމަގެ ސުންނަތުގެ މަތީގައިކަމަށެވެ. އެހެންނަމަވެސް މިއިން ހައްޤުބަސް ބުނަނީ ކާކުތޯ ދެނެގަންނާނީ ކިހިނަކުންތޯއެވެ؟
ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ތިމަންކަލޭގެފާނު ދޫމިކުރައްވަނީ ދުވާލުއެއީ ދުވާލުފަދައިން އަދި ރޭގަނޑު އެއީ ރޭގަނޑުފަދައިން އެނގޭނޭ ސާފުމަގެކެވެ. މިމަގުން އެއްކިބާވެއްޖެ މީހަކު ހަލާކުވެއްޖެއެވެ“
އެކަލޭގެފާނުގެ މި ހަދީސްފުޅުގައި ހަދީސްކުރައްވާފައިވާފަދައިން އެކަލޭގެފާނު ދޫކުރައްވާފައިވާ މަގަކީ ސާފުސީދާ މަގެކެވެ. އަދި އެމަގަކީ ކޮބައިކަން އުންމަތައް ހާމަކޮށްދެއްވުމުގެ ގޮތުން އެކަލޭގެފާނު ހަދީސްކުރައްވާފައިވެއެވެ.
”ޔަހޫދީން 71 ބަޔަކަށް ބެހިގެން ދިޔައެވެ. ނަޞާރާއިން 72 ބަޔަކަށް ބެހިގެން ދިޔައެވެ. އަދި ތިމަންކަލޭގެފާނުގެ އުންމަތް 73 ބަޔަކަށް ބައިވެގެންދާނެއެވެ. އޭގެތެރެއިން އެންމެބަޔަކުފިޔަވާ ހުރިހާ ބައެއްގެމީހުން ވާހުށީ ނަރަކައިގެ އަހުލުވެރިން ކަމުގައެވެ.“ އެހިނދު އަސްހާބުބޭކަލުން ދެންނެވިއެވެ. ”އޭ ﷲ ރަސޫލާއެވެ، އެއީ ކޮންބައެއްތޯއެވެ؟“ އެކަލޭގެފާނު ހަދީސްފުޅުކުރެއްވިއެވެ. ”އެއީ ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ސަހާބީން ފަދައިން ވީމީހުންނެވެ.“
މިހަދީސްފުޅުގައި އިތުރު އެކަލޭގެފާނު އަޅުގަނޑުމެންނަށް އެ އަންގަވައިދެއްވަނީ ކީރިތި ޤުރުއާނާއި އެކަލޭގެފާނުގެ ސުންނަތް ދެނެގަނެވޭނީ އެކަލޭގެފާނުގެ ސަހާބީންއެކަން ދެނެގަނެ ޢަމަލުކުރައްވާފައިވާގޮތުންކަމެވެ. އެހެންކަމުން ކީރިތި ޤުރުއާނާއި ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަގެ ސުންނަތް އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ސާފުވެފައިވާގޮތާއި އެކަލޭގެފާނުގެ ސަހާބީންނަށް އެކަން ސާފުވެފައިވާގޮތް އެއީ އެއްގޮތެއްކަމުގައިވެއްޖެނަމަ އެއީ ހައްޤުގެ ގޮތެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
“ އަދި، އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާއި ދެކޮޅުވެރިވެ، މޫމިނުންގެ މަގުނޫން މަގަކަށް ތަބަޢަވާމީހާ (ދަންނާށެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިއުމެކެވެ. (4:115)
ކީރިތި ޤުރުއާން ބާއްވާލެއްވުނުއިރު މުއުމިނުންނަކީ އިތުރު މާތް ރަސޫލާ ސައްލަﷲއަލައިހިވަސައްލަމައާއި އެކަލޭގެފާނުގެ ސަހާބީންނަށް ވީހިނދު އިސްވެދެންނެވުނު އާޔަތުންދޭހަވާ މާނައަކީ ސީދާވެގެންވާ ހައްޤުމަގަކީ އެބޭކަލުންގެ މަގުކަމެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ ދުނިޔޭގެ ދިރިއުޅުމަކީ ދާދި އަވަހަށް ނެތިވެ ފަނާވެދަނިވި ދިރިއުޅުމެކެވެ. އެހެންކަމުން މަރުވުމުގެ ކުރިން ސުވަރުގޭގެ ތަޅުދަނޑި ހޯދުމަށް މަސައްކަތްކުރައްވާށެވެ. މާތް ﷲ ގެ ދީނަށް އަޅުގަނޑުމެންގެ އެދުންތަކާއި އެއްގޮތަށް ޢަމަލުކުރާބައެއްކަމުގައި ނުވާށެވެ.
މިކަމަށްޓަކައި ފިސާރި ހޭލާތިބެ މާތްﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ސައްލަﷲއަލައިހިވަސައްލަމަގެނެސްދެއްވި މަތިވެރި ހިދާޔަތުގައި ހައްޤުގޮތުގައި ދިރިއުޅުން ވޭތިކުރާބައެއްކަމުގައި ލެއްވުންއެދި މާތްﷲ ގެ ހަޟްރަތުގައި ދުޢާކުރައްވާށެވެ. މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ރަޙްމަތްލައްވާ ސީދާމަގަށް މަގުދައްކަވާށިއެވެ. އާމީން
ނިމުނީ











