Search Streamline Icon: https://streamlinehq.com

އަހުރެމެންގެ ހިތްތައް ހިލަ ފަރުބަދަ ތަކަށްވުރެ ވެސް ހަރުވީ ހެއްޔެވެ؟

Hajj

ކީރިތި ޤުރުއާން ބާވައިލެއްވުނީ އެއާއި މެދު ވިސްނައި ފިކުރުކޮށް އެއަށް ޢަމަލުކުރުމަށެވެ. ނަމަވެސް މިއަދު މީސްތަކުން އެއީ ހަމައެކަނި ސަވާބުހޯދުމަށް ކިޔަވާލާ ފޮތެއްކަމުގައި ހަދައިފިއެވެ. އެއާއި މެދު ވިސްނައި ފިކުރުކުރުމެއް ނެތެވެ. އެއްވެސް އަސަރެއް ނުކުރެއެވެ. ފަހެ އަހުރެމެންގެ ހިތްތައް މިވަނީ ގަދަފަދަ ހިލަ ފަރުބަދަ ތަކަށްވުރެ ވެސް ހަރުވެފައި ނޫން ހެއްޔެވެ.؟ އެހެނީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގެ ޙަޝްރު ސޫރަތުގައި ވަހީކުރައްވާފައިވެއެވެ.

لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ ۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ

ތިމަންރަސްކަލާނގެ ފަރުބަދައެއްގެ މައްޗަށް މި قرآن ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް اللَّه އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ. އަދި އެ مثال ތައް މީސްތަކުންނަށް ތިމަންރަސްކަލާނގެ ޖައްސަވަނީ، އެއުރެން فكر ކުރުމަށްޓަކައެވެ.

ކީރިތި ޤުރުއާން އަޑުއެހުމަކީ މައްކާގެ މުޝްރިކުންވެސް އެންމެ ބިރުގަތް ކަންތަކެވެ. އެހެނީ އެޤުރުއާން އަޑުއެހުމުން އެމީހުންގެ ނަފްސުތަކަށް ބަދަލެއް އަތުވެދާނެތީއެވެ. މިސަބަބާއިހުރެ އެމީހުން ޤުރުއާން އަޑުނޭހުމަށް ކަންފަތަށް ކަފަޖައިގެން އުޅުނެވެ. އެހެނީ ޤުރުއާން ބާވައިލައްވާފައިވަނީ އަރަބި ބަހުންނެވެ. އެމީހުންނަކީ އަރަބި ބަހުގެ މާހިރުންނެވެ. އެކަމުގެ ސަބަބުން އެމީހުންގެ ހިތްތައް ފޫދުއްވާލައި ޤުރުއާނުގެ އަސަރުކޮށްފާނެތީއެވެ.

އެކަމުގެ ހެއްކެކެވެ. އެއްދުވަހަކު މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ ކަޢުބާއަށް ވަޑައިގަތެވެ. އޭރު މުޝްރިކުން ކައުބާގެ ކައިރީގައި އެއްވެ މަޖިލިސް ކުރަން ތިއްބެވެ. ދެންފަހެ އެކަލޭގެފާނު ނަމާދުކުރައްވައި އަޑުފުޅު އުފުއްލަވައި ޤުރުއާން ކިޔަވައި ވިދާޅުވިއެވެ. އެގޮތުން އެކަލޭގެފާނު ނަޖުމް ސޫރަތް ކިޔަވައި ވިދާޅުވިއެވެ.

﴿59﴾ أَفَمِنْ هَٰذَا الْحَدِيثِ تَعْجَبُونَ

﴿60﴾ وَتَضْحَكُونَ وَلَا تَبْكُونَ

ފަހެ، ތިޔަބައިމީހުން عجائب ވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: قرآن އާމެދުގައި) ހެއްޔެވެ؟

﴿61﴾ وَأَنتُمْ سَامِدُونَ

އަދި ތިޔަބައިމީހުންވަނީ، ބޮޑާވެ غافل ވެގެންނެވެ.

﴿62﴾ فَاسْجُدُوا لِلَّهِ وَاعْبُدُوا ۩

ފަހެ، ތިޔަބައިމީހުން اللَّه އަށް سجدة ކުރާށެވެ! (އަދި ހަމައެކަނި) އެކަލާނގެއަށް އަޅުކަންކުރާށެވެ!

މިހިސާބަށް ކިޔަވައި ވިދާޅުވުމަށްފަހު މާތްނަބިއްޔާ ތިލާވަތުގެ ތިލާވަތުގެ ސަޖިދަ ކުރެއްވިއެވެ. އެހިނދު ޤުރުއާނުގެ ސަބަބުން ކުރި އަސަރެއްގެ ބޮޑުކަމުން މައްކާގެ މުޝްރިކުންތައް ވެސް އެކަލޭގެފާނުގެ ފަހަތްޕުޅުން ސަޖިދައަށް ތިރިވިއެވެ. އެމީހުންނަށް ހޭވެެރިކަންވީ މާފަހުންނެވެ.

މިއީ ޤުރުއާނާއި މާތް ނަބިއްޔާ އާއި އިސްލާމްދީނަށް ނަފްރަތުކޮށް ފުރައްސާރަކުރަމުން ދިޔަ މުޝްރިކުންގެ ހާލަތެވެ. އެމީހުންގެ އަމިއްލަ ބަހުން ބާވައިލައްވާފައިވާތީ އެމީހުންނަށް ފަހުމްވެއެވެ. އަސަރުކުރެއެވެ. އަހަރެމްނަށްވެސް ޤުރުއާނުން މަންފާއެއް ކުރާނީ އެއާއި މެދު ވިސްނައި ފިކުރުކޮށްގެންނެނެވެ. ކިޔަވާ އެއްޗެއް ދޭހަވެގެންނެވެ. މާނަ އެނގިގެންނެވެ. ޤުރުއާނުގެ ބަސް ދަސްކޮށްގެނެވެ.

މިއަދު ޤުރުއާންވަނީ އެކި ބަސްބަހުން ތަރުޖަމާ ކުރެވިފައެވެ. ބަސް ދަސްކުރެވެން އެބައޮތެވެ. އެހެންކަމުން ނޭނގުމަކީ އުޒުރެއް ނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި