އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، އުރީދޫ މަސްރޭސް 2023 ގެ ރަޖިސްޓްރޭޝަން މަރުހަލާ ނިމި، މުބާރާތް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އުރީދޫ އިން ބުނީ މިއަހަރުގެ މުބާރާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން މިއަހަރުގެ މަސްރޭހުގައި ރެޖިސްޓަރ ކުރި 83 ޓީމާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ވަނީ ފުޅާކޮށްފައެވެ.
މިއަހަރުގެ މުބާރާތް މާލެ ސިޓީގައި ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ކުޅުދުއްފުށި ސިޓީގައި އޮގަސްޓް 11 ވަނަ ދުވަހު ފަށާއިރު، އައްޑޫ ސިޓީގައި އޮގަސްޓް 18 ވަނަ ދުވަހު އަދި ފުވައްމުލައް ސިޓީގައި ފަށާނީ އޮގަސްޓް 25 ވަނަ ދުވަހުއެވެ.
އުރީދޫ އިން ބުނީ މާލެއިން 34 ޓީމު ބައިވެރިވާއިރު، ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީގެ 13 ޓީމަކާއެކު ކޮންމެ ޓީމެއް ވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު، މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެ ކަމަށެވެ.
އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަންބަލުން ޓީމުން މިއަހަރުވެސް ވާދަކުރާކަން އެކުންފުނިން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ. އަންހެން ޓީމަކުން ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނާ ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހެވެ.
ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް އެއްވަނަ ޓީމަށް 25،000 ރުފިޔާ، ދެ ވަނަ ޓީމަށް 10،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 5000 ރުފިޔާ ދޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
މީގެ އިތުރުން އެންމެ މޮޅު ފިރިހެން ކެޔޮޅަށާއި އެންމެ މޮޅު އަންހެން ކެޔޮޅަށް (ކޮންމެ ކެޔޮޅަކަށް) 1000 ރުފިޔާ ދޭނެ ކަމަށް ވެސް ބުނެއެވެ.













