ދިވެހިން މިއަދު ބޭނުންވަނީ ގާނޫނު ތަންފީޒު ކުރުމުގެ ގާބިލްކަން ހުރި ސަރުކާރެއް ކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އައިސިސް އާއި އަލްގައިދާ އަށް ތާއީދު ކުރާ އަދި ޓެރަރިޒަމް އަށް ފައިނޭންސް ކުރާ ކަމަށް ތުހުމަތު ކުރެވޭ އެތައް ބަޔަކާއި ކުންފުނިތަކެއް އެމެރިކާ އިން ކަނޑައަޅައި ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ދުންޔާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓެރަރިސްޓުން ނުވަތަ ޓެރާ ފައިނޭންސަރުން ކަމަށް ބައެއް ދިވެހި ލޭބަލްކޮށް އެ މީހުންގެ މައްޗަށް ބޭރުގެ ސަރުކާރަކުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
ރާއްޖޭގައި މިހާރު އޮތް ޑިމޮކްރެޓިކް ސަރުކާރުން ޓެރަރިޒަމްގެ ކުށަށް ދައުވާ ލިބޭ ފަރާތްތައް އިންސާފު ކުރިމައްޗަށް ގެނައުމަށް ނުކުޅެދިފައިވާ ކަމަށާއި އެ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމަށް ސަރުކާރުން ބޭނުންނުވާ ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދިވެހިން މިއަދު ބޭނުންވަނީ ގާނޫނު ތަންފީޒު ކުރުމުގެ ގާބިލްކަން ހުރި ސަރުކާރެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީ އިން ނެރުނު ބަޔާނުގައި ރާއްޖޭގައި އަލްގައިދާ އާއި އައިސިސް އަށް ތާއީދު ކޮށް ޓެރަރިޒަމް އަށް ފަންޑު ކުރާ 20 ދިވެއްސަކާއި 29 ކުންފުންޏެއް ކަނޑައަޅައި އެ ފަރާތްތަކުގެ ނަން ވަނީ ހާމަ ކޮށްފައެވެ.
އޭގެ ތެރޭގައި ރާއްޖޭގައި ހިންގާ ޓެރަރިސްޓް ސެލްތަކުގެ މީހުންނާއި ބޮޑެތި ކުށް ކުރާ ނުރައްކާތެރި ގޭންގުތަކުގެ މީހުންނާއި ވަކިވަކި ފަރުދުން ހިމެނެއެވެ. އަދި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރައި، ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ކަމަށް ތުހުމަތު ކުރެވުނު މުހައްމަދު އަމީން އާ ގުޅުން ހުރި ކުންފުނިތަކެއް ވެސް ކަނޑައަޅާފައި ވެއެވެ.











